Advertisement

ތިނަދޫން ރަށު ބޭރު މީހުންނަށް ގޯތި ދިނުން: މަގުސަދަކީ ކޮބާ؟

17 ޖަނަވަރީ 2022 - 11:13 3

މުހައްމަދު ހަމްދޫން

މުހައްމަދު ހަމްދޫން

ގދ. ތިނަދޫ

ތިނަދޫ ކައުންސިލުގެ ރައީސް ސައުދު "އަދަދު" އަށް އިންޓަވިއު ދެއްވަނީ. --ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ތިނަދޫން ރަށު ބޭރު މީހުންނަށް ގޯތި ދިނުން: މަގުސަދަކީ ކޮބާ؟

17 ޖަނަވަރީ 2022 - 11:13 3

ގދ. ތިނަދޫ

ގދ. ތިނަދޫ އިން ރަށުން ބޭރު މީހުންނަށް ގޯތި ދޭން އުޅޭ ވާހަކަ ކައުންސިލުން އިއުލާންކުރުމާ އެކު ނުރުހުމުގެ ރާޅެއް އުފެދިގެންދިޔަ އެވެ. ރަށުގައި ގޯތި ބޭނުންވާ އެތައް ބަޔަކު ތިއްބާ ރަށުން ބޭރުގެ މީހުންނަށް ދިނުމަކީ ހަމަޖެހޭ އުސޫލެއް ނޫން ކަމަށް ބުނެ ވާހަކަތައް ދެކެވެން ފެށި އެވެ. އެކަމަކު އަނެއް ބަޔަކު ބުނަމުން ދިޔައީ އެހެން ރަށްރަށުގެ މީހުންނަށް މާލޭން ބޯހިޔާވަހިކަން ލިބޭއިރު ރާއްޖޭގެ އެހެން ރަށްރަށުގައި ވެސް އެ ފުރުސަތު އޮންނަން ޖެހޭނެ ކަމަށެވެ. ގާނޫނު އަސާސީން ކަށަވަރުކޮށްދޭ ހަމަހަމަ ކަމަކީ އެއީ ކަމަށް ބުނެ ބަހުސްތަކެއް ހިނގަން ފެށި އެވެ.

ސުވާލަކީ ރަށުން ބޭރު މީހުންނަށް ބިން ދިނުމަކީ ތިނަދޫ ކައުންސިލުން ކޮން ވިސްނުމެއްގައި ކުރާ ކަމެއް ހެއްޔެވެ؟ އެގޮތަށް ދޫކުރާ ބިންތަކާ އެކު ތިނަދޫ ރައްޔިތުންނަށް ނިކަމެތިކަމެއް ލިބޭނެ ހެއްޔެވެ؟ މިކަމުގެ ފަހަތުގައި އޮތީ ކޮން ޕްލޭނެއް ހެއްޔެވެ؟

ތިނަދޫ ކައުންސިލުގެ ރައީސް ސައުދު އަލީ "އަދަދު" އަށް ވިދާޅުވި ގޮތުގައި ފުރަތަމަ ކަމަކަށް ތިނަދޫން ބިން ބޭނުންވާ ރައްޔިތުންނަށް ނުދީ އެހެން ބަޔަކަށް ބިން ދޭނެ އުސޫލެއް ނެތް ކަމަށެވެ. ކައުންސިލުގެ ސިޔާސަތަކީ ތިނަދޫގެ ރައްޔިތުންނެކޭ ވެސް އެއްގޮތަށް ރަށުން ބޭރު މީހުންނަށް ވެސް، ކަނޑައެޅިފައި އޮންނަ އުސޫލުގެ ތެރެއިން ބިން ނުވަތަ ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ދެން އެ ސިޔާސަތު ފުރިހަމައަށް، ކުރިއަށް ގެންދިއުމަށް ޓަކައި، ޑިމާންޑް އޮތް ވަރެއް އަޅުގަނޑުމެން ދެނެގަންނަން އެބަ ޖެހޭ. ސްޓްރެޓެޖީތަކެއް އަޅުގަނޑުމެން އެބަ އެކުލަވައިލަން. ހަރަކާތްތަކެއް ކުރިއަށް ގެންދާ އިރު އަޅުގަނޑުމެންނަށް އެބަ އެނގެން ޖެހޭ ސައްހަ އަދަދުތަކެއް. އެހެންވީމާ އެ މަސައްކަތް އަޅުގަނޑުމެން މިކުރަނީ. މިކަމުގެ ސަބަބުން، ތިނަދޫ ލޮބުވެތި ރައްޔިތުންނަށް ލިބެން ހުރި ގޯތިތަކެއް މަދެއް ނުވާނެ. އަދި އަޅުގަނޑުމެންނަށް ދެވެން ހުރި އެންމެ ގިނަ އަދަދަކަށް ތިނަދޫ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން މަސައްކަތްކުރާނަން ސަރުކާރާ ވާހަކަ ދައްކައިގެން،" އެމްޑީޕީ އަށް ނިސްބަތްވާ ސައުދު ވިދާޅުވި އެވެ.

ތިނަދޫގައި ސަރުކާރުން އަޅާފައިވާ ފްލެޓްތަކެއް. --ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ސައުދު ވިދާޅުވި ގޮތުގައި ވަކި އުސޫލެއްގެ ތެރެއިން ތިނަދޫން ބޭރު މީހުންނަށް ތިނަދޫގައި ދިރިއުޅުމުގެ ފުރުސަތު އޮތުމަކީ އެއީ މި ރަށުގެ ރައްޔިތުން އެދޭ އެދުމެއް ކަމަށާއި ތިނަދޫގައި މިވަގުތުވެސް އެތައް ރައްޔިތުން ތަކެއް ދިރިއުޅެމުން އެބަދޭ ކަމަށެވެ.

"(ރަށުން ބޭރު) ހާހެއްހާ އާއިލާތައް އެބަ ދިރިއުޅޭ (މިހާރު ވެސް). ހާއްސަކޮށް ރާއްޖޭގެ އެކި ހިސާބުތަކުގެ މީހުން އެބަ ބޭނުންވޭ ތިނަދޫގައި ދިރިއުޅެން. ނިމިދިޔަ ކައުންސިލްގެ ބުރަ މަސައްކަތުން، ތިނަދޫން ގޯތި ބޭނުންވާ ފަރާތްތައް ވަނީ ދެނެގަނެވިފައި. ގާތްގަނޑަކަށް ހާހެއްހާ ރައްޔިތުން އެބަ އުޅޭ ބޯހިޔާވަހިކަން ބޭނުންވާ. ހަމަ އެއާ އެކީގައި ރަށުން ބޭރުން ތިނަދޫގައި ވަޒަންވެރިވާން ބޭނުންވާ ނޫނިއްޔާ ތިނަދޫގައި ދިރިއުޅެން ބޭނުންވާ ފަރާތްތައް ދެނެގަތުމުގެ މަސައްކަތަށް މި ތައްޔާރުވަނީ ކައުންސިލުން. އެކަމުގެ އަމަލީ މަސައްކަތް ފަށްޓާފައި ވާނީ،" ސައުދު ވިދާޅުވި އެވެ.

ސައުދު ވިދާޅުވި ގޮތުގައި މިވަގުތު ތިނަދޫން ބޯހިޔާވަހިކަމަށް ފުރުސަތު ލިބިފައި މިވަނީ ވަރަށް މަދު އަދަދެއް ކަމަށާއި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް، ތިނަދޫގައި ވެސް ބޯހިޔާވަހިކަމުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އެހެންވީމާ އެ އަދަދު ގިނަ ކުރުމަށްޓަކައި، ތިނަދޫގައި ވަޒަންވެރިވާން ބޭނުންވާ އަދި ރައްޔިތުންގެ ތެރެއިން ގޯތި ބޭނުންވާ ގިނަ މީހުން އުޅޭކަން ސަރުކާރަށް ވެސް ހުށަހަޅަން އެބަ ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވީމާ އެ ސައްހަ މައުލޫމާތާ އެކީގައި ސަރުކާރަށް ހުށަހެޅުމުގެ ނިޔަތުގައި އަޅުގަނޑުމެން ކުރާ މަސައްކަތެއް މިއީ. އެއްވެސް ހާލެއްގައި ތިނަދޫ ރައްޔިތުންނަށް ގޯތި ނުދީ ނޫނިއްޔާ ބޯހިޔާވަހިކަމުގެ ފުރުސަތު ނުދީ، އެހެން ބަޔަކަށް ފުރުސަތުދޭން ކައުންސިލުން މަސައްކަތް ކުރަނީކީ ނޫން،" ސައުދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ތިނަދޫ ރައްޔިތުންގެ ތެރެއިން ގިނަ އަދަދެއްގެ ރައްޔިތުން ވެސް ވިސްނުމަކީ ތިނަދޫގެ ރައްޔިތުންނެކޭ އެއްގޮތަށް ރަށުން ބޭރު ފަރާތްތަކަށް ވެސް ހަމަހަމައަށް އެ ފުރުސަތު އޮންނަން ޖެހުން ކަމަށެވެ.

ތިނަދޫ ބަނދަރު ސަރަހައްދު. --ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


"ތިނަދޫއަކީ ވަރަށް ހުލްގު ހެޔޮ، ވަރަށް މީހުންނަށް ކަމޭހިތާ ރައްޔިތުން ތަކެއް ދިރިއުޅެމުން ދިޔަ، އަދި ދިރިއުޅެމުންދާ ރަށެއް. 1962 ވަނަ އަހަރު ތިނަދޫން މީހުން ބޭލި އިރު ވެސް ތިނަދުއަކީ ސަރަހައްދީ ލެވެލްގައި ބޮޑުއަކުރުން ފަވައިލެވޭ ރައްޔިތުންތަކެއް ދިރިއުޅުނު ރަށަކަށް ވީ އިރު ތިނަދޫގައި ހަމަ ފުރުސަތުތަކެއް އޮތުމަކީ ހަމަ ތިނަދޫގެ ރައްޔިތުން ވެސް އެދޭ އެދުމަކަށް ވާތީވެ، ރާއްޖޭގެ ރައްޔިތުންނަށް ފުރުސަތު އޮތްކަން ހާމަކޮށްދިނުމަށް ކައުންސިލުން ކުރިއަށް ގެންދާ ޕްރޮގްރާމެއް މި ޕްރޮގްރާމަކީ،" އޭނާ ވިދާޅުވި އެވެ.

ތިނަދޫގައި މިހާރު ވެސް ސަރުކާރުން ވަނީ ބިން ހިއްކައިފަ އެވެ. ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި އިތުރު ބިން ބޭނުންވޭބާވަ އެވެ؟ ތިނަދޫން މިވަގުތު ހިއްކާފައި އޮތް 55 ހެކްޓަރުގެ ތެރެއިން ބޮޑު ބަޔެއް ސިނާއީ މަސައްކަތްތަކާއި ސަރުކާރަށް ނަގާފައި، ދެން ހުރި މަދު ބިންތަކުގައި ބޯހިޔާވަހިކަމުގެ މަސައްކަތް ނުކުރެވޭނެ ކަމަށް ސައުދު ވިދާޅުވި އެވެ. އެހެންވެ އަދި އިތުރު ބިމެއް ހިއްކަން އެބަ ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވެ އަޅުގަނޑުމެން ބިން ހިއްކަން، ތިނަދޫ ކައުންސިލުން ތިނަދޫ ރައްޔިތުންގެ ފަރާތުން ސަރުކާރަށް ހުށަހަޅާ އިރު ދައްކަން އެބަ ޖެހޭ، އެފަދަ ބިމެއް ހިއްކަން ޖެހޭ ސަބަބެއް ދައްކަން. އެހެންވެ ބޯހިޔާވަހިކަމަށް ބޭނުންވެފައި ތިބި ރައްޔިތުންތަކެއް ތިބުމަކީ ސަރުކާރުން ވެސް ބިން ހިއްކުމަށް ލިބިގެންދާނެ ބާރަކަށް ވެގެންދާނެ. އަދި ކައުންސިލުން އެކަމަށް އެދޭ އެދުމަށް ލިބިގެންދާނެ ބާރަކަށް ވެސް ވާނެ،" ސައުދު ވިދާޅުވި އެވެ.

ސައުދު ވިދާޅުވީ ބިން ހިއްކާނެ ޖާގަ ތިނަދޫ ފަޅުގައި އެބައޮތް ކަމަށާއި އެގޮތުން އަދި 70 ހެކްޓަރުގެ ބިން ބޭނުންވާނެ ކަމަށެވެ. އެއާ އެކު 50،000 މީހުންގެ އާބާދީއަކަށް ތިނަދޫގެ ރަށްވެހިކަން ޕްރޮގްރާމެއް ބިނާކުރެވޭނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

"ތިނަދޫއަކީ އިގުތިސާދީ ގިނަ މަސައްކަތްތަކެއް ކުރެވޭނެ ފުރުސަތު އޮތް ރަށެއް. އެހެންވީމާ ސަރުކާރަށް ވެސް އެންމެ ލުއިގޮތަކީ އަދި އެންމެ ރަނގަޅުގޮތަކީ ވެސް، ތިނަދޫގެ ރައްޔިތުން މި އެދޭ ގޮތަށް، ތިނަދޫން ބިން ހިއްކައި، އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ރައްޔިތުން ތިނަދޫގައި ވަޒަން ވެރިވާން ބޭނުންވާ ފަރާތްތަކަށް ހަމަ އެފުރުސަތު ފަހިކޮށްދޭން ބޯހިޔާވަހިކަމުގެ ޕްރޮގްރާމްތަކެއް ވީހާވެސް ގިނައިން ހިންގުން،" އޭނާ ވިދާޅުވި އެވެ.

ސައުދު ވިދާޅުވި ގޮތުގައި ކައުންސިލުގެ ޕްލޭން ސާފު ކަމަށެވެ. ބޭނުމަކީ އިތުރަށް ބިން ހިއްކުމަށްޓަކައި، ބޯހިޔާވަހިކަން ބޭނުންވާ އަދަދު ހޯދުމެވެ. އެ އަދަދުގެ ތެރޭގައި ރަށު މީހުންނާއި ރަށުން ބޭރު މީހުންނަށް ވެސް ހިމަނަން ބޭނުންވެ އެވެ. އެ ދެބަޔާ އެކު އިތުރުކުރެވޭ އާބާދީއާ އެކު ތިނަދޫގައި ވަރުގަދަ އިގްތިސާދެއް އުފައްދައި ތަރައްގީގެ މަގުގައި ކުރިއަށް ދިއުމަކީ ކައުންސިލުގެ ވިސްނުމެވެ.

"ތިނަދޫ ރައްޔިތުން ބާކީނުވާނެ. އިތުރުވާ އާބާދީއާ އެކު ފައިދާވާނީ ތިނަދޫ ރައްޔިތުންނަށް، ތިނަދޫ އަށް،" އޭނާ ވިދާޅުވި އެވެ.