Advertisement

ވ. ތިނަދުއަށް ދިރުން ގެނައި އާ އިންޖީނުގެ: ގެސްޓުން މީގެ ފަހުން 'ބޭޑް ރިވިއު' އެއް ނުލިޔާނެ

18 ޖަނަވަރީ 2022 - 09:44 1

ނާޒިމް ހަސަން

ނާޒިމް ހަސަން

ވ. ތިނަދޫގައި ދެ މީހަކު މަސައްކަތުގައި: ރަށުގެ މެދުން ބާ އިންޖީނުގެ ބަދަލުކުރުންވީ ރައްޔިތުންނާއި ގެސްޓުންނަށް ބޮޑު ފަސޭހައަކަށް - ފޮޓޯ: މުހައްމަދު އަފްރާހު


ވ. ތިނަދުއަށް ދިރުން ގެނައި އާ އިންޖީނުގެ: ގެސްޓުން މީގެ ފަހުން 'ބޭޑް ރިވިއު' އެއް ނުލިޔާނެ

18 ޖަނަވަރީ 2022 - 09:44 1

ވާވު ތިނަދޫގެ މާހައުލުގެ ހިތްފަސޭހަކަމާއި ރީތި ގޮނޑުދޮށުގެ ތާޒާކަމާއި ގެސްޓްހައުސްތަކުގެ ތަނަވަސްކަމުގެ އުފާ ލިބިގެން ކޮންމެ ގެސްޓަކު ވެސް އެ ރަށުން ފައިބަނީ 'އަދިވެސް އަންނާނަން' ކަމަށް ބުނަމުންނެވެ. ރަށާމެދު އެމީހުން ލިޔާ ރިވިއުތަކުގައި އޮންނަނީ ތައުރީފެވެ.

އެކަމަކު, އެ ތައުރީފުގެ ކޮންމެ ރިވިއުއެއްގެ ފަހަތަށް 'ބޭޑް ރިވިއު' އެއް ވެސް އެބަ ހިމެނެ އެވެ. އެ ހުރިހާ ބޭޑް ރިވިއުތައް އަމާޒުވަނީ ހަމަ އެންމެ މައްސަލައަކަށެވެ. އެއީ, އެ ރަށު މެދުގައި ހުރި ބާ އިންޖީނުގެ އެވެ.

"އަޅުގަނޑުމެން ހެސްކިޔާފައި އުފާކޮށްދީފައި ނެރޭ ގެސްޓު މީހާ ވެސް ލިޔާނެ ރިވިއުގަ އިންޖީނުގޭގެ އަޑުގަދަ ވެގެން އެ މައްސަލަ, ގެސްޓަކު ފެންނައިރަށް އަބަދުވެސް ހިތަށް އަރަނީ އެ އަންނަނީ އެއްކަލަ ޝަކުވާކުރުމަށޭ," ތިނަދޫގައި އެންމެ ގަދައަށް ގެސްޓްހައުސް ހިންގަމުން އަންނަ ޕްލޫމޭރިއާގެ ވެރިޔާ އަބްދުލްއަޒީޒް ފާހަގަކުރެއްވި އެވެ.

އަބްދުލްއަޒީޒް ތިނަދޫގައި ހިންގާ ދެ ހޮޓަލެއް ހުންނަނީ ރަށު މެދުގައި ހުރި އިންޖީނުގޭގެ ދެ ފަރާތުގަ އެވެ. އެއް ހޮޓަލާއި އިންޖީނުގޭގެ ދެމެދަށް އޮންނަނީ ދެ މީހަކު އެކުގައި ކިރިޔާ ހިނގާލާފައި ދެވޭހާ ހަނި ގޯޅިއެކެވެ. ދުމާއި އަޑުން ކުޑަ ނަމަވެސް މިންޖެއް ހޯދުމަށް އަޒީޒު ވަނީ އިންޖީނުގެއާ ދިމާގައި ބޮޑު ޓިނުގަނޑެއް ވެސް ވިއްދާފަ އެވެ. އެކަމަކު, އެ ފަރާތުގެ ކޮޓަރިތައް ވިއްކޭ ގޮތެއް ނުވެ އެވެ. ހުންނަނީ ފަޅަށެވެ.

މީގެ 10 އަހަރު ކުރިން ތިނަދޫގައި ގެސްޓްހައުސް އަޅަން އަޒީޒު ނިޔަތް ގަތްއިރު ވެސް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ އިންޖީނުގެ އެވެ. އެ ތަން ހުރި ހާލަތެވެ. ދުމާއި އަޑާއެކު, ފެންވަރު ރަނގަޅު ހޮޓަލްތަކެއް ހިންގޭވަރުގެ ކެޕޭސިޓީއެއް ވެސް އެ ތަނުގައި ނެތުމެވެ. އޭރު އެތަނުން ކޮންމެ މަހަކު 40,000 ރުފިޔާގެ ގެއްލުން ސްޓެލްކޯއަށް ވަމުންދިޔަ އެވެ. އެހެންވެ, ފެންވަރު ރަނގަޅު ހޮޓަލްތައް ހިންގުމުގެ މަގުސަދުގައި އަޒީޒު ބޭނުންވީ އިންޖީނުގެ ގަނެ، އެތަން އޭނާ ހިންގުމަށެވެ.

ތިނަދޫގެ ރަށު މެދުގައި ހުރި ބާ އިންޖީނުގެ: އެ ތަނުން އިވޭ އަޑާއި ނުކުންނަ ދުން އޮތީ ތަކުލީފަކަށްވެފައި - ފޮޓޯ: މުހައްމަދު އަފްރާހު


ނަމަވެސް, ސްޓެލްކޯއިން އެތަން ދޫނުކޮށް ތަރައްގީކުރާނެ ކަމުގެ ޔަގީންކަން ދިނެވެ. އާ އިންޖީނުގެއެއް އަޅައި އަޑާއި ދުމުން ގެސްޓްހައުސް ސަލާމަތް ކުރާނެ ކަމުގެ ވައުދުވި އެވެ. އެކަމަކު, 10 އަހަރު ވެގެން ދިޔައިރު ވެސް ކަން އޮތީ ހަމަ އޮތް ގޮތަށެވެ. އަޒީޒު އަމިއްލައަށް ޖަނަރޭޓަރެއް ރަށަށް އެރުވިއިރު ވެސް ރަށުގެ އިންޖީނުގޭގެ ކެޕޭސިޓީ އޮތީ އޮތް ގޮތަށެވެ.

ތިނަދޫގައި އެންމެ ފުރަތަމަ ކަރަންޓުގެ ހިދުމަތް ދެމުން އައީ އަމިއްލަ ފަރާތަކުންނެވެ. އެއީ, މިހާރު އެ ރަށުގެ ކައުންސިލްގެ ނައިބު ރައީސް އަބްދުالله ޒަރީރެވެ. އޭނާ ވިދާޅުވީ, ތިނަދޫއަށް ކަރަންޓް ދޭން ފެށީ ފަސްކިލޯ ވޯޓްގެ ދެ ޖަނަރޭޓަރަކާއެކު ކަމަށެވެ. އޭގެފަހުން 15 ކިލޯވޯޓްގެ ޖަނަރޭޓަރެއް އަދި ފަހުން 25 ކިލޯވޯޓްގެ ޖަނަރޭޓަރެއް ހޯދައި ރަށަށް ކަރަންޓު ދެމުންދިޔަ އެވެ.

އެގޮތުގައި 11 ވަރަކަށް އަހަރު ރަށަށް ޒަރީރު ކަރަންޓު ފޯރުކޮށްދިނުމަށްފަހު, ރައްޔިތުން އަމިއްލައަށް ކުރާ ކަމެއްގެ ގޮތުގައި އެކަން ކުރަން ފެށީ އެވެ. އެފަހުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ސިޔާސަތަށް ގެނައި ބަދަލުގެ ދަށުން ތިނަދޫ ރައްޔިތުންގެ އިންޖީނުގެއާ ސްޓެލްކޯއިން ހަވާލުވީ އެވެ.

ޒަރީރު އަދި އަޒީޒު: ރަށު މެދުން ބާ އިންޖީނުގެ ނަގައި ރަށަށް މުޅިން އާ ބަދަލެއް ގެނައުމުން ވެގެން ގޮސްފައިވަނީ ދެ ބޭފުޅުންނަށް ވެސް ބޮޑު އުފަލަކަށް - ފޮޓޯ: މުހައްމަދު އަފްރާހު


ޒަރީރު ވިދާޅުވީ ރައްޔިތުންނަށް ބަދަލު ދިނުމަށްފަހު ސްޓެލްކޯއިން ކަރަންޓުގެ ހިދުމަތް ރަށުގައި ފެށި ފަހުން އެ ރަށުގައި ކަރަންޓު ބޭނުން ކުރާ ވަރު އެތައް ގުނައެއް އިތުރުވެ, އެތަނަށް ނުތަކާވަރުވި އެވެ. އަދި, އިންޖީނުގެ ހުރި ތަނުގެ ގޮތުން އާންމު ރައްޔިތުންނާއި ގެސްޓުންނަށް އެތައް ތުރާލަކާ ކުރިމަތިލާން ޖެހުނު ކަމަށް އޭނާ ބުންޏެވެ.

"އެއީ ސައިލެންސަރެއް އެއްޗެއް ވެސް ހުރި ތަނެއް ނޫން, ވަރަށް އާދައިގެ ގޮތަކަށް ހުރި އިމާރާތެއް, ވަރަށް ބޮޑަށް އުނދަގޫވަމުން ދިޔަ, އިރުވައި މޫސުމުގައި ހުދުކުލަ ލާފައި ހުންނަ ކޮޓަރިތައް ވެސް ހަމަ ކަޅުވޭ, އާންމު އުނދަގުލަކަށް ވެފައި އޮތީ," ޒަރީރު ވިދާޅުވި އެވެ.

އެ ގެނދަބުޅިތަކުން ތިނަދޫގެ ރައްޔިތުން ސަލާމަތް ކުރައްވާނެ ކަމުގެ ވައުދު އެ ރަށަށް ކެމްޕެއިންގައި ވަޑައިގެން, ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވި އެވެ. އެ ވައުދާ އެއްގޮތަށް އެކަމުގައި އިސްނަންގަވައިގެން ސްޓެލްކޯގެ އެމްޑީ ހަސަން މުޣުނީ މަސައްކަތް ފެއްޓެވި އެވެ. އެ މަސައްކަތް ފެށިތާ ދެ އަހަރު ފަހުން, އެ ރަށަށް މިއަދު ދިޔައިރު ތިނަދޫގެ ބަނދަރާ ދިމާލުން އެއް ކައިރީގައި އެ ހުރީ ވަރުގަދަ ބޮޑު އިންޖީނުގެއެކެވެ.

ތިނަދޫގެ ޒަމާނީ އާ އިންޖީނުގެ: އެތަނުގެ ބޭރަށް އަޑާއި ދުމެއް ބޭރެއް ނުވޭ - ފޮޓޯ: މުހައްމަދު އަފްރާހު


ގަދަފަދަ ފަރުމާއަކާއެކު, ބޭރަށް އަޑު ނުދާ ގޮތަށް ހަދާފައިހުރި އެ އިންޖީނުގޭގައި 920 ކިލޯވޯޓްގެ ކެޕޭސިޓީ އެބަހުއްޓެވެ. އެތަން އެމްޑީ މުޣުނީ ސިފަކުރައްވަނީ ރާއްޖޭގެ ރަށެއްގައި ހުރި އެންމެ ވަރުގަދަ އިންޖީނުގޭގެ ގޮތުގަ އެވެ.

"މި އިންޖީނުގެ ފުރިހަމަވެގެން އަންނައިރު މިވަރުގެ އިންޖީނުގެއެއް ރާއްޖޭގައި ނުހުންނާނެ ކަމަށް އެމްޑީ ވިދާޅުވެފައި އޮތީ. އަޑު ވެސް ވަރަށް މަޑު, ހުރިހާ ކަމެއް ގާތުން ކުރެވޭނެ އަދި އެންމެ ހިތްހަމަޖެހޭ އިންޖީނުގެއަށް ވާނެ," ތިނަދޫގެ ސްޓެލްކޯ އޮފީހުގެ މެނޭޖަރު އިބްރާހިމް ސަމީރު ވިދާޅުވި އެވެ.

ރަށު ތެރެއިން މިހާރު އަޑާއި ދުމާއި ގެނދަބުޅި ފިލާފައިވާއިރު ރަށު ކައުންސިލުގެ ނައިބު ރައީސް ޒަރީރު ވިދާޅުވި ގޮތުގައި, އާންމު އުނދަގުލުން ރައްޔިތުން މިހާރު ސަލާމަތްވެއްޖެ އެވެ. އޭނާ އެކަން ސިފަ ކުރެއްވީ ރަށުގެ އުމްރާނީ ތަރައްގީގެ ކުރިއެރުމަށް އިތުރުވި ބޮޅެއްގެ ގޮތުގަ އެވެ.

މިކަމުގެ އެންމެ ބޮޑު ތުރާލަކުން ސަލާމަތްވެ އުފަލުގައި ހުރީ އަޒީޒެވެ. މި ސަރުކާރާއި ސްޓެލްކޯގެ މަސައްކަތާމެދު ނުހަނު ފަހުރާއެކު, އޭނާ ވަނީ އެ މަސައްކަތުގައި އުޅުނު އެންމެންނަށް ވަރުގަދަ ކެއުމެއް ވެސް ދެއްވާފަ އެވެ. އަޒީޒު ހުންނެވީ އެހާ ވެސް ހިތްހަމަޖެހިފަ އެވެ.

ވ. ތިނަދޫގެ މަގެއް މަތި: އިންޖީނުގެ ބަދަލުކުރުންވީ ރަށަށް ލިބުނު ބޮޑު ލުޔަކަށް - ފޮޓޯ: މުހައްމަދު އަފްރާހު


"މިރަށުގެ ސްޓެލްކޯ މިއީ އާދަޔާ ހިލާފު ސްޓޯރީއަކަށް ވާނީ, އެއީ މިހާ ކުޑަ އާބާދީއެއް އޮންނަ ތަނަކަށް ސަރުކާރުން މިހާ ބޮޑު ހޭދައެއް ކޮށްގެން މިކަން ކުރީމަ, މިއީ މި ރަށުގެ ދިރުމާ ގުޅިފައިވާ ކަމެއް, ސްޓެލްކޯގެ މައްޗަށޭ މި ރަށުގެ އިކޮނޮމިކް ކުރިއެރުން ގެނެސްދެވޭނީ," އަޒީޒު ވިދާޅުވި އެވެ.

"އަޅުގަނޑަށް ވިސްނެނީ މި ރައީސަށް އެކަން ވިސްނުނީ ވަރަށް ރަނގަޅަށްހެން, އެއީ މީހުން މަދުވުމަކީ ރަށް ކުޑަވުމެއް ނޫން, މި ރަށުން އުފައްދާ ލާރިއާއި ޓެކްސްއަކީ އާބަދީގެ ނިސްބަތުން ބަލާއިރު ނަންބަރު ވަން, މިއީ އެންމެ ރަނގަޅަށް ހިނގާ އެންމެ ބޮޑު ފައިދާއެއް ނެރޭ ރަށް, ފައިދާވާ ކުންފުންޏެއް ގޮތަށް ސަރުކާރަށް ފައިދާވާ ރަށެއް މިއީ."

އަޒީޒު ފާހަގަކުރެއްވި ގޮތުގައި, އޭނާގެ ހުރިހާ ހޮޓެލެއްގައި ވެސް މިހާރު ހުރިހާ ކޮޓަރިއެއް އެބަ ބޭނުން ކުރެވެ އެވެ. ގެނދަބުޅިއާއި އަޑުފަށްގަނޑުން ސަލާމަތްވެ ހުރިހާ ކޮޓަރިއެއް ހުރީ ފުލްކޮށެވެ.

"އެހެންވީމަ މިއީ މިކަމާ ގުޅިގެން ވާހަކަ ދެއްކޭ ވަރަށްވުރެ ވެސް އުފާވެރިކަން ބޮޑު ކަމެއް," އަޒީޒު އޭނާގެ އިހްސާސްތައް ހާމަކުރަން މަސައްކަތް ކުރެއްވި އެވެ.

"ޓުއާ އޮޕަރޭޓަރުން ވެސް އަޅުގަނޑުމެންނާ ކުރަމުން އައި ސުވާލުތަކަށް ނިމުމެއް އައީ, އެ ލިޔާ ބޭޑް ރިވިއުތައް ވެސް ނިމުމަކަށް އައީ, މިއަދު އެކަމުން އަރައިގަނެވުނީ, އެހެންވީމަ އަޅުގަނޑުމެންނަށް ވަރަށް އުފާވެރިކޮށް މިއޮތީ."