Advertisement

ވަށްމާފުށި ގެއްލުނު ވާހަކައިން ސިފަވާ ރާއްޖޭގެ މުސްތަގުބަލް!

13 އޮކްޓޯބަރު 2021 - 08:41 4

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ރާއްޖޭގެ ރަށްތަށް ނެތިގެން ދިޔުމުގެ ބިރު އެބަ އޮތް. -- ފޮޓޯ: އަހުމަދު އިހުސާން (އަރަކަ)


ވަށްމާފުށި ގެއްލުނު ވާހަކައިން ސިފަވާ ރާއްޖޭގެ މުސްތަގުބަލް!

13 އޮކްޓޯބަރު 2021 - 08:41 4

މީގެ އަހަރުތަކެއް ކުރިން އެއީ ކ. މާފުށީގެ ރައްޔިތުންގެ "ޕިކްނިކް އައިލެންޑެވެ." އެކަމަކު މިއަދު އެއީ ގިރަމުން ގިރަމުން ގޮސް ރާއްޖޭގެ ޗާޓުން ފޮހެވިފައިވާ ރަށެކެވެ. ކުޑަކުޑަ ރީތި ވަށްމާފުށި ފަދައިން ދުނިޔޭގެ ޗާޓުން މުޅި ރާއްޖެ ނެތިދިޔުމުގެ ބިރު ދުވަހަކަށް ވުރެ ދުވަހެއް ދަނީ ބޮޑުވަމުންނެވެ.

ވިހަ ގޭސްތައް ޖައްވަށް ބޭރު ކުރުމުގެ ސަބަބުން ދުނިޔެ ހޫނުވެ، އެންމެ އުތުރާއި ދެކުނުގައިވާ ގަނޑުފެންތައް ވިރި، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ނުރައްކާ އެންމެ ބޮޑު ގައުމަކީ ރާއްޖެ އެވެ. ރާއްޖޭގެ ރަށްތަކުގެ 80 ޕަސެންޓު އޮންނަނީ ކަނޑުގެ ލޮނުގަނޑަށް ވުރެ އެންމެ މީޓަރެއް އުހުގަ އެވެ.

މިދިޔަ އޯގަސްޓު މަހު އދ.ގެ އިންޓަގަވަމެންޓަލް ޕެނެލް އޮން ކްލައިމެޓް ޗޭންޖްގެ ވޯކިން ގްރޫޕުން (އައިޕީސީސީ) ނެރުނު މޫސުމީ ބަދަލާ ގުޅޭ ރިޕޯޓުގައި ބުނީ ވިހަ ގޭސް ބޭރު ކުރުން މިހާރުން މިހާރަށް މަދު ކުރި ނަމަވެސް ލޮނުގަނޑު އުފުލުން ނުހުއްޓޭނެ ކަމަށެވެ.

މިހާރު ކުރިއަށް ދާ ރޭޓުގައި ދުނިޔެ ހޫނުވަމުންދާ ނަމަ ގަރުނު ނިމޭއިރު ދެ މީޓަރަށް ލޮނުގަނޑު އުފުލޭނެ އެވެ. އެހެންކަމުން، މި ގަރުނު ނިމޭއިރު، ދުނިޔޭގެ ޗާޓުން ރާއްޖެ ފޮހެވިގެން ދިޔުމުގެ ފުރުސަތު ބޮޑެވެ. އެންމެ ރަނގަޅު ހާލަތުގައި ވެސް 0.5 މީޓަރަށް ލޮނުގަނޑު އުފުލޭނެ އެވެ.

"އަޅުގަނޑުމެން ނޫންތޯ އެންމެ ކަންބޮޑުވާނީ މި ކަންކަމުގައި. އެ ބުނާ ވަރަށް ލޮނުގަނޑު އުފުލިއްޖެޔާ އަޅުގަނޑުމެންގެ ރަށްތަކެއް ނޯންނާނެ. އެހެންވީމަ އަޅުގަނޑުމެން ހަމަ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް އެއީ،" ވަށްމާފުށި ގެއްލުމުގެ ހަނދާންތަކުގެ ތެރެއިން މާފުށި ކައުންސިލްގެ ރައީސް ހަސަން ސޮލާހް ވިދާޅުވި އެވެ.

"މިހާރު އެ ރަށް ގިރާލިތާ ވެދާނެ ފުދޭ ވަރަކަށް ދުވަސް. ސުނާމީގައި ބޮޑަށް އެ ރަށް ގިރައިގެން ދިޔެއީ. ސުނާމީގެ ފަހުން ވެސް އެ ރަށް އޮތް. އެކަމަކު ގިރަމުން ގިރަމުން ދިޔައީ."

ދިޔަވަރު ހިކުމުން މާފުށިން ހިނގާލާފައި ދެވޭހާ ކައިރީގައި އޮތް ވަށްމާފުށީގެ ނިޝާނެއް މިހާރު މާ ބޮޑަށް ފެންނާކަށް ނެެތެވެ. ނަމަވެސް ރަށުގެ މަތިން ބަލާލުމުން މާފުއްޓާ އެއް ފަޅެއްގެ ތެރޭގައި ކުރިން އެހެން ރަށެއް އޮތްކަން ސާފުކޮށް ފެންނާނެ އެވެ.

"މިހާރު ދިޔަވަރު ހިކިލީމަ ވަރަށް ކުޑަކޮށް އޮވޭ އާނުގަނޑު ފެންނަން. ވަރަށް ވަރުގަދަ އާނުގަނޑެއްގައި އެ ރަށް އޮންނާނީ. މަތިން ޑްރޯން އިން ބަލާއިރު ވެސް އެ ތަން ފާހަގަވޭ، ވަރަށް ތިލަކޮށް ރަށެއް ގޮތަށް ފެންނަން އޮންނާނެ ބަލާލީމަ. ފެންގަނޑުން އެއީ ކުރީގައި ރަށެއް އޮތް ތަނެއްކަން އިނގެން އޮންނާނެ،" އޭނާ ވިދާޅުވި އެވެ.

ގިރަމުން ގިރަމުން ގޮސް ވަށްމާފުށި ގެއްލިފައި ވާއިރު، މާފުއްޓަށް ވެސް ދިމާވާ އެންމެ ބޮޑު ތިމާވެށީގެ ގޮންޖެހުމަކީ ރަށް ގިރުމުގެ މައްސަލަ އެވެ. ފަތުރުވެރިންނަށް ހާއްސަ ބީޗާ ދިމާލުން ގިރުން ކޮންޓްރޯލް ކުރަން ފިޔަވަޅު އެޅި ފަހުން، މިހާރު ބިޔަ ރާޅުތައް ބިންދަމުން ދަނީ އޭގެ އަނެއް ފަޅިއަށެވެ.

"ޖަލު ވަށައިގެން ގިރާތީ އަޅުގަނޑުމެންނަށް ރިޕޯޓުކޮށްފައިވޭ ޖަލުން ވެސް. ދެން އަޅުގަނޑުމެން ގޮސް ބެލިއިރު ހަމަ އެ ތަނުން ގިރާ ވަރަށް ގިރަމުންދޭ. ރަށުގެ ލޯކަލް ބީޗް އޭރިއާގައި އަޅާފައި އޮތް ހަޓެއް ވެސް ހަމަ އެއްކޮށް ގިރާލާ ހިސާބުގައި އެހުރީ،" ސޮލާހް ވިދާޅުވި އެވެ.

"އިތުރު 25 ހެކްޓަރުގެ ރަށެއް ހިއްކާފައި އޮންނާނެ މާފުށި ކައިރިން. މިހާރު އެ ހިއްކުމާ ގުޅިގެން ކަން ނޭނގެ، ބައެއް ސަރަހައްދުތަކުން ވަރަށް ބޮޑަށް ގިރާ."

ސަރުކާރުން މާފުށި ކައިރިން ބިމެއް ހިއްކުމަށް ފަހު، ބްރިޖަކުން އެ ރަށާއި މާފުށި ގުޅާލުމުގެ ޕްރޮޖެކްޓާ ހެދި، ގިރުމުގެ މައްސަލަ ދިމާވާ ކަމަށް ބެލެވުނު ނަމަވެސް، ރައްޔިތުންގެ އެދުމުގެ މަތިން ވަށްމާފުށި ވެސް ހިއްކަން ސަރުކާރުން ވަނީ ނިންމާފަ އެވެ.

ހައްލު ހޯދަން ވަގުތު ކުޑަތަން ވަނީ!

މޫސުމީ ބަދަލާ ގުޅޭ އދ.ގެ ސަމިޓު ކޮޕް26 އަންނަ މަހު އިނގިރޭސިވިލާތުގައި އޮންނާނެ އެވެ. އެ ބައްދަލުވުމުގެ މައިގަނޑު އަމާޒަކީ ދުނިޔެ ހޫނުވުން 1.5 ޑިގްރީ ސެލްސިއަސް އަށް ވުރެ މަތިވިޔަ ނުދީ ހިފެހެއްޓުމަށް ބޮޑެތި ގައުމުތަކުން އެއްބަސްވުމެވެ. މޫސުމީ ބަދަލާ ގުޅޭ ކަންކަމުގައި ހައްލު ހޯދަން ވަގުތު ކުޑަތަންވެފައިވާ ކަމަށް ދާދި ފަހުން އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

"1.5 ޑިގްރީ ސެލްސިއަސް އާއި ދެ ޑިގްރީ ސެލްސިއަސްގެ ތަފާތަކީ މަރުގެ ހުކުމެއް އައުމާއި ނައުމާ ދެމެދު ހުރި ފަރަގު،" މި މަހު އދ. ގެ އާއްމު މަޖިލީހުގައި ތަގުރީރު ކުރައްވަމުން ބޮޑެތި ގައުމުތަކަށް ދެއްވި އިންޒާރުގައި ރައީސް ސޯލިހް ވިދާޅުވި އެވެ.

ދިވެއްސަކަށް ދިރިނޫޅެވި - ދިވެހިރާއްޖެއަށް ދެމިނޯވެވުނު ދުނިޔެއަކު އެހެން ގައުމަކަށް ވަކި އޮވެވޭނެ ކަމުގެ ޔަގީންކަމެއް ނޯންނާނެ." ރައީސް ސޯލިހް

މިދިޔަ ބުރާސްފަތި ދުވަހު ގައުމީ ދުވަހުގެ ޖަލްސާގައި ވެސް ރައީސް ދެއްކެވީ ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ވާހަކަ އެވެ. އެގޮތުން ތިމާވެށީގެ ގެއްލުންތަކުން ރާއްޖެ ސަލާމަތް ކުރުމަށް، އެންމެން އެކުގައި މިހާރު މަސައްކަތް ނުފަށައިފި ނަމަ، މޫސުމީ ބަދަލުތަކުން ރާއްޖެ ސަލާމަތްކުރުމުގެ ފުރުސަތު ލިބޭ، އެންމެ ފަހު ޖީލަށްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވިދާޅުވި އެވެ.

"މި ޖަޒީރާތައް ނެތި، ދިވެހިރާއްޖެއެއް ނޯންނާނެ. ދިވެހިރާއްޖެ ނެތް ހިނދެއްގައި، ދިވެހިންނެއް ނުތިބޭނެ. ދިވެހިން ނެތި، ދިވެހި ގައުމިއްޔަތެއް ވެސް ނޯންނާނެ." ރައީސް ވިދާޅުވި އެވެ.

ވޯލްޑް އިކޮނޮމިކް ފޯރަމް އިން ލަފާކުރާ ގޮތުގައި 2050 ވަނަ އަހަރާ ހަމައަށް ދާއިރު، ދުނިޔޭގެ 80 ޕަސެންޓު މީހުންނަށް މޫސުމީ ބަދަލުގެ އަސަރު ކުރާނެ އެވެ. މި ގަރުނު ނިމޭއިރު ދެ މީޓަރަށް ކަނޑުގެ ލޮނުގަނޑު އުފުލޭނެ ކަމުގެ އިންޒާރު ސައިންސްވެރިން ދީފައި ވާއިރު، މިއީ ރާއްޖެ ނޭވާހޮޅިއަށް އެޅިފައިވުން ފަދަ ހާލަތެކެވެ.

އެންވާރަމަންޓު މިނިސްޓްރީގެ ތަފާސްހިސާބު ދައްކާ ގޮތުން ރާއްޖޭގެ 90 ޕަސެންޓު ރަށްތަކަށް މިހާރު ވެސް އުދަ އެރުމުގެ މައްސަލަ ދިމާވެ، 97 ޕަސެންޓު ރަށްތަކުގެ އައްސޭރިފަށް ގިރައި، 64 ޕަސެންޓު ރަށްތަށް ވަރަށް ބޮޑަށް ގިރައިގެން ދިޔުމުގެ މައްސަލަ އޮތީ ކުރިމަތިވެފަ އެވެ.

ރާއްޖޭގެ އަމާޒަކީ 2030 ވަނަ އަހަރާ ހަމައަށް ދާއިރު ކާބަން ނިޔުޓްރަލްވުމެވެ. އޭގެ މާނައަކީ ޖައްވަށް ބޭރު ކުރާ ކާބަންޑައިއޮކްސައިޑް ގޭހާ އެއް ވަރަށް ކާބަން ނައްތާލައިގެން ބެލެންސް ކުރުމެވެ. ދުނިޔޭގެ އެހެން ގައުމުތަކުން ވެސް އެފަދަ އަމަޒުތައް ކަނޑަނާޅާ ނަމަ، ވަށްމާފުށި ގެއްލުނު ފަދައިން ރާއްޖެ ގެއްލޭކަށް މާ ގިނަ ދުވަހެއް ނެތެވެ.