Advertisement

ދިވެހި ކޯޗުން ގައުމީ ޓީމާއެކު: މި ވާހަކަތަކަށް ބަލާލުން މުހިންމު

7 ޖަނަވަރީ 2022 - 09:43 1

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު


ދިވެހި ކޯޗުން ގައުމީ ޓީމާއެކު: މި ވާހަކަތަކަށް ބަލާލުން މުހިންމު

7 ޖަނަވަރީ 2022 - 09:43 1

ކޮވިޑް-19ގެ ސަބަބުން ލޮޅުން ނާރާ އެއްވެސް ސިނާއަތެއް ނެތެވެ. ރާއްޖޭގެ ސެމީ ޕްރޮފެޝަނަލް އިންޑަސްޓްރީއެއްގެ ގޮތުގައި ތަތްގަނޑު ޖަހާފައި އޮތް ކުޅިވަރު ވެސް އޮތީ ދާނެ މިސްރާބެއް ނެތި ހުއްޓާލައިފަ އެވެ. ސިއްހީ މުއައްސަސާތަކުގެ ރުހުން ނުލިބޭތީ، ގައުމީ ޓީމުތަކުގެ ޕްރެކްޓިސް ވެސް ފެށުނީ އެތައް ދަތިތަކެއް ތަހައްމަލުކުރުމަށް ފަހު އެވެ. ހޮޓެލް ޖެންގެ ބޯލް ރޫމްގައި ގައުމީ ފުޓްބޯޅަ ޓީމު ޕްރެކްޓިސް ކުރަން ޖެހުނެވެ. ވޮލީބޯޅަ ޓީމާއި ބާސްކެޓްބޯޅަ ޓީމު ޕްރެކްޓިސް ކުރަން ފުރުސަތު ލިބުނީ، ވެކްސިން ސެންޓަރެއްގެ ގޮތުގައި ބޭނުންކުރަމުން އައި، ސޯޝަލް ސެންޓަރުގެ އިންޑޯ ދޫކުރަން ހެލްތު މިނިސްޓްރީން އެއްބަސްވުމުންނެވެ. ރާއްޖޭގައި ކުޅިވަރު ގިންތި ކުރާ މިންވަރާއި ދޭ އަހައްމިއްޔަތުކަން މި ވަރުން ވެސް އެ އޮތީ ސާފުކޮށް ފެންނާށެވެ.

މި ފަދަ މާހައުލެއްގައި ރާއްޖޭގެ ކުޅިވަރު، ބަނަ ދެ އަހަރެއްހާ ދުވަސް ހޭދަކޮށް މިދިޔަ އަހަރުގެ ފަހު ކުއާޓަރުން ފެށިގެން އާ ފެށުމަކުން ކަންކަން ރަނގަޅު މިސްރާބަށް ގެންނަން މަސައްކަތް ފެށި އެވެ. ރާއްޖޭގެ އެންމެ ބޮޑު ތިން ކުޅިވަރުގެ ގޮތުގައި ޒަމާންތަކެއް ވަންދެން ދެމިއޮތް ފުޓްބޯޅަ އާއި ވޮލީބޯޅަ އަދި ބާސްކެޓްބޯޅައިގެ ފިރިހެން ޓީމުތައް މިދިޔަ އަހަރު ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކުރީ ދިވެހި ކޯޗުންގެ އިރުޝާދުގެ ދަށުންނެވެ.

ގައުމީ ފިރިހެން ފުޓްބޯޅަ ޓީމު ގޮވައިގެން މާލޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕަށް ނުކުތީ ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކޯޗު އަލީ ސުޒޭން އެވެ. ބަންގްލަދޭޝްގައި ބޭއްވި ސާބާ ޗެމްޕިއަންޝިޕަށް ގައުމީ ބާސްކެޓްބޯޅަ ޓީމު ގޮވައިގެން ނުކުތީ އަރަމުން އަންނަ ކޯޗު، އަދި ބާސްކެޓް ޓީމުގެ ކުރީގެ ކެޕްޓަން، އިލްޔާސް އިބްރާހިމް (އިއްލެ) އެވެ. އަދި ވޮލީ ފިރިހެން ޓީމާ ތިން ވަނަ ފަހަރަށް ހަވާލުވެ، އުނދަގޫ ހާލަތެއްގައި މި ފަހަރު ޓީމު ގޮވައިގެން ނުކުތީ މުހައްމަދު ސާޖިދު (ބޮޑުކާއްޓެ) އެވެ.

މި ތިން ކޯޗުންނަށް ވެސް އެކި ނޫސްވެރިންގެ ބައްދަލުވުން ނުވަތަ އިންޓަވިއުތަކުގައި އަމާޒުވި ސުވާލަކީ ދިވެހި ކޯޗުންނަށް ގައުމީ ޓީމު ގޮވައިގެން ކަމެއް ހާސިލް ނުވާނެތޯ އެވެ. ކާމިޔާބު ހޯދަން ބިދޭސީ ކޯޗުން ބޭނުންވާ. ވާހަކަ އާއި މީގެ ދިވެހި ކޯޗުންނަށް އޮތީ ކޮން ފުރުސަތެއްތޯ އެވެ.

ޖުމްލަކޮށް ބަލާއިރު، ރާއްޖޭގެ ކުޅިވަރު އޮތް ހާލަތުން އެއް ހަރުފަތް މައްޗަށް ޖައްސާލަން ބޭނުންވަނީ ޔަގީނުން ވެސް ބިދޭސީ ކޯޗުންނެވެ. އެކަމަކު، މީގެ ދިވެހި ކޯޗުން ލައިގެން ވެސް ކުރެވޭނެ ނުވަތަ ކުރެވޭނެ ކަންތައްތަކެއް އެބަހުއްޓެވެ. އަދި ބިދޭސީ ކޯޗުން ގެނަޔަސް ވަކި ކަންތައްތަކެއް ރަނގަޅުނުކޮށް ހާސިލްކުރެވޭނެ އެއް ކަމެއް ނެތޭ ބުންޏަަސް ދޮގަކަށް ނުވާނެ އެވެ. އެ ފަދަ ބައެއް ކަންކަން މި ތިން ކޯޗުން ވެސް ވަނީ ފާހަގަކޮށްފަ އެވެ.

ކޯޗުން ބުނީ ކީކޭ؟ ހައްލަކީ ކޮބާ؟

ތިން ވަނަ ފަހަރު މިއީ އެ ފަހަރޭ ކިޔައި، އެ އަޒުމުގައި ރާއްޖޭން އޮކްޓޫބަރު މަހު، އަމިއްލަ ފަސްގަނޑުގައި ކުޅުނު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރަން އަމާޒުހިފައިގެން ނުކުތެވެ. އެ މުބާރާތުގެ ފުރަތަމަ މެޗުން ނޭޕާލް އަތުން ބަލިވި ނަމަވެސް ދެން ކުޅުނު ދެ މެޗުން ވަނީ ބަންގްލަދޭޝާއި ސްރީ ލަންކާ ބަލިކޮށްފަ އެވެ. އެކަމަކު، ފަހު މެޗުން ވަރުގަދަ އިންޑިއާ އަތުން ބަލިވުމުން ރާއްޖެ އަށް ފައިނަލުގެ ފުރުސަތެއް ވެސް ނުލިބި މުބާރާތުން ކެޓީ އެވެ. އެއީ ގެއްލިފައި އޮތް ފުޓްބޯޅަ ފޯރި އާލާކުރަން ބަލާއިރު، އަތުން ދޫވެގެން ދިޔަ ބޮޑު ފުރުސަތެކެވެ.

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭން އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ނޫސްވެރިއަކު އޭރު ގައުމީ ހެޑް ކޯޗުގެ ޒިންމާއާ ހަވާލުވެހުރި ސުޒޭނާ ސުވާލުކުރީ ދިވެހިންނަށް ގައުމީ ޓީމުގެ ކޯޗުކަން ކުރެވިދާނެތޯ އެވެ.

"ދިވެހިންނަށް ނުވާނެއޭ ތިބުނަނީ ކޮން ގޮތަކަށް ބާއޭ، ޓެކްޓިކަލީ ޓީމު ތައްޔާރުކުރުމާއި ފިޓްނަސް މި ހުރިހާ އެއްޗެއް ބަޔަކާ ކޮމްޕީޓް ކޮށްލަން ޓީމެއް ތައްޔާރުކުރުން ނުވޭނެތޯއޭ. ކޮބާތޯއޭ ދިވެހިންނަށް ނުވާނެތޯއޭ އެ އަހާ ބޭސިސް އަކީ،" ދިވެހި ކޯޗުންނަށް ނުވާނެއޭ ބުނި ސުވާލަށް ސުޒޭން ޖަވާބު ދިނެވެ.

"އަޅުގަނޑަށް ވިސްނޭ ގޮތުގައި ދިވެހިންނަށް ނުވާންވީ ސަބަބެއް ނެތް. ދިވެހިންނަށް މިކަން ވާނެ. ދިވެހިންނަށް މިކަން ވާނެ ކަމުގެ ވަރަށް ގިނަ ޕޮޒިޓިވް ކަންތައްތަކެއް ވެސް ފެނިގެން ހިނގައްޖެ. ދިވެހިން ވަރަށް ބޭނުންވި ކަމެއް އެއީ މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ތަށި ދިފާއުކުރަން. އެކަމަކު، އެކަން ނުވެ މިދިޔައީ."

ގައުމީ ޓީމުގެ ޕްރެކްޓިސް ސެޝަނެއްގެ ތެެރެއިން ސުޒޭން (ކ) ފޭދޫ އިއްބެ އަށް ބުނެދެނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު


ސުޒޭން ބުނީ ކަންތައް ހިނގާ ގޮތަށް ބަލައި، ރަނގަޅު ދިރާސާތަކެއް ނުހަދައި، ދިވެހި ކޯޗުންނަށް ނުވާނެއޭ ބުނުން އެންމެ ރަނގަޅެއް ނޫނެވެ. އެކަން އެގޮތަށް ކަނޑައަޅައިފިނަމަ، އޭގެއިން އެ ކުރެވޭ ކަމަކީ ކުރިއަރަން ތިބި ދިވެހި ކޯޗުންގެ ހިތްމަރާލުމެވެ. ސުޒޭން ދެކޭގޮތުގައި ފެއިލްވި ސަބަބުތައް ދެނެގަނެ، އެ އަށް ހައްލެއް ހޯދުމަކީ ދެން އަންނަ ކޯޗަކަށް ވެސް އައިސް އަދާކުރަން ޖެހޭ ވަޒީފާ ފަސޭހަކޮށްދޭން ކުރެވިދާނެ ކަމެކެވެ.

އިންޑިއާ އަތުން ބަލިވި ގޮތަށް އިޝާރާތްކޮށް ސުޒޭން ބުނީ އިންޑިއާ އިން ގައުމީ ޓީމެއް އެކުލަވާލަނީ ވަރުގަދަ ދެ ލީގަކުން ކުޅުންތެރިން ފުރާނައިގެން ކަމަށެވެ. ރާއްޖޭން ވެސް ސަރަަހައްދުގެ ގަދަ ބާރެއްގެ ގޮތުގައި އޮތް އިންޑިއާގެ މައްޗަށް ކުރިހޯދާނަމަ ނޫނީ ސަރަަހައްދުގައި ރާއްޖޭގެ ފުޓްބޯޅައިގެ ހައިސިއްޔަތު ދަމަހައްޓާނަމަ ކުރަން ޖެހޭނެ ކަމަކީ ލީގު ވަރުގަދަ ކުރުމެވެ.

ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި، ވަރުގަދަ ޗައިނާ ގޮވައިގެން ރާއްޖެ އައިސް ދިވެހި ޓީމާ ކުޅުނު މެޗަށް ފަހު އިޓަލީ އަށް 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ތަޖުރިބާކާރު ކޯޗު މާސެލޯ ލިއްޕީ ވެސް ފާހަަގަކުރި ކަމަކީ ދިވެހި ކުޅުންތެރިން މަތީ ފެންވަރަށް ތަރައްގީ ކުރެވޭ ވަރުގެ "ކޮލިޓީ" ލީގެއް އޮންނަ ޖެހޭ ކަމެވެ.

ދެ އަހަރެއްހާ ދުވަހު ކުޅިވަރަކާ ދުރު ތިބި ކުޅުންތެރިންތަކެއް އަލުން މައިދާނަަށް ގެނެސް މަހެއްހާ ދުވަހު ތަމްރީންކޮށްފައި، މުބާރާތަކަށް އެންމެ ރަނގަޅު ލެވަލަށް ތައްޔާރުކުރުމަކީ ވާނެ ކަމެއް ނޫނެެވެ. އެކަަމަކު، ވެވުނު ވަރަކުން އެ ފަދަ މަސައްކަތެއް ރަނގަޅަށް ކުރެވޭނެ ކަމުގެ އުއްމީދުގައި މި ފަހަރު ގައުމީ ވޮލީ ޓީމާ ހަވާލުވީ ކޯޗު ކާއްޓޭ އެވެ.

ނޭޕާލުގައި 2019 ވަނަ އަހަރު ޑިސެމްބަރު މަހު ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި ކުޅުމަށް ފަހު، ކޮވިޑްގެ ހާލަތާ ހެދި ގައުމީ ފިރިހެން ވޮލީ ޓީމު ތިބީ ޕްރެކްޓިހެއް ވެސް ނުކޮށްލަ އެވެ. މި ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހު ކުޅުންތެރިންގެ ފިޓްނަސް އާއި އެހެނިހެން ކަންކަން ހީނުކުރާހާ ދަށަށް ދިޔަ އެވެ.

އެކަމަކު، މިދިޔަ މަހު ބަންގްލަދޭޝްގައި ބޭއްވި ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަށް ޓީމު ތައްޔާރުކުރަން ކޯޗު ކާއްޓޭ ހަވާލުވީ އުނދަގޫ ހާލަތެއްގެ ތެރެއިން ވޮލީ އަށް މުސްތަގުބަލެއް ހޯދައިދީ، ރަނގަޅު މަސައްކަތެއް ކުރުމުގެ އަޒުމުގަ އެވެ.

ޓީމެއް އެކުލަވާލައި، މާލޭގައި ސްރީލަންކާ އާއި އިންޑިއާގެ ކްލަބެއް ކަމަށްވާ ހައިދަރުއާބާދު ސްޕައިކާސްއާ ދެކޮޅަށް ޖުމްލަ ހަ މެޗެއް ކުޅުނެވެ. މުބާރާތަށް ދާން އޮއްވައި، ޓީމަށް ކޮވިޑް-19ގެ ކަންތައްތަކެއް ކުރިމަތިވެ، ދެ ކުޅުންތެރިއަކު ނުލައި، ބަންގްލަދޭޝަށް ގޮސް މުބާރާތް ކުޅެން ޖެހި، ރާއްޖެ ޖެހުނީ މޮޅެއް ނުލިބި މުބާރާތް ނިންމާލާށެވެ.

ލަންކާއާ ދެކޮޅަށް މާލޭގައި ކުޅުނު މެޗެއްގެ ތެރެއިން ކޯޗު ކާއްޓޭ ޓީމުގެ ކުޅުންތެރިންނާ ވާހަކަދައްކަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ކޯޗު ކާއްޓެ އަށް ވެސް ކުރިމަތިވި އެއް ސުވާލަކީ ދިވެހި ކޯޗުން ލައިގެން ކުރިއެރުމެއް ނެތީތޯ އެވެ.

"ހަގީގަތުގައި ދިވެހި ކޯޗުން ބޭރު ކޯޗުން ގޮތަށް ޓެކްނިކަލީ އެހާ މޮޅުނުވެދާނެ. އެެހެން ނަމަވެސް ރާއްޖޭގެ ވޮލީ އެންމެ ރަނގަޅަށް އެނގޭނީ ދިވެހި ކޯޗުންނަށް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. ދެން އަޅުގަނޑު މިހެން ބުންޏަސް ކުރިއަށް އޮތްތަނުގައި ދިވެހި ކޯޗުންނަށް ބޭރުގެ ރަނގަޅު ޓެކްނިކަލް ޑިރެކްޓަރެއްގެ އެހީތެރިކަން ބޭނުންވޭ. އެ ނޫން ގޮތަަކަށް އަޅުގަނޑުމެން ވެސް ކުރިއަށް ނުދާނެ،" ހައިދަރުއާބާދު ސްޕައިކާސް އަތުން ފިރިހެން ވޮލީ ޓީމު މޮޅުވި ފުރަަތަމަ މެޗަށް ފަހު ދިން އިންޓަވިއުގައި ކޯޗު ކާއްޓޭ ބުންޏެވެ.

"ޓެކްނިކަލް ޑިރެކްޓަރަކާ އެކީގައި އޭނަގެ ޕްރޮގްރާމަކާ އެކީ މަސައްކަތް ކުރަން ފެށީމަ އަޅުގަނޑުމެން ދިވެހި ކޯޗުން ވެސް ކުރިއަރާނެ. އަޅުގަނޑުމެން މިތިބި ހިސާބުން އަދި މުޅި އެތި ބަދަލެއް ނުކުރެވޭނެ."

ކާއްޓޭގެ ވާހަކަތަކަށް ބަލާއިރު، ހަގީގަތުގައި ޓެކްނިކަލް ސަޕޯޓް ދިވެހި ކުޅިވަރުތަކަށް މިހާރަށް ވުރެ ބޮޑަށް ބޭނުންވެ އެވެ. ތަރައްގީ ވަމުން އަންނަ ގައުމުތަކާއި ކުޅިވަރުގެ އެންމެ މަތީ ފަންތީގައި އޮތް ގައުމުތަކުން ވެސް ކުޅިވަރުތަކުގައި ކުރިއެރުން ހޯދަނީ އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކާއި އިލްމީ މީހުންގެ އެހީތެރިކަން ވީ އެންމެ ބޮޑަށް ބޭނުންހިފައިގެންނެވެ. ރާއްޖޭގެ ވޮލީ ވެސް މަތީ ހަރުފަތަށް ގެންދެވޭނީ ކާއްޓޭ ދެކޭ ގޮތުގައި ޓެކްނިކަލީ ގިނަ ބަޔަކު ފަހުގެ ވޮލީ އަށް އަހުލުވެރި ކޮށްގެންނެވެ.

މި ފަހުގެ ތާރީހަށް ބަލާއިރު، ބާސްކެޓަކީ މަތީ ފެންވަރުގެ ކޯޗެއް ގެނެސް ގައުމީ ޓީމު ހަވާލުކުރި އެއް ކުޅިވަރެވެ. އެކަމަކު، ބޭނުންވާ މިސްރާބަށް ނުދެވި، ބާސްކެޓުން ވެސް ކޮވިޑް-19ގެ ބްރޭކަށް ފަހު އަލުން ކުޅިވަރުގެ ކަންކަން ރާވައި، ހިންގަން ފެށީ ދިވެހި ކޯޗުންގެ ބެލުމުގެ ދަށުންނެވެ.

އެ ގޮތުން ގައުމީ ޓީމުގެ ކޯޗުކަން ކުރީގެ މަޝްހޫރު ކުޅުންތެރިޔާ، އިއްލެއާ ހަވާލުކޮށް ކޯޗިން ޓީމުގައި ވެސް ހިމެނީ ދިވެހި ބާސްކެޓްބޯޅައިގައި މިހާތަނަށް ފެނުނު ރަން ޖީލުގައި ހިމެނޭ މުހިންމު ތަރިންނެވެ. އޭގެ ތެރޭގައި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ، މުހައްމަދު ޒިލާލް (ޒިލާ) އާއި އަލީ ފަޒްލީގެ އިތުރުން ބާސްކެޓް ކޯޗު މުހައްމަދު ނަސީރު (މޮއްޑެ) ހިމެނެ އެވެ.

ޕީއެސްއެމްގެ "ކުޅިފަސް" ޕްރޮގްރާމްގައި ވާހަކަ ދައްކަމުން އިއްލެ ފާހަގަކުރި އެއް މުހިންމު ޕޮއިންޓަކީ ދިވެހި ކޯޗުންނާ ގައުމީ ޓީމެއް ހަވާލުކުރިޔަސް މީގެ ވިސްނަން ޖެހޭ ކަންތައްތައްކަށް، ވަރަށް ފުޅާކޮށް ނަޒަރު ހިންގާލުމުގެ މުހިންމު ކަމެވެ.

"ދިވެހި ކޯޗުންނަށް ފުރުސަތު ދިނީމަ މި ވާގޮތަކީ ބައެއް ފަހަރު ބައެއް މީހުންނަށް ހީވޭ އެއް ފަހަރުން ނަތީޖާ ނެރެންޖެހޭނެއޭ. އެއް ފަހަރުން ގޯލްޑް މެޑަލް ލިބެން ޖެހޭނެއޭ. އެއީކީ އަސްލު ހަގީގަތުގައި ވާން ޖެހޭ ގޮތަކީ،" އިއްލެ ބުންޏެވެ.

"މީގެ އަބަދުވެސް މެޓާވާނީ އަންނަ ރިޒަލްޓް. ކިތަންމެ ރަނގަޅަށް ޕްރެޕެއާ (ތަައްޔާރު) ވިޔަސް ކިތަންމެ ރަނގަޅަށް ކަންކަން ގެންދިޔަސް. ރިޒަލްޓް ގޯސްވިއްޔާ. ގިނަ ފަހަރަށް ކޯޗު ނޫނީ ކޯޗުންތައް ގޯސްވާނީ. ލިބޭ ނަތީޖާ އަކީ ކޯޗު ރަނގަޅުތޯ ބަލާ އެއްޗެއް. އެކްސްޕާޓުން ނޫނީ ކަމުގެ ހަގީގަތް ބަލާ މީހުން ބަލާނެ ތައްޔާރީތަކަށް. ކުޅިވަރު އެނގޭ ތަޖުރިބާކާރުން ބަލާނެ ހުރިހާ ކަމަކަށް،"

ގައުމީ ބާސްކެޓްބޯޅަ ޓީމުގެ ޕްރެކްޓިހުގެ ތެރެއިން ކޯޗު އިއްލެ (ކ) އެ ޓީމުގެ އަންފާލް އަށް ބުނެދެނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު


އިއްލެ ވަނީ ރާއްޖެ އަންނަ ބިދޭސީ ކޯޗުންނަށް ދިމާވާ ގޮންޖެހުންތަކުގެ ބައެއް ކަންކަން އޭނާގެ ތަޖުރިބާގެ އަލީގައި ކިޔައިދީފަ އެވެ. އިއްލެ ބުނީ ބިދޭސީ ކޯޗުން އަންނަނީ އެ މީހުންގެ އަމިއްލަ ފިލޯސަފީ އާއި ގޭމްޕްލޭން އަދި ޓެކްޓިކްސް ހިފައިގެން ކަމަށާއި އެކަމަކު، ގިނަ ފަހަރު އެއީ ދިވެހި ކުޅުންތެރިން މި ދިރިއުޅޭ މާހައުލާއި ސަގާފަތާ އެންމެ ގުޅޭ ކަންކަމަށް ނުވެދާނެ ކަމަށެވެ.

"ކޯޗުންގެ ސިކުނޑީގައި ނުހުރޭ މި ކުޅުންތެރިންނަކީ އަށް ގަޑިއިރު ވަޒީފާ އަދާކުރާ ކުޅުންތެރިން ކަމެއް. މި ކުޅުންތެރިންނަކީ އަނބިދަރިންނާ އެއްކޮށް ގޭގެ މަސައްކަތް ކުރާ ކުޅުންތެރިންކަމެއް. އެެހެންވެ، ދިގު ޓްރެއިނިން އެއް ކުރިއަށް ގެންދާއިރު، ކުޅުންތެރިންނަށް އެކްސްޓާނަލް ސައިކޮލޮޖިކަލް ޕްރެޝަރުތަކެއް ވެސް އާދޭ. އަންނަ ކޯޗުންނަކަށް މި ރީޖަންގައި ރާއްޖޭގެ ސްޓޭޓަސް އާއި އެހެން ގައުމުތަކުގެ ކަންކަން ގިނަ ފަހަރު ނޭނގޭ،" އިއްލެ ބުންޏެވެ.

ހަރުދަނާ ސިސްޓަމެއް އޮތުމުގެ މުހިންމުކަން

ތިން ކޯޗުން ދެއްކި ވާހަަކަ އަށް ޖުމްލަކޮށް ބަލާއިރު، ކޮންމެ ކުޅިވަރެއްގައި ވިޔަސް ގައުމީ ޓީމަކާ ހަވާލުކުރާ ކޯޗަކަށް ކުރިއަށްދެވޭނެ މިސްރާބެއް ފެންނާނެ ފަދަ ހަރުދަނާ ސިސްޓަމެއް އޮންނަން ވާނެކަމުގެ މުހިންމުކަން އެނގުނެވެ. ހުނަރުވެރި ކުޅުންތެރިން އުފެއްދޭނެ ގޮތެއް އޮންނަން ވާނެ އެވެ. ގައުމީ ޓީމަށް ބޭނުންވާ ލެވަލްގެ ކުޅުންތެރިން ތައްޔާރުކުރެވިފައި ހުންނަން ވާނެ އެވެ.

ރާއްޖޭގެ އެއްވެސް ކުޅިވަރެއްގައި ދެމެހެއްޓެނިވި ޓެލެންޓް ހަންޓިން ނޫނީ ހުނަރުވެރި ކުޅުންތެރިން ހޯދާނެ ސްކައުޓިން ސިސްޓަމެއް ނެތްއިރު، ޖަޒީރާކޮށް މި އޮތް ރާއްޖޭގައި އުފެދޭ ހުނަރުވެރި ކުޅުންތެރިން ކުޅިވަރުގެ އެންމެ މަތީ ފަޑިއާ ހަމައަށް ގެނެވޭ ފަދަ މެކޭނިޒަމެއް އޮންނަން ޖެހޭނެ އެވެ. ތަރައްގީވެފައިވާ ގައުމުތަކުން ކުޅިވަރު ކުރިއަރުވަން މަަސައްކަތް ފަށާ ގްރާސްރޫޓް ލެވަލް ރާއްޖޭގައި ވެސް މިހާރަށް ވުރެ ބޮޑަށް ރަނގަޅުކުރަން އެބަޖެހެ އެވެ. ލޯކަލް ހުނަރު ތަރައްގީކޮށް، ރާއްޖޭގެ ގައުމީ ލެވަލްގެ މުބާރާތްތަކުގެ ފޯރި މިހާރު އޮތް ލެވަލަށް ވުރެ އެތައް ގުނައެއް މައްޗަށް ޖައްސައިގެން މެނުވީ، ދެން ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ ދާން ބޭނުންވާ މިސްރާބަަށް ނުދެވޭނެ އެވެ.

ގައުމީ ޓީމާ ހަމައަށް ކުޅުންތެރިއަކު ގެންދަން ބިންގާ އަޅާ ހިސާބުން ފެށިގެން، އެ ކުޅުންތެރިއަކު ގައުމީ ޓީމު ތަމްސީލްކުރާ ހިސާބާ ހަމައަށް ދަންދެން އޮންނަން ޖެހޭނީ ދެފުށް ފެންނަ ކުޅިވަރުގެ ރަނގަޅު އުސޫލު ދަސްކޮށްދޭ ނިޒާމެކެވެ. ކުޅުންތެރިން ޑިވެލޮޕްކުރަން ޖެހޭނީ ވެސް އެ ނިޒާމުގެ ތެރެއިންނެވެ. އޭރު ކޮންމެ ކޯޗެއް ހުއްޓަސް ފަސޭހަވާނެ އެވެ. މީގެ މުހިންމީ ގައުމީ ޓީމުގެ ޒިންމާ ނަަގައިގެން ހުންނަ ކޯޗަށް ވުރެ، އެ ތަނުގައި އަމަލުކުރަން އޮންނަ ސިސްޓަމް ކޮންމެ ކަމެއް ކުރިއަރުވަން ވެސް ފަސޭހަވެފައި އޮތުމެވެ.