Advertisement

ކުޑައިރު ކުރާ ޖިންސީ ގޯނާ: ފަރުވާ ބޭނުންވާ، އުމުރު ދުވަހުގެ އަނިޔާއެއް

9 ޖަނަވަރީ 2022 - 09:00 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ކުޑައިރު އަނިޔާ ލިބޭ ކުއްޖަކު ބޮޑުވުން ވެސް އޭގެ އަސަރު ކުރާކަން ދައްކުވައިދޭ ފޮޓޯއެއް: ރާއްޖޭގެ ބޮޑުވާ ޒުވާން އުމުރުފުރައިގެ 15 ޕަސެންޓު ކުދިންނަކީ ޖިންސީ އަނިޔާ ލިބިފައިވާ ކުދިން -- ފޮޓޯ: އަދަދު


ކުޑައިރު ކުރާ ޖިންސީ ގޯނާ: ފަރުވާ ބޭނުންވާ، އުމުރު ދުވަހުގެ އަނިޔާއެއް

9 ޖަނަވަރީ 2022 - 09:00 0

މިއަދު ވެސް އޭނާގެ ސިކުނޑީގައި އެނބުރެނީ އެ ހިޔާލެވެ. ދީމާ (އަސްލު ނަމެއް ނޫން)، 26، އޭނާގެ ފިރިމީހާއާ ކައިވެނި ކުރީ ލޯބިންނެވެ. އުފާވެރި ދިރިއުޅުމެއް ހޭދަކޮށް، އާއިލާއެއް ބިނާ ކުރުމަށެވެ. އެކަމަކު ކައިވެނީގެ ފުރަތަމަ ރޭ އެ ދެމަފިރިންގެ ދެމެދަށް ވަނީ މާ ކުރީގެ މައްސަލައެކެވެ. ދީމާއަށް ގަބޫލު ކުރެވެނީ އެއީ އޭނާގެ މައްސަލައެއް ކަމެވެ.

މިގޮތަށް ވިސްނޭ ކޮންމެ ރެއަކު ދީމާގެ ހިޔާލުތައް ދަތުރު ކުރަނީ މީގެ 15 އަހަރު ކުރިން ހިނގައިދިޔަ އެ ހާދިސާއަށެވެ. އެ ދުވަހު އަވައްޓެރިޔާ އެދުމުން، އޭނާއާއެކު ނުދެވުނު ނަމައޭ ދީމާ ހިތައް އަރަ އެވެ. އެއިރު އެންމެ 11 އަހަރު ނަމަވެސް އެވަރުގެ "މޮޔަ" ކަމެއް ކުރުމަކީ އޭނާގެ މައްސަލައެއް ކަމަށް ދީމާގެ ހިތައް އަރަ އެވެ.

"މިހާރުވެސް ހީވޭ ގައިގަ އަތްލާހެން. ކައިރީގަ އެ މީހާ ހުންނަހެން. އަބަދުވެސް އުނދަގޫވޭ. ބިރުގަނެފަ ހުންނަނީ މީހަކު ކައިރި ވިޔަސް. ނިދާފަ އޮއްވާ މީހަކު ކައިރިވިޔަސް އެނގޭނެ. ގައިގަ އަތް ނުލާ ފިރިމީހާ ކައިރި ވިޔަސް ކޮއްޕާލެވޭނެ،" ކުޑައިރު ކުރިމަތިވި ޖިންސީ އަނިޔާގެ ސަބަބުން އަދިވެސް ނަފްސާނީ މައްސަލަ ތަހައްމަލް ކުރަމުންދާ ދީމާ ކިޔައިދިނެވެ.

ދީމާ ފަދައިން، ރާއްޖޭގެ ބޮޑުވާ ވަރަށް ގިނަ ކުޑަކުދިންނަކީ ޖިންސީ ޝިކާރައަކަށްވެފައިވާ ވިކްޓިމްސް އެވެ. ރާއްޖޭގައި ހަދާފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރު އުމުރުފުރައިގެ 15 ޕަސެންޓު ކުދިންނަކީ ކޮންމެވެސް އެއްގޮތަކުން ޖިންސީ އަނިޔާ ލިބިފައިވާ ކުދިންނެވެ. ޖެންޑާ މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، ކުޑަކުދިންނަށް ޖިންސީ ހާނިއްކަކޮށްގެން 316 މައްސަލައެއް އެ އޮފީހަށް 2018 ވަނަ އަހަރު އޮތީ ހުށަހަޅައިފަ އެވެ.

ޖިންސީ އަނިޔާއަށް ހުށަހެޅޭ ކޮންމެ ކުއްޖަކީ ނަފްސާނީ ފަރުވާ ބޭނުންވާނެ ކުދިންނެވެ. އެ ކުދިންނަށް މުޖްތަމައުގައި ފިކުރެއް ނެތި ހެލިފެލިވެ އުޅުމުގެ ޖާގަ ލިބޭނީ އަނިޔާގެ ސަބަބުން ލިބޭ ނަފްސާނީ މައްސަލަތަކަށް ފަރުވާއެއް ހޯދައިދީގެންނެވެ.

އަނިޔާ ލިބިފައި ހުރި ކަމުގެ ނިޝާންތައް އަދި ކުރެވިދާނެ ބައެއް ކަންކަން

ޗައިލްޑް ފެމިލީ އެންޑް ޕްރޮޓެކްޝަން ސާވިސާސްގެ ސައިކޮލަޖިސްޓް މަރިޔަމް ޝަހުނާ ވިދާޅުވީ ކުޑަކުދިންނަށް ލިބޭ އަނިޔާގެ ސަބަބުން އެ ކުއްޖާގެ މުޅި ދިރިއުޅުމަށް އޭގެ އަސަރު ކުރާނެ އެވެ. ހާއްސަކޮށް އޭގެ އަސަރު އެންމެ ބޮޑަށް ކުރަނީ ކުޑައިރު ލިބޭ ޖިންސީ އަނިޔާ ނުވަތަ ޖިންސީ ގޯނާގެ މައްސަލަތަކުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވި އެވެ.

ޅަ އުމުރު:

ރަނގަޅަށް ވާހަކަ ދައްކަން ނޭންގޭ ނުވަތަ ވާހަކަ ދައްކާ އުމުފުރައިގެ ކުއްޖަކަށްވާ ނަމަވެސް އެފަދަ އަނިޔާއެއް ލިބިފައިވާނަމަ ބައެއް ކުދިންނަށް ބަދަލު އާދެ އެވެ. އަނެއްބައި ކުދިންގެ ފަރާތުން އެއްވެސް ތަފާތެއް ނުވެސް ފެނިވެސް ހުރެ އެވެ.

"ވަރަށް ނޯމަލްކޮށް އުޅެފާނެ. ވަރަށް ހެޕީކޮށް ހުރެދާނެ. ނޯމަލީ ކުޅޭހެން ކުޅެވެސް އުޅެދާނެ. އެކަމަކު ރަނގަޅަށް ބަލައިފިނަމަ ފެންނާނެ އެހެން ކަންކަން އެފަދަ ކުއްޖެއްގެ ކިބައިން،" ޝަހުނާ ކިޔައިދިނެވެ.

ޖިންސީ ގޯނާއެއް ލިބިފައިވާ ކުއްޖަކަށް ދިމާވާނެ ސައިކޮލަޖިކަލް ސިމްޕްޓޮމްސް:

  • ނިދަން އުނދަގޫވުން.
  • ބިރުވެރި ހުވަފެން ފެނިގެން ހޭލުން.
  • ނިދާފަ އޮވެފައި ކުއްލިއަކަށް ސިއްސައިގެން ގޮސް ހޭލެވުން.
  • ނެޕީ ޓްރެއިން ކޮށްފައި ހުރި ކުއްޖެއް ތަންމައްޗަށް ހީސްލާން ފެށުން
  • ވަރަށް ގިނައިން ކުއްޖާއަށް ޔޫރިން އިންފެކްޝަން ޖެހުން

ޖިންސީ ގޯނާއެއް ލިބިފައިވާ ކުއްޖަކަށް ދިމާވާނެ ފިޒިކަލް ސިމްޕްޓޮމްސް:

  • ވެޖައިނަލް އޭރިއާ ކަނޑައިގެން ދިއުން

ގާތް މީހެއް ނުވަތަ އިތުބާރު ހިފޭ މަގާމެއްގައި ހުރި މީހެއްގެ ފަރާތުން ލިބޭ އަނިޔާގެ ސަބަބުން ގާތް މީހުންނަށް އިތުބާރުކުރަން އުދަގޫވެ އެވެ. އެގޮތުން ކުއްޖާއަށް ރައްކާތެރިކަން ގޭތެރޭން ނުލިބުމުން ބޭރުތެރޭން ރައްކާތެރިކަން ހޯދަން އުޅޭ ކަމަށް ޝަހުނާ ވިދާޅުވި އެވެ.

"އެ ކަހަލަ ކުދިންނަކަށް ނޭންގޭނެ ގިނަ ފަހަރަށް މި ވަނީ ކިހިނެއް ކަމެއް. ކުޑައިރު ޖިންސީ އަނިޔާއެއް ނުވަތަ ގޯނާއެއް ލިބިފައިވާނަމަ ބައެއް ފަހަރަށް އެހެން ކުދިންނަށް އެ ކަހަލަ ކަންކަން ކިޔައިދީ ދަސްކޮށްދީ ނުވަތަ އެކުދިން ލައްވާ ކުރުވާ."

ފުރާވަރު:

އެފަދަ އަނިޔާއެއް ތަހައްމަލުކޮށްފައިވާ ކުޑަކުއްޖަކު ފުރާވަރަށް އެޅުމުން އުޅުމަށް ބަދަލު އާދެ އެވެ. އެގޮތުން ޖިންސީ ކަންތައްތަކަށް މާ ބޮޑު ފަރުވާލެ ނުބެހެއްޓޭ ގޮތަށް އެ ކުދިން އާދަތައް ބައްޓަންކުރާ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

"ބޮޑުވަމުން އަންނަ ވަރަށް ނުވަތަ ބޮޑުވެ ފުރާވަރަށް އެރުމުން ކުދިން ބޭނުން ކުރަން ފަށަނީ ރިސްކީ ބިހޭވިއާސް. ބައެއް ކުދިން މަސްތުވާތަކެއްޗަށް. އަނެއްބައިކުދިން ސެކްޝުއަލީ އެކްޓިވްވެދާނެ. މިސާލަކަށް ހޭވިންގ ސެކްސް ވިތް ރެންޑަމް ސްޓްރޭންޖާސް،" ޝަހުނާ ވިދާޅުވި އެވެ.

އެއީ ގޯސްކަމެއްކަން ކުއްޖާއަށް އެނގުމުން އެފަދަ ވާހަކަތައް ބޮޑެތި މީހުންނާ ނުދައްކާ ހުރެ އެވެ. ނަމަވެސް އެއްކޮށް އުޅޭ އެއް ފުރާގެ ކުދިންނާއެކު ޖިންސީ ގުޅުމާއި އެފަދަ ވާހަކަތައް ދައްކާނެ ކަމަށް ވެސް ޝަހުނާ ވިދާޅުވި އެވެ.

ޒުވާން އުމުރު:

ކުޑައިރު ލިބޭ އަނިޔާގެ ‏ސަބަބުން ކުދިންގެ ހެދި ބޮޑުވުމަށް އޭގެ އަސަރު ކުރެ އެވެ. އެގޮތުން އަނިޔާގެ ސަބަބުން ކުރިމަތިވާ ނޭދެވޭ އަސަރު ވަގުތުން ނުފެނުނު ނަމަވެސް އުމުރުގެ ކޮންމެވެސް ހިސާބަކުން އެ ކުދިންގެ އަނިޔާގެ އަސަރުތަކާ ކުރިމަތިލާންޖެހޭ ކަމަށް ތަޖުރިބާކާރުން ދެކެ އެވެ.

ރާއްޖޭގައި އާންމުވަމުން އަންނަ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކަށް ބަލާނަމަ ކުޑައިރު ލިބޭ ގޯނާތަކުގެ އަސަރު އާންމުކޮށް ފެންނަނީ ޒުވާން އުމުފުރައަށް ނުވަތަ ޓީނޭޖް ދުވަސްވަރަށް އެޅީމަ އެވެ. ނުވަތަ އޭގެ އަސަރު ފެންނަނީ އަނިޔާ ލިބިފައިވާ ކުދިން ބޮޑުވެ، އަމިއްލަ ޒަވާޖީ ހަޔާތެއް ފަށާ ހިސާބުންނެވެ.

"ބައެއް ފަހަރަށް ވާގޮތަކީ ވަރަށް އިތުބާރު ކުރެވޭ މީހުންގެ ފަރާތުން އެބިޔުސް ވީމަ، ބޮޑުވެގެން މީހަކާ އިންނަ ހިސާބުން ވެސް އޭގެ އަސަރު ފެންނަ ފަހަރު އާދޭ. ކައިވެންޏަށް ވެސް އޭގެން ނޭދެވޭ އަސަރު ކުރޭ،" ޝަހުނާ ވިދާޅުވި އެވެ.

ކުޑައިރު ޖިންސީ ގޯނާއެއް ލިބިފައިވާ މީހަކަށް ދިމާވާނެ ކަންކަން:

  • އެކަނި ތަންތަނުގައި އިނުން
  • ރުޅިގަދަވުން
  • ހައިޕާ ސެކްޝުއާލިޓީ
  • ކާހިތްނުވުން
  • އަމިއްލަ ނަފްސަށް އަނިޔާ ދިނުން

ދީމާގެ ޒަވާޖީ ހަޔާތް ނިމުމަކަށް ގެންނަން ޖެހިފައިވަނީ ކުޑައިރުގެ އެ ހިތި މާޒީގެ ސަބަބުންނެވެ. ލިބުނު ޖިންސީ އަނިޔާގެ ސަބަބުންނެވެ. އެފަދަ ކަމެއް ގޭތެރެއިން ވެދާނެ ކަމަށް މައިންބަފައިން ކިޔާދީފައި ނެތުމުންނެވެ.

"ރާއްޖޭގެ މި ސޮސައިޓީގަ ވަރަށް އާންމުކޮށް ދިމާވާ ކަމެއް، ގޭ ތެރެއިން ޖިންސީ ގޯނާއެއް ލިބިގެން މަންމަ ރިޕޯޓު ކުރީމަ އާއިލާގަ މައްސަލަ ޖެހޭ. ނޫނީ އެބަ ބުނޭ ކުއްޖާ ހަދައިގެން ދައްކާ ވާހަކައެކޭ. ނޫނީ އޭނަ އުޅުން ގޮތުންނޫންހޭ އެހެންވީ. ނޫނީ އެ ތަނަކަށް ދިޔައީމައޭ އެހެން އެ ވީ. އާއިލާގެ އެއްވެސް މީހަކު ގަބޫލު ނުކޮށްދާނެތީ ވެސް އެބަ ހުރޭ ނުބުނެ،" ޝަހުނާ ވިދާޅުވި އެވެ.

ދީމާއަށް ވެސް ވީ އެކަހަލަ ގޮތެކެވެ. އެފަދަ ވާހަކައެއް ވެސް މީހަކު ދައްކާފައި ނެތުމުން އެކަން ދިމާވުމުން ކިޔައިދޭން ނުކެރުނީ އެވެ. އެހެން މީހުން ހިތައް އަރާފާނެ އެއްޗަކަށް ވިސްނައިފަ އެވެ. މަންމަ އައި ބައްޕަ ދެރަވާނެ ވަރު ހިތައް އަރައިފަ އެވެ.

ނަމަވެސް މިއަދު ދީމާ ކުރާ ހިތާމަ އަކީ އެ ދުވަހު އެ ވާހަކަތައް ކިޔައި ނުދެވުމެވެ. އަވަސް ފަރުވާއެއް ނުލިބުމުން މިއަދު ކުރަން ޖެހިފައިވާ ހިތާމަ ބޮޑުކަމުންނެވެ. ކުޑައިރު ލިބޭ އެފަދަ އަނިޔާއިން މިހާރު އަރައިގަންނަން ބޭނުން ނަމަ އޮތް އެންމެ ރަނގަޅު ގޮތަކީ ނަފްސާނީ ބައްޔަށް އެހީތެރިކަން ހޯދުމެވެ. ނޫން ނަމަ ޒަވާޖީ ހަޔާތެއް ފަށާ ހިސާބުން އެކަމުގެ އަސަރު ފެންނާނެ ކަމުގެ ބިރު އެބަ އޮތެވެ.