Advertisement

މަރުތަކާއި އެމްއެމްޕީއާރްސީގެ މައްސަލަ: ރައީސަށް ނުފުއްދުނު ވައުދު

18 ނޮވެންބަރު 2021 - 10:51 0

ހަސަން މުހައްމަދު

ހަސަން މުހައްމަދު

"އިންސާފަށް ހިނގާލުން" ގައި ރައީސް ސޯލިހު، ރިލްވާން އާއި ޔާމީނުގެ އާއިލީ މެމްބަރުންނާއި ރައްޓެހިންނާ އެކު ބައިވެރިވެވަޑައިގަންނަވަނީ.


މަރުތަކާއި އެމްއެމްޕީއާރްސީގެ މައްސަލަ: ރައީސަށް ނުފުއްދުނު ވައުދު

18 ނޮވެންބަރު 2021 - 10:51 0

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، އެންމެ ފަރުވާ ބަހައްޓަވާ އެއް ކަމަކީ މި ހިނގާ ފަސް އަހަރުގެ ދައުރު ނިމުމުގެ ކުރިން ރިޔާސީ ވައުދުތައް ފުއްދެވުން ކަމަށް އެމަނިކުފާނު ވަނީ ވަރަށް ގިނަ މުނާސަބަތްތަކުގައި އަދި އެކި ޖަލްސާތަކުގައި ވިދާޅުވެފަ އެވެ.

ޖުމްހޫރިއްޔަތަށް 54 އަހަރު ފުރުން ފާހަގަ ކުރުމަށް ޖުމްހޫރީ މައިދާނުގައި ބޭއްވި ޖަލްސާގައި ވެސް ރައްޔިތުންނަށް ރައީސް ސޯލިހު ދެއްވި ޔަގީންކަމަކީ ވައުދުތައް ފުއްދަވާނެ ކަމެވެ. ވައުދުތައް ފުއްދުމުގައި ކޮވިޑްގެ ބަލިމަޑުކަން ބަހަނާއަކަށް ނުނަންގަވާނެ ކަމަށް ވިދާޅުވި އެވެ.

"ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި، ސަރުކާރުގެ މައިގަނޑު ފޯކަސް ސީދާކުރަންޖެހެނީ، މި ފަސް އަހަރަށްވީ ވައުދުތައް ފުއްދައި ނިންމުމަށް. ދެހާސް ބާވީސް ވަނަ އަހަރުގެ ބަޖެޓް އަޅުގަނޑުމެން ހުށަހެޅީ، އެ މިސްރާބަށް ވާސިލުވުމުގެ އަމާޒުގައި. ކޮވިޑް 19 އިން ގެއްލުނު ދިގު މުއްދަތަކީ، ބަހަނާއެއްގެ ގޮތުގައި ބެލޭކަށް ދެން ނެތް،" ރައީސް ވިދާޅުވި އެވެ.

އެކަމަކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ދައުރަށް އިއްޔެ ތިން އަހަރު ނުވަތަ 1096 ދުވަސް ފުރުނުއިރު އެމަނިކުފާނުގެ އެންމެ މުހިންމު އަދި އެންްމެ ބޮޑު ދެ ވައުދު ފުދުނު މިންވަރާމެދު ޝައްކެވެ. ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާނަށް އަދިވެސް އިންސާފެއް ނުލިބެ އެވެ. ޔާމީން ރަޝީދު މަރާލީ ކާކުގެ އޯޑަރަށްކަން ހޯދިފައެއް ނުވެ އެވެ. ދިވެހިރާއްޖޭގެ ތާރީހުގައި، ދައުލަތުން އެންމެ ބޮޑު ވައްކަމެއް ކުރި އަހުމަދު އަދީބު އެ ހުންނެވީ ގޭގަ އެވެ. އަދި އޭނާއާއެކު އެ ވައްކަމުގައި ބައިވެރިވި މީހުން، އިނގިރޭސި ވިލާތް ފަދަ ގައުމުތަކުގައި ދިވެހިންނަށް ވުރެ މާ ފެންވަރު މަތީ ދިރިއުޅުމެއް ހޭދަކުރަމުންދަނީ އެވެ.

އެހެންކަމުން ކުރެވޭ ސުވާލަކީ ދައުރުގެ ބޮޑު ބައި ތާރީހަށްވެފައިވާއިރު ރައީސް އަނިޔާތަކަށް އިންސާފު ހޯއްދަވައިދެއްވުމަށް އަދި ކޮރަޕްޝަނާއި ވައްކަމުގެ ބަދަލު ހޯއްދެވުމަށް ރައީސް ސޯލިހު ތަކުރާރުކޮށްވި ވައުދުތައް ފުދޭ މިންވަރަކަށް މިހާތަނަށް ފުއްދިއްޖެތޯ އެވެ.

ރިލްވާނާއި ޔާމީން ރަޝީދަށް އިންސާފު ލިބިއްޖެތަ؟

އޯގަސްޓު 2، 2018

މިއީ ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲގެ އާއިލާއަށް އަނެއްްކާ ވެސް ހިތާމަވެރި ދުވަހެކެވެ. ރިލްވާން ވަގަށް ނެގި މައްސަލައިގައި ދައުލަތުން ދައުވާ އުފުލި ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މި ދުވަހެވެ. ގާޒީ އާދަމް އާރިފްގެ ހުކުމްވެގެންދިޔައީ އޭނާގެ ދަރިފުޅަށް ވީނުވީ ގޮތެއް ހޯދުމަށް، އިންސާފު ހޯދުމަށް، އައިމިނަތު އީސާ ކުރަމުންދިޔަ މަސައްކަތަށް ބިންދާލި ރާޅަކަށެވެ.

އެކަމަކު، ރިލްވާނާއެކު ތިބި މީހުންނަށް އެ ދުވަހު، އުއްމީދުގެ އަލިކަމެއް ފެނުނީ އެއިރުގެ އިދިކޮޅު ކޯލިޝަނުން ރައްޔިތުންގެ ކުރިމައްޗަށް ނެރުއްވާފައިވާ ރިޔާސީ ކެންޑިޑޭޓު، އެމަނިކުފާނުގެ ވެރިކަމެއްގައި، ރިލްވާންގެ މައްސަލައިގައި "ދެ ފުށް ފެންނަ ތަހުގީގެއް" ހިންގަވާނެ ކަމަށް ވައުދުވެވަޑައިގަތުމުންނެވެ.

"ރިލްވާން ގެއްލުވާލާފައިވާ މައްސަލައިގެ ޝަރީއަތް ނިމި، ރިލްވާންގެ އާއިލާއަށް އިންސާފު ނުލިބުމަކީ ވަރަށް ހިތާމަ ކުރާ ކަމެއް. އަޅުގަނޑުމެންގެ ސަރުކާރެއްގައި، އިރާދަކުރެއްވިއްޔާ، މި މައްސަލައިގެ ދެ ފުށް ފެންނަ، މިނިވަން، އިންސާފުވެރި [އަދި] އިތުބާރު ހިފޭ ތަހުގީގެއް ހިންގޭނެ،" ހުކުމް ކުރެއްވިތާ ކުޑަ ވަގުތުކޮޅަކަށްފަހު، އެ ދުވަހުގެ މެންދުރު 1:38 ގައި ކެންޑިޑޭޓު ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު އެ ދުވަހު ދެއްވި އުއްމީދު އަދި މެސެޖުގެ ނަތީޖާއަކީ، ރިލްވާން އަދި ޔާމީން ރަޝީދުގެ އާއިލާ އަދި އެ ދެ އާއިލާއާއެކު ތިބި އެތައް ބަޔަކު އެމީހުންގެ ވޯޓު އެމަނިކުފާނަށް ދިނުމެވެ. ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރިލްވާނާއި ޔާމީން ރަޝީދަށް އިންސާފު ނުލިބޭނެކަން އެއިރު މީހުންނަށް އޮތީ ގަބޫލު ކުރެވިފަ އެވެ. ރައީސް ސޯލިހު ފާޅުވީ އެކަން ބަދަލުކޮށްލަދޭނެ ލީޑަރެއްގެ ގޮތުގަ އެވެ.

"ވަރަށް ބޮޑު އުއްމީދެއް އޮތް އެއިރު އެކަން ކުރާނެ ކަމަށް. އެ އުއްމީދުގައި ވޯޓުލި މީހުން ވެސް ތިބޭނެ. އަހަރުމެން ވެސް ހަމަ ފުދޭވަރަކަށް މަސައްކަތް ކުރިން. އެކަމަކު ވެރިކަމަށް ވަޑައިގެން މި ފެންނަނީ މުޅިން އެހެން މަންޒަރެއް،" ރިލްވާން އާއި ޔާމީންގެ ހައްގުގައި މަސައްކަތް ކުރަމުން އަންނަ، އެ ދެ މީހުންގެ ރަހުމަތްތެރިއެއް ކަމަށްވާ އަހުމަދު ނައީމް، 32، ބުންޏެވެ.

ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެން ފުރަތަމަ ދުވަހު، ގެއްލުވާލާފައިވާ މީހުންނަށް ގޮތް ނޭނގޭ މަރުތައް ތަހުގީގު ކުރުމަށް ރިޔާސީ ކޮމިޝަނެއް އުފެއްދެވި އެވެ. އަދި ރިލްވާން އަދި ޔާމީން ރަޝީދުގެ މައްސަލަ އެންމެ މުހިންމު ކަމެއްގެ ގޮތުގައި ތަހުގީގު ކުރަން ފެށި އެވެ.

ރިލްވާންގެ މައްސަލައިގައި މަރު ކޮމިޝަނުގެ ތަފްސީލު ރިޕޯޓެއް ވެސް ހާމަ ކުރި އެވެ. ރާއްޖޭގައި އުޅޭ އަލްގައިދާ ގެ ގޮތްޕަކަށް އިނގިލި ދިއްކުރުމަށްފަހު، ރިޕޯޓުގައި ބުނެފައި ވަނީ ރިލްވާން ޝަހީދުކޮށްލާފައިވާ ކަމަށެވެ. އެކަމަކު، އެ ރިޕޯޓާ ވިދިގެން އެއްވެސް މީހަކު ހައްޔަރު ކުރި ތަނެއް ނުފެނުނެވެ. އެއްވެސް މީހެއްގެ މައްޗަށް ދައުވާއެއް ނުއުފުލަ އެވެ. މަރު ކޮމިޝަނުގެ ރިޕޯޓުވީ އޯގަސްޓު، 7 2014 ގައި ވަގަށް ނަގައި ގެއްލުވާލި ނޫސްވެރިޔާގެ އާއިލާއަށް އިތުރު ހިތާމައަކަށެވެ.

"އެވަރަކުން ނުފުދޭ ނޫންތޯ؟ އެވަރުން ފުދޭ ނަމަ އަޅުގަނޑުމެން އަދިވެސް ހިތާމަ ކުރާކަށް ނުޖެހޭނެ! އެއަކުން އެއްވެސް އެއްޗެއް އަޅުގަނޑުމެންނަށް އޮޅުމެއް ނުފިލި. އިތުރަށް ހާސްކަމުގެ ތެރޭގައި މި ތިބީ އެ ރިޕޯޓެއް ނެރުނު ފަހުން،" ރިލްވާންގެ ދައްތަ ފާތިމަތު ޝެހެނާޒް ކުރިން މި ނޫހަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެ އެވެ.

ރިލްވާނަށް އިންސާފު ހޯދައިދިނުމަށް އެންމެ ބޮޑަށް މަސައްކަތް ކުރި އޭނާގެ އެކުވެރިޔާ ޔާމީން ރަޝީދު އަނިޔާވެރިގޮތަކަށް އޭނާގެ ގޭ ތެރޭގައި މަރާލި މައްސަލަ ވެސް މާ ބޮޑު ކުރިއެރުންތަކަށް މިހާތަނަށް ލިބުނުކަމަކަށް ނުފެނެ އެވެ. އޭނާ މަރާލި ކަމަށް ތުހުމަތު ކުރެވޭ ބަޔަކު ހައްޔަރު ކުރި ނަމަވެސް އެއީ ބަޔަކު އަޑީގައި ނެތި ހިންގި ޖަރީމާއެއްކަން ގަބޫލުކުރަން އުނދަގުލެވެ. ޔާމީން ރަޝީދުގެ އާއިލާއިން ވެސް ގަބޫލު ކުރަނީ އެގޮތަށެވެ.

"މިހާރު ހައްޔަރުކޮށްފައި އެ ތިބީ އެކަން ކުރި މީހުން ހަމަ. އެކަމަކު އަޅުގަނޑުމެންނަށް އެނގޭ އެމީހުން އެކަނި ނޫންކަން އެކަން ކުރީ. އެއްވެސް ކަމަކާ ނުލައި މީހަކު ތަނަކު ހުއްޓަސް އެކަން ކުރުމުގެ ބޭނުމެއް ނެތްތާ،" ޔާމީން ރަޝީދުގެ ދައްތަ، އައިޝަތު ރަޝީދު މި ނޫހާ ވާހަކަ ދައްކަމުން އޭނާ ދެކޭ ގޮތް ކިޔައިދިނެވެ.

އައިޝަތު ރަޝީދު ގަބޫލު ކުރަނީ އޭނާގެ އާއިލާއަށް އިންސާފު ލިބޭނީ އޭޕްރީލް 23، 2017 ގައި ޔާމީން މަރާލުމުގެ ފަހަތުގައިވާ މީހުން ހާމަވެ، އެމީހުން އިންސާފުގެ ކުރިމައްޗަށް ގެނަވުން ދުވަހަކުންނެވެ. އެހެންވެ، ރައީސް ސޯލިހު މިހާތަނަށް ކުރައްވާފައިވާ މަސައްކަތްތަކާމެދު އައިޝަތު ރަޝީދު ހިތްހަމައެއްނުޖެހެ އެވެ.

"އިންސާފު ލިބޭނީ އެކަމުގެ އަޑީގައި ތިބި މީހުން ހޯދޭ ދުވަހަކުން. އަދި އެހެންވީމަ ހިތްހަމައެއްނުޖެހޭ. އަޅުގަނޑުމެން އާއިލާއިން ބޭނުންވަނީ އެކަމުގެ އަޑީގައި ތިބި ބަޔަކު ހޯދައި އެމީހުން އިންސާފުގެ ކުރިމައްޗަށް ގެނައުން. އެކަމަކު އޭގެ އެއްވެސް ތަހުގީގެއް ކުރިއަށްދާކަން އާއިލާއަކަށް ނޭނގޭ،" އޭނާ ބުންޏެވެ.

ޔާމީން ރަޝީދު މަރާލުމުގެ ފަހަތުގައިވާ މީހުން ހޯދުމަކީ ރައީސް ސޯލިހުގެ ވައުދެއް ކަމަށް އޭނާގެ ދައްތަ ރައީސް ސޯލިހަށް ހަނދުމަކޮށްދިނެވެ.

"އެކަމުގެ އަޑީގައި ތިބީ އޯގަނައިޒޭޝަނެއް ކަމަށް އަޅުގަނޑުމެންނަށް ޝައްކު ކުރެވޭ. އެކަމުގެ އަޑި ހޯދައި އަދި އެއީ ކޮންބައެއްކަން ހޯދާނެ ކަމަށް އިބްރާހިމް މުހައްމަދު ސޯލިހު އޮތީ ވައުދުވެފަ. އެހެންވީމަ އެ ވައުދުތައް ފުއްދާނެ ކަމަށް އަޅުގަނޑުމެން އުއްމީދު ކުރަނީ،" އައިޝަތު ރަޝީދު ބުންޏެވެ.

އެމްއެމްޕީއާރްސީގެ ބޮޑު ވައްކަން ކުރި މީހުންނަށް އަދަބު ލިބިއްޖެތަ؟

އޯގަސްޓު 22، 2018

ރިޔާސީ އިންތިހާބުގެ ކެމްޕެއިން ފޯރިއާއެކު ކުރިއަށްދަނީ އެވެ. އެ ދުވަސްވަރު އެންމެ ބޮޑަށް ދެކެވޭ އެއް ވާހަކައަކީ އެމްއެމްޕީއާރްސީން ވަގަށް ނެގިކަން މިހާތަނަށް އެނގުނު 1.3 ބިލިއަން ރުފިޔާގެ ވާހަކަ އެވެ. އިދިކޮޅު ކެންޑިޑޭޓު އަދި އިދިކޮޅު ކޯލިޝަނުގެ ވާހަކަތައް ވެސް މައިގަނޑު ގޮތެއްގައި އަމާޒުވެފައި ހުރީ އެ ވައްކަމަށެވެ. އެ ފައިސާތައް "ހުރިތަނަކުން" ހޯއްދަވާނެކަމުގެ ވާހަކަ އެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ވެރިކަމެއްގައި ފުރަތަމަ ދުވަހު އެ ފައިސާ ހޯދުމުގެ މަސަައްކަތް ކުރާނަން. މި ފައިސާ ހުރި ތަނަކުން ހޯދާނަން. މީގެ ޒިންމާ ނަގަންޖެހޭ ފަރާތްތައް ޒިންމާ ނަންގަވަން ޖެހޭނެ،" ކެންޑިޑޭޓް ސޯލިހު، ނ. މަނަދޫ ރައްޔިތުންނާ ވާހަކަ ދައްކަވަމުން ވައުދުވެފައިވެ އެވެ.

ރައީސް ސޯލިހު އެ ދުވަހު، މަނަދުއަށް ވަޑައިގެން އެމްއެމްޕީއާރްސީގެ ވާހަކަ ދެއްކެވިއިރު، އެ ވައްކަން މާސްޓާމައިންޑުކޮށް، ހިންގި ކަމަށް މިހާރު އެއްބަސްވެފައިވާ އަހުމަދު އަދީބު އެއިރު ހުންނެވީ ޖަލުގެ ކުޑަގޮޅިއެއްގަ އެވެ. އެކަމަކު މިހާރު އޭނާ ހުންނެވީ ގޭގަ އެވެ. އެމްއެމްޕީއާރްސީގެ ފައިސާގެ އެއްވެސް މިންވަރެއް އެއިރު ހޯދިފައެއް ނުވެ އެވެ. އަދިވެސް، އެ ބޮޑު ވައްކަމުގެ، އެންމެ ރުފިޔާއެއް ވެސް އަނބުރާ ދައުލަތުގެ ހަޒާނައަށް ލެވިފައެއް ނެތެވެ.

"އެމްއެމްޕީއާރްސީން ވަގަށް ނެގި ފައިސާގެ އެންމެ ލާރި ފޮއްޗެއް ހޯދިފައެއް ނެތް. އެ ފައިސާ ހޯދުމަށް، އެންމެ އަޑިއަށް ގޮސް، މަސައްކަތްތަކެއް ކުރާ ކަމަކަށް ގަބޫލެއް ނުކުރެވޭ. ޒީރޯ ޓޮލެރަންސް ޓު ކޮރަޕްޝަންގެ ދަށުން މާނަ ހުރި ކަމެއް ކުރެވިފައި ހުރިކަމަށް ނުދެކެން،" ރާއްޖޭގެ ފުރަތަމަ ޕްރޮސެކިއުޓާ ޖެނެރަލް އަދި މަޝްހޫރު ގާނޫނީ ވަކީލު އަހުމަދު މުއިއްޒު ވިދާޅުވި އެވެ.

އެމްއެމްޕީއާރްސީން ވައްކަން ކުރި މައްސަލައަށް ފޯކަސް ކުރުމުގެ ބަދަލުގައި، ދައުލަތުގެ އިދާރާތަކުގެ ފޯކަސް ހުރީ، ވައްކަމަށްފަހު ފުޅާ ދާއިރާއެއްގައި ހިންގި ކަޅު ފައިސާ ދޮވުމުގެ މައްސަލަތައް ބެލުމަށް ކަމަށް މުއިއްޒު ފާހަގަ ކުރެއްވި އެވެ.

"އެމްއެމްޕީއާރުސީގެ މައްސަލައަކީ ހަގީގަތުގައި ފައިސާއަށް ހިޔާނާތްތެރިވި މައްސަލަ. އެކަމަކު މިހާރު އެ ހަގީގީ ބޮޑު މައްސަލަ މަތިން ހަނދާން ނެތި، އެ ފައިސާ ލިބުނު މީހުން ގިނަވެގެން އެކަން މި ބަލަނީ. މަޖިލީހުގައި ވެސް އަސްލު ފޯކަސް ކުރީ އަސްލު މައްސަލައަށްވުރެ ބޮޑަށް މަނީ ލޯންޑަރިން މައްސަލައަށް،" އޭނާ ވިދާޅުވި އެވެ.

ބޮޑު ވައްކަން ސީރިއަސްކޮށް ނުބެލުމުގެ އެއް ހެއްކަކީ އެ ވައްކަމުގައި ތުހުމަތު ކުރެވޭ އިސް މީހުން ޖަލުގައި ނެތުމެވެ. ދައުލަތާއެކު ހެދި ޑީލަކަށްފަހު އެ ވައްކަން ކުރުމުގެ ބޮޑު ކުރީގެ ނައިބު ރައީސް އަދީބު އެ ހުންނެވީ ގޭގަ އެވެ. އޭނާއާއެކު ވައްކަން ކުރުމުގައި ބައިވެރިވި މިއުޒިކް ބޭންޑު އެސްއޯއެފްގެ މެމްބަރުން ދިރިއުޅެނީ ރާއްޖޭން ބޭރުގަ އެވެ. އެމީހުންގެ މައްޗަށް ދައުވާ ނުކުރުމަށް ނިންމާފައިވާކަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ހާމަކޮށްފަ އެވެ.

"އޭގެ އިތުރަށް އެމްއެމްޕީއާރްސީ ވައްކަމުގެ އެންމެ ބޮޑު ތުހުމަތު ކުރެވޭ މީހުން އެ ތިބީ ގޭގަ. އެއީ އިއްތިފާގެއްކަން ގަބޫލު ކުރަން ދަތި. ސަރުކާރުން އެހެން ނަޒަރަކުން އެމީހުންނާމެދު ދެކޭތީ ކުރާ ކަމެއްގެ ގޮތުގައި އަޅުގަނޑަށް ގަބޫލު ކުރެވެނީ. ތަންކޮޅެއް ލުއި ގޮތެއް ހެދުމުގެ ވިސްނުމުގައި މަސައްކަތް ކުރާހެން ހީވަނީ،" މުއިއްޒު ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރައްޔިތުން ވޯޓު ދިނީ އެމަނިކުފާނުގެ ވައުދުތަކުގެ ސަބަބުންނެވެ. ހާއްސަކޮށް އަނިޔާ ލިބިފައިވާ މީހުންނަށް އިންސާފު ހޯދައިދެއްވާނަކަމުގެ ވައުދާއި ކޮރަޕްޝަން ހުއްޓުވައި އެމްއެމްޕީއާރްސީގެ ފައިސާ ހޯއްދަވާނެ ކަމަށްވި ވައުދަކީ ރައްޔިތުން ހަނދާނުން ފިލައިދާނެ ކަމެއް ނޫނެވެ. ހަމަ ޔަގީނުން ވެސް އެ ދެ ވައުދެއް މިހާތަނަށް ނުފުއްދެ އެވެ. އެކަމަކު ރައްޔިތުން އަދިވެސް އުއްމީދު ކުރަނީ ބާކީ މި އޮތް ދެ އަހަރުގެ ތެރޭގައި ވެސް ރައީސް ސޯލިހުގެ ވައުދުތައް އެމަނިކުފާނު ފުއްދަވާނެ ކަމަށެވެ.