6 މޭ 2022 - 08:56 0
މުހައްމަދު ވިޝާމް
6 މޭ 2022 - 08:56 0
މީގެ އެއް އަހަރު ކުރިން މިއަދެވެ. އެންމެން ހޭލަމޭލިވެ އުޅުނު ރޭގަނޑުގެ ވަގުތެއްގައި އެންމެ ފުރަތަމަ އަޑުއިވުނީ މާލޭގައި "އެއްޗެއް" ގޮއްވައިލައިގެން އުޅޭ ހަބަރެވެ. އެ ހާދިސާގެ ސީރިއަސްކަން ސިކުނޑިއަށް ރަނގަޅަށް ވަޒަންކުރެވެނީ އޭގެ ތަންކޮޅެއް ފަހުންނެވެ.
މާލޭގެ އެންމެ ކާރޫބާރު ބޮޑު މަޖީދީ މަގުގައި މެދުގައި ބޮމެއް ގޮއްވައިލީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަންކަން އެނގުނު ހިސާބުންނެވެ. ދުރާލައި ރާވައިގެން، އެމަނިކުފާނަށް ފާރަލައިގެން ތިބި ބަޔަކު، ރިމޯޓަކަށް ފިއްތަލައިގެން ވަރުގަދަ ބޮމެއް ގޮއްވައިލީކަން ތިލަވުމާއެކު މުޅި ގައުމު ސިއްސުވައިލި އެވެ.
އެ ހަމަލާގައި ނަޝީދުގެ ހަށިގަނޑުގެ އެތައް ތަނެއް ފޫދުއްވައިލާ، އޭޑީކޭ ހޮސްޕިޓަލުގައި ފުރާނައާ ހަނގުރާމަ ކުރައްވަމުން ގެންދެވިއިރު، ގިނަ ބަޔަކަށް ކުރެވުނީ އެއް ސުވާލުތަކެކެވެ.
މިއީ ކިހިނެއް ހިނގި ކަމެއް ހެއްޔެވެ؟ ހުރިހާ ގޮތަކުން ބެލި ނަމަވެސް ރާއްޖޭގެ އެންމެ ހައި ޕްރޮފައިލް ސިޔާސީ ލީޑަރަށް މިފަދަ ހަމަލާއެއް ދެވުނީ ކިހިނެއް ހެއްޔެވެ؟ އެމަނިކުފާނު ވަށައިގެން އަބަދުވެސް ފެންނަ ބޮޑީގާޑުން ކޮބާ ހެއްޔެވެ؟ އެފަދަ ހަމަލާއެއްގެ މައުލޫމާތު އެއްވެސް އިދާރާއަކަށް ހަމަ ނޭނގޭ ހެއްޔެވެ؟
މި ހުރިހާ ސުވާލުތަކެއް ބަންޑެލިކޮށްގެން ރައްޔިތުންގެ ފަރާތުން ނޫސްވެރިން ނުކުމެ އިދާރާތަކަށް އަމާޒުކުރަން ފެށި އެވެ. އެކަމަކު އޭރު އެ ސުވާލުތަކަށް އެދެވޭ ޖަވާބެއް ނުލިބުނެވެ. ތަހުގީގު ކުރިއަށްދާތީ ކަމަށް ބުނެ އެވެ. ވީގޮތެއް އެނގޭނީ އެތެރޭގެ ތަހުގީގަކަށްފަހު ކަމަށް ބުނި ބުނުން ތަކުރާރުކުރަމުންނެވެ.
"ގައުމީ ސަލާމަތާ ގުޅޭ" ޖަވާބުތަކުގައި މަތި އަޅައިގެން ތިއްބާ، އެ މަތިގަނޑު ނައްޓުވައިލެވުނީ އޭގެ ދޮޅު މަހެއްހާ ދުވަސް ފަހުންނެވެ. ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް މުޅި މަޖިލިސް އިގުރާރުވެގެން އެ ހަމަލާގެ ޕާލިމަންޓަރީ އިންކުއަރީއެއް ހިންގައި އާންމުކުރި ރިޕޯޓުން ސިއްސައިގެންދާވަރުގެ އިހުމާލުތައް ހާމަވި އެވެ.
ގާތްގަނޑަކަށް 270 ސޮފްހާގެ ރިޕޯޓުގައި ނަޝީދަށް ހަމަލާ ދިނުމުގެ ކުރިންނާއި ހަމަލާދިން ދުވަހު އަދި އޭގެ ފަހުން ކަން ހިނގާފައިވާ ގޮތުގެ ވަރަށް ތަފްސީލީ މައުލޫމާތު ވަނީ ހިމަނައިފަ އެވެ. އެ ރިޕޯޓު އެކުލަވައިލުމުގެ ކުރިން ކަމާގުޅޭ އިދާރާތަކުގެ ވެރިންނާއި ދާއިރާގެ ފަންނީ އެކި ފަރާތްތައް ހިމެނޭ ގޮތަށް 50 އަށް ވުރެ ގިނަ ބޭފުޅުންނާ ކޮމިޓީން ބައްދަލުކުރި އެވެ.
ކޮމިޓީގެ އެ ރިޕޯޓުގެ ކޮންމެ ގަނޑެއްގައިހެން ފެނުނީ އިހުމާލެވެ. ނަޝީދަށް ސެކިޔުރިޓީ ފޯރުކޮށްދިނުމުގައި ހުރި ދޯހަޅިކަމެވެ. މާބޮޑު އަޅާލުމެއްނެތި ދޫކޮށްލެވިފައިވާ ބޮޑެތި ޒިންމާތަކެވެ.
ކޮމިޓީން އެންމެ ފުރަތަމަ ވެސް ބަލާފައިވަނީ މި ހަމަލާއާ ގުޅޭ އެންމެ މުހިންމު ސުވާލަށެވެ. އަބަދުވެސް އިންޒާރުތައް ލިބެމުންދާ ނަޝީދަށް ސެކިޔުރިޓީ ދިނުމުގައި އަމަލުކޮށްފައިވާ ގޮތެވެ.
މިގޮތުން، ނަޝީދަށް އެކި ގޮތްގޮތުން ލިބިވަޑައިގަންނަވަމުންދިޔަ ތްރެޓްތަކާ ގުޅިގެން، ކްލޯސް ޕްރޮޓެކްޝަން ޓީމުގައި ހިމެނޭ ސެކިއުރިޓީ އޮފިސަރުންގެ އަދަދު އެކި ފަހަރުމަތިން އިތުރުކޮށްފައިވާކަން ކޮމިޓީން ފާހަގަކޮށްފައި ވެ އެވެ.
ނަމަވެސް، ހަމަލާގެ ކުރީ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައި ނަޝީދުގެ ސެކިޔުރިޓީ ލެވެލް "ސިވިއާ"އަށް މަތިކޮށްފައިވީ ނަމަވެސް، އެމަނިކުފާނަށް ސެކިއުރިޓީ ދެމުން ދިޔަ ގޮތަށް އިތުރު ބަދަލެއް ގެނެސްފައިނުވާ ކަން ވަނީ ފާހަގަކޮށްފަ އެވެ.
އެ ރިޕޯޓުގައި ބުނި ގޮތުގައި، ތުރެޓު ލެވެލް މަތިކުރާއިރު، ސެކިޔުރިޓީގައި މައިގަނޑު އަށް ކަމެއް ހިމެނޭއިރު، އޭގެ ތެރެއިން މުހިންމު ކަންތައްތަކަކަށް އެމްއެންޑީއެފުން އަމަލުކޮށްފައިނުވާ ކަމަށެވެ.
އެގޮތުން، ކާރުކޮޅަށް އަރައިވަޑައިގަންނަވާ އަދި ފައިބައިވަޑައިގަންނަވާ ޕޮއިންޓްގެ ސެކިއުރިޓީ ބެލެހެއްޓުމުގައި ޝައްކުކުރެވޭ އެކްޓިވިޓީއެއް ނުވަތަ އެއްޗެއް ފާހަގަކުރެވޭތޯ ބަލަން ޖެހޭނެކަމަށާއި، އަދި ހާލަތަށް ބަލައި ޓްރެފިކް ބެލެހެއްޓުމަށް ފުލުހުންގެ އެހީތެރިކަން ހޯދަންޖެހޭނެ ކަމަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ނަޝީދަށް ހަމަލާ ދީފައިވަނީ އެކަން ނުކޮށް ދޫކޮށްލާފައިވަނިކޮށް ކަމަށް ބުންޏެވެ.
އަދި ހަމަލާދީފައިވަނީ އައިއީޑީއެއް ހަރުކޮށް، ގަވައިދާ ހިލާފަށް 24 ގަޑިއިރަށް ވުރެ ގިނައިރު ވަންދެން ޕާކުކޮށްފައި ހުރި ސައިކަލެއް ގޮއްވާލައިގެންކަމަށް ވީއިރު، އެ މަގުގެ ސެކިޔުރިޓީ ބެލެހެއްޓުމުގައި ފުލުހުންގެ އެހީތެރިކަން ހޯދަފައިނުވާ ކަމަށެވެ.
އޭގެ އިތުރުން، ނަޝީދު ގެކޮޅުގައި ވަޑައިގެން ނުއުޅުއްވާ ގަޑިތަކުގައި ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަމުން ނުދާއިރު، އެޑްވާންސް ޓީމުން އެމަނިކުފާނު އަނބުރ ގެކޮޅަށް ވަޑަގަންނަވާއިރު، ގެކޮޅުގެ އެތެރެ އެއްވެސް ފަހަރަކު ޗެކު ނުކުރާކަން ފާހަގަކޮށްފައި ވެ އެވެ.
ސެކިޔުރިޓީ ދިނުމުގައި "އިލެކްޓްރޯނިކް ކައުންޓާ ވަސީލަތްތައް" ބޭނުންކުރުމަށް އުސޫލުގައި ބުނާ ގޮތަށް އެމްއެންޑީއެފުން އަމަލުކޮށް ޖޭމަރެއް ފަދަ އާލާތެއް ބޭނުންކޮށްގެން ރިމޯޓު ބޭނުންކޮށްގެން އެ އައިއީޑީ ގޮއްވާލުމުގެ ފުރުސަތު ހަނިކުރެވުނީސް ކަމަށް ރިޕޯޓުގައި އިތުރަށް ބުނެފައި ވެ އެވެ.
އަދި ނަޝީދުގެ ތްރެޓް އެސެސްމަންޓެއް އެންމެ ފަހުން އެސްޕީޖީގެ ކޮމާންޑަރު ކާނަލް ނަސްރުالله އިބްރާހީމް މަޖުދީއަށް ލިބިފައިވަނީ މާޗު މަހުގެ ތިން ވަނަ ދުވަހު ކަމަށްވާއިރު، އޭގައި ބަޔާންކޮށްފައިވާ ރެކަމެންޑޭޝަންތަކަށް އަމަލުކޮށްފައިނުވާ ކަމަށެވެ.
އޭގެ އިތުރުން، ނަޝީދު ދިރިއުޅުއްވާ ގޭގެ މަގު އެއްވެސް އިރެއްގައި ސްވީޕް ކުރިކަން ކްލޯސް ޕްރޮޓެކްޝަން ޓީމަށް އެނގިފައިނެތްކަމަށް އެޓީމާ ހަވާލާދީ ކޮމިޓީން ބުންޏެވެ.
"އެމްއެންޑީއެފްގެ އޯޑްނަންސް ކޮމާންޑަރު ބްރިގޭޑިއާ ޖެނެރަލް މުހައްމަދު ޝަރީފް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ، އެމްއެންޑީއެފްގެ އީއޯޑީ ޓީމުގައި ސައިކަލެއްގައި ހަރުކޮށްފައި ހުރި އައިއީޑީ އެއް ޑިޓެކްޓް ކުރުމުގެ ގާބިލުކަންހުރި ކަމަށާއި، ނީލޯފަރު ހިނގުން ސްވީޕްކުރުމަށް ހޭދަވާނީ ދެ ގަޑިއިރެއްހާއިރު ކަމަށެވެ،" ރިޕޯޓުގައި ބުނެފައި ވެ އެވެ.
ނަޝީދުގެ ތުރެޓް ލެވެލް ''ސިވިއާ'' އިން ''ކްރިޓިކަލް ''އަށް ބަދަލުވިކަން އެސްޕީޖީއަށް އެންގިކަމުގައިވިޔަސް، އެވަރުގެ ބޮޑު ބަދަލެއް އައިކަމާއި، އެ ބަދަލު ގެނައި ސަބަބުތައް ނަޝީދުގެ ކްލޯސް ޕްރޮޓެކްޝަން ޓީމަށް ބުނެދެވިފައިނުވާއިރު، ނީލޯފަރު ހިނގުމުން ސައިކަލުތައް ހުސްކުރަން އުޅުނު ސަބަބުވެސް އެ ޓީމަށް އެނގިފައިނުވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
"ނަޝީދަށް އަބަދުވެސް ތްރެޓް އޮންނަކަމަށް ބުނެ، އަދި އެންމެ މަތީ ދަރަޖައިގެ ސެކިއުރިޓީ ދޭން ތަކުރާރުކޮށް ޓީމަށް ކިޔައިދިން ނަމަވެސް ހަމަލާއެއް ދިނުމުގެ ބިރުވެރިކަން އިތުރުވެފައިވާކަމާއި، ހަމަލާއެއް ދިނުމުގެ ގާބިލިއްޔަތު ހުރި ބަޔަކު ހަރަކާތްތެރިވާކަން ޓީމަށް ކިޔައިނުދީ އޮތުމަކީ ނަޝީދަށް ރައްކާތެރިކަން ފޯރުކޮށް ނުދެވުނު އެއް ސަބަބުކަން ފާހަގަކުރެވޭ،" އެ ރިޕޯޓުގައި ބުނެފައި ވެ އެވެ.
ކޮމިޓީގެ ރިޕޯޓުން އެންމެ ބޮޑު ހައިރާން ކަމެއް ލިބުނީ އެ ހަމަލާގެ އެއްވެސް ހިލަމެއް ލިބިފައިނުވާ ކަމަށް އެމްއެންޑީއެފްއިން ބުނި ބުނުމެވެ. އެ އިއުތިރާފަކީ މުޅި ރިޕޯޓުން ވެސް އެންމެ ކަންބޮޑުވާންޖެހުނު އެއް ވާހަކަ އެވެ.
ނަމަވެސް، 241 ކޮމިޓީގެ ރިޕޯޓުގައި އެ ވާހަކަ ވަނީ ނަފީކޮށްފަ އެވެ. ކޮމިޓީގެ މެމްބަރުންނަށް އެމްއެންޑީއެފްގެ އެ ވާހަކަ ގަބޫލުކުރަން ދައްޗެވެ.
ސަބަބުތަކެއްގެ ގޮތުގައި ދައްކާފައި ވަނީ ނަޝީދުގެ ތްރެޓް ލެވެލް އެސެސްމެންޓާއި އެކި ފަހަރު މަތިން އެމްއެންޑީއެފަށް ލިބިފައިވާ މައުލޫމާތެވެ. އެމަނިކުފާނު އަވަހާރަކޮށްލަން އުޅޭ ކަމުގެ މައުލޫމާތު އެކި ފަހަރުމަތިން އެމްއެންޑީއެފަށް ލިބިފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ.
ރިޕޯޓުގައި ބުނިގޮތުގައި ނަޝީދަށް ހަމަލާއެއް ދޭން އުޅުމުގެ އިންޑިކޭޓާސްތައް ހުރުމުގެ އިތުރަށް، އެމަނިކުފާނަށް ހަމަލާއެއް ދޭން އުޅެފައިވާ ކަަމަށް އެކި ފަހަރުގެ މަތިން އިންޓެލިޖެންސަށް މައުލޫމާތު ލިބިފައިވެ އެވެ.
ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ދުނިޔޭގެ އެކި ތަންތަނުގައި އިންޓެލިޖެންސް އިދާރާތަކަށް އެއްވެސް މައުލޫމާތެއް ނުލިބި އަދި އަނެއް ބައި ފަހަރު ބައެއް ކަހަލަ މައުލޫމާތު ނުވަތަ އިންޑިކޭޓާސް ލިބިގެން ވެސް ހަމަލާދީފައި އެބަހުއްޓެވެ. ދުނިޔޭގެ އެއްވެސް ތަނެއްގައި ދޭ ޓެރަރިސްޓް ހަމަލާއަކީ މަދު ފަހަރެއްގައި މެނުވީ ސްޕެސިފިކް އިންޓެލިޖެންސް ލިބޭ ބާވަތުގެ ކަމެއް ނޫން ކަން ފާހަގަކޮށްފައިވެ އެވެ.
"މިފަދަ ހަމަލާއެއްގެ ކުރިން ސްމޯކިން ގަންއެއް ފެނުމަކީ ނާދިރު ކަމެކެވެ. މި އިންކުއަރީން މައުލޫމާތު ހޯދި އިންޓެލިންސާއި އޮޕަރޭޝަނަލް ދާއިރާގެ ތަޖުރިބާކާރުންގެ ރައުޔަކީ ވެސް މި އެވެ،" ރިޕޯޓުގައިވެ އެވެ.
ރިޕޯޓުގައި ބުނީ އަބަދުވެސް ތުރެޓް އޮތް ބޭފުޅެއް ކަން އަމިއްލަ އެސެސްމަންޓްތަކުން އެމްއެންޑީއެފުން ނިންމާފައިވާ އިރު، ތްރެޓް ލެވެލް 'ސަބްސްޓޭންޝަލް" އިން "ސިވިއަ"، އެއަށް ފަހު ކްރިިޓިކަލް އަށް މަތިކުރި އެވެ.
އޭގެ ފަހުން ވެސް އެމަނިކުފާނާ ގުޅޭ ގޮތުން އިންޓެލިޖެންސުން ބަލަން ޖެހޭނެ މައުލޫމާތުތަކެއް އެމްއެންޑީއެފަށް ލިބިފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ.
ލިބޭ ވަކި އެއް މައުލޫމާތުތަކުން ފުރިހަމަ މަންޒަރު ދެނެގަތުމަކީ ނާދިރު ކަމަށާއި ހަމަލާއެއް ދިނުމުގެ އިހުތިމާލު އޮތް ކަން ދެނެގަންނާނީ ލިބޭ އަދި ކުރިން އެކި ފަހަރުމަތިން ލިބިފައި ހުރި އެތައް މައުލޫމާތުތަކެއް ގުޅުވައިގެން ހަދާ އެނާލިސިސްއެއްގެ މައްޗަށް ބިނާކޮށް ކަން ފާހަގަކޮށްފައި އޮތެވެ. އެފަދަ އެސެސްމަންޓެއް ހެދުމުގެ މަސައްކަތަކީ ހަމައެކަނި މީހަކަށް ލިބޭ މައުލޫމާތެއް އެއްކުރުމުގެ އިތުރުން ކޮމްޕިއުޓަރައިސްޑް 'އިންޓެލިޖެންސް އެނަލިޓިކަލް ޓޫލްސް" ނުވަތަ ސޮފްޓްވެއާ ބޭނުންކޮށްގެން ކުރާ މަސައްކަތެއް ކަމަށް ރިޕޯޓުގައިވެ އެވެ.
މި އިންކުއަރީ އަށް ގަބޫލުކުރެވެނީ މޭ 6، 2021 ގައި ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާ ދެނެގަނެވޭ މިންވަރަށް އިންޑިކޭޓާސް ނުވަތަ ފްލޭގް ވާންޖެހޭ ޒާތުގެ މައުލޫމާތުތަކެއް އެމްއެންޑީއެފަށް ލިބިފައި ހުރި ކަމަށެވެ،" -- ރިޕޯޓް
އެގޮތަށް ނިންމި ސަބަބު ވެސް ހިމަނާފައިވެ އެވެ.
އެއްކަމަކަށް އޮތީ ނަޝީދަށް ބަޔަކު ފާރަލީ ކަމުގެ މައުލޫމާތު އެމްއެންޑީއެފަށް އެނގިފައި ވުމެވެ. އެކަން ކަށަވަރުވަނީ އިންކުއަރީ އަށް މައުލޫމާތު ދިން މާހިރުންގެ ބަހުންނާއި އެމްއެންޑީއެފުން ފޮނުވާފައިވާ ލިޔެކިޔުމުން ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.
އިންކުއަރީ އަށް މައުލޫމާތު ދެއްވަމުން، "ރައީސް ނަޝީދަށް ފާރަލާ މައުލޫމާތެއް އަޅުގަނޑުމެންނަށް ލިބުނީ، ވަޑައިގަންނަވާ ތަންތަން ބަލާ ކަމުގެ މައުލޫމާތެއް" ކަމަށް ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަބްދުއްރަހީމް އަބްދުއްލަތީފް ވިދާޅުވެފައިވާ ކަމަށް ވެސް އޮތެވެ.
ރިޕޯޓުގައި ބުނިގޮތުގައި ރާއްޖޭގެ ހައި ލެވެލް ޓާގެޓަކަށް އަމާޒުކޮށްގެން ހަމަލާއެއް ދޭން ރާވާކަމުގެ މައުލޫމާތު 22، ޑިސެމްބަރު، 2020 ގައި އެމްއެންޑީއެފަށް ލިބިފައިވެ އެވެ. އަދި އެއާއެކު ހަރުކަށި ފިކުރުގެ ފަރާތްތަކުން ސާވައިލްކުރަމުންދާ ކަމުގެ މައުލޫމާތު ދީފައިވެ އެވެ. އޭރު އެމަނިކުފާނުގެ ތްރެޓް ލެވެލް ކްލެސިފައިކޮށްފައި އޮތީ "ސިވިއާ" ގަ އެވެ.
ދީނީ ހަރުކަށި ފިކުރުގެ ފަރާތްތައް ނަޝީދުގެ ހަރާކާތްތައް ބަައި ސެކިއުރިޓީ އޮންނަ ގޮތް އެސެސްކުރާ ކަމުގެ ނުވަތަ ދެނެގަތުމުގެ މަސައްކަތްކުރާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަން ވެސް އެމްއެންޑީއެފްގެ ތްރެޓް ލެވެލް އެސެސްމަންޓް ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ.
ރައީސް މުހައްމަދު ނަޝީދަށް ހަމަލާއެއްދީ އެމަނިކުފާނު އަވަހާރަކޮށްލުމުގެ އިންޓެންޝަން ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ ދީނީ ހަރުކަށި ފަރާތްތައް ގެންގުޅޭ ކަމުގެ މައުލޫމާތު ލިބިފައިވެ އެވެ.
މީހަކަށް ފާރަލާނެ ސަބަބުތައް ރިޕޯޓުގައި ތަފްސީލްކޮށް ފާހަގަކޮށްފައިވާ އިރު ނަޝީދަށް ފާރަލާނެ ސަބަބަކަށް ވާނީ އެމަނިކުފާނަށް ހަމަލާއެއް ދޭން ތައްޔާރުވުން ކަަމަށް ރިޕޯޓުގައިވެ އެވެ.
ނަޝީދުގެ ތްރެޓް ލެވެލް ކްރިޓިކަލް އަށް މަތިކޮށްފައިވާ އިރު އެއީ ވަރަށް އަވަހަށް ހަމަލާއެއް ދީފާނެ ކަަމަށް ބަލެވޭ ހާލަތަކަށް ވާ އިރު ނަޝީދަށް ފާރަލީ ބަޔަކު ނުހޯދުމުގެ ކަންބޮޑުވުން ރިޕޯޓުގައި އޮތެވެ. އެއާއެކު އެކަން ހުއްޓުވަން ކުރަން ޖެހޭ މަސައްކަތްތައް ކޮށްފައިވާ ކަމަކަށް ވެސް އިންކުއަރީން ގަބޫލެއް ނުކުރެ އެވެ.
ރިޕޯޓުގައި ދެން ބުނެފައިވާ ގޮތުގައި ނަޝީދަށް ފާރަލާކަން އެނގިގެން ބައެއް މީހުން ދުރަށް ލާފައި ވެސް ވެ އެވެ. އެގޮތުން ނަޝީދު ދިރިއުޅުއްވި ޔާގޫތު ގެ ކައިރީގައި 2020 ގައި ބަޔަކު ފާރަލާން ތިބޭ ކަން ސެކިއުރިޓީންނަށް ފާހަގަވެގެން އެތަނުން އެ މީހުންނަށް ދުރަށްލާފައިވެ އެވެ.
ސުޕްރީމް ކޯޓަށް އަންހެން ފަނޑިޔާރަކު އައްޔަން ކުރަން ނިންމުމާ އެކު އެކަން ފާސްކުރަން ވޯޓުދޭ މެމްބަރުން މަރާލާނެ ކަމުގެ އިންޒާރު ދިން އިރު ފުރަތަމަ ޓާގެޓަކަށް އޮތީ ނަޝީދު ކަން ވެސް އެމްއެންޑީއެފަށް ލިބިފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ.
ނަޝީދު އަވަހާރަކޮށްލަން ރާވަމުންދާ ކަން 2019 ވަނަ އަހަރު، ޖަލުގައި ހުރި ހަރުކަށި ފިކުރުގެ މީހެއްގެ ފަރާތުން ލިބިފައިވާ ކަމަށް ބުނެ އަމިއްލަ ފަރުދަކު ކޮށްފައިވާ ޓުވީޓެއް ވެސް އެމްއެންޑީއެފަށް ލިބިފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ.
ފޭސްބުކް ޕޭޖެއް ކަމަށްވާ "އެންމެން އެކުގައި ދިވެހި" ނަމަކަށް ކިޔާ ޕޭޖަކުން ނަޝީދުގެ ބޮލަށް ވަޅިއެއް އަދި މެޔަށް ފުރޯއެއް ޖަހާފައިވާ ފޮޓޯއެއް ވެސް ޝާއިއުކޮށްފައިވާ ކަން އެންއެމްޑީއެފަށް ލިބިފައިވެ އެވެ.
"ދެހާސްވިހި ވަނަ އަހަރުގެ ރޯދަ މަހުގެ ފަހު ދިހައެއްގައި ރައީސް ނަޝީދު އަވަހާރަކޮށްލަން ރާވާކަމުގައި މައުލޫމާތު ލިބިގެން ސެކިއުރިޓީ ހައި ކުރި ކަމަށް މި އިންކުއަރީ އަށް މައުލޫމާތު ލިބިފައިވެ އެވެ." ރިޕޯޓުގައިވެ އެވެ.
ނަޝީދު އަވަހާރަކޮށްލަން ފަސް މިލިއަން ރުފިޔާ ދީފައިވާ ކަމާއި އެކަން ކުރަން ހަތިޔާރާއި އެހެނިހެން ތަކެތި ހަމަޖައްސާފައިވާ ކަމުގެ މައުލޫމާތު ވެސް އެމްއެންޑީއެފަށް ލިބިފައިވެ އެވެ.
މީގެ އިތުރުން ނަޝީދު އަވަހަރާކޮށްލަން ގޮވާލައި ވީޑިއޯއެއް އާއްމުކޮށްފައިވާ ކަމުގެ މައުލޫމާތު ވެސް އެމްއެންޑީއެފަށް ލިބުނު ކަމަށް ރިޕޯޓުގައިވެ އެވެ.
އިންކުއަރީ އަށް ވާހަކަ ދެއްކެވި ފުލުހުންގެ އިސްވެރިއަކު ވިދާޅުވެފައި އޮތީ ހަމަލާ ހިނގާފައި އޮތީ ނޭނގި ކަމަކަށް ގަބޫލުކުރަން ދަތި ކަމަށެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި ކޮންމެވެސް އެއް ހިސާބަކުން އެކަން އެކަން އޮތީ އެނގިފަ އެވެ.
"ކޮންމެވެސް އެއް މޭރަމަކުން މިފަދަ ކަމެއް ހިނގައިފާނެ ކަމުގެ ކޮންމެވެސް ވަރެއްގެ އިންޕުޓުތަކެއް ކޮންމެވެސް ބޭފުޅުންނަށް ކުރީ ބައިގައި ލިބިވަޑައިގެން އޮވެ ހިނގާފައިވާ ހަމަލާއެއް މީ،" ރިޕޯޓުގައިވެ އެވެ.
އެ ރިޕޯޓުން އެނގޭ ގޮތުގައި، އެ ހަމަލާގެ ދެ ދުވަސް ކުރިން ނަޝީދަށް ނުރައްކަލެއް އޮތް ކަމުގެ މައުލޫމާތު ސީދާ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާ ވަނީ ހިއްސާކޮށްފަ އެވެ.
މިގޮތުން ހަރުކަށި ފިކުރުގެ ބަޔަކު ނަޝީދު އަވަހާރަކޮށްލުމަށް ތިން މިލިއަން ޑޮލަރުގެ ޓާސްކެއް ބަޔަކާ ހަވާލުކޮށްފައިވާ މައުލޫމާތު ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބަށް ލިބިވަޑައިގަތުމާއެކު މޭ، 4 ވަނަ ދުވަހު މާރިޔާއާ އެ މައުލޫމާތު ހިއްސާކުރެއްވި އެވެ.
އިންކުއަރީއަށް މާރިޔާ ވިދާޅުވެފައިވާ ގޮތުގައި، ތިން މިލިއަން ޑޮލަރު ދީގެން ނަޝީދު މަރާލަން އުޅޭ ކަމުގެ ވާހަކައެއް އިލްޔާސް އޭނާ ގާތު ވިދާޅުވި ކަމާއި އެއީ ޖިނާއީ ކުށަކަށް ވާތީ އެކަން ފުލުހުންނާ ހިއްސާކުރުމަށް އެދިވަޑައިގެންނެވި ކަމަށެވެ.
މާރިޔާ ވިދާޅުވެފައިވާ ގޮތުގައި، އިލްޔާސް ފޯނުން ދެންނެވި ވާހަކަ އެމްއެންޑީއެފްގެ އެއްވެސް ފަރާތަކާ ހިއްސާކޮށްފައިނުވެ އެވެ. އެ މައުލޫމާތު އެއްވެސް ފަރާތަކާ މިނިސްޓަރު ހިއްސާ ނުކުރެއްވީ އެއީ، "މައުލޫމާތު" ނޫން ކަމަށް ވާތީ ކަމަށް އިންކުއަރީއަށް އޭނާ ވިދާޅުވި އެވެ.
ހުޅުދޫ ދާއިރާގެ އިއްޒަތްތެރި މެންބަރުގެ ފަރާތުން އަޅުގަނޑަށް ލިބުނީ ފޯނު ކޯލެއް، މައުލޫމާތެއް ނޫން، އެއީ މައުލޫމާތެއް ކަމަަށް އަޅުގަނޑު ބަލަނީ، މީހެއްގެ ނަމެއް ނުވަތަ ފޮލޯ ކުރެވޭނެ ކޮންމެ ވެސް ގޮތެއް އަޅުގަނޑަށް ފޯރުކޮށް ދެއްވި ކަމަށް ވަންޏާ،" މާރިޔާ ވިދާޅުވި އެވެ.
ނަމަވެސް، އިލްޔާސް ހިއްސާ ކުރެއްވި ކަމަށް މާރިޔާ ވިދާޅުވި ވާހަކަތަކަކީ މުހިންމު މައުލޫމާތުތަކެއް ކަމާއި، އެ މައުލޫމާތުތަކަކީ އެމްއެންޑީއެފްގެ ކަމާބެހޭ ފަރާތްތަކާ މިނިސްޓަރު މާރިޔާ ހިއްސާކުރައްވައި އެކަމާ ގުޅިގެން އެމްއެންޑީއެފްއިން ފިޔަވަޅުތަކެއް އަޅަން ޖެހޭނެ ފަދަ ވާހަކަތަކެއް ކަމަށް އިންކުއަރީއަށް ގަބޫލުކުރެވޭ ކަމަށް ރިޕޯޓްގައިވެ އެވެ.
އެ މައުލޫމާތު ލިބުނުއިރު، ނަޝީދުގެ ތުރެޓް ލެވެލް ވަނީ ކްރިޓިކަލް ކަމަށް ކަނޑައަޅާފަ އެވެ. ކްރިޓިކަލްއަކީ ވަރަށް އަވަހަށް ހަމަލާއެއް ދީފާނެ ކަމަށް ބެލުން ކަމަށް މާހިރުން ވިދާޅުވި ކަމަށް ރިޕޯޓްގައިވެ އެވެ.
މާހިރުން ވިދާޅުވެފައިވާ ގޮތުގައި، ތްރެޓް ލެވެލް ކްރިޓިކަލް ކަމަށް ކަނޑައަޅާފައިވާ ފަރާތަކާ ގުޅޭ ގޮތުން ލިބޭ އެއްވެސް މައުލޫމާތަކީ، "ޑިސްރިގާޑް" ކުރެވޭނެ ނުވަތަ އަޅާނުލާ ދޫކޮށްލެވޭނެ މައުލޫމާތެއް ނޫނެވެ.
"އެކަހަލަ ތްރެޓެއް އޮތް މައުލޫމާތެއް ލިބިއްޖެއްޔާ އެ މައުލޫމާތު އިންޓެލިޖެންސަށް އަައުމަކީ އެންމެ ރަނގަޅު ގޮތް،" މާހިރަކު ވިދާޅުވެފައިވެ އެވެ.
އެ މައުލޫމާތު ހިއްސާ ނުކުރެއްވުން ދިފާއު ކުރައްވައި މާރިޔާ އިންކުއަރީއަށް އިތުރަށް ވިދާޅުވެފައިވާ ގޮތުގައި، މައުލޫމާތު ލިބުމާއެކު ޗީފް އޮފް ޑިފެންސް ފޯސް އާއި ވައިސްއާ ބައްދަލުކޮށް ނަޝީދުގެ ސެކިއުރިޓީ ހަމަޖެހިފައިވާ ގޮތް ޗެކް ކުރެއްވި އެވެ. އަދި ސެކިއުރިޓީ "އެންހާންސް" ކޮށްފައި އޮތުމުން އެ މައުލޫމާތާ ގުޅިގެން އިތުރަށް ކުރެވޭނެ ކަމެއް ނެތުމުން ހިއްސާ ނުކުރެއްވީ ކަމަށެވެ.
"އެހެންވީމާ، އަޅުނޑަކީ އޮޕަރޭޝަނަލް ޓެކްނިކަލް މީހަކަށް ނުވާއިރު މި ފޯމޭޝަން، އެ ފޯމޭޝަން، އެ އެއްޗެހި މިހާރު ކިތަންމެ ބޮޑަކަށް އެ ބޭފުޅުން ކިޔައިދެއްވާ އަޅުގަނޑަށް، ކިޔައިދެއްވީމާ މި ދެންނެވި ގަވައިދުގައި އޮތް މިންވަރަށް އޮތްތޯ ބަލައި، އެއަށްވުރެ އިތުރަށް ވެސް އޮތީމާ އަޅުގަނޑު އެކަމުގައި އިތުރަށް އެއްޗެއް ނުދެންނެވީ،" މާރިޔާ އިންކުއަރީއަށް ވިދާޅުވެފައިވެ އެވެ.
ނަމަވެސް، އެ މައުލޫމާތާ ގުޅިގެން ނަޝީދުގެ ސެކިއުރީޓީ ބެލެހެއްޓުމަށް އިތުރު ކަމެއް ކުރެވިދާނެތޯ އާއި ކުރެވޭނަމަ ކުރެވޭނީ ކޮން ކަމެއްތޯ "ޓެކްޓިކަލީ" ކަނޑައަޅަންވާނީ އެމްއެންޑީއެފްގެ ކަމާބެހޭ ފަންނީ ބޭފުޅުން ކަމުގައި އިންކުއަރީއަށް ގަބޫލު ކުރެވޭނެ ކަމަށް ރިޕޯޓްގައި ވެ އެވެ.
ރިޕޯޓްގައި ބުނި ގޮތުގައި، ލިބުނު މައުލޫމާތު، އެމްއެންޑީއެފްގެ ކޮމާންޑް އެންޑް ކޮންޓްރޯލް ސްޓަރަކްޗާގެ ތެރެއިން ނަޝީދުގެ ކްލޯސް ޕްރޮޓެކްޝަން ޓީމަށް ދިންނަމަ، ނަޝީދުގެ ސެކިއުރިޓީ ބެލެއްޓުމުގައި އިތުރު ފިޔަވަޅުތަކެއް އެޅުމުގެ ފުރުސަތު އޮތީސް ކަމަށް އިންކުއަރީއަށް ގަބޫލު ކުރެވެ އެވެ.
އިންކުއަރީއަށް ޕްރިންސިޕަލް ޑިރެކްޓަރާ އޮފް ޑިފެންސް އިންޓެލިޖެންސް ސާވިސް ވިދާޅުވެފައިވާ ގޮތުގައި އެމްއެންޑީއެފްއަށް ލިބޭ މިފަދަ މައުލޫމާތަކީ އެމްއެންޑީއެފްއިން ފުލުހުންނާ ހިއްސާކުރާ ޒާތުގެ މައުލޫމާތެކެވެ.
ރިޕޯޓްގައި އިތުރަށް ބުނި ގޮތުގައި އިލްޔާސް ދިން މައުލޫމާތު އެއްވެސް ފަރާތަކުން ފުލުހުންނާ ހިއްސާކޮށްފައި އޮތްނަމަ، ނަޝީދަށް ހަމަލާއެއް ދިނުން "މިޓިގޭޓް" ކުރުމަށް "ޑިސްރަޕްޓިވް" ފިޔަވަޅުތަކެއް އެޅުމުގެ ފުރުސަތު ބޮޑުވެގެން ދިޔައީސް ކަމަށް އިންކުއަރީއަށް ގަބޫލުކުރެވެ އެވެ.
"މި ހާދިސާ ހިނގުމުގެ ކުރިން އެ މައުލޫމާތު އަޅުގަނޑުމެންނާ ހަމައަށް ލިބުނު ނަމަ، ކުރެވިދާނެ ބައެއް ކަންކަން ހުންނާނެ ކަމަށް ގަބޫލުކުރެވޭ، އެއީ އަޅުގަނޑުމެންނަށް މައުލޫމާތު ވެރިފައި ކުރެވޭނެ ޕްރެސެސްއެއް އޮތް، ފުލުހުންނާ ހިއްސާ ކުރެވުނު ނަމަ، ފުލުހުންނަށް ފިޔަވަޅުތަކެއް އެޅުނީސް، ކަންތައްތަކެއް ކުރެވުނީސް،" ފުލުހުންގެ އިސްވެރިޔަކު ވިދާޅުވެފައިވެ އެވެ.
ރިޕޯޓްގައި ބުނި ގޮތުގައި، ގައުމެއްގެ އިސް ވެރިއަކާ ގުޅޭ ގޮތުން ލިބޭ މިފަދަ މައުލޫމާތަކީ ޑިފެންސް މިނިސްޓަރު އަހުމިއްޔަތުކަން ނުދީ ދޫކޮށްލައިގެންވާނެ ޒާތުގެ ކަމަކަށްވެގެން ނުވާނެ އެވެ.
"ނަޝީދުގެ ހިމާޔަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ ޒިންމާ މަތިކުރެވިފައިވާ ފަރާތަށް ލިބުމުން، އެ މައުލޫމާތުގެ މައްޗަށް އެއްވެސް ފިޔަވަޅެއް އަޅާފައިނުވުމާއި އެމްއެންޑީއެފްގެ އެތެރޭގައި ހިއްސާކޮށްފައި ނުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން،" ރިޕޯޓްގައިވެ އެވެ.
ކޮމިޓީގެ ރިޕޯޓުން ދެން އެންމެ ފާހަގަވި އެއް ކަމަކީ ޖާސޫސީ މައުލޫމާތު ހިއްސާ ކުރާނެ ގޮތެއް ނެތި ނިޒާމުގައި އޮތް ބޮޑު ބާގަނޑެވެ. މިފަދަ ބޮޑު ހަމަލާއެއް ރާވައި، މަޖީދީ މަގުގެ މެދުގައި ބޮމެއް ގޮއްވައިލެވުނު މައިގަނޑު އެއް ސަބަބު މިކަމުން ހާމަވެ އެވެ.
ރިޕޯޓުގައި ބުނެފައިވަނީ 2019 ވަނަ އަހަރު ޓެރަރިޒަމް މަނާ ކުރާ ގާނޫނަށް ގެނައި އިސްލާހަކާއެކު އިންޓެލިޖެންސް އޮނިގަނޑެއް ހަދަން އަންގާފައިވީ ނަމަވެސް މިހާތަނަށް އެކަން ކޮށްފައި ނުވާ ކަމަށެވެ.
އެގޮތުން އެމްއެންޑީއެފް އާއި ފުލުހުންގެ މެދުގައި ވެސް އިންޓެލިޖެންސް މައުލޫމާތު ހިއްސާ ކުރާނެ އުސޫލެއް ލިޔެފައި ނެތް ކަމަށް ރިޕޯޓްގައި ބުނެ އެވެ.
އެމްއެންޑީއެފުން އިންކުއަރީއަށް ދީފައިވާ މައުލޫމާތުތަކާ ހަވާލާދީ ރިޕޯޓްގައި ބުނެފައިވަނީ އެ މުއައްސަސާގެ އެތެރޭގެ ޑިޕާޓްމަންޓްތަކުގެ މެދުގައި، އަދި ޑިޕާޓްމަންޓްތަކުގެ ތެރޭގައި އިންޓެލިޖެންސް މައުލޫމާތު ދައުރުކުރާނެ ގޮތުގެ އުސޫލެއް ހެދިފައިވާ ކަން އެނގެން ނެތް ކަމަށެވެ. އަދި، ޑިޕާޓްމަންޓްތަކުގެ ތެރޭގައި އެންމެ އެދެވޭގޮތަށް މައުލޫމާތު ބަދަލު ކޮށްފައި ނުވާކަން ފާހަގަ ކުރެވޭ ކަމަށް ރިޕޯޓްގައި ވަނީ ބުނެފަ އެވެ.
"އެމްއެންޑީއެފް ގެ ޑިފެންސް އިންޓެލިޖަންސް ސާވިސްއިން އިންޓެލިޖަންސް މައުލޫމާތު ހިއްސާ ކުރާނެ ގޮތުގެ އުސޫލެއް ލިޔެވިފައި ނެތުމުގެ ސަބަބުން މުއައްސަސާ އަދި މުއައްސަސާގެ މުވައްޒަފުން ޒިންމާދާރު ކުރެވޭނެ އަދި ޒިންމާ އުފުލަން ލާޒިމުކުރާނެ ގޮތެއް ކަނޑައެޅިގެން ބަޔާންކޮށް ހާމަވެފައެއް ނެތެވެ،" ރިޕޯޓްގައިވެ އެވެ.
އަމަލުކުރާނެ ގޮތުގެ އުސޫލުތައް ލިޔެވިފައި ނެތުމުގެ ސަބަބުން ތަރުތީބު ވެފައިވާ ނިޒާމެއްގެ ތެރެއިން މައުލޫމާތު ގެންގުޅުމުގެ ފުރުސަތު ހަނިވެ އެވެ. މީގެ އިތުރުން، ޑީއައިއެސް އިން އެއްކުރާ މައުލޫމާތު އުނިވުމާއި، މައުލޫމާތު ބަދަލުކުރިކަމުގެ ޔަގީންކަން ގެއްލިގެންދޭ.
ރިޕޯޓްގައި ބުނެފައިވާ ގޮތުގައި އެމްއެންޑީއެފްގެ އިންޓެލިޖެންސްއަށް ލިބޭ މައުލޫމާތު އެއްކުރުމާއި އެ ލިބޭ މައުލޫމާތުތައް ހިއްސާ ކުރުމާ ގުޅޭ އޮނިގަނޑެއް އެކުލަވާލާފައި ނެތުމަކީ އެ އިންކުއަރީން ކަންބޮޑުވާ ކަމެއް ކަމަށެވެ.
"މިފަދަ ނިޒާމެއް އޮތްނަމަ، އަދި އަމަލުކުރާ އުސޫލުތަކުގެ ތެރެއިން ރަނގަޅަށް އަމަލުކުރަމުން ދިޔަނަމަ، ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅޭ ކަމުގެ މައުލޫމާތު މުއައްސަސާތަކުގެ މެދުގައި ބަދަލުކުރެވި، އެ މުއައްސަސާގެ މައްޗަށް ގާނޫނުން ލާޒިމުކުރާ ކަމެއް ކުރަންޖެހޭނެކަން ފާހަގަވެ އެވެ. އަދި އެކަމުގެ ނަތީޖާއެއްގެ ގޮތުން ޓެރަރިޒަމްގެ އަމަލެއް ހިންގުމުގެ ކުރިން އެފަދަ އަމަލުތައް ހުއްޓުވުމުގެ ފުރުސަތު ފަހިވެގެންދާނެ އެވެ،" ރިޕޯޓުގައިވެ އެވެ.
ފުލުހުންނާ ހަވާލާދީ ރިޕޯޓްގައި ބުނެފައިވަނީ 2019 ވަނަ އަހަރުގެ ފަހުކޮޅާ ހަމައަށް އިންޓެލިޖެންސްގެ މައުލޫމާތު ހިއްސާ ކުރުމުގައި ސިފައިންނާއި ފުލުހުންގެ ދެމެދުގައި ރަނގަޅު ގުޅުމެއް އޮތެވެ. އޭގެ ސަބަބުން އެހާތަނަށް ފަސޭހަ ކަމާއެކު އިންޓެލިޖެންސް މައުލޫމާތު ދިޔައީ ހިއްސާ ކުރަމުން ކަމަށް ފުލުހުންނާ ހަވާލާދީ ބުނެފައިވެ އެވެ. އެ ގޮތަށް މައުލޫމާތު ބަދަލު ކޮށްފައިވަނީ ދެ މުއައްސަސާގެ ވެރިންގެ މެދުގައި އޮތް ގުޅުމާއި އިތުބާރު ރަނގަޅުވުމުގެ ސަބަބުން ކަމަށް ވެސް ރިޕޯޓްގައި ވަނީ ބުނެފަ އެވެ.
ކޮމިޓީން އެއްކުރި މައުލޫމާތުތަކުގެ އަލީގައި ހާމަވެގެންދިޔަ އިހުމާލުތަކާއި ނިޒާމުގައި ހުރި މައްސަލަތައް ހައްލުކުރަން ހުށަހަޅާ ކަންތައްތަކުގެ ދިގު ލިސްޓެއް ވެސް ރިޕޯޓުގައި ހިމެނި އެވެ.
އިންކުއަރީ ރިޕޯޓުގައި ދީފައިވާ 45 ރެކޮމެންޑޭޝަން ތެރޭގައި ހިމެނެނީ ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރުމަށް ދީފައިވާ 29 ރެކޮމެންޑޭޝަނަކާއި ނަޝީދުގެ ސެކިއުރިޓީއާ ގުޅޭ 10 ރިކޮމެންޑޭޝަނަކާއި ފައިނޭންޝަލް އިންޓެލިޖެންސާ ގުޅޭ ހަ ރެކޮމެންޑޭޝަނެކެވެ.
އިންޓެލިޖެންސް ނިޒާމު ހަރުދަނާ ކުރުމަށް ހުށަހަޅާފައިވާ ރެކަމެންޑޭޝަންތަކުގެ ތެރޭގައި ފުލުހުންނާ ދެމެދު އިންޓެލިޖެންސް މައުލޫމާތު އެއްކޮށް ހިއްސާކުރުމަށްޓަކައި ހާމަނައިޒްޑް ޑާޓާ ސިސްޓަމެއް ވީއެންމެ އަވަހަކަށް އެކުލަވާލުމުގެ އިތުރުން، އިންޓެލިޖެންސް އޮޑިޓެއް ހަދަން ހިމަނާފައި ވެ އެވެ.
އެ ހުށަހެޅުންތަކުގައި ދެން އެންމެ ފާހަގަކޮށްލެވެނީ ގައުމީ އިންޓެލިޖެންސް ގާނޫނެއް ވުޖޫދުކުރުން ހުށަހަޅާފައިވުމެވެ.
އޭގެ އިތުރުން، ފައިނޭންޝަލް އިންޓެލިޖެންސް ހޯދުމުގެ ނިޒާމު ހަރުދަނާކުރުމަށް، މަރުކަޒީ ބޭންކުގައި އޮންނަ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) އިތުރަށް ހަރުދަނާކޮށް، އެތަނަށް ބޭނުންވާ އިތުރު ވަސީލަތްތައް ފޯރުކޮށްދޭން އެ ރިޕޯޓުގައި އެދިފައި ވެ އެވެ.
އަދި ގައުމީ ސަލާމަތާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދިނުމަށް، ނެޝަނަލް ސެކިޔުރިޓީ އެޑްވައިޒަރެއް އައްޔަނުކުރަން ކޮމިޓީން ވަނީ ލަފާދީފަ އެވެ.
ނަޝީދަށް އެ ހަމަލާދެވުމުގައި ކަމާގުޅޭ އިދާރާތަކުގައި ތިބި މީހުންގެ ތެރެއިން އެކަށީގެންވާ ގޮތެއްގައި ޒިންމާ އަދާނުކުރެވޭ ކަމަށް ފާހަގަކޮށްފައިވާ ފަރާތްތަކުގެ އިތުރުން އިހުމާލުވެފައިވާ ފަރާތްތަކާމެދު އިތުރަށް ބަލަންޖެހޭ ކަންކަން ފާހަގަކުރެވޭނަމަ، އެ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް މަޖިލީހުން ވަނީ ހުށަހަޅައިފަ އެވެ.
އެ ހަމަލާދިނުމުގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތުކޮށް ހައްޔަރުކޮށްފައިވާ މީހުން ދީނީ ހައްދުފަހަނައެޅުމާ ގުޅުވާފައިވާއިރު، ރާއްޖޭގައި ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ ފިކުރާ ދެކޮޅަށް ވެސް އެ ރިޕޯޓުގައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ހިމަނާފައި ވެ އެވެ.
އެގޮތުން، ރާއްޖޭގައި ތިބި އެފަދަ ފިކުރުގެ މީހުން ކަމާގުޅޭ އިދާރާތަކަށް ފާހަގަވެ، އެ މީހުންނަށް ހުކުމްކޮށް ބަންދުގައި ތިބޭއިރު، އެފަދަ މީހުން މޮނިޓާ ކުރެވޭނެ ނިޒާމެއް ގާއިމުކުރަން މަޖިލީހުން ވަނީ ހުށަހަޅައިފަ އެވެ.
އަދި އެމީހުން ރީހެބިލިޓޭޓުކޮށް އަނބުރާ މުޖުތަމައުއަށް ގެނެވޭނެ އޮނިގަނޑެއް އެކުލަވާލުމުގެ އިތުރުން، ހަރުކަށި ފިކުރަށް ހުށަހެޅިފައިވާ މީހުން ފާހަގަވުމުން، އެ މީހުން ރިޕޯޓުކުރުމުގެ އުސޫލު އާންމުންނަށް ސާފުކޮށް އޮޅުންފިލުވައިދިނުން ހިމެނެ އެވެ.
އެ ރިޕޯޓުގައި ދެން ހުށަހަޅާފައިވަނީ ތައުލީމީ ނިޒާމުގެ ތެރެއިން ހަރުކަށި ފިކުރު ފެތުރުން ހުއްޓުވަން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ އިތުރުން، ޖަލުތަކުގެ ތެރޭގައި އެ ފިކުރު ފެތުރުން ހުއްޓުވަން ފިޔަވަޅުތައް އެޅުމަށެވެ.
އޭގެ އިތުރުން، ނަޝީދަށް އޮތް ތުރެޓު ލެވެލާ އެއް ފެންވަރުގެ ސެކިޔުރިޓީއެއް ފޯރުކޮށްދީ، އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު ކައިރީގައި 24 ގަޑިއިރު ހަތިޔާރާއެކު ފޯރިމެރުމުގެ އިތުރުން، އެ ސަރަހައްދުގައި ސީސީޓީވީ ހަރުކޮށް ބެލެހެއްޓުމަށް ކޮމިޓީން ވަނީ ހުށަހަޅައިފަ އެވެ.
އެ ރެކަމެންޑޭޝަންތަކާއެކު މަޖިލީހުގެ ރިޕޯޓު އާންމުކުރިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ސަރުކާރުން އެކަމުގެ ދިފާއުގައި ނުކުތެވެ.
މަޖިލީހުގެ އިންކުއަރީ ކޮމެޓީން ނެރެފައިވާ ރިޕޯޓުގައި ބަޔާންކޮށްފައިވާ 45 ރިކޮމެންޑޭޝަންގެ ތެރެއިން 38 ކަމަކީ "މިހާރު ވެސް ފެށިގެން ކުރިއަށްދާ މަސައްކަތް" ކަމަށް ބުނަމުންނެވެ.
ނަމަވެސް، އެކި ފަހަރު މަތިން ތަކުރާރުކޮށް އަހައިގެން ވެސް، އަމަލު ކުރަމުންދަނީ އޭގެ ތެރެއިން ކޮން ރެކަމެންޑޭޝަންތަކަކަށް ކަމެއް ބުނެ ނުދިނެވެ.
އެ ހަމަލާއަށް 365 ދުވަސްވީއިރު ވެސް، އެ މައުލޫމާތުގައި އަދިވެސް އޮތީ "ގައުމީ ސަލާމަތާ ގުޅޭ" ފަރުދާ ކަހައިފަ އެވެ.
ރައްޔިތުންނަށް ތިލަވެފައިއޮތީ އޭގެ ތެރެއިން ހަމައެކަނި ލޮލަށް ފެންނާން އޮތް ކަންކަމެވެ. ބޭނުންވާ މިންވަރުގެ ސެކިޔުރިޓީއެއް ފޯރުކޮށްދެވޭ ގޮތަށް ނަޝީދު މިހާރު ވަނީ މުރައިދޫގެ އަށް ބަދަލުކޮށްފަ އެވެ. އެމަނިކުފާނު ގިނަ ވަގުތު އަދިވެސް ހޭދަކުރައްވަނީ ކެނެރީގޭގައި ކަމަށްވާއިރު، އެ މަގުގައި މިހާރު ސައިކަލު ޕާކެއް ނުކުރެވެ އެވެ. އަދި އެމަނިކުފާނު އެގޭގައި އުޅޭ ވަގުތު ތަކުގައި އެ މަގު އޮންނަނީ އުޅަނދުތަކަށް ނުވަދެވޭ ގޮތަށް ބަންދުކޮށްފަ އެވެ. ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތަށް އެމަނިކުފާނުގެ މޮޓޯ ކޭޑާއެކު މިހާރު ޖޭމަރު ވެހިކަލެއް ދަތުރުކުރާތަން ވެސް ފެނެ އެވެ.
ނަމަވެސް، ނިޒާމީ ސިފައެއްގައި ރިޕޯޓުން ހާމަވި މައްސަލަތައް ހައްލުކުރެވުނު ކަމެއް ނޭނގެ އެވެ. ފުލުހުންނާއި ސިފައިންނާ ދެމެދު މައުލޫމާތު ބަދަލުކުރުމުގެ ނިޒާމެއް ގާއިމުކުރެވުނު ކަމެއް އަދި ގައިމުވެސް ހާމައެއް ނުކުރެ އެވެ.
ހަނގުރާމަވެރި ހަތިޔާރެއް ބޭނުންކޮށްގެން ނުވަތަ ގޮވާ ތަކެތި ބޭނުންކޮށްގެން ހަމަލާއެއް ދިނުމާގުޅިގެން ސަލާމަތީ ބާރުތަކުން އަމަލުކުރަންޖެހޭ އުސޫލެއް ހެދުނު ކަމެއް ސާފެއް ނުވެ އެވެ. ދީނީ ހަރުކަށި ފިކުރާ ދެކޮޅަށް ފިޔަވަޅުތައް ހަރުދަނާ ކުރުމަށް ކުރި ކަމެއް ވެސް އޮތީ ސުވާލު މާކެއްގެ ތެރޭގަ އެވެ.
ހަމަ ޔަގީނުން ވެސް ގައުމީ ސަލާމަތާބެހޭ ގާނޫނެއް އަދި ޑްރާފްޓުވެގެން މަޖިލީހާ ހަމައަށް ނާދެ އެވެ. ނަޝީދަށް ދިން ހަމަލާއަށް ފަންޑުކުރި ބަޔެއް ހޯދިފައިނުވާއިރު، އެފަދަ ޓެރަރިސްޓު ހަރަކާތްތަކަށް ފައިސާ ހޯދައި ގޮތް ދެނަގެނެ، އެ ހުއްޓުވަން މާލީ އިދާރާތަކުގެ ގާބިލުކަން އިތުރު ކުރެވުނު ކަމެއް ވެސް ނޭނގެ އެވެ.
ރާއްޖޭގެ ތާރީހު ދުށް އެންމެ ނުރައްކާތެރި ހަމަލާއަށް އަހަރު ދުވަސްވީއިރު، މީގެ ތެރެއިން ގިނަ ސުވާލުތަކަށް އަދިވެސް ޖަވާބު ނުލިބޭ ކަމީ ގިނަ ބަޔެއްގެ ކަންބޮޑުވުމެކެވެ. އެކަންކަން ރަނގަޅަށް ސާފުނުވާހާ ހިނދު، ދީނީ ހަރުކަށި ފިކުރު މޫލައި، ހަނގުރާމަވެރި ތަމްރީން ލިބިގެން ތިބި ހާހަކަށް ވުރެ ގިނަ މީހުން ރާއްޖޭގައި ތިބި ކަމަށް ސަލާމަތީ ހިދުމަތްތަކުގެ އަމިއްލަ އިއުތިރާފުން އެނގެން އޮތް އިރު، މިފަދަ އިތުރު ހަމަލާއެއް ހުއްޓުވުމުގެ ނިޒާމާމެދު އޮތް ސުވާލުތައް ދެމި އޮންނާނެ އެވެ.
Comment