Advertisement

މަސްތުވާތަކެއްޗާ ދެކޮޅަށް ގާނޫނު ތަންފީޒުނުވާކަމުގެ ކަންބޮޑުވުމާއެކު ފުލުހުން ގޮތްހުސްވެފައި!

27 ނޮވެންބަރު 2021 - 07:33 4

ހުސެއިން އަރުބާން ފައްވާޒް

ހުސެއިން އަރުބާން ފައްވާޒް

މަސްތުވާތަކެތި ބޭނުންކުރުމަށް މާލޭގައި ހަދާފައި ހުރި "ޑްރަގު ކެފޭ" އަކަށް ފުލުހުން ވަދެ އެތަން ބަލައި ފާސްކުރަނީ-- ފޮޓޯ: އަދަދު


މަސްތުވާތަކެއްޗާ ދެކޮޅަށް ގާނޫނު ތަންފީޒުނުވާކަމުގެ ކަންބޮޑުވުމާއެކު ފުލުހުން ގޮތްހުސްވެފައި!

27 ނޮވެންބަރު 2021 - 07:33 4

ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ވަބާއަކީ މަސްތުވާތަކެތީގެ މައްސަލަ އެވެ. އެ ވަބާއާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް ދަނީ ފަނުފުލުންނެވެ. ދައުލަތުގެ ބަޖެޓުން ކުރާހާ ހޭދައާއި، މުއައްސަސާތަކުން ހޭދަކުރާހާ ވަގުތެކޭ ކަނޑުގައި އަޅާ ރޮނގެކޭ އެއްހަމަ އެވެ. މިކަމާ މާޔޫސްވެ، ދިވެހި ފުލުހުންގެ އިދާރާއިން މިހާރު ބުނަނީ 'ގޮތް ހުސްވެއްޖެ' ކަމަށެވެ.

މިދިޔަ އޮކްޓޯބަރު މަހު ފުލުހުން ހިންގި ދެ އޮޕަރޭޝަނެއްގައި 315 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ އެއާ ގުޅުން ހުރި ކަމަށް ބެލެވިގެން ހައްޔަރުކުރި ބައެއް މީހުން ދޫކޮށްލަން ކޯޓުން އަމުރުކުރުމަކީ ކަންބޮޑުވުމެއް ކަމަށް ފުލުހުން ފާހަގަކުރި އެވެ. ޕްރޮސިކިއުޓަ ޖެނެރަލްއަށްވެސް ފެނިވަޑައިގަތީ ކްރިމިނަލް ކޯޓުގެ ނިންމެވުން ރަނގަޅު ކަމަށެވެ. އިސްތިއުނާފެއްވެސް ނުކުރައްވަ އެވެ. ފުލުހުން ކުރިއަށް ގެންދާ އެތައް އޮޕަރޭޝަނެއް މިގޮތުގެ މަތީން ފެއިލްވެ، މަސްތުވާ ތަކެއްޗާއި ދެކޮޅަށް އެ އިދާރާއިން ކުރަމުން އަންނަ މަސައްކަތުގެ ނަތީޖާ ނުފެންނާތީ ގިނަ ކަންބޮޑުވުންތަކެއް ފުލުހުން ފާޅުކޮށްފައި ވެއެވެ.

މި ކަންބޮޑުވުންތައް ހިއްސާކޮށްފައިވަނީ ހޭންޑްސް ޓުގެދާ ކިޔާ ޖަމިއްޔާއަކުން ހުށަހެޅި "ޗޭންޗް އެންޑީއޭ" ޕެޓީޝަނާއި ގުޅިގެން ރައްޔިތުން މަޖިލީހުގެ ޕެޓިޝަން ކޮމިޓީއިން ފުލުހުންނާއި ބައްދަލުކުރުމުންނެވެ. މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރާ މަސައްކަތުގައި ދިމާވާ ގޮންޖެހުންތަކާއި ގުޅޭ ގޮތުން އެ ބައްދަލުވުމުގައި މަޝްވަރާކުރެވިގެން ދިޔައިރު، އެ ވާހަކަތައް އެ ކޮމިޓީއިން އާންމުކުރި ދިރާސާ ރިޕޯޓެއްގައި ޝާއިއުކޮށްފައި ވެއެވެ.

އެ ރިޕޯޓަށް ބަލާއިރު ފުލުހުންގެ ކަންބޮޑުވުންތައް އިންތިހާ އެވެ. ފުރަތަމަ ކަންބޮޑުވުމަކީ މާލެ ފިޔަވައި އެހެން ސަރަހައްދުތަކުގައި މަސްތުވާތަކެއްޗާއި ދެކޮޅަށް ހާއްސަ އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް ކްރިމިނަލް ކޯޓުން އަމުރު ނުދޭ ކަމަށް ބުނެ ފާޅުކުރި ކަންބޮޑުވުމެވެ. އަދި މާލެ ނޫން އެހެން ރަށެއްގައި މިފަދަ އޮޕަރޭޝަނެއް ހިންގާނަމަ، އެރަށެއްގެ މެޖިސްޓްރޭޓް ކޯޓެއްގައި އަމުރަކަށް އެދޭއިރު، އޮޕަރޭޝަން ފެށުމުގެ ކުރިން އެ މައުލޫމާތުތައް ލީކުވާ ކަމަށްވެސް ފުލުހުން ފާހަގަކުރި އެވެ. ފުލުހުން ގަބޫލުކުރާ ގޮތުގައި އެ މައުލޫމާތުތައް ލީކުވަނީ އެ ކޯޓުތަކުގެ މުވައްޒަފުންނާ ހިސާބުންނެވެ.

ފުލުހުންގެ ފަރާތުން ދެން ފާހަގަކުރީ އެ މުއައްސަސާއިން ތަހުގީގުކޮށް ޕީޖީއަށް ފޮނުވާ މަސްތުވާތަކެތީގެ މައްސަލަތައް ޑްރަގް ކޯޓަށާއި، ނެޝެނަލް ޑްރަގް އޮތޯރިޓީ (އެންޑީއޭ) ގެ ފަރުވާގެ ނިޒާމުގެ ތެރެއަށް ދާން ދިގުލައިގެން ދިއުމުގެ ޝަކުވާ އެވެ. ފުލުހުން ބުނާ ގޮތުގައި މިކަމަށް އެންމެ މަދުވެގެން 300 އެއްހާ ދުވަސް ނަގަ އެވެ.

މީގެ އިތުރުން ކެނެބިސް ބޭނުން ކުރާ މީހުން ޓީއެޗްސީއަށް ޕޮޒިޓިވް ވުމުން ދައުވާ ކުރިނަމަވެސް، ހެރޮއިން ބޭނުންކުރާ މީހެއްގެ އަތުން މަސްތުވާތަކެތި ނުފެންނަނީސް ފަރުވާގެ ނިޒާމަށް ނުވަދެވޭ ކަން ފުލުހުން ފާހަގަކުރެ އެވެ.

ތިންވަނަ ކަމަކަށް ފުލުހުން ކަންބޮޑުވުން ފާޅުކުރީ ދާދިފަހަކުން ކްރިމިނަލް ކޯޓުން ނިންމި ނިންމުމަކާ ގުޅޭގޮތުންނެވެ. އެއީ މަސްތުގެ ހާލަތުގައި ހައްޔަރު ކުރާ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމުގެ އިހްތިސޯސް ކްރިމިނަލް ކޯޓަށް ލިބިގެން ނުވާކަމަށް އެކޯޓުން ނިންމެވި ނިންމެވުމެވެ. އެގޮތަށް ނިންމެވީ އެ ކޯޓުން އޮގަސްޓް 12، 2021 ދުވަހު ބޭއްވި ފަނޑިޔާރުންގެ މަޖިލީހުގެ ބައްދަލުވުމުގަ އެވެ.

މި ނިންމުމާއި ގުޅިގެން މިއަދާއި ހަމައަށްވެސް މިކަމުގައި ދާންވީ ކޯޓެއް ނޭނގޭ. މީގެ ނަތީޖާއަކީ މަސްތުވާ ހާލަތުގައި ހައްޔަރުކުރެވޭ މީހުންނާމެދު އަމަލުކުރުމުގެ ފުރަތަމަ މަރުހަލާގައިވެސް ގޮތްހުސްވުން" ފުލުހުން ބުނެފައިވާ ކަމަށް އެ ރިޕޯޓްގައި ވެއެވެ.

ދެން އެ އިދާރާގެ އެންމެ ބޮޑު ޝަކުވާއަކަށްވީ މަސްތުވާތަކެއްޗާއި ބެހޭ ގާނޫނު ވުޖޫދުވިތާ 10 އަހަރުވީއިރުވެސް، އެ ގާނޫނުގައި ތަންފީޒު ނުކުރެވޭ ގިނަ މާއްދާތަކެއް ހުރި ކަމެވެ. އަދި އެ ގާނޫނުގައި ތަރުތީބުކުރެވިފައިވާ އިޖުރާއަތުތަކަށް އެއްވެސް އިދާރާއަކުން މަސައްކަތް ނުކުރާ ކަމެވެ.

ފުލުހުން ދެކެނީ މަސްތުވާތަކެތީގެ ގާނޫނު އިސްލާކުރަން ޖެހޭ ކަމަށެވެ. އެގޮތުން މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރާނެ ކޯޓެއް ސާފުކޮށް އިނގޭގޮތަށް ސާފުކޮށްދޭން މިހާރުވެސް އެއިދާރާއިން އެދިފައިވާކަން ފާހަގަކުރި އެވެ.

ފުލުހުން އެއްކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މަސްތުވާތަކެތި ވިއްކާ ތަންތަނުން ހިދުމަތް ލިބިގަންނަ 547 މީހުން އެބަތިއްބެވެ. އޭގެ ތެރެއިން 335 މީހުންނަކީ ފަރުވާގެ ނިޒާމުގައި ތިބެން ޖެހޭ މީހުންނެވެ. އެހެންނަމަވެސް އެ ނިޒާމު ފެއިލްވެފައިވުމުން އެ ވަބާގައި ޖެހިފައިވާ މީހުން ސަލާމަތް ކުރުމަށް އެދެވިގެންވާ މަސައްކަތެއް ކުރެވިގެން ނުދާ ކަމަށް އެއިދާރާއިންވެސް ގަބޫލުކުރެ އެވެ.

ކަރެކްޝަންގެ ތަފާސްހިސާބުތަކަށް ބަލާއިރު، މަސްތުވާތަކެތީގެ މައްސަލަތަކުގައި 556 މީހުން ޖަލުގައި ބަންދުކުރެވިފައި އެބަތިއްބެވެ. އޭގެތެރެއިން 167 މީހުން ދަނީ އުމުރު ދުވަހުގެ ޖަލުހުކުމް ތަންފީޒު ކުރަމުންނެވެ.

ދިރާސާގައި 200 އަށް ވުރެ ގިނަ ގަޑިއިރު ހޭދަކޮށް، ޕެޓިޝަން ކޮމިޓީއިން އެއްކުރި މައުލޫމާތުތަކަށް ބަލާއިރު، ދިވެހި އާބާދީގެ ތެރެއިން ކޮންމެ 100 މީހަކުން 57 މީހުންނަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހެކެވެ. އަދި އަދި ރާއްޖޭގެ ދިރިއުޅޭ އާބާދީގެ ތެރެއިން މުޅި ޖުމްލަ 16 ހާހަށް ވުރެ ގިނަ މީހުން މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ ކަމަށް އެ ކޮމިިޓީގެ ރިޕޯޓުގައި ވެއެވެ.