Advertisement

ޔާމީންގެ ޝަރީއަތާއި އިންސާފު ގާއިމު ކުރުމަށް އޮތް ފުރުސަތު

28 ނޮވެންބަރު 2021 - 08:06 2

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީން -- ފޮޓޯ: އަދަދު


ޔާމީންގެ ޝަރީއަތާއި އިންސާފު ގާއިމު ކުރުމަށް އޮތް ފުރުސަތު

28 ނޮވެންބަރު 2021 - 08:06 2

ނޮވެމްބަރު 13، 2019 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެކެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަސް އަހަރުގެ ވެރިކަން ނިމުނުތާ 361 ދުވަސް ފާއިތުވެއްޖެ އެވެ. ވެރިކަމުގެ އާރާއި ބާރުގައި ހިންގެވި ކަމަށް ބުނާ ކުށްތަކެއްގެ މަައްސަލައިގައި އެ މަނިކުފާނުގެ މައްޗަށް ޖިނާއީ ދައުވާއެއް އުފުލައި، މައްސަލަ އޮތީ ހުކުމް ކުރުމާ ހަމައަށް ގޮސްފަ އެވެ.

މިރޭ ރައީސް ޔާމީން އެ ހުންނެވީ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ އޮފީހުގަ ޕޯޑިއަމެއްގެ ފަހަތުގަ އެވެ. ކުރިފުޅުމަތީ ތިއްބެވީ ވެރިކަމުގެ ދުވަސްތަކުގައި މަދަދު ދެއްވި އިހްލާސްތެރިންނާއި ނޫސްވެރިންނެވެ. މައުލޫއަކީ ކްރިމިނަލް ކޯޓެވެ. އިންސާފުވެރިކޮށް ޝަރީއަތް ކުރުމެވެ. އެ މަނިކުފާނުގެ ދައުރުގައި، އެ ކޯޓުން ޖަލަށްލި ސިޔާސީ ބޭފުޅުން ކުރިން ވަރަށް ގިނައިން ވާހަކަ ދެއްކެވި މައުލޫއެކެވެ.

ވާހަކަ ދައްކަވާއިރު ޔާމީންއަށް ހަގީގަތެއް ނޯޅެ އެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ކްރިމިނަލް ކޯޓުން އެ މަނިކުފާނުގެ މައްޗަށް ހުކުމެއްކޮށް، އެކަމުގެ ސަބަބުން މިނިވަންކަން ގެއްލިދާނެ ކަން ރަނގަޅަށް އެނގިވަޑައިގަންނަވަ އެވެ. އެކަމަކު ހަރު ސިޔާސީ ލީޑަރެއްގެ އަޒުމް ޗިސްނުކޮށްލެވޭނެކަން ޔާމީންގެ ވާހަކަފުޅުން އެރޭ އެނގުނެވެ.

"އިންސާފުވެރި އަދުލްވެރި ޝަރީއަތެއް ކޮށްފި ކަމަށް ވާނަމަ ރައީސް ޔާމީންގެ ގައިގައި އަތްލެވޭނެ ގޮތެއް ނޯންނާނެ. އެއީ ވާނެ ކަމެއް ނޫން،" ޔަގީންކަމާއެކު ޔާމީން ވިދާޅުވި އެވެ.

އޭގެ 15 ދުވަސް ފަހެވެ. ކޯޓުގައި ހިނގަމުން ދިޔަ މައްސަލައިގައި ކަޅު ފައިސާ ދޮވުމުގެ ކުށް ސާބިތުވެ، ފަސް އަހަރުގެ ދިގު ޖަލު ހުކުމެއް އިއްވި އެވެ. އެކަމަކު އަނެއްކާ ވެސް މިއޮތީ، އެ ހުކުމަށް ގޮތެއް ކަނޑައެޅުމާ ހިސާބަށް ގޮސްފަ އެވެ. ދަށު ކޯޓުން ހުކުމް ކުރިތާ 749 ދުވަސް ފަހުން އަންނަ އަންގާރަ ދުވަހު އެންމެ މަތީ ކޯޓުން އެ މައްސަލައިގައި ހުކުމް ކުރާނެ އެވެ.

ޔާމީނަށް ސަޕޯޓްކުރާ ރައްޔިތުން އެދެނީ އެ މަނިކުފާނު މިނިވަންވުމަށެވެ. ބައެއް މީހުން އެދޭ ގޮތަކީ، ދައުލަތުގެ އެންމެ ލާރި ފޮއްޗެއްގައި ވެސް ޔާމީން ޖެހިވަޑައިގެންފައިވާ ނަމަ އެކަމަށް އަދަބު ދިނުމެވެ. ބާކީ ތިބި ބަޔަކަށް، ޔާމީންގެ މައްޗަށް ހުކުމް ކުރުމަކީ އެ މީހުންގެ ހަޔާތުގައި މުހިންމު ކަމަކަށް ނުވެދާނެ އެވެ.

މީގެ 13 އަހަރު ކުރިން ސެޕްޓެމްބަރު 18، 2008 ގައި އުފެދުނު ސުޕްރީމް ކޯޓަކީ ދިވެހިންނަށް ބައިޕޯލާ މަންޒަރެއް ދެއްކި އިދާރާއެކޭ ބުނުމުން ދޮގަކަށް ނުވާނެ އެވެ. އެ އަހަރުގެ އޯގަސްޓު މަހު ފާސް ކުރި ފެހި ގާނޫނު އަސާސީގެ ދަށުން އުފެއްދި ސުޕްރީމް ކޯޓުގެ ކުރީކޮޅު އެ ކޯޓުން ވަނީ މުހިންމު މަސައްކަތްތަކެއްކޮށް، އެ ވަގުތު ރާއްޖޭގައި އޮތް ސިޔާސީ މަސްރަހަށް އިންސާފުވެރި ހައްލުތަކެއް ހޯދައިދީފަ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ރިޔާސީ ކެންޑިޑެސީއާމެދު 2008 ވަނަ އަހަރު ސުވާލު އުފެއްދުމުންް ސުޕްރީމް ކޯޓުން އެކަން ސާފުކޮށްދިނެވެ. ރައީސް މައުމޫން އަބްދުލްގައްޔޫމަށް 2008 ގެ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް ސޯޝަލް ލިބަރަލް ޕާޓީން ބުނުމުން އެކަމަށް ހައްލެއް ގެނަ އެވެ. ރަައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކަނޑައަޅާފައިވާ ތާރީހަށް ބޭއްވުމަށް ފާސް ކުރަންޖެހޭ މުހިންމު ދެ ގާނޫނެއް ފާސްނުކޮށް މަޖިލިހުން ޗުއްޓީއަށް ދާން މަސައްކަތް ކުރުމުން، ގާނޫނު އަސާސީގެ ބާރު ސުޕްރީމް ކޯޓުން ދެމެހެއްޓި އެވެ.

ސުޕްރީމް ކޯޓުގެ އެ ނިންމުންތަކާމެދު އާންމުންގެ މެދުގައި ބޮޑެތި ސުވާލުތަކެއް ނުއުފެދުނެވެ. އިންސާފު ގާއިމް ކުރެވުނުކަން ގިނަ ބަޔަކަށް ގަބޫލު ކުރެވުނެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ހަނީމޫން ދުވަސްވަރު، އިސާހިތަކު ނިމުނެވެ. އެންމެ ފުރަތަމަ މައްސަލަ ޖެހުނީ ކޯޓުގައި ތިއްބެވި ފަނޑިޔާރުންގެ މެދުގަ އެވެ.

ގާނޫނު އަސާސީގެ ދަށުން އެކްޓިން ޗީފް ޖަސްޓިސްއަކަށް ކަނޑައެޅުއްވި އަބްދުﷲ ސައީދަށް ދާއިމީ، އުއްތަމަ ފަނޑިޔާރުގެ މަގާމަށް ވަޑައިގަތުމުގެ ފުރުސަތު ލިބިވަޑައިނުގަތުމުން އެތެރޭގެ މައްސަލަގަނޑެއް އުފެދުނެވެ. ދާއިމީ ފަނޑިޔާރުންގެ ބެންޗާއެކު ކަނޑައެޅުއްވި އުއްތަމަ ފަނޑިޔާރުގެ މަގާމުގައި ހުންނެވި އަހުމަދު ފާއިޒު ހުސެއިންއަށް އެކި ގޮތްގޮތުން ކޯޓުގައި މަސައްކަތް ކުރުމަށް ދަތިވި ކަމަކީ ހަގީގަތެކެވެ.

އެ ދުވަސްވަރު ނަޝީދުގެ ސަރުކާރާއި ސުޕްރީމް ކޯޓާ ދެމެދު މައްސަލަތަކެއް ޖެހުނެވެ. އެގޮތުން 2010 ވަނަ އަހަރު ނަޝީދުގެ ކެބިނެޓް އެއްކޮށް އިސްތިއުފާ ދެއްވައި، އަލުން ހަމަ އެ މަގާމަށް އައްޔަން ކުރަން ހުށަހެޅުމުން، ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން މައްސަލަ ފާހަގަ ކުރެވެ އެވެ. ކޯޓުން ނިންމީ މަޖިލީހުގެ ރުހުމާ ނުލައި، ވަޒީރުންނަށް މަގާމުގައި ދެމި ނުތިބެވޭނެ ކަމަށެވެ. މިއީ ނަޝީދަށް ބަލައިގަނެވޭނެ ކަމަކަށްނުވި އެވެ. ސަބަބީ، ރައްޔިތުންގެ މަޖިލީހާއި އެކްޒެކެޓިވްއަކީ ވެސް ދައުލަތުގެ ބާރުތަކަށް ވެފައި، ހުކުމް އައި ގޮތުން ކެބިނެޓަށް މިނިވަންކަމާއެކު ވަޒީރުން ލައިގެން ހިންގުމުގެ ބާރު ގެއްލުމެވެ.

އޭގެ ފަހުން ދެން މައްސަލަ ޖެހުނީ ރައްޔިތުންނާ އެވެ. އެންމެ ފުރަތަމަ މައްސަލައަކަށްވީ ފަނޑިޔާރު އަލީ ހަމީދުގެ ބަރަހަނާ ވީޑިއޯއެއް ލީކުވުމުންްނެވެ. މިއަދާ ހަމައަށް ވެސް ހަމީދު ބުނަނީ ވީޑިއޯއިން ފެންނަނީ އޭނާ ނޫން ކަމަށެވެ. އެކަމަކު ރައްޔިތުންގެ އިތުބާރު އެ ހިސާބުން ގެއްލިއްޖެ އެވެ. އިސްލާމީ ގައުމެއްގެ އެންމެ މަތީ ކޯޓުގެ ފަނޑިޔާރަކު، ރާފޮދު ހިއްޕަވައިގެން، ކަސްބީ އަންހެނަކާއެކު އުޅޭ މަންޒަރު ފެނުމަކީ ރައްޔިތުން އެކަމަށް ބާރަށް ނޫނެކޭ ބުނި ހުތުރު ހާދިސާއެކެވެ.

އެއަށްފަހު، ސުޕްރީމް ކޯޓު ފެނުނީ މުޅިން އެހެން އައްޔެއްގަ އެވެ. އެ ކޯޓުން އޭގެ ފަހުން އަމަލު ކުރަމުން ދިޔައީ އިތުރަށް ބޭޒާރުވާނެކަމުގެ ބިރު ނެތް މީހެއް ފަދައިން ކަމަށް ބުނުމަކީ ދޮގަކަށް ނުވާނެ އެވެ. ސުޕްރީމް ކޯޓުން 2013 ވަނަ ރިޔާސީ އިންތިހާބުގެ ދެ ބުރެއްގެ ވޯޓު ބާތިލްކޮށް، އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު މަގާމުން ވަކިކޮށް، ހާމަކަން ބޮޑު ގޮތެއްގައި އިންތިހާބަށް ނުފޫޒު ފޯރުވުމުންނެވެ. މިއީ ރައްޔިތުންގެ މެދުގައި ކޯޓާމެދު ނަފްރަތު އުފެދުނު ނިންމުމަކަށްވި އެވެ.

އެންމެ އާދައިގެ މީހާއަށް ވެސް އެނގޭނެ ފަދަ ގާނޫނީ އަަދި ޝަރުއީ އުސޫލުތަކާ ހިލާފަށް ނިންމާ މައްސަލަތައް، 2013 ގެ ރިޔާސީ އިންތިހާބަށް ފަހު ގިނަވި އެވެ. ދައުވާއެއް ނުއުފުލައި ވެސް މީހުންގެ މައްޗަށް ހުކުމްކޮށްފައި އެބަހުއްޓެވެ.

ފަނޑިޔާރުންނަށް އެކި ބޭފުޅުންގެ ފަރާތުން ދިއްކުރަމުން އައި އިނގިލިތައް ގިނަވި އެވެ. އެންމެފަހުން، ފެބްރުއަރީ، 2018 ގައި ކުއްލިއަކަށް ނެރުނު އަމުރަކާއެކު ޔާމީންގެ ސިޔާސީ ވާދަވެރިން ދޫކޮށްލުމަށް އެންގުމުން ސަރުކާރުން އެކަން ބަލައިނުގަނެ ސުޕްރީމް ކޯޓަށް ސިފައިން ފޮނުވާ އެތަން ހިފީ އެވެ. އަދި އަމުރު ނެރުމުގައި އިސްކޮށް ހުރި ދެ ފަނޑިޔާރުން ކަމަށްވާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި އަލީ ހަމީދު ހައްޔަރު ކުރި އެވެ.

އެ އަމުރަށް އެއިރުގެ އިދިކޮޅު ސަޕޯޓަރުން ތާއީދު ކުރި ނަމަވެސް އެ އަމުރުގައި ވެސް ސުވާލު އުފެދޭ ކަންކަން ހުއްޓެވެ. ސުޕްރީމް ކޯޓުގައި ހިނގައިދިޔަ ކަންތައް އެންމެ ރަނގަޅަށް ސިފަކޮށްދެއްވާފައި ވަނީ މިހާރު އެ ކޯޓުގައި ތިއްބެވި ފަނޑިޔާރުންނެވެ.

"މިއަދު އަހުރެން ލަދުވެތިކަމާއެކު ފާހަގަކުރަންޖެހެނީ، ދިވެހި ކޯޓުތަކުން ހިޔާރުކުރީ ގާނޫނުއަސާސީ އާއި އިސްލާމީ ޝަރީއަތުގައިވާ ޕްރިންސިޕްލްސް އޮފް ނެޗުރަލް ޖަސްޓިސްގެ އަސާސީ އުސޫލުތައް ތަޖާހުލްކޮށް، މުގުރާލުމަށް. މި މައްސަލައިގައި މިއޮތީ މީހެއްގެ އަސާސީ ހައްގު ކަށަވަރުކޮށްދިނުމުގެ ބަދަލުގައި، ޝަރުއީ ކޯޓުތަކުން އަސާސީ ހައްގެއް ނިގުޅައިގަނެފަ،" އެތައް މިލިއަން ޑޮލަރެއް މަޝްހޫރު އަތަމާ އަބްދުއްލަތީފް ދައްކަންޖެހޭ ކަމަށް ކުރިން ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމެއް އަލުން ބެއްލެވުމަށްފަހު ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު ވިދާޅުވެފައިވެ އެވެ.

އެއީ ސީރިއަސް ވާހަކައެކެވެ. އަދި އެއީ ދިވެހި މާޒީގައި ލެވުނު ބޮޑު ކަޅު ލައްގަނޑެކެވެ. މިހާރު ފަނޑިޔާރު ސުއޫދު ވިދާޅުވާ ފަދައިން އެއީ އަހަރުމެން ލަދުވެތިވާންޖެހޭ ފަދަ މައްސަލައެކެވެ.

"އަދުލްއިންސާފު ގާއިމް ކުރެއްވުމުގެ ނަމުގައި ޝަރުއީ ނިޒާމުގެ ބޭރުން ސުޕްރީމް ކޯޓުގެ ކުރީގެ ބައެއް ފަނޑިޔާރުން ޝަރުއީ ނިޒާމަށް އެއްވެސް ހުރުމަތެއް ނުބަހައްޓަވައި ކުރައްވާފައިވާ އަމަލުތަކަށް ލަދުވެތި ހުރެ، މި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދު ކުރަން،" ހަމަ އެ މައްސަލައިގައި ހުކުމް ކުރައްވަމުން ސުއޫދު ވިދާޅުވެފައިވެ އެވެ.

މިއަދު އިންސާފު ގާއިމް ކުރުމުގެ ބާރު އޮތީ ސުޕްރީމް ކޯޓުގައި ތިއްބެވި ފަނޑިޔާރުންނަށެވެ. އިންސާފު ގާއިމުކޮށްދެއްވަމުން ގެންދަވާ ގޮތް ވެސް ތަފާތެވެ. ތައައްސުބުގެ ތުހުމަތެއް، ރިޝްވަތުގެ ތުހުމަތެއް ސުޕްރީމް ކޯޓުގެ މިހާރުގެ ފަނޑިޔާރުންނާ ގުޅުވައި އަޑު ނީވުމާއި އެފަދަ ވާހަކައެއް ގަބޫލުކުރާނޭ ގިނަ ބަޔަކު ވެސް ނެތް ކަމީ މި ސުޕްރީމް ކޯޓުން ހޯދި އެންމެ ބޮޑު ކާމިޔާބީ އެވެ. މުޅި ގައުމުގެ ނަޒަރު ހުއްޓިފައި އޮތް މި މައްސަލައިގެ ތެރޭގައިވެސް އެފަދަ ތުހުމަތެއް ރައީސް ޔާމީނަށް ތާއީދުކުރާ ފަރާތަކުންވެސް ސުޕްރީމް ކޯޓަށް އަމާޒުކޮށްފައެއް ނެތެވެ.

ރައީސް ޔާމީންއަކީ ދިވެހިންގެ ލޯތްބާއި ނަފްރަތު ވެސް އަމާޒުވާ ބޭފުޅެކެވެ. ލޯބިވާ މީހުން އެ ލޯބީގެ ސަބަބަކަށް ދައްކަވަނީ އެމަނިކުފާނުގެ ޒައާމަތުގެ އުމްރާނީ ތަރައްގީއާއި އެފަދަ އެހެން ކަންކަމެވެ. ނަފްރަތު ކުރާ މީހުންގެ ނަފްރަތުގެ ސަބަބަކަށް ދައްކަނީ ހައްދު ފަހަނައަޅާފައި އޮތް އަނިޔާވެރިކަމާއި ކޮރަޕްޝަން އެވެ. ރައްޔިތުންގެ މުދަލުން ވައްކަންކޮށްފައިވާ ކަމުގެ ތުހުމަތެވެ.

ރައްޔިތުންގެ ކުރިމަތީގައި އެއީ ކުރީގެ ރައީސް ޔަމީން އެވެ. ނަމަވެސް ފަނޑިޔާރުންގެ ކުރިމަތީގައި އެއީ ހަމައެކަނި އަބްދުﷲ ޔާމީން އެވެ. ރައްޔިތުންގެ އުއްމީދަކަށް ވާނީ އެއްވެސް ތައައްސުބެއްނެތި، އިންސާފު ގާއިމް ކުރެވިއްޖެކަން ރައްޔިތުންނަށް އިހްސާސް ކުރުވާނޭ ހުކުމަކަށް މި ހުކުމް ވެގެން ދިއުމެވެ. މި ހުކުމުގެ ސަބަބުން ލިބެންވާނޭ ހަގީގީ ކާމިޔާބީއަކީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް އިންސާފު ގާއިމުކޮށްދިނުމުގައި ސުޕްރީމް ކޯޓު ދެގޮތެއް ނުވެ ދެމި އޮންނާނޭ ކަމުގެ މަންޒަރު ދައްކައި ޝަރުއީ ދާއިރާއަށް ރައްޔިތުންގެ އިތުބާރު އިތުރުވެގެން ދިއުމެވެ.