Advertisement

ފާނަ އާލާވާނެ ފުރުސަތެއް ނުދީ ބާނާ ހުސްކޮށްލަނީ!

13 ޖަނަވަރީ 2022 - 10:29 1

ހަސަން މުހައްމަދު

ހަސަން މުހައްމަދު


ފާނަ އާލާވާނެ ފުރުސަތެއް ނުދީ ބާނާ ހުސްކޮށްލަނީ!

13 ޖަނަވަރީ 2022 - 10:29 1

ދިވެހިން މަސްވެރިކަން ނުކުރާ ޒަމާނެއްގެ ވާހަކަ ދިވެހި ތާރީހުގައި ލިޔެފައެއް ނެތެވެ. ގާތްގަނޑަކަށް 3000 އަހަރުގެ މުއްސަނދި ތާރީހެއް އޮތް ދިވެހިރާއްޖޭގެ މަސްވެރިން، މީގެ 1000 އަހަރު ކުރިން ވެސް ސިލޯނާއި އިންޑޮނީޝިއާ އާއި ޕާޝިޔާ އާއި ޔަމަން ފަދަ ގައުމުތަކަށް މަސް ވިއްކި އެވެ.

އެތައް ގަރުނަކު މަސްވެރިކަން ކުރުމުން ދިވެހިން އެކަމަށް މޮޅުވެއްޖެ އެވެ. މިސާލަކަށް ފާނަ ބިސް ދޫކުރަން ދާ ސީދާ މަންޒިލް ދިވެހި މަސްވެރިންނަށް އެނގެ އެވެ. ފާނަ ބިސް ދޫކުރަނީ ހަނދުމަހުގެ މެދުގައިކަން މަސްވެރިންނަށް އެނގެ އެވެ. މިވެނި ދުވަހެއްގައި މިވެނި ފަރެއް ކައިރިއަށް ބިސް ދޫކުރަން ދާނެކަން އެނގެ އެވެ.

އަހަރުމެންނަށް ލިބިފައި ހުރި އެ އިލްމުގެ ބޭނުން އަހަރުމެން ހިފަނީ އެންމެ ރަނގަޅަކަށް ނޫނެވެ. މާ ގިނައިން މަސް ބާނަނީ އެވެ. އަދި އެ އާދަ ހިފަހައްޓާތާ ވެސް މާ ގިނަ ދުވަސްވެއްޖެ އެވެ. އަދި އޭގެ ނޭދެވޭ އަސަރު މިހާރު ފެންނަން ފަށައިފި އެވެ. މީގެ 70 ނުވަތަ 80 އަހަރު ކުރިން ބޭނި ސައިޒުގެ ފާނައެއް މިހާރު ރާއްޖެއަކުން ނުބޭނެ އެވެ.

"މުސްކުޅި މަސްވެރިން ކައިރީގައި އެހީމަ ބުނޭ އިހުގައި ބާނާ މަހަށް ކުޑައޭ. އެއީ ކީއްވެ؟ އެއީ މި އެއްޗެހި ބޮޑުވާން ފުރުސަތު ނުލިބެނީސް މި ނަގަނީ. މިހާރު ފާނަ އެހެރީ ޅަ އުމުރުގައި ބިސް ދޫކުރަން ދަސްކޮށްފައި. އޭގެ ބަޔޮލޮޖީ އެހުރީ ބަދަލުވެފައި، ސަވައިވަލްއަށް،" ސިކްސް ސެންސާސް ރިސޯޓުގެ ސަސްޓެއިނިބިލިޓީ މެނޭޖަރު އާދަމް ތަލްހަތު (އެޑަމް) ލާމު އަތޮޅުގައި ހުންނަވައި ފޯނުން ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.

ރާއްޖޭގައި ބާނާ ފާނައިގެ ވައްތަރުގެ ތެރެއިން އެންމެ ގިނައިން ބާނަ ވައްތަރުގެ މަހުގެ ސައިޒު ވަރަށް ބޮޑަށް ކުދިވެފައިވާކަން ދިރާސާތަކުން ވެސް ދައްކަ އެވެ. އަދި އެކަން އިހުގެ މަސްވެރިން ކައިރި އެހުމުން ވެސް ކިޔައިދެ އެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި ފާނަ ބޭނުމަށް އަހަރުމެން ގެންގުޅޭ ގޯސް އާދަ ދަމަހައްޓައިފި ނަމަ މަސް ހުސްވުމުގެ ބިރު ވެސް އެބަ އޮތެވެ. ސަބަބަކީ ދުނިޔޭގެ ވަސީލަތްތަކަކީ ލިމިޓެއް ނެތި ލިބެން ހުންނަ ތަކެތި ކަމަށް ނުވާތީ އެވެ.

ހައްދުން ނެއްޓިފައި އޮތް ފާނައިގެ މަސްވެރިކަން

ރާއްޖެއިން ބޭރަށް ގެންދިއުމަށް ފާނައިގެ މަސްވެރިކަން އެންމެ ގަދައަށް ކުރަންފެށީ 1980 ގެ އަހަރުތަކުގައި ކަމަށް ބްލޫ ޕީސް ފައުންޑޭޝަނުން ބުނެ އެވެ. އެއިރު ފެށި އެ ވިޔަފާރި މުޅި ރާއްޖެއަށް 80 ގެ އަހަރުތަކުގައި ފެތުރުނެވެ.

މީގެ 10 އަހަރު ކުރިން 2011 ވަނަ އަހަރު ދިވެހިރާއްޖޭގައި ހެދި ދިރާސާއަކުން ދައްކާ ގޮތުގައި ދިވެހިރާއްޖޭގައި ބާނާ ފާނައިގެ ބޮޑުމިން ވަނީ ވަރަށް ބޮޑަށް ކުދިވެފަ އެވެ. މީގެ ސަބަބަކީ ބޮޑުމަސް ނެތުމެވެ. ފާނައަކީ ލަހުން ބޮޑުވާ އެއްޗެކެވެ. އެސޮރުމުން ސެކްޝުއަލީ މެޗުއާވުމަށް ފަހެއް ނުވަތަ ހަތް އަހަރު ނަގަ އެވެ. ފާނައިގެ މަސްވެރިކަން 1980 ގެ އަހަރުތަކުން ފެށިގެން ގަދަޔަށް ކުރަމުން ގޮސް މިހާރު ބޮޑު މަހެއް މަދުން ނޫނީ ނުފެނެ އެވެ. ފެންނަ މަސް ވެސް ރޭގަނޑު ޓޯޗު ހިފައިގެން ނިކުމެ، ވަކިން ބަލައި ހޯދައިގެން ބާނަނީ އެވެ.

"އެންމެ ގިނައިން ބާނާ ފާނައިގެ ވައްތަރުތަކުގެ 70 ޕަސެންޓު މަހަކީ ބޮޑުވުމުގެ ކުރިން ބާނާ މަސް. މާނައަކީ މަސް ބޭނުމުގެ ކުރިން އެސޮރުމެންނަށް ރީޕްރޮޑަކްޓް ކުރުމުގެ ފުރުސަތު ލިބިފައެއް ނުވެއޭ،" ލާމު އަތޮޅަށް ގޮސް ކުރި ސްޓަޑީއަކަށްފަހު ބްލޫ މެރިން ފައުންޑޭޝަނުން 2016 ވަނަ އަހަރު ބުނެފައިވެ އެވެ.

ބްލޫ މެރިން ފައުންޑޭޝަނުން ބުނާ ގޮތުގައި ބާނަންޖެހޭ މިންވަރަށްވުރެ ގިނައިން ލ. އަތޮޅުގައި އެކަނި ވެސް ފާނައިގެ މަސްވެރިކަން ކުރާތާ މަދުވެގެން 15 އަހަރުވެއްޖެ އެވެ. މި ހުރިހާ މަހަކީ ވެސް ރާއްޖެއިން ބޭރު ކުރުމަށް ބާނާ މަހެވެ. ތަޖުރިބާކާރުން ބުނަނީ މިއީ މަސްވެރިކަން ކުރަން ގޯސް ގޮތެއް ކަމަށެވެ.

"އަހަރުމެން ކޮން ބައަކަށް މި ކާން ދެނީ؟ އާދަޔާ ހިލާފަށް މަސް ބާނާފަ މި ފޮނުވަނީ ޖަރުމަނަށް، ޖަރުމަނު މީހުން ކާން. އަހަރުމެން ފާނަ ހެސްކިޔާފަ ބާނާފަ މި ފޮނުވަނީ ޝަންހާއީއަށް ޗައިނާ މީހުން ކާން. މީގައި ނޯންނާނެއެއްނު ލިމިޓެއް،" ކުރިން ވާހަކަ ދެއްކެ އެޑަމް ވިދާޅުވި އެވެ.

ޓެކްނޮލޮޖީގެ އާ އީޖާދުތަކާއެކު މަސްވެރިކަން އިތުރަށް ފުޅާވާއިރު އަހަރުމެންގެ ވިސްނުން އަދިވެސް ހުރީ ގިނައިން މަސް ބޭނޭނެ ގޮތްތައް ހޯދުން ކަމަށް އެޑަމް ބުންޏެވެ. ނަމަވެސް އެކަމަށް ދުނިޔެ ތައްޔާރު ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"ދެން އަހަރުމެން އަދި ޓެކްނޮލޮޖީ މެދުވެރިކޮށް މި ހޯދަނީ އެކަން މާ ރަނގަޅަށް ކުރެވޭނެ ގޮތްތައް. ނޭޗާގެ ރިސޯސާސް ހޯދަން އަހަރުމެން މި ޓެކްނޮލޮކީ މި ބޭނުން ކުރަނީ. އެކަމުގެ ނޭޗާ އެކަމަށް ތައްޔާރުތަ؟ ނޫން. ނޭޗާގެ ރިސޯސާސް އެއިރުން ހުސްވަނީ،" އެޑަމް ކިޔައިދިނެވެ.

ދިވެހިންގެ ކަނޑަކީ މުއްސަނދި ކަނޑެކެވެ. މަހުގެ ދިރުން ގިނަ، މަސް ވެސް ގިނަ ކަނޑެކެވެ. ނަމަވެސް މިއީ އަދަބަށް ދެމިގެންދާނެ ނިއުމަތެއް ކަމަށް ބަލައިގެންނުވާނެ އެވެ.

"ދުނިޔެއަކީ ވަށް ބޯޅައެއް. މި ބޯޅައިގަ ހިމެނޭ ގުދުރަތީ ވަސީލަަތްތައް ހުންނަނީ ހުސްނުވާ ގޮތަކަށް ނޫން. ފާނަ އަހަރުމެން ދިވެހި ކަނޑުން ބާނާފަ މި ވިއްކަނީ ޗައިނާ މީހުން ކާން. ޗައިނާ މާކެޓަކީ ހިނދޭނެ މާކަޓެއް ނޫން. އެކަމަކު ޗައިނާ މީހުން ކާން ބޭނުންވާ ވަރަކަށް މިތަނަކު މަހެއް ނެތް،" އެޑަމް ބުންޏެވެ.

ފާނައިގެ މަސްވެރިކަން ކުރާ ގޮތް ބަދަލު ކުރަން މިހާރު ވެސް ލަސްވެއްޖެ އެވެ. އެކަމަކު އަދިވެސް ފާނަތަކަށް ރަނގަޅު މާހައުލެއް ބިނާކުރުމުގެ ފުރުސަތު އަހަރުމެންނަށް އެބަ އޮތެވެ. ސަރުކާރުން މިހާރު ވަނީ އެކަމަށް ހާއްސަ ފިޔަވަޅުތަކެއް ވެސް އަޅާފަ އެވެ. ވަކި މިނަކަށްވުރެ ބޮޑު ނޫން މަސް ބޭރު ކުރުން ވަނީ މަނާކޮށްފަ އެވެ. އެ ގަވާއިދަށް އަމަލު ކުރޭތޯ ވަރުގަދައަށް ސަރުކާރުން ފާރަވެރިވާންޖެހެ އެވެ.