Advertisement

މުއީނާ: ޗެމްޕިއަނެއްގެ ވިސްނުމާއި ފިޓް ކެރިއަރަކަށް މުހިންމު ވާހަކަތަކެއް

8 ޑިސެންބަރު 2021 - 09:53 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

މުއީނާ މުހައްމަދު: ކާމިޔާބު ޓޭބަލް ޓެނިސް ކެރިއަރެއް ނިންމާލުމަށް ފަހު އޭނާ އަކީ މިހާރު ކުޅަދާނަ ފިޓްނަސް ޓްރެއިނަރެއް.-- އަދަދު ގްރެފިކްސް: މުހައްމަދު އިސާމް


މުއީނާ: ޗެމްޕިއަނެއްގެ ވިސްނުމާއި ފިޓް ކެރިއަރަކަށް މުހިންމު ވާހަކަތަކެއް

8 ޑިސެންބަރު 2021 - 09:53 0

ކުޅިވަރުގެ ދިގު ތާރީހަށް ބަލާއިރު، ކާމިޔާބު ކުޅުންތެރިއަކު ނަމަ ކެރިއަރު ނިންމާލުމަށް ފަހު ގިނައިން ދަނީ އެ ކުޅޭ ކުޅިވަރެއްގެ ކޯޗިންނަށެވެ. ބައެއް ކުޅިވަރު ތަރިން ކުޅުން ހުއްޓާލުމަށް ފަހު ދެން ކުރާނެ ކަމަކާ މެދު ވިސްނަނީ ވެސް އެ ދުވަހެއް އައިސް ޖެހުނީމަ އެވެ.

އެކަމަކު، ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ޓޭބަލް ޓެނިސް ކުޅުންތެރިޔާ މުއީނާ މުހައްމަދުގެ ވާހަކަ ދައްކަން ޖެހެނީ ތަފާތު ވިސްނުމަކުންނެވެ. ކެރިއަރުގެ އެންމެ ޅަފަތުގައި ވެސް މުއީނާ ދިޔައީ ކުޅެމުން ދިޔަ ކުޅިވަރުގެ ޝައުގުވެރިކަމާ އެއްވަރަށް, ދުރު މުސްތަގުބަލަށް ވިސްނައި މުހިއްމު ފިޔަވަޅުތަކެއް އަޅަމުންނެވެ. ސާބިތުވެ ހުރެ މަސައްކަތްތަކެއް ކުރަމުންނެވެ.

ޖެހިޖެހިގެން 13 ފަހަރު އެއްވެސް ކުޅިވަރަކުން ގައުމީ ޗެމްޕިއަންކަން ހޯދޭނީ ވަރަށް ފިޓް ކުޅުންތެރިއަކަށް ކަން ޔަގީނެވެ. ރަނގަޅު ލެވަލެއްގައި ދެމެހެއްޓިގެންނެވެ. އެކަން ހާސިލްކުރީ ޓީޓީ އަންހެން ސިންގަލްސް ޗެމްޕިއަންކަން ޖެހިޖެހިގެން 13 ފަހަރު ހޯދައި، ޖުމްލަ 15 ފަހަރު ރާއްޖޭގެ އެއް ވަނަ އަންހެން ޓޭބަލް ޓެނިސް ކުޅުންތެރިޔާގެ މަގާމު ހޯދި މުއީނާ އެވެ.

އެ ވަރުގެ ފިޓްނަސް އެއް ދަމަހައްޓައި ޗެމްޕިއަނެއްގެ ގޮތުގައި ކުޅިވަރު ހަޔާތުގެ ބޮޑުބައި ފުރިހަމަކުރި މުއީނާ މިއަދު ހުރީ ޓީޓީގައެއް ނޫނެވެ. ޖުމްލަކޮށް މުޅި ކުޅިވަރުގެ ހިދުމަތްތެރިއެއްގެ ގޮތުގަ އެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން މީގެ ތިން އަހަރު ކުރިން, 2018 ވަަނަ އަހަރު ދިން ފުރުސަތެއްގައި ޕާސަނަލް ޓްރެއިނަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ މުއީނާ އަކީ މިހާރު ގަވާއިދުން ކުޅުންތެރިންގެ ރިހެބިލިޓޭޝަނުގައި ވެސް އެހީތެރިވެދެމުން އައިސް، ކުޅުންތެރިންނަށް މުހިންމު މަސައްކަތެއް ކޮށްދިނުމުގައި ދެމި ހުރި ކުޅިވަރުގެ ހިދުމަތްތެރިއެކެވެ.

ސުވާލަކީ މުއީނާ މި ދަތުރު ފެށީ ކިހާ ހިސާބަކުންތޯ އެވެ.

"އަސްލު މީހުންނަށް ނޭނގޭ ކަންނޭނގެ ކުޅުނުއިރުގައި މިކަން (ޕާސަނަލް ޓްރެއިނިން ރިހެބިލިޓޭޝަން) ކުރިކަން. އަސްލުގައި 2004 އިން ފެށިގެން މި ފީލްޑްގައި މި އުޅެނީ. ފުރަަތަމަ ޝެރީގައި ވާކްކޮށްފައި. މާލެ ފިޓްނަސް ކްލަބްގައި ވާކްކޮށްފައި. ދެން ޓީއެފްޖީގައި މިހާރު ވާކް މި ކުރަނީ،" ޕާސަނަލް ޓްރެއިނިން އާއި ރިހެބިލިޓޭޝަންގެ ކަންކަން ފެށި ގޮތާ ބެހޭގޮތުން މުއީނާ ދިން ޖަވާބަކީ މިއީ އެވެ.

"މާލެ ފިޓްނަސް ކްލަބްގައި ވާކް ކުރިއިރު ވެސް ފަދުވާ (ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން) މެން ސާޖަރީ ހެދިއިރު ރިކަވަރީ ހެދީ މުއީ. ޓީޓީ ކުޅެމުން ވެސް، ރިހެބް ކުރަމުން ދިޔައީ،"

މުއީނާ ޓީއެފްޖީ ޖިމްގައި ކުޅުންތެރިއެއްގެ ސެޝަނެއް ނަގައިދެނީ.-- ފޮޓޯ: އާއިމް ޒަމީރު/ އަދަދު


ފަދުވާގެ ރިހެބިލިޓޭޝަންގައި 2009 ވަނަ އަހަރު މުއީނާ ކުރި މަސައްކަތް ރަނގަޅުވުމަކީ އިތުބާރު ލިބުނު ހިސާބެވެ. ފަދުވާގެ ކަކުލުގެ އޮޕަރޭޝަނަކަށް ފަހު ރިކަވަރީގައި އޭނާއާ އެކު މުއީނާ ވެސް ކުރީ މުހިންމު ތަޖުރިބާ އެކެވެ. ޕާސަނަލް ޓްރެއިނިން އާއި ރިހެބިލިޓޭޝަނުގައި މަސައްކަތް ކުރެވޭނެ ކަމުގެ އުއްމީދު އާ ވި އެވެ.

ޓީޓީގެ ކާމިޔާބު ކެރިއަރު، 2019 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)އަށް ފަހު ނިންމާލި މުއީނާ، އޭގެ އެއް އަހަރު ކުރިން އެފްއޭއެމުން ދިން ފުރުސަތެއްގެ ބޭނުން ހިފައި އަންހެން ފުޓްބޯޅަ ޓީމުގައި މަސައްކަތް ފެށި އެވެ. އޭގެ ފަހުން އެކި އުމުރުފުރާތަކުގެ ފިރިހެން ގައުމީ ޓީމުތަކަށް ވެސް ފިޒިކަލް ޓްރެއިނިން ސެޝަންތައް ނެގުމާއި ކުޅުންތެރިންގެ ފިޓްނަަސްއާ ގުޅޭ މުހިންމު މަސައްކަތްތަކުގައި މުއީނާ ހަރަކާތްތެރިވެ އުޅެ އެވެ.

"އަސްލުގައި ފިޓްނަސް ފީލްޑްގައި އުޅުނުއިރު ވެސް އަބަދުވެސް ބޭނުންވޭ ސްޕޯޓްސް އަށް (ކުޅިވަރަށް) ކަމެއް ކޮށްދޭން. ދެން އެ ގޮތަށް ފުޓްބޯޅަ (އެފްއޭއެމް)އިން ފުރަތަމަ އޮޕޮޗިއުނިޓީ (ފުރުސަތު) ލިބުނީމަ، މުއީ ބޭނުންވީ އެ މީހުންނަށް ވާކް ކޮށްދޭން،" މުއީނާ، 39، ބުންޏެވެ.

ޓީޓީ އަށް ނުދާކަށް ނޫން. އެކަމަކު، ފުރަތަމަ އޮފާ ކުރި ބަޔަކަށް ވީމަ މި ޗާންސް (ފުރުސަތު) ނެގީ. އަބަދުވެސް ޓީމަކާ އެކު ވާކްކުރާ ހިތްވޭ - މުއީނާ

ކުޅިވަރަށް ހިދުމަތްކޮށްދިނުމުގެ ކަންކަމުގެ ތެރެއިން މުއީނާ މިހާތަނަށް ވަނީ ވަރަށް ބައިވަރު އެތުލީޓުންގެ ރިހެބިލިޓޭޝަން ކަންކަމުގައި އެހީތެރިވެދީފަ އެވެ. ރީހެބް ނޫނަސް އެކި ގޮތްގޮތުން ވެސް ފިޓްނަސް އަށް މަސައްކަތް ކުރާ ގިނަ ބަޔަކާ މުއީނާގެ އެހީތެރިކަން ލިބެ އެވެ. އެއީ އޭނާ މަސައްކަތަށް ހުންނަ ފަރުވާތެރިކަން ވެސް ރަނގަޅުވީމަ އެވެ.

އަމިއްލަ އަށް ކުރެވުނު ތަޖުރިބާ އިން އެހެން މީހުންނަށް އެހީވެދިނުމުގެ ވިސްނުން އިސްކުރުން

ޖޫނިއާ ޓީޓީ ކުޅުންތެރިއެއްގެ ގޮތުގައި ވިދާލި މުއީނާ ކެރިއަރުގެ އެންމެ ފަހު ޗެޕްޓަރާ ހަމައަށް ހުރީ ކާމިޔާބީގެ ސަފުގަ އެވެ. އޭނާ އެ ހިސާބުގައި، އެއް ލެވަލެއްގައި ކުޅުން ދެމެހެއްޓީ ވަރަށް އުނދަގޫ ޗެލެންޖްތަކެއް ވެސް ގިރާކުރުމަށް ފަހު އެވެ. ބޮޑެތި އިންޖަރީ އާއި ދިރިއުޅުމުގައި ދިމާވާ ކަންކަމާ ކުރިމަތިލަމުން މުހިންމު ކަންތައްތަކެއް ދަސްކުރި އެވެ. ރިހެބިލިޓޭޝަނުގައި ކުޅުންތެރިންނަށް އެހީވުމުގެ ޝައުގުވެރިކަން އައީ ވެސް އެކަހަލަ ތަޖުރިބާ އަކުންނެވެ.

"ބޮޑަށް މީގެ ތެރެއަށް ވަދެވުނީ މުއީ ވެސް ކަކުލުގެ ސާޖަރީއެއް ހަދައިގެން. އޭތި ގޯ ތުރޫ ކުރީމަ. މިއީ ކިހާ މުހިންމު ކަމެއްކަން އިހުސާސް ކުރެވުނު. ގިނަ ކުޅުންތެރިންނަށް މި ކަމުގެ ވާނުވާ ނޭނގި ހަމަ ރަނގަޅަށް ރީހެބް ނަހަދާ ގޮސްފައި އިންޖަރީ އިތުރަށް ގޯސްވަނީ. އޭތި ފީލްވީމަ ބޭނުމެއް ނުވި އެހެން ކުުޅުންތެރިންނަށް އެ ކަހަލަ ކަންތައްތައް ދިމާވާން،" އަނިޔާ އެއް ދިމާވެއްޖެނަމަ އަލުން ކުޅެން ނުކުތުމުގެ ކުރިން އެކަމުން ފުރަތަމަ އެންމެ ރަނގަޅަށް ރިކަވާވުމުގެ މުހިންމުކަން ދަސްވި ގޮތާ ބެހޭގޮތުން މުއީނާ ބުންޏެވެ.

މުއީނާ މި ވަގުތު އެ ހުރީ ރިހެބިލިޓޭޝަނާއި ޕާސަނަލް ޓްރެއިނިން ފަދަ ފިޓްނަސްގެ މުހިންމު މައުލޫމާތު އުނގެނި ކޯސްތައް ފުރިހަމަ ކޮށްގެންނެވެ. އޭނާގެ ދިގު ކެރިއަރުން ދަސްވި އެކި ކަންކަމުގެ އަލީގައި ކުޅުންތެރިންނަށް އެހީތެރިވެދޭން އަތުކުރި އޮޅާލައިގެންނެވެ. ޕްރޮފެޝަނަލީ ކުރާ ކަމަކަށްވާތީ އަގުތަކެއް ވެސް ކަނޑައަޅައިގެންނެވެ.

މުއީނާ މާލޭ ސިންތެޓިކް ޓްރެކުގައި ދުވަނީ: ޓޮޕް ލެވަލްގައި 20 އަހަރު ދުވަހު ކުޅުނުއިރު ފިޓްނަސް އަށް މުހިއްމު ސަމާލުކަމެއް ދިން.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު


ފުރިހަމަ އަށް ފިޓް އެތުލީޓަކަށް ވެވޭނީ އެ އަށް މަސައްކަތް ކޮށްގެންނެވެ. ޕްރޮފެޝަނަލް ސިފަތައް އަށަގަންނުވައިގެންނެވެ. އެކަމަކު، ރާއްޖޭގެ ކުޅިވަރުގައި ޒަމާނުއްސުރެ ޖެހިފައި އޮތް ސެމީ ޕްރޮފެޝަނަލް ޓެގްލައިންގެ ސަބަބުންނާއި ރާއްޖޭގެ ސަގާފަތާއި ދިރިއުޅުމުގެ ކަންކަން ތަރުތީބު ވެފައި ހުންނަ ގޮތުން ވެސް އެތުލީޓެއް އެއްކޮށް އެ ކުޅިވަރަކަށް ހުސްވެ ހުރުމަކީ ގިނަ ފަހަރު ނުކުރެވޭނެ ކަމެއް ކަމަށް މުއީނާ ވަނީ ފާހަގަކޮށްފަ އެވެ.

"ޕްރޮފެޝަނަލް ނޫން ވީމަ ހުރިހާ ކަމެއް ފުރިހަމަ އެއް ނުވާނެ. ސެމީ ޕްރޮފެޝަނަލް ޕްލޭޔަރުން މި ތިބީ. އެ މީހުންގެ ޑެއިލީ ލައިފް، ވާކްލޯޑާ އެ ހުރިހާ އެއްޗެއް މިއަށް ވަނީމަ އިންޖަރީގެ ކަންކަން އިތުރުވޭ ހަގީގަތުގައި. ރެސްޓް ނުކޮށް (އަރާމްނުކޮށް) ކުޅުންތެރިން ކުޅެން ޖެހުން މިއީ ވެސް ދިމާވާ ކަމެއް،" މުއީނާ ބުންޏެވެ.

ރާއްޖޭގައި މި ފަހަކަށް އައިސް ފެންނަމުން އަންނަ ކަމަކަށް އިޝާރާތްކޮށް، މުއީނާ ވަނީ މުހިންމު ނުކުތާތަކަށް ފާހަގަކޮށްފަ އެވެ. އެއީ އިންޖަރީއެއްވެފައި ހުއްޓައި ކުޅެގެން އިތުރަށް އެ އަނިޔާއެއް ގޯސްވުމުގެ ނުރަނގަޅު ކަންކަން ހިނގުމެވެ.

"އިންޖަރީއެއް ވެފައި ހުރެ، އެ ރިކަވާނުކޮށް ކުޅުމަކީ ހައްތަހާ އޭތި އިތުރަށް ގެއްލުންވާނެ ކަމެއް މުސްތަގުބަލަށް. އެއީ އިންޖަރީ ދެން އިތުރަށް ބޮޑުވާނީ. މިސާލަކަށް ސާޖަރީ އަށް ނުގޮސްވޭތޯ އެ އަށް ބަލަން ޖެހޭނީ. ކޮންމެ ކުޅުންތެރިއަކު ވެސް ރަނގަޅަށް ކުޅެން ބޭނުންވަންޏާ ރިކަވަރީ އަށް ދޭން ޖެހޭ ސަމާލުކަން އިތުރުކުރަން ޖެހޭ،" މުއީނާ ބުންޏެވެ.

އެންމެ މުހިންމީ "މެންޓަލީ" ފިޓްވުން

ދުނިޔޭގެ އެންމެ މަތީ ލެވަލް އިން ފެށިގެން އެންމެ އާދައިގެ ފަންތީގައި ވެސް ކުޅިވަރު ކުޅޭނަމަ އަނިޔާގެ ބޮޑެތި މައްސަލަތަކާއި ކުދި ކަންކަން ވެސް ކުރިމަތިވާނެ އެވެ. ފެންނަން ހުރި މައުލޫމާތަށް ބަލާއިރު ވެސް ބައެއް މަޝްހޫރު އެތައް ކުޅުންތެރިއެއްގެ ކާމިޔާބު ކެރިއަރަށް އެޅުނު ހިޔަންޏަކީ އަނިޔާގެ މައްސަލަ އެވެ. ތަކުރާރުކޮށް އޮޕަރޭޝަން ކުރަން ޖެހި ކުޅިވަރުތަކުން ރިޓަޔާކުރަން ޖެހުނު ކުޅުންތެރިންގެ ލިސްޓު ވެސް ކުޑައެއް ނޫނެވެ.

ބޮޑު އަނިޔާއެއް ވިޔަސް ކުޑަ އަނިޔާއެއް ވިޔަސް އެންމެ ބޮޑު ކަމަކީ ހަގީގަތުގައި ރިކަވަރީ ނޫނީ ރިހެބިލިޓޭޝަނުގައި އެ ދިމާވާ ޗެލެންޖްތަކާއި ކެރިގެން ކުރިމަތިލުމެވެ. އަނިޔާވުމުގެ އެ ބިރުން އަރައިގަނެ، އަމިއްލަ އަށް ކެރިގެން ކުރިމަތިލުމެވެ. ކާމިޔާބު ކުޅުންތެރިން ބޮޑެތި އިންޖަރީތަކުން އެނބުރި އައި ގޮތް ހިއްސާކުރިއިރު، ކިޔައިދީފައިވާ ވާހަކަތައް މިސާލަކަށް ފުދެ އެވެ.

ރާއްޖެ އަށް ބަލާނަމަ 20 އަހަރު އެންމެ މަތީ ފަންތީގައި ކުޅުނު ގޯލްކީޕަރު އިމްރާން މުހައްމަދު، 17 އަހަރު ގައުމީ ޓީމުގެ ގޯލު ބެލެހެއްޓިއިރު، ދެ ފަހަރެއްގެ މަތިން ބޮޑު އިންޖަރީ އަކާ ކުރިމަތިލި އެވެ. އެ ދެ ފަހަރު ވެސް ރަނގަޅު ރިހެބިލިޓޭޝަނެއް ކުރިއަށް ގެންދިޔައިރު، ދިމާވި ކަންކަމާ ކެރިގެން "މެންޓަލީ" ވަރުގަދަ ވެގެން ކުރަން ޖެހުނު ތަޖުރިބާތައް އިމްރާން ވަނީ އެކި އިންޓަވިއުތަކުގައި ކިޔައިދީފަ އެވެ.

ކައިރި މާޒީއެއްގައި ހިނގާފައިވާ ކަންކަމަށް ބަލާނަމަ މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސަކޮ) ވެސް ވަނީ ތިން އަހަރު ތެރޭ ކަކުލަށް ދިމާވި ދެ ސީރިއަސް އަނިޔާއަކަށް ފަހު ވެސް އެނބުރި ދަނޑަށް އައިސްފަ އެވެ. އަސަދުﷲ ވެސް ދިން އިންޓަވިއުއެއްގައި ބުނީ "އޮޕަރޭޝަނަކީ ފެށުން، މީގެ ދެން އޮންނާނީ މެންޓަލީ އެ މީހާ މިކަމާ ކުރިމަތިލަނީ ކިހާވަރަކަށްތޯ" މިހެނެވެ.

ރިކަވަރީގެ ކަންކަމުގައި ނަފްސާނީ ގޮތުން އެ ދިމާވާ ކަންކަމާ ކެރިގެން ކުރިމަތިލުމަކީ މުހިންމުކަމެއް ކަން މުއީނާ ވެސް ވަނީ ފާހަގަކޮށްފަ އެވެ. ޒުވާން ގިނަ ކުޅުންތެރިންތަކަކަށް ދިމާވި ސީރިއަސް އަނިޔާތަކަކުން އެނބުރި ދަނޑަށް ނުކުންނަން މުއީނާ އަންނަނީ މިހާރު ވެސް އެހީތެރިވަމުންނެވެ.

ގައުމީ ޓީމުގެ ފޯވާޑް ރިޒްވާން (ވ)ގެ ރިހެބިލިޓޭޝަންގެ ތެރެއިން މުއީނާ.-- ފޮޓޯ: އާއިމް ޒަމީރު/ އަދަދު


މުއީނާ ބުނީ މެންޓަލީ އެންމެ ފިޓް ކުޅުންތެރިއަކަށް ވެސް އިންޖަރީތައް އަންނައިރު އެންމެ ސާބިތުކަންމަތީ ހުރުން ވާނީ އުނދަގޫ ކަމަކަށް ކަމަށެވެ.

"ބޮޑު އަނިޔާ އަކުން އެނބުރި އަންނަން ބަލާއިރު ރިކަވަރީގައި ސައިކޮލޮޖިކަލީ ރަނގަޅަށް ބިލްޑްއަޕް ކުރަން ވެސް އެއީ ވަރަށް ރަނގަޅަށް ކުރަންޖެހޭ ކަމެއް. ޓްރެއިނަރަކަށް އެބަޖެހޭ އެ ރޯލު ވެސް އަދާކުރަން. ޕްލެޔަރަކަށް ރިހެބިލިޓޭޝަން ދޭއިރު މެންޓަލީ ޕްލެޔަރު ރެޑީކުރުން ވެސް އެއީ ކުރަން ޖެހޭ ކަމެއް،" މުއީނާ ބުންޏެެވެ.

"ރިކަވަރީ އަށް އަންނަ ޕްލެޔަރުން ބައެއް ފަހަރު ބުނެފައި ވެސް އެބަހުރި މިކަމެއް ނުވާނެއޭ. ދެން، މުއީ ބުނަން ހިނގާށޭ މަސައްކަތް ކުރަން. މިކަން ވާނެއޭ. ދެން ހަމަ ރީހެބް ތެރޭގައި ވެސް ކުއްލިއަކަށް ސްލޯޑައުން ކޮށްލަން ޖެހޭ ފަހަރު އަންނާނެ. ކުޑަކުޑަ ކަމެއް ދިމާވެގެން ރިކަވަރީ މަޑުކޮށްލަން ޖެހޭ ފަހަރު އަންނާނެ،"

މުއީނާ ފާހަގަކުރާ ގޮތުގައި އަނިޔާގައި ހުންނަ ކުޅުންތެރިއަކު އަނބުރާ ކުރީގެ ލެވަލަށް ގެނައުމުގައި ވަރަށް ގިނަ ބަޔެއްގެ އެއްބާރުލުން ބޭނުންވާނެ އެވެ. ހާއްސަކޮށް އާއިލާ އާއި ގާތްކޮށް އުޅޭ އެންމެންގެ ސަޕޯޓް ވަރަށް މުހިންމުކަން މުއީނާ ވަނީ ފާހަގަކޮށްފަ އެވެ.

"ސަޕޯޓް އޮތްކަން އާއިލާ އާއި ޓީމުން އެ ކުޅުންތެރިޔާގެ އަމިއްލަ ނަފްސަށް ޔަގީންކޮށްދިނުން. ވަށައިގެން އިންނަ ސާކަލްގެ ސަޕޯޓް ނުލިބެންޏާ ކުޅުންތެރިޔާ އަަވަހަށް ގިވަޕް ކުރާނެ. ކެރިއަރު ދޫކޮށްލުން އެއީ އެންމެ ބޮޑު ކަން އެކަމުން ނުކުންނާނެ. އިތުރަށް ކުރިއަށްދާން އެޅޭނެ ބާރަކީ އެންމެން އެ ޕްލޭޔަރަށް ނޫނީ އެތުލީޓަށް ސަޕޯޓް ދިނުން،" މި ވަގުތު ވެސް ގިނަ ކުޅުންތެރިންތަކެއްގެ ރިހެބިލިޓޭޝަންގައި މަަަސައްކަތް ކުރަމުން އަންނަ މުއީނާ ބުންޏެވެ.

ފިޓްނަސް އަށް ދޭ ސަމާލުކަން ޓީމުތަކުން އިސްކުރަންޖެހޭ

ފަހަކަށް އައިސް ގައުމީ ފުޓްބޯޅަ ޓީމަށް އައި ކޯޗުން ވަނީ ކުރު މުއްދަތަށް ފިޓްނަސް ޓްރެއިނަރުން ގެނެސްގެން ގައުމީ ޓީމުގައި މަސައްކަތް ކުރުވައި، ކުޅުންތެރިންގެ ފިޓްނަސް މޮނިޓާކޮށް ރަނގަޅު މަސައްކަތްތަކެއް ކޮށްފަ އެވެ. ރާއްޖެ އަށް އައި ޓްރެއިނަރުން މިހާރު ނަން މަޝްހޫރު ކޯޗުންނާ އެކު ވެސް މަސައްކަތް އެބަކުރެ އެވެ.

މިދިޔަ ސީޒަނަށް ބަލާއިރު، ފުރަަތަމަ ޑިވިޝަނުގެ ބައެއް ކްލަބްތަކުން ވެސް ވަނީ ފިޓްނަސް ޓްރެއިނަރުން/ކޯޗުން ބަހައްޓައިގެން މަސައްކަތް ކޮށްފަ އެވެ. ޒަމާނީ މޮޑެލަށް ޓީމެއް ކުރިއަރުވަން ބޭނުންވާ ޓީމަކަށް ފިޓްނަސް ޓްރެއިނަރަކު ޓީމުގައި ހުރުން ކޮންމެހެން ލާޒިމެވެ. އޭއެފްސީ ކަޕްގައި ރާއްޖޭގެ ކްލަބްތަކާ ވާދަކުރާ ކޮންމެ ޓީމެއްގެ ބެންޗުން ފިޓްނަސް ޓްރެއިނަރަކު ނޫނީ ފިޓްނަސް ކޯޗަކު ފެނެ އެވެ.

މުއީނާ ބުނީ އިންޑިވިޖުއަލް ކުޅިވަރެއް ނޫނީ ޓީމު ކުޅިވަރެއްގައި ވެސް އެންމެ ޓޮޕް ލެވަލްގައި ދަމަހައްޓަން ބަލާނަމަ އެންމެ މުހިންމު އެއް ބަޔަކީ "ފިޓްނަސް" ކަމަށެވެ.

"ކުޅިވަރެއް ކުޅެވޭނީ ފިޓްކޮށް ހުރެގެން. ކޯޗެއް ބުނާ ގޮތެއް އެންމެ ރަނގަޅަށް ހެދޭނީ ފިޓްކޮށް ހުރެގެން. ދެން ކުޅިވަރެއްގައި ކޮންޓިނުއަސްކޮށް (ދެެމެހެއްޓެނިވި ގޮތެއްގައި) ކުޅޭ ކަމަށް ވިއްޔާ އިންޖަރީވާނެ. ރިކަވަރީ ބޭނުންވާނެ. އެހެންވީމަ ޓްރެއިނަރެއް މި ހުންނަން ޖެހެނީ. އެހެން ނޫން ނަމަ ބޭނުންވާ މިސްރާބަށް ނުދެވޭނެ. ލެވަލް ނުހިފެހެއްޓޭނެ،" މުއީނާ ބުންޏެވެ.

"އަސްލު ބުނާނީ ބޭނުންވާ ވަރަށް ފޮލޯ އަޕެއް ނުފެނޭ. ކޮންމެ ޓީމެއްގައި ނިއުޓްރިޝަނަށް ވެސް މީހަކު ހުރުން މުހިންމު. ރަށްރަށުން އައިސް ތިބޭ ކުދިން މި ތިބެނީ. ޕްރޮފެޝަނަލްކޮށް ފުޓްބޯޅަ އަށް ހުސްވެގެން ތިބެން އެހާ ފުރުސަތެއް ނޯވޭ. ދެން ގިނަ ކުޅުންތެރިންނަށް ވަޒީފާއެއް އަދާކޮށްގެން މީގަ ވާން އޮންނަނީ. އެއީ އަސްލު މި އެއްކޮށް ބަދަލުކޮށްލަން ބަލާއިރު އޮތް ގޮންޖެހުމަކީ،"

ރާއްޖޭގެ ގިނަ ކުޅުންތެރިންގެ ރިކަވަރީ ރޭޓް އެންމެ އެކަށޭނެ ލެވަލެއްގައި ނެތުމަކީ ވެސް ކުޅުންތެރިންގެ ކުޅުމުގެ ލެވަލް ރަނގަޅު ހިސާބެއްގައި ހިފެހެއްޓުމުގައި ހުރި ގޮންޖެހުމެއްގެ ގޮތުގައި މުއީނާ ދެކެ އެވެ. އެކަން އެ ގޮތަށް ދިމާވަނީ ދިރިއުޅުމުގެ އާދަތައް ހުންނަ ގޮތުންކަން މުއީނާ ފާހަގަކުރި އެވެ. މީގެ އެންމެ ބޮޑު ސަބަަބަކީ ރިކަވަރީގެ އެންމެ މުހިންމު އެއް ބައި ކަމަށްވާ އަރާމުކުރަން ޖެހޭ ވަގުތު އެކަން ނުކުރުމެވެ.

"ގިނަ ކުޅުންތެރިންނަށް ނޭނގޭ ކަމެއް މިއީ އަސްލު. ނިދުމުގެ މި އިންނަ މުހިންމުކަން. ދުވާލު ގަނޑީގައި ނިދިޔަސް ހަގީގަތުގައި މި ލިބެނީ އަރާމުކުރަން ޖެހޭ އަސްލު ވަގުތު ކަމަށްވާ ރޭގަނޑު ވަގުތުގެ ނިންޖެއް ނޫން. ރިކަވަރީގެ ވަރަށް ބޮޑު ކަމެއް އެއީ އަރާމުކުރަން އޮންނަ ވަގުތުގައި އެކަން ކުރުން. ރޭގަނޑު ނުނިދާ ދުވާލު ނިދުމަކީ ރިކަވަރީ އަށް ބޮޑު އިފެކްޓެއް އަންނާނެ ކަމެއް،"

މުއީނާގެ ކެރިއަރުގައި ވެސް އަނިޔާގެ މައްސަލަތައް ދިމާވިއިރު، ކުޅުމަށް އެނބުރި އަންނަނީ އެއްކޮށް ރިކަވާވެގެން.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު


ބޭނުންވާ ހިސާބަށް ފުޓްބޯޅަ ގެންދަން ކުރަން ޖެހޭނެ ކަމަކީ ރަނގަޅު ޖީލުތަކެއް ބިނާކުރުމެވެ. އެފްއޭއެމް އިން "ޓުވާޑްސްފިއުޗާ" ބެނާގެ ދަށުން ކުރާ މަސައްކަތްތަކުގެ ތެރޭގައި ފިޓްނަސް އަށް އަހައްމިއްޔަތު ކަމެއް ދޭ ޖީލެއް ބިނާކުރުމަކީ ދެމެހެއްޓެނިވި ގޮތެއްގައި ފުޓްބޯޅަ ކުރިއަރުވަން ހުޅުވޭނެ ދޮރެކެވެ.

މުއީނާ ގަބޫލުކުރާ ގޮތުގައި ކޮންމެ ރަނގަޅު އާދައެއް ވެސް އަށަގަންނުވަން އެންމެ ރަނގަޅުވާނީ ފަށައިގަންނަ ދުވަސްވަރެވެ. އެ ގޮތުން ފުޓްބޯޅައިގެ ގްރާސްރޫޓް ލެވަލުން ކުއްޖެއް ޑިވެލޮޕްކުރާއިރު، މީގެ ހުރި މުހިންމު ކަންކަމަށް އަހުލުވެރިކުރަން ދަސްކޮށްދިނުން މުހިންމެވެ.

"މިހާރު ގިނަ ފަހަރަށް ޕޭރަންޓްސް (ކުދިންގެ މައިންބަފައިން) އިން އެހާ ބޮޑަށް އެވެއާ ވެފައި ހުރީމަ ކަންނޭނގެ އެ މީހުން (މިހާރު އަރަމުން އަންނަ ޖޫނިއާ ބައެއް ކުދިން) ރަނގަޅުކޮށް އެ ދަނީ. ޕޭރަންޓްސްގެ އިތުރުން އެ ކުދިންނަށް ވެސް ވިސްނައިދޭން އެބަޖެހޭ. ކުޑަވީމަ ގިނަ ފަހަރު ގަބޫލެއް ނުކުރެވޭނެ ސްޓްރެޗިން ހަދަންޖެހެނީ ކީއްވެ ކަމެއް. އެކަމަކު ބުނެދީގެން އެކަން ރަނގަޅު ކުރެވޭނެ. މިކަމުގަ ހުރިހާ އެންމެން ވެސް އެބަޖެހޭ އެވެއާ ވާން،" މުއީނާ ބުންޏެވެ.

ރާއްޖޭގެ ކުޅިވަރުގެ މައިދާނުގައި މިދިޔަ އަހަރުތަކުގައި 15 އަށް ވުރެ ގިނަ އަހަރު ގައުމީ އެކި ކުޅިވަރުތައް ކުޅުނު ކުޅުންތެރިން ވަނީ ރިޓަޔާކޮށްފަ އެވެ. މިހާރު އަރަމުން އަންނަ ކުޅުންތެރިން ވެސް އެންމެ މަތީ ލެވަލްގައި ގިނަ ދުވަހު ހިފަހައްޓަން ބޭނުންނަމަ މުއީނާ ދޭން އޮތީ އެންމެ މެސެެޖެކެވެ.

"ޓޮޕް ލެވަލްގައި ގިނަ ދުވަހު، ގިނަ އަހަރުތަކެއް ވަންދެން ކުޅެން ބޭނުންވެއްޖިއްޔާ ފިޓްނަސް އަށް ސަމާލުކަން ނުދީ ނުވާނެ ކަމެއް އެއީ،" މުއީނާގެ މެސެޖަކީ މިއީ އެވެ.