Advertisement

ވައްކަން ހުއްޓުވައި ފެނަކައިން ކަރަންޓުގެ ވައުދު ފުއްދައިފި

11 ޖަނަވަރީ 2022 - 08:16 0

އަހުމަދު ސައީދު

އަހުމަދު ސައީދު

ސައީދު މި ނޫހަށް އިންޓަވިއު ދެއްވަނީ: ވިދާޅުވީ އޭނާ މަގާމާ ހަވާލުވިއިރު ތެލުގައި ގޮތުގައި ކުންފުނީގެ ފައިސާގެ މަތީ ޕަސެންޓޭޖެއް ހަރަދު ކުރާ ކަމަށް -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ވައްކަން ހުއްޓުވައި ފެނަކައިން ކަރަންޓުގެ ވައުދު ފުއްދައިފި

11 ޖަނަވަރީ 2022 - 08:16 0

ރާއްޖޭގެ އެންމެ ބޮޑު ޔުޓިލިޓީ ކުންފުންޏަކީ ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ހިދުމަތް ދޭ ފެނަކަ ކޯޕަރޭޝަން އެވެ. މީގެ ދެތިން އަހަރު ކުރިއަށް ޖެހިލާއިރު، ކުންފުނީގެ ހައިބަތާއި ރީތިނަން ކިލަނބުވެފައި އޮތީ ވައްކަމާއި ފަސާދަ އާއި ކޮރަޕްޝަނުންނެވެ. އެކަށީގެންވާ ހިދުމަތެއް ފޯރުކޮށް ނުދެވުމުގެ ސަބަބުން ރަށްރަށުން ދޭތެރެ ދޭތެރެއިން ކަރަންޓު ކެނޑި ރައްޔިތުން ކަނު އަނދިރީގަ ތިބެން ޖެހުނެވެ.

މިހާރު މީ އެ ދުވަހެއް ނޫނެވެ. ރާއްޖޭގެ 70 ޕަސެންޓު އާބާދީއަށް ހިދުމަތް ދޭ ކުންފުނިން ވަނީ ގޮންޖެހުންތަކާއި ކުރިމަތިލައި ހުރިހާ ދިމާލަކުން ވެސް ބޮޑެތި ކާމިޔާބީ ތަކެއް ހާސިލުކޮށް، ފެނަކައިގެ ރީތިނަން އަނބުރާ ހޯދާފަ އެވެެ.

ކަންކަން ހަމަ މަގަށް އެޅުވުމުގެ މަރުހަލާ ފެށުމުން އެންމެ ބޮޑު ފާޑުކިއުންތަކާއި ހުރަސްތަކެއް ކުރިމަތިވެ ވަޑައިގަތް މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ވިދާޅުވީ ދެވޭ ހިދުމަތް ރައްޔިތުން ގިނަ ފަހަރު ގަބޫލު ނުކުރާ ކުންފުންޏެއް ގޮތުގައި ލޭބަލުވެފައި އޮތް ފެނަކައިގެ، ކިލަނބުވެފައިވާ ނަން ރައްޔިތުން އިތުބާރު ކުރާ ރިތި ނަމަކަށް މިހާރު ބަދަލު ކުރެވިފައިވާ ކަމަށެވެ.

"ފެނަކަ އަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ފެނަކައިގެ ކިލަނބުވެފައިވާ ނަން އަނބުރާ ރީތި ނަމަކަށް، އިތުރުބާރު ހުރި ނަމަކަށް ބަދަލު ކުރުމަށް ކުރި މަސައްކަތް، އެއީ ވައްކަމާ ފަސާދަ އާ ކަރަޕްޝަން ފެނަކައިގެ ތެރެއިން ނައްތާލުމަށް ކުރަން ޖެހުނު މަސައްކަތް،" ސައީދު ވިދާޅުވި އެވެ.

އޭނާ ފާހަގަ ކުރެއްވި ގޮތުގައި ގިނަ ބަޔަކު ގުޅިގެން، ތެލުން ކުރަމުން ދިޔަ ވައްކަމުގެ ދޮރު ބަންދުކުރުމުގެ ރަނގަޅު ނަތީޖާ ކުންފުނީގެ ހިސާބުތަކުން ވަނީ ފެންނަން ފަށައިފަ އެވެ. ކުންފުންޏަށް ގެއްލުން ވަމުން ދިޔަ މައިގަނޑު ސަބަބަކީ ވެސް ތެލާ ގުޅިފައިވާ ވައްކަން ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑުމެން ހަވާލުވިއިރު ރެވެނިޔުގެ 79 އިންސައްތަ އަކީ ތެޔޮބިލަށް [ކުރި ހަރަދު]. މިވަގުތު މިއަދާ ހަމައަށް ތެލަށް ކުރާ ހަރަދަކީ 53 އިންސައްތަ، އެގޮތަށް އެކަން ކުރެވުނީ ވައްކަންކުރުން ހުއްޓުވުމަކަށް ގެނެސް އިސްރާފު ކުރުން ކުޑަކުރެވި، ރައްޔިތުންގެ އިންޖީނުގެތައް ހިންގުމަށް ގެނެވުނު ހަރުދަނާ ބަދަލުން،" އޭނާ ވިދާޅުވި އެވެ. "ފެނަކައިގެ ތާރީހުގައި ވަރަށް ގިނަ ބަޔަކު ކުރި ވައްކަމުގެ ނަތީޖާ ރެވެނިއުގެ ބޮޑު ބައެއް ތެލަށް ހަރަދުކުރަން ޖެހުމަކީ."

ކޮރަޕްޝަނާ ދެކޮޅަށް ސަރުކާރުގެ "ޒީރޯ ޓޮލެރެންސް ޓު ކޮރަޕްޝަން" ސިޔާސަތު ދެމެހެއްޓުމުގެ އިގުރާރުގައި ފެނަކަ ކޯޕަރޭޝަންގެ ހުރިހާ މުވައްޒަފުން 2019 ވަނަ އަހަރުގެ ޖުލައި އެއް ވަނަ ދުވަހު ސޮއިކުރި އެވެ. އަދި ހަމަ އެއާއެކު ހިންގުމަށް ހަރުދަނާ ބަދަލުތަކެއް ގެނަ އެވެ.

މިހާރު ކަރަންޓެއް ނުކެނޑޭނެ

އަބަދުވެސް ކޮންމެ ވެސް ރަށެއްގަ ކަރަންޓު ކެނޑިގެން އުޅޭ ވާހަކަ ނޫސް ތަކުގައި މީގެ ކުރިން ޖަހަމުން ދިޔަ އެވެ. ފެނަކަ އިން މިދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ކުރި ބުރަ މަސައްކަތުން ކަރަންޓު ކެނޑުމަށް ވަނީ ނިމުން ގެނެސްފަ އެވެ. ފެނަކަގެ ސިޔާސަތަކީ އެ ރަށުން އަނެއް ރަށަށް ބާ ޖަނަރޭޓަރު ގެންގޮސްގެން ހިދުމަތް ދިނުމެއް ނޫނެވެ. ރައްޔިތުންނަށް ހަމަ ކަރަންޓު ފޯރުކޮށް ދިނުމުގައި ފެނަކައިން އިސްކަން ދިނީ ރައްޔިތުންގެ ވީރާނާ ވެފައިވާ އިންޖީނުގެތައް އެކަށީގެންވާ އިމާރާތަކަށް ބަދަލުކޮށް، އާ ޖަނަރޭޓަރު ހޯދާ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމަަށެވެ.

"ދިވެހި ރާއްޖޭގެ އެއްވެސް ރަށަކުން މިއަދު ކަރަންޓު ކެނޑިގެން ދިނުން މިއަދު މި އޮތި ނާދިރު ކަމަކަށް ވެފައި، ހަމަ އެއާއެކު ހަމަ ކަރަންޓު ނުލިބޭ އެތައް ބަޔަކަށް ހަމަ ކަރަންޓު ދިނުމުގެ ނަތީޖާ އަކީ ރައްޔިތުން ބަލައިގަތުން،" އޭނާ ވިދާޅުވި އެވެ.

އަންހެނުންގެ ދައުރު ފުޅާކޮށް ގިނަ ބަޔަކަށް ވަޒީފާ ދޭ ކުންފުންޏެއް

ކަރަންޓުގެ އިތުރުން ފެނާއި ނަރުދަމާގެ ހިދުމަތް ވެސް ފެނަ ކައިން ފޯރުކޮށް ދެ އެވެ. ފަސްދޮޅަސް ހަތަރު ރަށުގައި ފެނާއި ނަރުދަމާގެ ހިދުމަތް ދެމުން ގެންދާއިރު އިތުރު 16 ރަށުގައި ނަރުދަމާ ގާއިމުކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި 260 ޕްރޮޖެކްޓު މިވަގުތު ހިންގަމުން ގެންދެ އެވެ.

ވަރުބަލިކަމެއް ނެތި 24 ގަޑިއިރު ޔުޓިލިޓީ ހިދުމަތްތައް ފޯރުކޮށްދިނުމަކީ ކުންފުނީގެ ޓާގެޓެވެ. އިންޖީނުގެ އާއި އޮފީސް އިމާރާތް އެޅުމާއި ނެޓްވޯކް އަޕްގްރޭޑް ކުރުމާއި ތެޔޮ ތާނގި ބަނުމާއި ފެނާއި ނަރުދަމާ އާ ގުޅޭ އެކި އެކި މަސައްކަތްތައް ވެސް ބާރު ސްޕީޑުގައި ކުރިއަށް ގެންދެ އެވެ. މި ހުރިހާ ކަމެއްގައި 3،900 އަށްވުރެ ގިނަ މުވައްޒަފުން ހަރަކާތެރިވާއިރު، ފެނަކައަކީ މުވައްޒަފުންގެ އަދަދަށް ބަލާއިރު ވެސް ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުންޏެވެ.

އެއް ދުވަހުން އަނެއް ދުވަހަށް ކުރާ މަސައްކަތް އިތުވަމުން ދިއުމާއެކު މީހުން ބިނާ ކުރުމާއި ގިނަ ބަޔަކަށް ވާޒީގެ ފުރުސަތުތައް ހޯދައިދިނުމާ އަދި އަންހެނުން އެކި ދާއިރާތަކަށް ނެރުމަށް ފެނަކައިން ވަރަށް ބޮޑު އިސްކަންދެ އެވެ.

"ހަތްދިހަ އިންސައްތަ މުވައްޒަފުންނަށް އަލަށް ވަޒީފާ ދެވިއްޖެ، ފެނަކަ އިންސްޓިއުޓުން 1،700 މުވައްޒަފުން ތަމްރީނު ކުރެވިއްޖެ. ރީޑިން ނެގުމުން ފެށިގެން ޕެނަލް ބޯޑު ރޫލައި ރޭވުން ފަދަ މަސައްތަތުގައި އަންހެން މުވައްޒަފުން އެބަ އުޅޭ،" ފެނަކައިން ހިންގަނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލުކުރާ ފެންވަރުގެ ކޯސްތައް ކަމަށް ފާހަގަ ކުރައްވަމުން ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވީހާ ގިނަ ބަޔަކަށް ވަޒީފާ ފުރުސަތު ތަނަވަސްކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ.

ފެނަކަގެ މިސްރާބު އިޔާދަ ކުރަނިވި ހަކަތަ އަށް

ރާއްޖެ ކާބަން ނިޔުޓްރަލް ގައުމަށް ހެދުމަށް، 2030 ވަނަ އަހަރަށް ކަނޑައަޅާފައިވާ ލަނޑުދަނޑިއަށް ވާސިލު ވުމަށް ފެނަކަ ކޯޕަރޭޝަނުން ވަނީ މިސްރާބު ޖަހައިފަ އެވެ. ގޭގޭގައި ސޯލާ ޕެނަލް ހަރުކުމުގެ ބޮޑު ޕްރޮޖެކްޓެއް ހިންގުން ތިމާވެއްޓާ ބެހޭ މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ފެނަކަ އާ ވަނީ ހަވާލުކޮށްފަ އެވެ. ގޭގޭގައި ސޯލާ ޕެނަލް ހަރުކޮށްދޭން ފެށުން ވެގެން ދަނީ ސާފު ވެއްޓަކަށް، ކުރެވޭ އިންގިލާބީ މަސައްކަތަކަށެެވެ. މިހާރު ވެސް ފެނަކައިން ސޯލާ އިން ކަރަންޓު އުފައްދަމުން ގެންދެ އެވެ.

"އަޅުގަނޑުމެން މި ވިސންނަކީ 2023 ވަނަ އަހަރު ނިމުނުގެ ކުރިން (ފެނަކަ އިން ހިދުމަތް ފޯރުކޮށްދޭ އަބާދީގެ) 70 ޕަސެންޓް ސޯލާ އަށް ބަދަލުކުރެވޭތޯ އެ ޕްރޮޖެކްޓު ވަރަށް ބާރަށް ކުރިއަށް އެބަ ގެންދަން،" ސައީދު ވިދާޅުވި އެވެ.

ސެންޓްރަލް ޕާވާ ސްޓޭޝަންތައް ގާއިމު ކުރުމަކީ ގެންގުޅޭ ވިސްނުމެއް

ރާއްޖޭގެ ރަށެއްގައި އަޅާ އެންމެ ބޮޑު އިންޖީނުގެ ގދ. ތިނަދޫގައި ގާއިމުކޮށް ވަރަށް އަވަހަށް ނިމޭނެ އެވެ. ފެނަކައިގެ ވިސްނުމަކީ، ބޮޑެތި އިންޖީނުގެތައް ގާއިމުކޮށް ކައިރީ ހުުންނަ ރަށްތަކަށް އެއް އިންޖީނު ގެއަކުން ކަރަންޓު ފޯރުކޮށްދިނުމެވެ. އެހީ ހަރަދުގެ ގޮތުން ބަލާއިރު ވެސް ފައިދާ ބޮޑު ހިދުމަތުގެ ފެންވެރު ވެސް ރަނގަޅު ވާނެ ގޮތެކެވެ.

"އަޅުގަނޑުމެން ދެވަނަ ވިސްނުމަކަށް މި ގެންގުޅެނީ ސެންޓަރަލް ޕަވާ ސްޓޭޝަން މެދުވެރިކޮށް ކަރީގައި ފަސޭހައިން ގުޅާލެވެން ހުރި ރަށްތައް ގުޅާލުން،" ސައީދުގެ ވިސްނުން އޭނާ ހިއްސާ ކުރެއްވި އެވެ.

އެއް ވިއުގައަކުން ގުޅާލާ ރަށްތަކުގެ ތެރޭގައި ލ. އަތޮޅުން އިސްދޫ، ކަލައިދޫ، ދަނބިދޫ އާއި ބ. އަތޮޅުން ގޮއިދޫ، ފުޅަދޫ، ފެހެންދޫ ފަދަ ރަށްތައް ހިނެ އެވެ. އަދި ލ.ގަމުގައި ހުރި ތިން އިންޖީނުގެއެއް އެއް އިންޖީނުގެއަށް ބަދަލު ކުރުމުން ހަރަދުން މަހަކު 18،000ރ. ސަލާމަތް ކުރެވުނު ކަމަށް ސައީދު ވިދާޅުވި އެވެ.

ތެޔޮ ރައްކާކުރެވޭނެ ގާބިލުކަން އިތުރުކުރުމަށްފަހު، ފެނަކައިގެ އިންޖީނުގެތަކަށް ބޭނުންވާ ޑީސަލް އަމިއްލަށް އެތެރެ ކުރުމަށް ވެސް ފެނަކައިން ވިސްނަމުންގެންދާ ކަމަށް ސައީދު ވިދާޅުވި އެވެ.

މިހާރު މީ ފެނަކައަށް އުޖާލާ ދުވަސްތަކެއް

އެތައް ރަށެއްގައި އެއް ވަގުތެއްގައި ހިނގަމުންދާ މަސައްކަތްތައް ހެޑް އޮފީހުން ވަގުތުން ބަލާލެވެ އެވެ. ކަރަންޓާ ފެނުގެ ހިދުމަތާއި ގުޅޭ ރިޕޯޓުތައް ދުވަހުން ދުވަހަށް ހެޑް އޮފީހުން ބަލަމުން ގެންދެ އެވެ. އިންޖީނުތައް ހިންގީ ކިތައް ގަޑިއިރު ތޯ އާއި ކަރަންޓު އުފެއްދުނު ވަރާއި ތެޔޮ އެޅިވަރާއި ތެޔޮ ބަދަލުކުރިތޯ ވަރަށް ގާތުން ބަލައެވެ. ރައްޔިތުންގެ ފުރާނަ އާ ގުޅިފައިވާ ފެން ކޮންމެ ދުވަހަކު ވެސް ޓެސްޓު ކުރެ އެވެ.

ސްމާޓް މީޓަރު ހަރުކުރުމާއި ރީޑިން ނެގުމަށްފަހު ވަގުތުން ބިލު ޕްރިންޓުކޮށްފައި ދިނުން ފަދަ ކަންތައް ތަކަކީ ފެނަކައިން ހިދުމަތުގެ ފެންވަރަށް ގެނެސްފައިވާ ކުރިއެރުމެވެ.

"މިހާރު އެއް ދުވަހު ރީޑިން ނަގާފައި 10 ވަނަ ދުވަހު ބިލު ހަދާ ނިޒާމެއް ނޫން މި އޮތޯ، އެ ރީޑިން ނަގާ ވަގުތު އެ ކަސްޓަމަރަަކަށް ވަގުތުން ވަގުތަށް ބިލު ލިބޭނެ،" ސައީދު ވިދާޅުވި އެވެ.

ސައީދު އިތުރަށް ވިދާޅުވީ މިދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ކުރެވުނު މަސައްކަތުން ސަރުކާރުން ވެފައިވާ ކަރަންޓުގެ ވައުދު މިހާރު ފުއްދައި ދެވިއްޖެ ކަމަށެވެ. އެންމެ ބޮޑު އެއް މަސައްކަތެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވީ މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ހުރި އިންޖީނުގެތައް އެކަހެރި ސަރަހައްދުތަކަށް ބަދަލު ކުރުމެވެ.

"ކަރަންޓު ދިނުމަށް ކަރަންޓު ކެނޑުމަށް ސަރުކާރުން ވީ ވައުދު، ހާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގެ ހުރި އިންޖީނުގެތައް އެކަހެރި ތަނަކަށް ބަދަލުކުރުމަށް ވެވަޑައިގެންނެވި ވައުދު މިހާރު ފުރިހަމަ ވެފައި ވަނީ،" އޭނާ ވިދާޅުވި އެވެ.

ސައީދު ވިދާޅުވި ގޮތުގައި ފެނަކައިގެ އަމާޒަކީ ސަރުކާރާއި އެމްޑީޕީގެ ވެސް އަމާޒެވެ. އެ އަމާޒަކީ ދެމެހެއްޓެނިވި ގޮތަކަށް އިތުބާރާ އެކު ރައްޔިތުންނަށް އަސާސީ ހިދުމަތް ފޯރުކޮށް ދިނުމެވެ.

"އެ އަމާޒަށް ވާސިލުވެވިއްޖެ ކަމަށް އަޅުގަނޑުމެން ގަބޫލު ކުރަނީ،" ސައީދު ވިދާޅުވި އެެވެ.