Advertisement

މާފަރަށް ހަދިޔާއަކަށް ލިބުނު ވިހައިގެ ކޯރު ރަށް ހަލާކު ކުރަނީ

5 ޖަނަވަރީ 2022 - 08:44 8

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

މާފަރުގައި ފޫވެއްޓެމުންދާ ތާރުފީފާތަކުގެ މަތިން ނަގާފައިވާ ފޮޓޯއެއް: މި ފީފާތައް ރަށުގެ ފެން ފަށަލަ ތަގައްޔަރުކޮށްލަފާނެކަމުގެ ބިރު އޮތީ ހީވެފައި -- ފޮޓޯ: ރިއްފަތު އިބްރާހިމް


މާފަރަށް ހަދިޔާއަކަށް ލިބުނު ވިހައިގެ ކޯރު ރަށް ހަލާކު ކުރަނީ

5 ޖަނަވަރީ 2022 - 08:44 8

ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓާ މާ ދުރު ނޫން ހިސާބެއްގައި، ދަބަރަށްވެ ފޫގޮސްފައިވާ ތާނގިތަކުގެ ދަށުން ދެމިފައިވާ މި އޮތީ ކަޅުކުލައިގެ ކޯރެކެވެ. އެ ކޯރުގެ ބައެއް ހިސާބުތައް ފުންކޮށް އޮތް އިރު، އަނެއް ބައެއް ހިސާބުތައް ހުރީ ހިނދިފަ އެވެ. މިއީ މީރުފެން ނުވަތަ ލޮނުފެނުގެ ކޯރެއް ނޫނެވެ. ކަޅުގަދަ ތާރުގެ ކޯރެކެވެ. މިތާ ފެންނަން މި ހުރީ ބަރިބަރިއަށް ޖަހާފައި ހުރި ތާރު ފީފާތަކެކެވެ.

"އެ ތަކެއްޗަކީ [އެއާޕޯޓުގެ] މަސައްކަތް ނިމުމަށް ފަހުގައި އެތަން ސާފުކޮށް، އެއްކޮށް ނަގަން ޖެހޭ ތަކެތި. އެހެން ނަމަވެސް އެވަގުތު އެތަކެތި ހުރީ ރަނގަޅު ކޮންޑިޝަންގައި ވީމާ އެބޭފުޅުން މާފަރު ކައުންސިލަށް އެވަގުތު ހަދިޔާކުރިކަމަށް ލިޔުން ފޮނުވި. ލިޔުން ފޮނުވާފައި އެބޭފުޅުން ދެން ރަށުން ފޭބީ ޕްރޮޖެކްޓް ނިންމާފައި،" ތާރު ފީފާތައް ރަށުގައި ހުންނަންޖެހުނު ސަބަބު މާފަރު ކައުންސިލްގެ ރައީސް މުހައްމަދު އަދުނާނު ކިޔައިދެއްވި އެވެ.

އެހެން ނަމަވެސް ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ތާރު ފީފާތައް ހަލާކުވެ، ފޫގޮސްގެން ތާރުތައް ރަށުތެރެއަށް ފައިބަން ފެށި އެވެ. މިތަނުގައި 900 އަށް ވުރެ ގިނަ ފީފާ އެބަހުއްޓެވެ. ރަށުގެ ކައުންސިލުން އެ ފީފާތައް ބޭނުންނުކޮށް ހުއްޓާ، މިހާރު އޭގެ ތިން އަހަރު ފަހުން އެ ތަކެތި ބާވެ، ކުންޏަށްވެއްޖެ އެވެ. އަދި އޭގެ ނުރައްކާ، އެތައް ގޮތަކުން ރަށަށް ފޯރަން ފަށައިފި އެވެ.

ތާރު ފީފާތައް އުކާލެވޭތޯ ކައުންސިލުން ވަރަށް ގިނަ މަސައްކަތް ކުރި އެވެ. ފުރަތަމަ ބެލީ ތާރުތައް ބަޔަކަށް ހިލޭ ދީގެން، އެކަން ވޭތޯ އެވެ. ނަމަވެސް އެއްވެސް ޕާޓީއަކުން އެ މަސައްކަތާ ހަވާލެއް ނުވި އެވެ.

"އަޅުގަނޑުމެން ހަމަ އިއުލާނުވެސް ކުރިން ބޭނުން ބަޔަކު ހޯދަން. ނަގައިގެން ގެންދަން،" އޭނާ ވިދާޅުވި އެވެ.

ތާރު ފީފާތައް ނަގައިގެން ގެންދޭތޯ އެމްޓީސީސީ އާއި ވެމްކޯއާ ވެސް ކައުންސިލުން މަޝްވަރާ ކުރި އެވެ. އެހެން ނަމަވެސް އެ ދެ ކުންފުނިން ވެސް އެކަމާ ހަވާލެއް ނުވި އެވެ. "ހަމަ ހިލޭ" ދޭން ބުނީމާ ވެސް ކުންފުނިތަކުން އޭއްޗިހި ނުގެންދިޔައީ އަދުނާނު ދެކެވަޑައިގަންނަވާ ގޮތުގައި އެ މަސައްކަތަށް ކުރަން ޖެހޭ ހަރަދު މާބޮޑުވީމަ އެވެ.

މާފަރު އެއާޕޯޓްގެ ބޭރުގައި ފޫވެއްޓިފައިވާ ތާރުފީފާތައް: ހިލޭ ވެސް ފީފާތައް އެތަނުން ނަގައިދޭނެ ބަޔަކު ނުވި -- ފޮޓޯ: ރިއްފަތު އިބްރާހިމް


ރަށުގެ ތިމާވެއްޓަށް އޮތް ބޮޑު ބިރެއް

އަދުނާނު ވިދާޅުވީ ފޫގޮސްފައިވާ ތާރުފީފާތައް މިހާރު ވަނީ ރަށަށް އޮތް ނުރައްކަލަކަށް ބަދަލުވެފަ އެވެ. އެންމެ ބޮޑު ބިރަކީ އެހުރިހާ ތާރެއް ރަށުގެ ބިމަށް ހިނދި މުޅި ރަށުގެ ފެން ތަގައްޔަރުވެދާނެކަމުގެ ބިރެވެ. ތިމާވެށީގެ ތަޖުރިބާކާރުން ކައުންސިލަށް މައުލޫމާތު ދީފައިވާ ގޮތުން މާފަރުގެ ފެން ފަށަލައަށް އެކަމުގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނެ އެވެ.

"ފެނަށް އަސަރު ކުރުމުގެ ބިރެއް ނޫން އެކަމަކު ހަމައެކަނި އޮތީ. ކައިރީގައި ހުރި ގެތަކަށް ވެސް އޭގެ ގެއްލުން އެބަވޭ. މިހާރު އެތާ ކައިރީގައި ހުރި އެއް ގޭގައި އެބަ އުޅޭ މީހުން ވެސް. އެގޭގެ ގޯތީގެ ވަށައިގެން ތާރުތައް އެ ފައިބަނީ،" އޭނާ ވިދާޅުވި އެވެ.

އެގޮތަށް ތާރު އޮތުމުން، އަވިގަދަވާ ވަގުތަކުގައި ތާރުތައް ވިރޭތީ އޭގެ ހޫނާއި އުދާހުގެ އަސަރު އެގޭގައި އުޅޭ މީހުންނަށް ކުރެ އެވެ. އެ ސަރަހައްދުގައި މިހާރު ގިނަ ގެތަކެއް ނެތް ނަމަވެސް އަދުނާނު ވިދާޅުވި ގޮތުގައި އެއީ ކުރިއަށް އޮތް ދުވަސްތަކުގައި ހަމަ ބޭނުން ކުރަން އޮތް ސަރަހައްދެކެވެ.

"ހުރިހާ ތާރެއް އެހެން ދިޔާވެ، ފެތުރިގެން ހިނގައްޖެ ނަމަ ވަރަށް ބޮޑު މައްސަލައަކަށް ވާނީ،" އޭނާ ވިދާޅުވި އެވެ.

އެކަމަކު އެ ތާރުތަކަކީ ކައުންސިލުން ހަވާލުވެފައިވާ އެއްޗިހިކަން އޭނާ ގަބޫލުކުރައްވަ އެވެ. އެހެން ނަމަވެސް އެތަކެތި އެތަނުން ނަގާނެ ގާބިލުކަމެއް ކައުންސިލްގެ ނެތެވެ.

ރައީސް ވިދާޅުވީ ހައްލެއް ހޯއްދަވާނެ ކަމަށް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި އިއްޔެ ފުރަތަމަ ވަޑައިގެންނެވީ މާފަރަށެވެ. އެރަށުގެ ރައްޔިތުންނާ އެމަނިކުފާނު ބައްދަލުކުރެއްވުމުން، ރައްޔިތުންގެ ފަރާތުން ކުރި ފުރަތަމަ ޝަކުވާ އަކީ ތާރުފީފާތައް ނުނެގި ހުރިކަމުގެ ޝަކުވާ އެވެ.

"މާފަރު އެއާޕޯޓްގައި ތާރު އަޅާގައި އެ ބާކީ ތާރުތައް، ރަށުގެ ތެރެއަށް ނެރެފައި ބަހައްޓާފައި ހުރީ. ރަށުގެ ބިމަށް އޭއްޗިހި ފޭދިގެން ދަނީ. އަޅުގަނޑުމެން ރައްޔިތުންނަށް އެކަމުގެ އެއްވެސް ހައްލެ މިހައިތަނަށް އޮތީ ނުލިބި،" މާފަރު ރައްޔިތުންގެ ފަރާތުން ވާހަކަ ދެއްކި މުހައްމަދު ސަމީރު ބުންޏެވެ.

ރައީސް ވިދާޅުވީ އެމްޓީސީސީން ލަންދޫގައި ކުރަމުން އަންނަ މަސައްކަތްތައް ނިމިގެން ތަކެތި އަނބުރާ ގެންދާއިރު ތާރުފީފާތައް ތިލަފުށްޓަށް ގެންގޮސްދޭނެ ކަމަށެވެ.

"ދެން އޮންނާނީ ވެމްކޯއިން އެކަން [ކުރިއަށް ގެންދާނެ] ގޮތެއް ނިންމުން. ނިންމަވާހާ އަވަހަށް އެކަން ކޮށްދޭނެ،" އެމަނިކުފާނު ވިދާޅުވި އެވެ.

ވެމްކޯއާ އެކަމުގައި މަޝްވަރާކުރަން ޖެހެނީ ރައީސް ވިދާޅުވި ގޮތުގައި ތިލަފުށީގައި އެކަހަލަ ކުނި ނައްތައިލަނީ ވެމްކޯއިން ކަމަށްވާތީ އެވެ. އެހެންވެ، އެމްޓީސީ އާއި ވެމްކޯއާއެކު އެކަމުގެ މަޝްވަރާތައް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ އެކަން ލަސްތަކެއް ނުވެ ކުރިއަށް ގެންދަވާނެ ކަމަށެވެ.

އެހެން ނަމަވެސް ތާރުފީފާތައް މިހާރު ހުރީ ވަރަށް ބޮޑަށް ދަބަރު ޖަހައި ފޫގޮސްފައި ކަމަށް ވާތީ އެއީ އެހާ ފަސޭހައިން ކުރެވެން އޮތް ކަމެއް ނޫނެވެ. މައުލޫމާތު ހުރި މީހަކު ބުނި ގޮތުގައި 900 އަށް ވުރެ ގިނަ ފީފާ ހުރި ތާރުފުނީގައި އެއްޗަކުން ހިފައި، ނެގޭނެ ހާލަތުގައި ހުރި އެންމެ ފީފާއެއް ވެސް ނެތެވެ. އަދި އެ ނެގުނު ކަމަށް ވިޔަސް، ތަނެއްގައި ތާރު އެޅުން ފަދަ ކަމަކަށް ބޭނުމެއް ވެސް ނުކުރެވޭނެ އެވެ.

"ދަށަށް އެހެން އެއްޗެއް ލައްވައިގެން ނަގަން އުޅުނަސް، ފީފާތަކުގެ ދަބަރުތައް ނުފައިބާނެ ގޮތެއް ވެސް ނެތް. އެހެންވީމާ އެއީ ބޭނުމެއް ހިފޭނެ އެއްޗެއް ނޫން،" އޭނާ ބުންޏެވެ.

އެމްޓީސީސީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އޭއްޗިހި ނެގޭނީ ކިހާ ދުވަހަކުންކަން އަދި އެނގޭނީ ހާލަތު ރަނގަޅަށް ބެލީމަ އެވެ. އެހިސާބަށް ދެވޭނީ އަދި ވެމްކޯއާ މަޝްވަރާކޮށް، ގޮތެއް ނިމިގެންނެވެ.