Advertisement

އޮމިކްރޯން ވޭރިއެންޓާ ގުޅޭ ގޮތުން މިހާތަނަށް ހޯދުނީ ކޮން އެއްޗެއް؟

27 ނޮވެންބަރު 2021 - 10:39 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ކޮވިޑް ފަތުރާ ވައިރަހުގެ އާ ވޭރިއެންޓަށް ދީފައިވާ ނަމަކީ އޮމިކްރޯން.


އޮމިކްރޯން ވޭރިއެންޓާ ގުޅޭ ގޮތުން މިހާތަނަށް ހޯދުނީ ކޮން އެއްޗެއް؟

27 ނޮވެންބަރު 2021 - 10:39 0

ކޮވިޑް ފަތުރާ ވައިރަހުގެ އާ ވޭރިއެންޓް ބީ.529.1.1 ނުވަތަ އޮމިކްރޯން އަކީ ކަންބޮޑުވުން ހުރި ވޭރިއެންޓެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައެޅީ ހުކުރު ދުވަހު އެވެ.

ހުކުރު ދުވަހުގެ ރޭ ބޭއްވި ޕްރެސް ކޮންފެރެންސެއްގައި ޑަބްލިއުއެޗްއޯ އިން ބުނީ އޮމިކްރޯން ވޭރިއެންޓާ ގުޅުން ހުރި ކޭސްތައް، އެ ވޭރިއެންޓް އެންމެ ފުރަތަމަ ފެނުނު ދެކުނު އެފްރިކާގެ ހުރިހާ ހިސާބަކުން ވެސް ފެންނަމުންދާ ކަމަށެވެ.

"މިހާތަނަށް ލިބިފައި ހުރި ހެކީގެ މައްޗަށް ބިނާކޮށް، އޮމިކްރޯންގެ ނަން ދީފައިވާ ބީ.529.1.1 ވޭރިއެންޓަކީ ކޮވިޑް ބަލިމަޑުކަމުގެ ތެރޭގައި ކަންބޮޑުވުން ހުރި ވޭރިއެންޓެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައި،" ޑަބްލިއުއެޗްއޯ އިން ބުންޏެވެ.

ނަމަވެސް މި ވޭރިއެންޓާއި އެހެން ވޭރިއެންޓްތަކާ ތަފާތުވަނީ ކިހިނެއް ހެއްޔެވެ؟ އަދި މި ވޭރިއެންޓުގެ ނުރައްކާ އޮތީ ކިހާ ވަރަކަށް ހެއްޔެވެ؟ ތިރީގައި އެ ވަނީ މި ވޭރިއެންޓާ ގުޅޭ ގޮތުން މިހާތަނަށް ހޯދިފައިވާ މުހިއްމު މައުލޫމާތުތަކެވެ.

އޮމިކްރޯން ވޭރިއެންޓް އެންމެ ފުރަތަމަ ފެނުނީ ކޮން އިރަކު؟

ދެކުނު އެފްރިކާ އިން މި ވޭރިއެންޓުގެ ވާހަކަ ޑަބްލިއުއެޗްއޯ އަށް އެންގީ ނޮވެމްބަރު 23 ވަނަ ދުވަހު އެވެ. އޮމިކްރޯން ވޭރިއެންޓާ އެކު ކޮވިޑަށް ޕޮޒިޓިވްވި ފުރަތަމަ ސާމްޕަލް ފާހަގަވީ ނޮވެމްބަރު ނުވަ ވަނަ ދުވަހު އެވެ. މި ވޭރިއެންޓް ދެނެގަނެވިފައި ވާއިރު، ފަހަކަށް އައިސް ދެކުނު އެފްރިކާގެ ކޮވިޑް ކޭސްތައް ވަނީ ކުއްލިއަކަށް އިތުރު ވާން ފަށާފަ އެވެ.

"މީގެ ހަފުތާއެއްހާ ދުވަސް ކުރީގެ ނަތީޖާތަކަށް ބަލާއިރު ވެސް، ވަރަށް ގިނަ ހިސާބުތަކުގައި ޕޮޒިޓިވްވަމުން ދިޔައީ އެއް ޕަސެންޓަށް ވުރެ މަދު އަދަދެއްގެ މީހުން،" ދެކުނު އެފްރިކާގެ ހާލަތު ބަދަލުވަމުންދާ ގޮތާ މެދު ސައިންޓިސްޓަކު ބުންޏެވެ.

"އެކަމަކު ބައެއް ހިސާބުތަކުގައި ޕޮޒިޓިވްވާ ރޭޓް ވަނީ ވަރަށް ބޮޑު ތަނުން އިތުރުވެ ހަ ޕަސެންޓަށް އަރާފަ. އެއީ ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފާހަގަވި ބަދަލެއް."

އޮމިކްރޯންގެ ނަން ދިނީ ކީއްވެ؟

ކޮވިޑް ބަލިމަޑުކަމުގެ ތެރޭގައި ބަލި ފަތުރާ ވައިރަސް ފެތުރެމުންދާ ވަރަކަށް، އޭތި މިއުޓޭޓްވެ މުޅިން އާ ވޭރިއެންޓްތައް އުފެދެން ފެށި އެވެ. އެއާއެކު އެކި ވޭރިއެންޓްތަކާ ގުޅޭ ދިރާސާތައް ކުރަމުން، ނުރައްކާ މިންވަރު ބެލުމަށް ވޭރިއެންޓްތައް ކެޓެގަރީތަކަށް ބަހަން ފެށި އެވެ.

އެގޮތުން ކަންބޮޑުވާން ޖެހޭ ވޭރިއެންޓް އަދި މޮނީޓާ ކުރަން ޖެހޭ ވޭރިއެންޓްގެ ކެޓެގަރީ ޑަބްލިއުއެޗްއޯ އިން ގެންގުޅެ އެވެ. ވޭރިއެންޓްތަކަށް ނަން ދިނުމުގައި ގްރީކް އަކުރުގެ ނަންތަކުގެ ނަން ދޭން ނިންމީ ވޭރިއެންޓް ފެންނަ ގައުމާ ގުޅުވައިގެން ތަފާތުކުރުން ގެންގުޅުމުގެ ބިރު އޮތުމުންނެވެ.

ހުކުރު ދުވަހު ޑަބްލިއުއެޗްއޯ އިން ބުނީ ދެކުނު އެފްރިކާ އިން އަލަށް ފެނުނު ވޭރިއެންޓަށް ކިޔާ ނަމަކީ އޮމިކްރޯން ކަމަށެވެ. އެއީ ގްރީކް އެލްފަބެޓްގެ 15 ވަނަ އަކުރެވެ.

އޮމިކްރޯން އާއި އެހެން ވޭރިއެންޓްތަކާ ތަފާތުވަނީ ކިހިނެއް؟

މި ވޭރިއެންޓް ޓްރެކް ކުރާތާ އަދި ވީ އެންމެ ތިން ދުވަހެވެ. ނަމަވެސް މިހާރު ވެސް މި ވޭރިއެންޓްގައި ތަފާތު 30 މިއުޓޭޝަންވާކަން ވަނީ ހޯދިފަ އެވެ. މިއީ ޑެލްޓާ ވޭރިއެންޓާ އަޅާ ބަލާއިރު ގާތްގަނޑަކަށް ދެ ގުނަ އިތުރު އަދަދެކެވެ.

މިއުޓޭޝަންތަކުން ފެންނަނީ އެހެން ވޭރިއެންޓްތަކުން ވެސް ފެނިފައި ހުރި ސިފަތަކެވެ. ނަމަވެސް ބައެއް މިއުޓޭޝަންތަކަކީ މުޅިން އާ ތަކެތީގެ ގޮތުގައި ސައިންޓިސްޓުން ވަނީ ފާހަގަކޮށްފަ އެވެ.

ވެކްސިނުން ރައްކާތެރިކަން ލިބޭނެތަ؟

މިކަން ޔަގީން ކުރެވޭނީ އިތުރު ދިރާސާ އަށް ފަހު އެވެ. މިއުޓޭޝަންގެ ސަބަބުން ބަލި ހަލުވިކަމާއެކު ފެތުރެން މެދުވެރިވެދާނެ އެވެ. އަދި ކުރިން ބަލި ޖެހި ރަނގަޅުވެފައިވާ މީހުންނާއި ވެކްސިން ޖަހާފައިވާ މީހުންގެ ހަށިގަނޑަށް އަސަރު ކުރުން ވެސް އެކަށީގެންވެ އެވެ.

"އަޅުގަނޑުމެންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ މި ވޭރިއެންޓްގެ ސްޕައިކް ޕްރޮޓީން އާއި ކޮވިޑް ފަތުރާ ވައިރަހުގެ އޮރިޖިނަލް ވާޝަންގެ ސްޕައިކް ޕްރޮޓީންއާ ވަރަށް ބޮޑު ތަފާތުވުން. ވެކްސިން ބިނާކޮށްފައި އޮތީ އޮރިޖިނަލް ވައިރަހަށް، އެހެންވީމަ މިއީ ކަންބޮޑުވާ ކަމެއް،" އިނގިރޭސިވިލާތުގެ ސައިންޓިސްޓަކު ބުންޏެވެ.

"އަޅުގަނޑުމެން ބަލަންވީ މިހާރު ވެކްސިންތަކުން އުފައްދާފައި ހުރި އެންޓިބޮޑީތައް މަސައްކަތް ކުރޭތޯ. އަދި މަސައްކަތް ކުރާ ނަމަ ކިހާ މިންވަރަކަށްތޯ އާއި ބަލީގައި ސީރިއަސްވުން ކުޑަވާނެތޯ،" ޕެރިސް އިންސްޓިޓިއުޓް ޕެސްޓޯގެ އޮފިޝަލަކު ބުންޏެވެ.

ފައިޒާ އާއި ބަޔޯއެންޓެކް ކުންފުނިން ބުނެފައި ވަނީ ބޭނުން ޖެހިއްޖެ ނަމަ 100 ދުވަހުގެ ތެރޭގައި އާ ވޭރިއެންޓުގެ މައްޗަށް ބިނާކޮށް އާ ވެކްސިނެއް ނެރި، ގައުމުތަކަށް ފޮނުވަން ފެށޭނެ ކަމަށެވެ.

"ތަޖުރިބާކާރުންގެ ކަންބޮޑުވުމާ ހެދި އަޅުގަނޑުމެން ވަނީ ބީ.529.1.1 ވޭރިއެންޓާ ގުޅޭ ތަހުލީލުތައް ވަގުތުން ފަށާފައި،" ބަޔޯއެންޓެކުން ނެރުނު ބަޔާނެއްގައި ބުންޏެވެ.

ތަހުލީލުތަކުގެ ނަތީޖާ ކުރިއަށް އޮތް ދެ ހަފުތާ ތެރޭގައި ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެސްޓްރަޒެނެކާ އިން ބުނީ އާ ވޭރިއެންޓްގެ ސަބަބުން ހަށިގަނޑުގެ ހުރި އެންޓިބޮޑީ އަށް ކުރާ އަސަރުގެ ދިރާސާ ކުރަމުންދާ ކަމަށާއި ވެކްސިންގެ ބާރު ދެމިހުންނާނެކަމުގެ އުއްމީދު ބޮޑު ކަމަށެވެ.

އިމޮކްރޯންއާ މެދު ކަންބޮޑުވާންވީ ކިހާ ވަރަކަށް؟

އެންމެ ބޮޑު ބިރުވެރިކަމަކީ ވައިރަސް ހަލުވިކަމާއެކު ފެތުރި، ބަލީގެ ނުރައްކާ ބޮޑުވުމެވެ. އޭގެ އިތުރުން މިހާރު ހުރި ވެކްސިންތަކުން މި ވޭރިއެންޓާ ދެކޮޅަށް މަސައްކަތް ނުކުރުމުގެ ބިރު ވެސް އެބަ އޮތެވެ.

ނަމަވެސް ސައިންޓިސްޓުން ބުނެފައި ވަނީ އެކަންކަން ޔަގީންކުރަން އަދި މާ އަވަސް ކަމަށެވެ. މިހާރު ކުރަމުންދާ މަސައްކަތަކީ ވޭރިއެންޓްގެ ލައިވް ކަލްޗާ ހޯދައި، އިތުރު ދިރާސާ ކުރުމެވެ.

ނަމަވެސް ލައިވް ކަލްޗާ ހޯދުމަށް 7-10 ދުވަސް ނަގާނެ އެވެ. އޭގެ އިތުރުން ދެކުނު އެފްރިކާގެ ތަފާސްހިސާބު ވެސް ސައިންޓިސްޓުންނަށް މުހިއްމެވެ.

ސައިންޓިސްޓުން ބުނީ އޮމިކްރޯން ވޭރިއެންޓާ ގުޅޭ ކަންކަން އެންމެ އަވަހަށް ވެސް ޔަގީން ކުރެވެން ފަށާނީ ދެ ތިން ހަފުތާ ފަހުން ކަމަށެވެ.