Advertisement

ލަންކާއާ ދެކޮޅަށް ދިވެހިން ދަރަނިވެރި ހިތަކާ އެކު

10 އޮކްޓޯބަރު 2021 - 08:45 0

މުހައްމަދު ހަމްދޫން

މުހައްމަދު ހަމްދޫން


ލަންކާއާ ދެކޮޅަށް ދިވެހިން ދަރަނިވެރި ހިތަކާ އެކު

10 އޮކްޓޯބަރު 2021 - 08:45 0

ފުޓްބޯޅައިގައި ދިވެހިރާއްޖެ، ބަޔަކަށް ދަރަނިވެރިވެފައިވާ ނަމަ އެ ބަޔަކީ އަވަށްޓެރި ސްރީ ލަންކާ އެވެ. ފުޓްބޯޅައިގެ ފެންވަރާއި ވަސީލަތްތައް މިންކުރާއިރު މިއަދު ލަންކާ އަށް ވުރެ ރާއްޖެ ކުރީގައި އޮތް ނަމަވެސް ހަގީގަތަކީ މި ކުޅިވަރުގައި ރާއްޖެ އަށް ފުރަތަމަ ފިޔަވަޅު އަޅައިދިނީ އެ ގައުމުން ކަމެވެ. އެ ފިޔަވަޅު މަތީ ހިނގައިގަނެ ފަހުން ރާއްޖޭން ދުއްވައިގަނެ ރޭހުގައި ކުރިއަށް ކުރި ދަތުރުގައި ވެސް އެތައް ފަހަރަކު ލަންކާ އިން ސީދާ ގޮތުންނާއި ނުސީދާ ގޮތުން އެހީގެ އަތްތައް ދިއްކުރި އެވެ.

ރާއްޖެ އާއި ލަންކާގެ ފުޓްބޯޅައިގެ ގުޅުމުގެ ފެށުމަކީ 1950 އަހަރުތަކުގެ ކުރީކޮޅު ރާއްޖެ ގެނައި ލަންކާގެ ފުޓްބޯޅަ އިންސްޓްރަކްޓަރު މައިކަލް ޑި ސިލްވާ އެވެ. ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު އަމީންގެ ދައުވަތަކަށް ވަޑައިގެންނެވި ޑި ސިލްވާ މަޖީދިއްޔާ ސްކޫލުގެ ދަރިވަރުންނަށް ފުޓްބޯޅައިގެ އަސާރީ ތަމްރީންތައް ދިނެވެ. ތިއަރީ ކްލާސްތަކާއި ޕްރެކްޓިކަލް ސެޝަންތައް ނަގައިދިނެވެ. އެ ދަރިވަރުން ފަހުން ވެގެންދިޔައީ އޭގެ ދުވަސްކޮޅެއް ކުރިން ރާއްޖޭގައި ފެށި ގައުމީ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ މާލޭގެ ހަތަރު އަވަށުގެ ކްލަބްތަކުގެ ކުޅުންތެރިންނަށެވެ.

މުހައްމަދު އަމީން (ކ) މައިކަލް ޑަ ސިލްވާ އަށް އިނާމެއް ދެއްވަނީ.


އެ ކްލަބްތަކާ އެކު ފުޓްބޯޅަ ތިރީހަކަށް އަހަރު ވޭތުކޮށްފައިވަނިކޮށް، 1980ގެ އަހަރުތައް ފެށުނުއިރު ރާއްޖޭގެ ފުޓްބޯޅަ އޮތީ އާ ބަދަލަކަށް އެދިއެދި އެވެ. ގައުމީ ފުޓްބޯޅަ ޓީމެއް 1979 ވަނަ އަހަރު އެކުލަވާލެވިއްޖެ އެވެ. ފުޓްބޯޅަ އެސޯސިއޭޝަނެއް 1982 ވަނަ އަހަރު އުފަންވެއްޖެ އެވެ. އަވަށު ކްލަބްތައް، ޒަމާނީ ނަންތަކާ އެކު އާ ރޫހަކާ އެކު ނުކުމެއްޖެ އެވެ. ދިވެހި ފުޓްބޯޅަ ހޭލީ ވިކްޓްރީ، ނިއު ރޭޑިއަންޓް އަދި ވެލެންސިއާގެ ރަން ޒަމާނަކަށެވެ.

ގަދަވީ ފޯރިއާ އެކު ބޭރު ކުޅުންތެރިން ބޭނުންވެއްޖެ އެވެ. އެކަމަށް ރާއްޖޭގެ ކްލަބްތައް މިސްރާބު ޖެހީ އަނެއްކާ ވެސް ލަންކާއާ ދިމާލަށެވެ. ލަންކާ އިން ގެނައި ކުޅުންތެރިންވީ، ދިވެހި ކުޅުންތެރިންނާ ބަލާއިރު އެތައް ގޮތަކުން ފެންވަރު މަތީ ކުޅުންތެރިންނަށެވެ. އެހެންވެ ލަންކާ ކުޅުންތެރިން ރާއްޖޭގެ ދަނޑުގައި ފިޔަޖަހަން ފެށި އެވެ. ނަތީޖާއަކަށްވީ ރާއްޖޭގެ މުބާރާތްތަކުގެ ފެންވަރު މަތިވެ ފޯރިގަދަވުމެވެ. ހުނަރުވެރި ކުޅުންތެރިން ކުޅޭތަން އެތައް ބަޔަކު ދަނޑު ވަންނަން ފެށި އެވެ.

އޭރު އައި ކުޅުންތެރިންގެ ތެރޭގައި ވިކްޓްރީ އާއި ނިއު އަށް ކުޅުނު މިސްކީނާއި ވިކްޓްރީ އަށް ކުޅުނު ނިހާލާއި އޭދަފުށްޓާއި ނިއު އަށް ކުޅުނު ޖަގަތު ރޯހަން އާއި ލެގޫންސް އަށް ކުޅުނު ކަޅު ސުމިތާއި އަމާނުﷲ އަދި އުޕުލް ޕެރޭރާ ފާހަގަކުރެވެ އެވެ. އަދި ރާއްޖެ އަށް އައި ބިދޭސީ ފުރަތަމަ ގޯލްކީޕަރު ނިއު އަށް ގެނައި ސުޖިތު ހެމަންތަ ފާހަގަވެ އެވެ.

ކުޅުންތެރިން އެކަންޏެއް ނޫނެވެ. އޭރު ރާއްޖޭގެ ގިނަ ޓީމުތަކުގެ ކޯޗުކަން ވެސް ކުރީ ލަންކާ ކޯޗުންނެވެ. އޭގެ ތެރޭގައި ނިއު އާއި ގައުމީ ޓީމަށް ކޯޗުކޮށްދިން ޕީ.ޑީ ސިރިސޭނާ އާއި ނިއު އާއި އަހުމަދިއްޔާ އަށް ކޯޗުކޮށްދިން ސުމިތު ވަލަޕޮލާ އާއި ޖަޔަވަރަދަ އާއި އެޑްވަޑް ވިކްރަމަސޫރިޔާ އަދި މަހިންދަޕާލާ ފާހަގަކުރެވެ އެވެ. އެ ކޯޗުން އިންގިލާބީ ބަދަލުތައް ގެނަ އެވެ.

"އޭރު ދިވެހިންނަށް ރަނގަޅަށް ވޯމްއަޕް ޖަހާލާކަށް ވެސް ނޭގޭނޭ. އެ ފެންވަރުގައި ތިއްބާ ލަންކާ ކޯޗުން އައިސް ބަދަލު ގެންނަން ފެށީ،" ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އަލީ ސުޒޭން ބުންޏެވެ.

ރައީސް މައުމޫން (މ) އާއި އަނބިކަނބަލުން ނަސްރީނާ (ކ) ސުމިތާ އެކު.


ލަންކާ ކޯޗުންގެ ތެރެއިން ސުމިތު ހާއްސަ އެވެ. އިންޑިއާގެ ކަލްކަތާގައި 1987 ގައި އޮތް ސާފް ގޭމްސްގައި ގައުމީ ޓީމު ތަމްސީލްކުރި ނިއުގެ ޓީމަށް ކޯޗުކޮށްދިން ސުމިތު ވަނީ ދިވެހި ފުޓްބޯޅައިގެ ލެޖެންޑުންނަށްވި އެތައް ކުޅުންތެރިންނަކަށް ތަމްރީންދީ ކުރިއަރުވައިފަ އެވެ. އޭގެ ތެރޭގައި މޫސާމަނިކު (ކުޑަމޫސަ) އާއި މުހައްމަދު ކަލީމާއި ސައީދު އަލީ އާއި އަންދަރުސަވާ އިބްރާހިމް ރަޝީދު (އަންދަރޭ) އާއި އެފޯނިއަމް މުހައްމަދު ހަލީމާއި އިސްމާއިލް ޒަރިޔަންދު ފާހަގަކުރެވެ އެވެ. އަދި ފަހުން ނިއު އަށް 2004 ވަނަ އަހަރުގެ މާލޭ ލީގު ކާމިޔާބުކޮށްދިން ކެޕްޓަން އަހުމަދު އިރުފާނަކީ ހެންވޭރު ދަނޑަށް ކުޅެން ދިޔަ ކުދި ބަޔެއްގެ ތެރެއިން ސުމިތު ލޮލުގައި އަޅައިގަނެ އޭނާ ނެރުނު ކުޅުންތެރިއެކެވެ.

ސުޒޭން ބުނި ގޮތުގައި ލަންކާ ކޯޗުން ރާއްޖެ އައިއިރު ލަންކާއާ ރާއްޖެ އޮތް ތަފާތަކީ މިހާރު ރާއްޖެއާ ސައޫދީ އަރަބިއްޔާ ފަދަ އަރަބި ބައެއް ގައުމުތަކާ އޮތް ފަރަގު ކަމަށެވެ.

"ލަންކާ އިން ފަސޭހަކަމާ އެކު ރާއްޖެ ކޮޅަށް ފަސް ހަ ލަނޑު ޖަހާނެ. އެކަމަކު ލަންކާގެ އެކްސްޕާޓުން ކޯޗުކޮށްދީ، ކުޅެ ރާއްޖެ ސަރަހައްދުގައި އިހުތިރާމް ލިބޭ ފަދަ ގައުމަކަށް ބަދަލުވީ،" ސުޒޭން ބުންޏެވެ.

ގައުމީ ޓީމުގެ ކުރީގެ އެސިސްޓަންޓް ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ވެސް އެކަމާ އެއްބަހެވެ. އޭނާ ބުނީ ރާއްޖެ އަށް ފުޓްބޯޅައިން އެންމެ ބޮޑު އެހީއެއް، އެންމެ ބޮޑު ކުރިއެރުމެއް ހޯދައިދިނީ ލަންކާ ކަމާ މެދު ޝައްކެއް ނެތް ކަމަށެވެ.

"އޭގެ ސަބަބަކީ އަހަރެމެންނަށް ބޯޅައިގެ އެއްވެސް ކަމެއް ނޭގޭއިރު އެހީވީ އެ ގައުމުން ކަމަށްވާތީ. އަހަރެމެންނަށް ބޯޅައަކީ ކިހިނެއް ކުޅޭ އެއްޗެއްކަން ދަސްވީ ލަންކާގެ ފަރާތުން،" މޯހަން ބުންޏެވެ.

ލަންކާ ކޯޗުންނާއި ކުޅުންތެރިންނާ އެކު މަތިވި ފުޓްބޯޅައިގެ ފެންވަރު އިތުރު ގިޔަރެއް މައްޗަށް ޖައްސާލުމުގެ ގޮތުން ދިވެހި ސަރުކާރުން ބައިނަލްއަގްވާމީ މުބާރާތެއް ތައާރަފްކުރި އެވެ. ޕްރެޒިޑެންޓް އޮފް މޯލްޑިވްސް އިންވިޓޭޝަނަލް ސޮކާ ކަޕް (ޕޮމިސް ކަޕް) ގެ ނަމުގައި 1987 ގައި ފެށި މުބާރާތުގައި ރާއްޖޭގެ ވިކްޓްރީ އާއި ނިއު އަދި ވެލެންސިއާ ބައިވެރިކޮށް، ވަރުގަދަ ކުރަން ގެނައި ބޭރު ދެ ޓީމަކީ ލަންކާގެ ރިނައުން ސްޕޯޓްސް ކްލަބާއި ސައުންޑާސް ސްޕޯޓްސް ކްލަބެވެ. ފުޓްބޯޅައިގެ ފެންވަރު ރަނގަޅުކުރަން ބާއްވާ ބޭރު މުބާރާތަކަށް ލަންކާ ދެ ޓީމު ގެނައުމުން އޭރު އެ ގައުމުގެ ފެންވަރު ސާބިތުވެ އެވެ.

ވިކްޓްރީން 1985 ވަނަ އަހަރު ގައުމީ ތަށި މިލްކުކުރުމަށް ފަހު އުފާފާޅުކުރަނީ: ވިކްޓްރީ އަކީ ޕޮމިސް ކަޕް ކާމިޔާބުކުރި ދިވެހި ފުރަތަމަ ކްލަބް.


ކަންވީ ވެސް އެހެންނެވެ. ފުރަތަމަ ދެ އަހަރު ތަށި ގެންދިޔައީ ލަންކާ އިންނެވެ. 1987 ގައި ރިނައުން އިން އަދި 1988 ގައި ޔޯކް ސްޕޯޓްސް ކްލަބުންނެވެ. އެކަމަކު 1989 ވަނަ އަހަރު ރާއްޖޭގެ ދެ ޓީމު ކަމަށްވާ ވިކްޓްރީ އާއި ވެލެންސިއާ ފައިނަލަށް ގޮސް ވިކްޓްރީ ތަށި ނެގައުމާ އެކު ރާއްޖޭގެ ފުޓްބޯޅައިގެ ފެންވަރު މަތިވެއްޖެކަން ސާބިތުވި އެވެ. އެކަން ކަށަވަރުވީ އޭގެ ދެ އަހަރު ފަހުން ބޭއްވި ސާފް ގޭމްސްގަ އެވެ. ރާއްޖޭން ފުޓްބޯޅައިން ފުރަތަމަ ފަހަރަށް ރިހި މެޑަލް ހޯދި އެ ފަހަރު ރާއްޖެ ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލުގައި ލަންކާގެ ބިމުގައި އެ ގައުމު 1-0 އިން ބަލިކޮށްގެންނެވެ.

އޭގެ ހަތް އަހަރު ފަހުން ރާއްޖޭން 1997 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ފައިނަލަށް ދަތުރުކުރީ ވެސް ލަންކާ ބަލިކޮށްފަ އެވެ. ޝާހު އިސްމާއިލް (ސާޔާ) ގެ ލަނޑުން ރާއްޖެ ލީޑު ހޯދާފައި އޮއްވާ ލަންކާ އިން އެއްވަރުކުރި އެވެ. އެކަމަކު 89 ވަނަ މިނެޓުގައި ތޮއްޑޫ މުހައްމަދު ނިޒާމުގެ ގޯލުން ރާއްޖެ ފަހު ވަގުތު މޮޅުވި އެވެ. އެ ނަތީޖާ ލަންކާ އަށް ގަބޫލުކުރަންދަތިވި އެވެ. ނަތީޖާއަކަށްވީ ލަންކާ ކުޅުންތެރިން ރުޅިގަދަވެ ދިވެހި ކުޅުންތެރިންނަށް ހަމަލާދިނުމެވެ. އެ ފަހަރު ރާއްޖޭގެ ޓީމުގެ ޑޮކްޓަރު އަހުމަދު ޝަކީބަށް ވަރަށް ބޮޑަށް އަނިޔާވި އެވެ.

ދެން އައީ ލަންކާގައި 1998 ވަނަ އަހަރު އޮތް ބްރިސްޓަލް ފްރީޑަމް ކަޕުގެ ކުރިމަތިލުމެވެ. އަލީ އުމަރާއި މުހައްމަދު ހުސެއިން (އޮއިއްޓޭ) އާއި އަލީ ޝިހާމް ފަދަ އެތައް ކުޅުންތެރިންނެއް ގައުމީ ޓީމަށް އަލަށް ކުޅުނު އެ މުބާރާތުގައި ދެ ޓީމު ކުޅުނު މެޗު 2-2 އިން އެއްވަރުވީ އެވެ. ޖެހިގެން އައި އަހަރު އިންޑިއާގެ ގޯއާގައި އޮތް ސާފް ޗެމްޕިއަންޝިޕުގެ ގްރޫޕް ސްޓޭޖުގައި ދެ ޓީމު 0-0 އިން އެއްވަރުވީ އެވެ.

މި ދެ ޓީމު ދެން ކުރިމަތިލީ ދިވެހި ފުޓްބޯޅަ އަށް 50 އަހަރު ފުރިގެން 2000 ވަނަ އަހަރު ބޭއްވި ގޯލްޑަން ޖުބިލީ މުބާރާތް ހުޅުވި މެޗުގަ އެވެ. އަލީ ޝިހާމް ފުރަތަމަ ހާފުގެ ފަހުކޮޅު ލީޑު ނަގައިދީފައިވަނިކޮށް ދެ ވަނަ ހާފުގެ ކުރީކޮޅު ކަސުން ޖަޔަސޫރިޔާގެ ގޯލުން މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

ކަންދިމާކުރި ގޮތުން ފައިނަލުގައި ވާދަކުރަން ޖެހުނީ ވެސް ލަންކާ އާއި ރާއްޖެ އެވެ. ލަންކާ އިން ވަރަށް ކުރީކޮޅު ރޯޝަން ޕެރޭރާގެ ގޯލުން ލީޑު ނަގާފައި އޮއްވާ ސާޔާ ހޯދައިދިން ޕެނަލްޓީއެއްގައި އާދަމް އަބްދުއްލަތީފް (ލައްޗޭ) ރާއްޖެ އަށް އެއްވަރުކޮށްދިނެވެ. ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހާށެވެ. އަލީ ޝިހާމާއި ހުސެއިން ލުތުފީ (ލުއްޑާ) ގެ ޕެނަލްޓީ ނާކާމިޔާބުވެ ރާއްޖެ އެ ފަހަރު ލަންކާ އަތުން ހިތްދަތި ގޮތަކަށް ބަލިވީ އެވެ. އަމިއްލަ ގައުމުގައި ކުޅެ ތަށި ހޯދަން ލިބުނު ފުރުސަތު ގެއްލުމަކީ ދިވެހިންނަށް އަރައިގަންނަން އުނދަގޫވި މާޔޫސްކަމެކެވެ.

ގޯލްޑަން ޖުބިލީގައި ލަންކާއާ ދެކޮޅަށް ނުކުތް ރާއްޖޭގެ ފުރަތަމަ އެގާރަ. --ފޮޓޯ: ނެޝަނަލް އާކައިވްސް


އެކަމަކު ލަންކާއާ ރާއްޖޭގެ ފުޓްބޯޅައިގެ ގުޅުމަކަށް އެކަމުން އަސަރެއް ނުކުރެ އެވެ. އޭގެ ހެއްކަކީ ލަންކާގައި އޭރު ކުރިއަށްދިޔަ ދާހިލީ ހަނގުރާމައިގެ ތެރޭ ސުލްހައިގެ ދެ މެޗު ކުޅެން ރާއްޖޭން އެ ގައުމަށް ދިއުމެވެ. ކޮލަމްބޯގައި ކުޅުނު ފުރަތަމަ މެޗުން ލަންކާ 1-0 އިން މޮޅުވި އެވެ. ދެ ވަނަ މެޗު ކުޅެން ދިޔައީ ތަމަޅައިންގެ މައި މަރުކަޒު ޖަފްނާ އަށެވެ. އެ ބިރުވެރި މާހައުލުގައި މެޗެއް ކުޅެން ރާއްޖޭން އެއްބަސްވީތީ ގިނަ ބަޔަކު ހައިރާންވި އެވެ. އެ މެޗު ހުއްޓާލަން ޖެހުނުއިރު ދެ ޓީމު އޮތީ 0-0 އިން އެއްވަރުވެފަ އެވެ. މެޗު ކުރިއަށް ނުގެންދެވުނީ ސަޕޯޓަރުން އައިސް ދަނޑުމަތީގައި ކުޅިބަލަން އިށީންނަން ފެށުމުންނެވެ. ފުޓްބޯޅަ އޭރު އެ ސަރަހައްދުގެ ރައްޔިތުންނަށް އަލެވެ.

އެހާތަނުގައި ދެ ޓީމު އޮތީ ދާދި އެއް ފެންވަރެއްގަ އެވެ. އޭރު ރާއްޖެ އަށް އޮތީ ޔޫރަޕުގެ އިންގިލާބު އައިސްފަ އެވެ. ޔޫރަޕުގެ ކޯޗުންނާއި ކުޅުންތެރިންނާ އެކު ދިވެހި ފުޓްބޯޅައިގެ ފެންވަރު މަތިވި އެވެ. އެކަމަކު އޭރު ވެސް ލަންކާ ކުޅުންތެރިން ދޭތެރެ ދޭތެރެއިން އައިސް ރާއްޖޭގައި ތަފާތު ދެއްކި އެވެ. ހުއްރިއްޔާ އަށް ކުޅުނު އެޑިރިބަންނަގެ ޗަންނަ އާއި ވެލެންސިއާ އާއި މާޒިޔާ އަށް ކުޅުނު ޗަތުރަ މަދުރަންގަ އާއި އައިއެފްސީ އަށް ކުޅުނު ކަސުން ޖަޔަސޫރިޔާ އަދި ނިއު އަށް 2005 ވަނަ އަހަރުގެ އޭއެފްސީ ކަޕުގެ ތިން ވަނަ ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކުރި ގޯލްކީޕަރު ސަދުން ދެވިންދާ ފާހަގަކުރެވެ އެވެ. ސަދުން އަށް ނިއުގައި ގޯލްކީޕިން ޓްރެއިނިން ދިނީ ވެސް ލަންކާގެ ޓްރޭނަރެކެވެ.

މީގެ ތެރެއިން ކަސުން އަކީ ލަނޑެއް ޖެހުމަށް ފަހު އުފާފާޅުކުރުމުގެ ގޮތުން ފުލުހެއްގެ ބެރޭ ނަގައި އަޅައި ސެލިއުޓް ނެގުމުން ވަގުތުން ބާލައި ޑިޕޯޓްކުރި ކުޅުންތެރިއެކެވެ. އެކަމަކު 2004 ވަނަ އަހަރު "ހަވީރު" ނޫހުން އިންތިޒާމްކޮށްގެން ރާއްޖެ އާއި ލަންކާ މާލޭގައި ކުޅުނު އެކުވެރިކަމުގެ މެޗަށް ހާއްސަ ހުއްދައެއްގެ ދަށުން އޭނާ ގެނަ އެވެ. އެއީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ލަންކާއާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗެވެ. އެ މެޗު 0-0 އިން އެއްވަރުވީ އެވެ.

ލަންކާގެ ޗަތުރަ (ވ) ވެލެންސިއާގެ ޖާޒީގައި ނިއުގެ އޮއިއްޓޭ އަތުން ބޯޅަ ހޯދަން މަސައްކަތްކުރަނީ.


އެކަމަކު ދަގަނޑޭގެ ޖާދުލާ އެކު ރާއްޖޭން ޖެހިގެން އައި އަހަރު ޕާކިސްތާނުގައި ބޭއްވި ސާފް ޗެމްޕިއަންޝިޕުގެ ގްރޫޕް ސްޓޭޖުގައި ލަންކާ އަތުން 2-0 އިން މޮޅުވި އެވެ. ލަނޑު ޖެހީ ދަގަނޑޭ އާއި އަލީ އުމަރެވެ. އެ މެޗަށް ފަހު ދެ ޓީމުގެ ކުރިމަތިލުމެއް ނުފެނި ދިއުމަށް ފަހު ދެ ޓީމުން ބައްދަލުކުރީ ހާއްސަ މުބާރާތެއްގަ އެވެ. ދެ ގައުމު ގުޅިގެން 2008 ގައި ބޭއްވި ސާފް ޗެމްޕިއަންޝިޕުގެ ސެމީ ފައިނަލުގަ އެވެ. ފަހު މެޗުން އިންޑިއާ އަތުން ބަލިވެ ރާއްޖެ އަށް އަމިއްލަ ދަނޑުގައި ސެމީ ކުޅެން ނުލިބުމުން ދިވެހިން ތިބީ މާޔޫސްވެފަ އެވެ. އެކަމަކު ލަންކާގައި ދިރިއުޅޭ ދިވެހިންގެ ފުރިހަމަ ސަޕޯޓާ އެކު ސުގަތަދާސަ ސްޓޭޑިއަމުގައި ލަންކާ 1-0 އިން ބަލިކޮށް ރާއްޖޭން ފައިނަލަށް ދިޔަ އެވެ.

އަދި ހަމަ އެ ސްޓޭޑިއަމުގައި އިންޑިއާ 1-0 އިން ބަލިކޮށް ރާއްޖޭން ފުރަތަމަ ފަހަރަށް ތަށި ހޯދި އެވެ. އެއާ އެކު ލަންކާގެ ބިން ވެފައިވަނީ ދިވެހިންގެ ފުޓްބޯޅައިގެ ކާމިޔާބީއާ ގުޅިފައިވާ ތަނަކަށެވެ. ރާއްޖޭން ފުރަތަމަ ރިހި މެޑަލް 1991 ގައި ހޯދީ ވެސް އެ ގައުމުގަ އެވެ. އަދި ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމުން މަހިންދަ ރާޖަޕަކްސަ މުބާރާތް 2012 ވަނަ އަހަރު ހޯދީ ވެސް އެ ބިމުގަ އެވެ.

ރާއްޖޭން ލަންކާގައި 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމަށް ފަހު އުފާފާޅުކުރަނީ. --ފޮޓޯ: ހުސެއިން ސިނާން


ސާފުގެ ކާމިޔާބީއަށް އަހަރެއް ފަހުން ކޮލަމްބޯގައި 2009 ވަނަ އަހަރު ކުޅުނު އެކުވެރިކަމުގެ މެޗެއްގައި ލަންކާ އިން ރާއްޖެއާ 1-1 އިން އެއްވަރުކުރި އެވެ. މަންޒަރު ބަދަލުވާން ފެށީ އެ އަހަރުގެ ފަހުކޮޅު ބަންގްލަދޭޝްގައި އޮތް ސާފް ޗެމްޕިއަންޝިޕުގަ އެވެ. އެ ފަހަރު ސެމީ ފައިނަލުން ރާއްޖޭން ލަންކާ 5-1 އިން ބަލިކުރި އެވެ. އެއާ އެކު ރާއްޖެ އަށް ލަންކާ އަށް ވުރެ ދެ ތިން ފިޔަވަޅު ކުރިއަށް ޖެހިއްޖެ ކަމުގެ އިހުސާސްކުރެވުނެވެ. އެކަން އެނގި ކަށަވަރުވީ 2013 ވަނަ އަހަރުގެ ގްރޫޕް ސްޓޭޖުގައި ރާއްޖޭން ލަންކާ އަތުން 10-0 އިން މޮޅުވުމެވެ. ރާއްޖެ އަށް ލަންކާ އަތުން 3-0 ގެ ފަރަގަކުން މޮޅުވެވިދާނެ ކަމަށް 1980ގެ އަހަރުތަކުގެ ކުރީކޮޅު ދިވެހިން ގަބޫލުނުކުރާނެ އެވެ. އެހެންވެ 10 ލަނޑު ވައްދާލެވުންވީ އާދަޔާހިލާފު ބޮޑު ކާމިޔާބަކަށެވެ.

ލަންކާ އާއި ރާއްޖޭގެ ވާދަވެރިކަމަކީ ދެ ގައުމުން ފުޓްބޯޅައިގެ ކުރިއެރުން ވަޒަންކުރަން ބޭނުންކުރި މީޒާނެވެ. އެހެންވެ އެ ނަތީޖާއާ އެކު އެނގިގެން ދިޔައީ ދިވެހި ފުޓްބޯޅަ ކުރިއެރިވަރު އެކަންޏެއް ނޫނެވެ. ލަންކާ ފުޓްބޯޅަ ގެނބި ގޮސް ފުނުގައި ޖެހުނުކަން ވެސް އެނގުނެވެ. ލަންކާގައި މިހާރު އޮތީ އިހު އޮތް ފުޓްބޯޅައެއް ނޫނެވެ. ރަނގަޅު ލީގެއް ނެތެވެ. ނަން މަޝްހޫރު ކުޅުންތެރިން ނެތެވެ. ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ލަންކާއާ ދެކޮޅަށް ރާއްޖެ ނުކުންނައިރު ހުރިހާ ގޮތަކުން ފޭވަރިޓަކީ ރާއްޖެ އެވެ. އެކަމަކު މިއަދުގެ މެޗަށް ރާއްޖެ ނުކުންނާނީ އިހުތިރާމާ އެކު އެވެ.

"ލަންކާ އަށް ރާއްޖޭގެ އިހުތިރާމް އަބަދުވެސް އޮންނާނެ. އެއީ ރާއްޖޭގެ ފުޓްބޯޅަ ކުރިއަރުވައިދިން އެކުވެރިޔާ،" ސުޒޭން ބުންޏެވެ.