Advertisement

ޔާމީން ސަލާމަތްވީ ދެ އަކުރެއްގެ ތަފާތުން!

1 ޑިސެންބަރު 2021 - 14:18 5

ނާޒިމް ހަސަން

ނާޒިމް ހަސަން

ޔާމީން: އެމަނިކުފާނު މިނިވަންވާން މެދުވެރި ސަބަބަކީ އެކައުންޓް ނަންބަރުގައިވާ ތަފާތު


ޔާމީން ސަލާމަތްވީ ދެ އަކުރެއްގެ ތަފާތުން!

1 ޑިސެންބަރު 2021 - 14:18 5

ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ސިޔާސީ ކުރިމަގު ހުއްޓުވާފައި އޮތް ބޮޑު ހުކުމުން އެމަނިކުފާނު ސަލާމަތްވެފައިމިވަނީ ހަމަ އެންމެ ދެ އަކުރެއްގެ ސަބަބުންނެވެ. ދެ އަކުރެއްގެ ސަބަބުން އުފެދިގެން އައީ ސުވާލުތަކުގެ ފައިދާ ޔާމީނަށް ކޮށްގެންނެވެ.

ގއ. ވޮޑުމުލާ ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާ ވަނީ އެސްއޯއެފްއަށެވެ. އެސްއޯއެފްއަށް ވަން އެ އެއް މިލިއަން ޑޮލަރު ޖަމާކުރީ ޔާމީންގެ އެކައުންޓަށެވެ. އެ ފައިސާއިން ޔާމީން މަންފާ ހޯދީ އެވެ. މަނީލޯންޑްރިންގެ ބޮޑު ދައުވާއާއެކު ދައުލަތުން ޔާމީން ފަހަތުން އައީ މި ވާގިއާ (ފެކްޓްސްތަކާ) އެކު އެވެ.

ދައުލަތުން ހެކި ހުށަހެޅީ އެއް މިލިއަން ޑޮލަރަކީ ދައުލަތަށް ލިބެން ޖެހޭ ފައިސާއެއްކަން ކަމާއި ރާއްޖޭގެ ގާނޫނެއްގައި ބަޔާންކުރާ ކުށެއް ކުރި ފަރާތަކީ، އެސްއޯއެފްކަން ސާބިތުކުރާށެވެ. އަދި އެސްއޯއެފްއިން ކުށްކޮށްގެން ހޯދި ފައިސާ ލޯންޑާކުރަން ޔާމީން ކުރެއްވި އަމަލުތައް ސާބިތުކުރުމަށެވެ.

ދައުލަތުން ބުނާ ގޮތުގައި މަނީލޯންޑްރިންގެ އަމަލެއްގެ ގޮތުން ޔާމީން ކުރެއްވީ ދެ އަމަލެކެވެ; ފައިސާގެ އަސްލު އޮޅުވާލުމާއި، އެ ފައިސާ ބޭނުންކުރުމެވެ. މި ދެ އަމަލަށް ބޭނުންވާ ނިޔަތަކީ، ގާނޫނުގައި ބުނާ ކުށެއް ކުރުމުގެ ތެރެއިން އެސްއޯއެފަށް މި ފައިސާ ލިބިފައިވާ ކަމަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ޔާމީނަށް ޝައްކުކުރެވޭ ހާލަތެއް އޮތުމެވެ.

ޗެކް ނަންބަރު އޮޅި, މުޅި މައްސަލަ އެނބުރުން

އެންމެ މުހިންމު ކަމެއްގެ ގޮތުން އެއް މިލިއަން ޑޮލަރަކީ ދައުލަތަށް ލިބެން ޖެހޭ ފައިސާއެއްކަން ސާބިތުކުރުމަށް ގިނަ ކިތާބީ ހެކިތަކެއް ދައުލަތުން ހުށަހެޅި އެވެ;

އޭގެތެރޭގައި ޔުނައިޓެޑް އިންޓަނޭޝަނަލް ކުންފުނިން ގއ. ވޮޑަމުލާގެ އެކުއިޒިޝަން ކޮސްޓްގެ ފައިސާ ދެއްކުމަށް އެމްއެމްޕީއާރްސީއަށް ދޫކުރި ޗެކް އެކައުންޓަށް ޖަމާކުރުމުގެ ގޮތުން ލިޔެފައިވާ ޑިޕޮޒިޓް ސްލިޕާއި، ބީއެމްއެލްގައި އެސްއޯއެފްގެ ނަމުގައި ހުޅުވާފައިވާ ނަންބަރު 002-701832-7701 އެކައުންޓުގެ ސްޓޭޓްމަންޓް ހިމެނެ އެވެ.

ނަމަވެސް, ޔާމީން ވަނީ މިއީ ދައުލަތަށް ލިބެން ޖެހޭ ފައިސާއެއްކަން ކަށަވަރު ނުވާކަން ތަކުރާރުކޮށް ފާހަގަ ކުރައްވާފަ އެވެ. އޭގެ މުހިންމު އެއް ސަބަބުގެ ގޮތުގައި ދެއްކީ ފައިސާ ޖަމާކުރި ޑިޕޮސިޓް ސްލިޕްގައި، މޮރިޝަސް ކޮމާޝަލް ބޭންކްގެ ނަންބަރު 0000000000048593 އެކައުންޓުން ދޫކޮށްފައިވާ ކަމަށް ބުނާ ޗެކް ނަންބަރާއި، މި މައްސަލައިގައި ހުށަހަޅާފައިވާ އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓްގައި އެއް މިލިޔަން ޑޮލަރުގެ މުއާމަލާތުގެ ތަފުސީލުގައި ހިމެނިފައިވާ ޗެކް ނަންބަރު ދިމާ ނުވުމެވެ.

ޔާމީންގެ މައްސަލާގައި ދައުލަތުން މި ޗެކް ކުރިމިނަލް ކޯޓަށް ހުށަނާޅަ އެވެ. އެކަމަކު މައްސަލަ ހުށަހެޅިއިރު ވެސް ދައުލަތަށް އެ ޗެކް އޮތީ ލިބިފައިކަން ސުޕްރީމް ކޯޓުގައި ދައުލަތުން ދެއްކި ވާހަކަތަކުން ހާމަވި އެވެ. ދައުލަތުގެ ވަކީލް އޭރު ވިދާޅުވި ގޮތުގައި އެ ޗެކް ލިބިފައި އޮތީ އެހެން މައްސަލައެއްގެ ލިޔުންތަކާއެކު އެވެ. ޔާމީންގެ މައްސަލައިގެ ލިޔުންތަކުގައި ޗެކް ނެތްއިރު, ވަކިވަކި މައްސަލަތަކުގައި ހިމެނޭ ލިޔުންތަކާ ގުޅޭ ގޮތުން އެ މައްސަލައެއްގެ ހިމެނޭ ވަކީލުންގެ ޓީމުން އެހެން ވަކީލުންގެ ޓީމުތަކާ މަޝްވަރާ ނުކުރާތީ އެކަން ނޭނގި އޮތީކަން އޭނާ ފާހަގަ ކުރެއްވި އެވެ.

މި ޗެކް ހުށަހަޅާފައިވަނީ އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުالله ޒިޔަތާ ދެކޮޅަށް ކުރި ދައުވާތައް ސާބިތު ކުރުމަށެވެ. ޗެކް ނަންބަރު ދިމާނުވާކަން ޔާމީނަށް އެނގިވަޑައިގަތީ ވެސް އެ މައްސަލާގެ ގޮތް ނިންމައި ކުރިމިނަލް ކޯޓުން ލިޔުންތައް ދޫކުރުމުންނެވެ.

މި މައްސަލަ ސުޕްރީމް ކޯޓުގައި ފަނޑިޔާރުން ދިރާސާކުރެއްވުމުގައި ވެސް އެންމެ މުހިންމު ކަމެއްގެ ގޮތުގައި މިކަން ފާހަގަ ކުރެވި, އެކަން އިތުރަށް ކަށަވަރު ކުރަން ޒިޔަތުގެ މައްސަލާގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓް ކުރިމިނަލް ކޯޓުން ހޯދި އެވެ.

އެ ރިޕޯޓު ހޯދައި ދިރާސާކުރުމުން އެނގިގެން ދިޔައީ އިއްޔެ ސުޕްރީމް ކޯޓުން ނެރުނު ހުކުމްގައިވާ ގޮތުން އެ މައްސަލައިގައި ޒިޔާތުގެ މައްޗަށް ހިޔާނަތުގެ ދައުވާކޮށްފައި އޮތީ، ވޮޑަމުލާގެ މުއާމަލާތާ ގުޅިގެން ލިބެންޖެހޭ އެއް މިލިޔަން ޑޮލަރުގެ ޗެކާ ޒިޔާތު ހަވާލުވެ، އެ ޗެކް އެ ކުންފުންޏަށް ލިބިފައިނުވާތީ ކަމެވެ. އަދި އެ ދައުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ ކިތާބީ ހެކިތަކުގެ ތެރޭގައި ހިމެނޭ އެއްބަސްވުންތަކާއި، ޑިޕޮސިޓް ސްލިޕަކީ ވެސް ޔާމީންގެ މައްސަލައިގައި ހުށަހެޅިފައިވާ އެއްބަސްވުންތަކާއި ޑިޕޮސިޓް ސްލިޕްކަމެވެ.

ހުކުމްގައި ވެސް ފާހަގަކުރި ގޮތުގައި ދެ މައްސަލައިގައި ވެސް ހުށަހެޅިފައިވާ ޑިޕޮސިޓް ސްލިޕްގައިވާ ނަންބަރާ ދިމާވާއިރު، ޔާމީންގެ މައްސަލައިގައި، އެސްއޯއެފްގެ އެކައުންޓަށް ޖަމާވެފައިވާ އެއް މިލިޔަން ޑޮލަރުގެ މުއާމަލާތާ ގުޅޭ ތަފުސީލުގައި ހިމެނިފައިވާ ޗެކް ނަންބަރު ދިމާނުވެ އެވެ.

އެ ޗެކްގައި އޮތް ނަންބަރަކީ، 0494502 އެވެ. މިއީ ޑިޕޮސިޓް ސްލިޕްގައިވެސް އޮތް ނަންބަރެވެ. އެކައުންޓް ސްޓޭޓްމަންޓްގައި އޮތީ 0495402 އެވެ.

އޮތީ ދެ އަކުރެއްގެ ތަރުތީބުގެ ތަފާތެވެ. 45 އޮންނަންވާ ތަނެއްގައި އޮތީ 54 ޖެހިފައެވެ. އެހެންނަމަވެސް، މި ކުޑަކުޑަ ތަފާތުގެ ސަބަބުން ނުކުތް ނަތީޖާއަކީ އެ ޗެކުން ޖަމާކުރީ ކޮން ފައިސާއެއްކަން ސާފުނުވެ، އޮޅުންތަކެއް އެރުމެވެ. ދައުލަތުން ބުނާ ގޮތުން އެއީ ސިސްޓަމަށް ނަންބަރު އެންޓާކުރުމުގެ ތެރޭ އަރާފައިވާ "ހިއުމަން އެރާ"އެކެވެ.

އެކަމަކު, ސުޕްރީމް ކޯޓުން ބުނީ ނަންބަރުގެ މި ފުށުއެރުމަކީ، މި މައްސަލަ ކްރިމިނަލް ކޯޓާއި ހައިކޯޓުގައި ކުރިއަށް ދިޔައިރު ފާހަގަ ކުރެވެންޖެހޭނެފަދަ ފުށުއެރުމެއް ކަމެވެ. އެ ދެ މަރުހަލާގައި މި މައްސަލައިގެ ލިޔުންތަކުގެ ތެރެއިން ޗެކް ފެންނަން ނެތް ނަމަވެސް، ޗެކްގެ ނަންބަރު ޑިޕޮސިޓް ސްލިޕާއި، އެކައުންޓް ސްޓޭޓްމަންޓްގައި ޗެކްގެ ނަންބަރު އޮތީ ތަފާތުކޮށްކަން ފާހަގަކުރި އެވެ.

އެހެންވެ, އެސްއޯއެފްއަށް ޖަމާވި ފައިސާއަކީ ގއ. ވޮޑަމުލާގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ޔުނައިޓެޑް އިންޓަނޭޝަލްއިން އެމްއެމްޕީއާރްސީއަށް ދޫކުރި ޗެކުން ޖަމާވެފައިވާ އެއް މިލިޔަން ޑޮލަރުކަމާމެދު ޝައްކު އުފެދޭ ކަމަށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައެޅީ އެވެ.

ހުކުމްގައި ބުނި އެ ޝައްކު ނައްތާނުލެވޭކަން ދައުލަތުން ސުޕްރީމް ކޯޓުގައި ދެއްކި ވާހަކަތަކުން ސާފެވެ. އަދި ޗެކް ނަންބަރުގެ ފުށުއެރުމަކީ، މި މައްސަލައިގައި ދައުވާ ކުރިއިރުވެސް ދައުލަތަށް އެނގޭ މައުލޫމާތެއް ކަމާއި ޔާމީންގެ ފަރާތުން އެކަން ފާހަގަކުރުމުން ދައުލަތުން ސާފުކޮށް ވާހަކަ ދައްކާފައި ވެސް ނުވާ ކަމަށެވެ.

"ކަންމިހެން އޮތްއިރު މި ޝައްކުގެ އާހިރު ނަތީޖާއަކީ، އެސްއޯއެފްގެ އެކައުންޓަށް ޖަމާވެފައިވާ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއްކަމާމެދު ސުވާލު އުފެދުން. މި ސުވާލަށް މި މައްސަލައިގައި ހުށަހެޅިފައިވާ ހެކިތަކުންނާއި ދެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން އަހުރެންނަށް ޖަވާބެއް ނުލިބޭ." - ފަނޑިޔާރު މަހާޒު އަލީ އިއްވެވި ހުކުމްގައިވެ އެވެ.

ދައުލަތުގެ ދައުވާގައި އެ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާ ކަމަށް ބަޔާންކޮށްފައި އޮތުމުން އެއީ އެގޮތަށް ލިބެން ޖެހޭ ފައިސާއެއްކަން ކަށަވަރު ކުރެވެންޖެހޭނެ ކަމާއި ކުށުގެ އެ ވާގިއާ ކަށަވަރު ކުރުމެއްނެތި، ލިބިފައިވާ ފައިސާއަކީ އެ ކުށް ކުރުމުގެ ސަބަބުން ލިބިފައިވާ ފައިސާކަމަށް ޝައްކުކުރެވޭ ހާލަތުގެ އެކަށޭނެކަން ވަޒަން ނުކުރެވޭނެ ކަމަށް ހުކުމްގައިވެ އެވެ.

"ވުމާއެކު، މި ނުކުތާގައި ޖުމުލަކޮށް، ކުށް ކޮށްގެން ހޯދި ފައިސާއެއްކަން ޝައްކު ކުރެވުމުން ފުދޭ ކަމުގައި ހައިކޯޓުން ނިންމާފައިވާ ނިންމުން ގާނޫނާ އެއްގޮތްކަމުގައި އަހުރެން ނުދެކެން," ހުކުމްގައި ވެއެވެ.

އެހެންވީއިރު ޔާމީން މިނިވަންވުމަށް ކުރިމަތިވި އެންމެ ބޮޑު ސަބަބެއްގެ ގޮތުގައި މިއޮތީ ޗެކު ނަންބަރެވެ. ޗެކް ނަންބަރު ޖެހިފައި އޮތް ގޮތުން މައްސަލައިގައި ހިމެނޭ ފައިސާއަކީ ދައުލަތުން ބުނި ފަދައިން ވޮޑަމުލާގެ ފައިސާކަމާމެދު ސުޕްރީމް ކޯޓާ ހަމާގައި އުފެދުނު ބޮޑު ޝައްކެވެ.

އެ ޝައްކާއި ސުވާލުގެ ތެރެއިން, އެންމެ ދެ އަކުރެއްގެ ތަފާތުން ފަސް އަހަރުގެ ޖަލު ހުކުމާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއިން ސަލާމަތްވެ ޔާމީން މިނިވަންވީ އެވެ!