Advertisement

އާއިލާ ރޭވުން: އަލުން ޖާގަ ދޭން ޖެހޭ މުހިއްމު ވިސްނުމެއް

9 އޮކްޓޯބަރު 2021 - 09:58 1

އާއިޝަތު މިހުނާ ނާސިހް

އާއިޝަތު މިހުނާ ނާސިހް


އާއިލާ ރޭވުން: އަލުން ޖާގަ ދޭން ޖެހޭ މުހިއްމު ވިސްނުމެއް

9 އޮކްޓޯބަރު 2021 - 09:58 1

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ދެކުނު އޭޝިއާގެ އޮފީހުން 1988 ވަނަ އަހަރު ނެރުނު ތަފާސްހިސާބުތައް ދައްކާ ގޮތުން އެ ދުވަސްވަރު ރާއްޖޭގެ އާބާދީ ދިޔައީ އަހަރަކު 3.2 އިންސައްތަ އިތުރުވަމުންނެވެ. އެއީ ދުނިޔޭގެ ނިސްބަތުން މަތީ މިންވަރެކެވެ. އެހެންވެ، އިގްތިސާދީ ތަރައްގީ އަށާއި އިޖުތިމާއީ ހިދުމަތްތަކާއި ގައުމުގެ ވަސީލަތްތައް އެކަށީގެންވާ ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި މިއީ ކުރިމަތިވާނެ ގޮންޖެހުމެއް ކަމަށް ދެކި، ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުން "ދޭތެރެ ދުރުކުރުމުގެ ޕްރޮގްރާމެއް" ތައާރަފްކުރުމުގެ މަސައްކަތް އޭރު ފެށި އެވެ.

ބޮޑެތި ހިޔާލު ތަފާތުވުންތަކާ އެކު، 1980 ގެ ފަހުކޮޅު ރާއްޖޭގައި ފުރަތަމަ ފަހަރަށް ކޮންޓްރެސެޕްޓިވްސް (ދޭތެރެދުރުކުރާ ވަސީލަތްތައް) ބޭނުންކުރުމަށް ހުއްދަ ދިނެވެ. އޭގެ ފަހުން 2010 ވަނަ އަހަރާ ހިސާބަށް އާދެވުނުއިރު ރާއްޖޭގެ އަންހެނުންގެ ޓޯޓަލް ފާޓިލިޓީ ރޭޓް (ދަރިމައިވާ ރޭޓް) 2.26 އަށް ތިރިކުރެވިފައި ކަމަށް ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން (ޝީ) އިން 2017 ވަނަ އަހަރު ނެރެފައިވާ ރިޕޯޓެއްގައިވެ އެވެ.

އޭގެ އަހަރުތަކެއް ފަހުން މިއަދު އަނެއްކާވެސް އުފެދޭ ސުވާލަކީ ރާއްޖޭގައި ކޮންޓްރެސެޕްޓިވްސް ބޭނުންކުރާ ނިސްބަތް ދަށްވެ، ބޭނުންޖެހިފައިވާ މީހުން ގިނަވަމުން މިދަނީ ކީއްވެތޯ އެވެ.

ދުވާލެއްގެ މައްޗަށް 10 އަންހެނުން ބަލިވެ އިންނަނީ ތައްޔާރު ނުވެ

ތަފާސްހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގައި ކޮންމެ ދުވަހަކު މާބަނޑުވާ އަންހެނުންގެ ތެރެއިން 10 އަންހެނުންނަކީ ދުރާލާ ރޭވުމެއް ނެތި ނެތި މާބަނޑުވާ މީހުންނެވެ. އަދި ކޮވިޑާ އެކު މި އަދަދު 12 އަށް އިތުރުވި ކަމަށް ޔޫއެންއެފްޕީއޭ އިން މައުލޫމާތު ދެ އެވެ.

މިއީ ސިއްހީ ގޮތުން، މާލީ ގޮތުން އަދި ނަފްސާނީ ގޮތުން ބެލި ނަމަވެސް ދެމަފިރިންނަށް ކުރިމަތިވެދާނެ މައްސަލައެއް ކަމަށް ތަޖުރިބާކާރުން ދެކެ އެވެ.

ޓްރީޓޮޕް ހޮސްޕިޓަލުގެ ކޮންސަލްޓަންޓް އިން އޮބްސްޓްރެޓިކްސް އެންޑް ގައިނަކޮލޮޖީ ޑރ. ހައްވާ އިނާޔާ އަބްދުލް ރަހީމް ވެސް އެކަމަށް އެއްބަސްވެވަޑައިގަތެވެ. އޭނާ ވިދާޅުވި ގޮތުގައި ބަނޑުބޮޑުވުމުގެ ކުރިން ބަލަންޖެހޭ ކަންތައްތަކެއް ހުންނަ ކަމަށާއި ހަދަން ޖެހޭ ޓެސްޓްތަކެއް ހުންނަ ކަމަށެވެ. އަދި ދަރިފުޅަށް އަސަރެއް ކޮށްފާނެތީ ފޮލިކް އެސިޑްވެސް ކުރީބައިގައި ނަގަންޖެހޭ ކަމަށާއި އެހެންވެ ތައްޔާރު ނުވެ ބަނޑުބޮޑުވުމަކީ ނަފްސާނީ ގިނަ މައްސަލަތަކެއްވެސް އޭގެ ސަބަބުން މައިމީހާއަށް ދިމާވާ ކަމެއް ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ދިވެހި ގިނަ އަންހެނުންނަކީ ހަކުރު ބަލި ޖެހުމުގެ ފުރުސަތު އޮންނަ ނުވަތަ ޖެހިފައިވާ މީހުންނަށްވާއިރު މާބަނޑުވެ ހަކުރު ކޮންޓްރޯލް ނުވާނަމަ ދަރިފުޅުގެ ކިބައިގައި އުނިކަމެއް ހުރުމުގެ ފުރުސަތު ބޮޑު ކަމާށެވެ.

"ބައެއް ބޭސްތަކުންވެސް ބަނޑުގައި އޮންނަ ދަރިފުޅަށް ނުރައްކާތެރިކަން ބޮޑުވާއިރު މާބަނޑުވުމުގެ ކުރިން އެފަދަ ބޭސްތައްވެސް ހުއްޓާލާ ހަށިގަނޑު ވީހާވެސް ދުޅަހެޔޮކުރުން މުހިންމު،" ޑރ. އިނާޔާ ވިދާޅުވި އެވެ.

މީގެ އިތުރުން އިންޓަ ޕްރެގްނަންސީ އިންޓަވަލް ނުވަތަ އެއްފަހަރު ބަލިވެ އިނުމަށްފަހު ދެވަނަ ކުއްޖަކު ހޯދުމާ ދޭތެރޭ ދެއަހަރާ ތިން އަހަރާ ދެމެދުގެ މުއްދަތެއް ބެހެއްޓުމަށް އެދެވިގެންވެ އެވެ. މިއީ މައިމީހާގެ ހަށިގަނޑު އެކަމަށް ތައްޔާރުވެ، ލޭ މަދުވުމުގެ ސަބަބުން އުފެދޭ ރިސްކުތައް ކުޑަކޮށްދީ، ފުރަތަމަ ދަރިފުޅަށް ރަނގަޅަށް ގާތުން ދެވި، މަންމައާ ދަރިފުޅާ ދެމެދު އޮންނަ ގުޅުން ވަރުގަދަ ކުރުމަށް ވެސް ކޮންމެހެން މުހިންމު ކަމެއް ކަމަށް ވެސް ތަޖުރިބާކާރުން ބުނެ އެވެ.

އެހެންކަމުން މައިމީހާއަށް މި ރައްކާތެރިކަން ކަށަވަރުކޮށްދީ ދުޅަހެޔޮކަމާއެކު އާއިލާއެއް ބިނާކުރުމަށްޓަކައި ކޮންޓްރެސެޕްޓިވްގެ ބޭނުން އަނެއްކާ ވެސް މިވަނީ ޖެހިފަ އެވެ.

"ކޮންޓްރެސެޕްޓިވްސް އޭ ބުނީމަ އޭގެ މާނައަކީ އަޅުގަނޑުމެން ވަކި ކަމެއް ޕްރޮމޯޓް ކުރަނީއެކޭ ނޫން. އަޅުގަނޑުމެންގެ އެންމެ ބޮޑު މަގްސަދަކީ ދުޅަހެޔޮ ސިއްހަތެއް އެމީހާއަށްވެސް އަދި އާއިލާއަށްވެސް ހޯދައިދިނުން،" ޔޫއެންއެފްޕީއޭ އިން ބުންޏެވެ.

ނަންބަރުތަކުން ކަންބޮޑުވޭ - މައްސަލަތަކެއް ހުރިކަމުގެ ރަތް ސިގްނަލެއް

މިނިސްޓްރީ އޮފް ހެލްތުން 2016-2017 އަށް ތައްޔާރުކޮށްފައިވާ ޑެމޮގްރަފިކް ސާވޭ އިން ދައްކާގޮތުން ރާއްޖޭގައި މީހުންނާ އިނދެގެން ތިބި މީހުންގެ ތެރެއިން ކޮންޓްރެސެޕްޓިވްސް ބޭނުންކުރަނީ ކޮންމެ 100 އަކުން 15 މީހުންނެވެ. މިފަދަ ވަސީލަތެއް ބޭނުންވެ ނުލިބި ތިބި މީހުންގެ އަދަދު 2009 ވަނަ އަހަރު 28 އިންސައްތައިގައި ހުރިއިރު 2017 ގައި ވަނީ 31 އިންސައްތައަށް މަތިވެފަ އެވެ.

"މި އެނގެނީ ކޮންމެ ސަތޭކަ އަކުން 31 މީހުންނަށް މި ވަސީލަތްތައް ނުލިބޭކަން. މިއީ ދުނިޔޭގެ ނިސްބަތުން ބަލާއިރުވެސް ވަރަށް ސްޓްރައިކިން ތަފާސް ހިސާބުތަކެއް. ޕްރިވެލެންސް ވަރަށް ދަށް އެކަމަކު ނުލިބިގެން އުޅޭ މީހުންވެސް އެހާ ގިނަވޭ. މާނައަކީ ކޮންމެވެސް ތަނެއްގައި އެބައުޅޭ މައްސަލައެއް،" ޔޫއެންއެފްޕީއޭގެ އޮފިޝަލަކު ވިދާޅުވި އެވެ.

ކޮންޓްރެސެޕްޓިވްސް ބޭނުންކޮށް ރިޕޯޓް ނުކުރުމާއި، އިންފާޓިލިޓީ އިތުރުވުމާއި، ބައިގެންދާ މިންވަރު ނުވަތަ އެބޯޝަން އިތުރުވެ، ދެމަފިރިން ގިނައިން ދުރުގައި ތިބެން ޖެހުމަކީވެސް މިކަމަށް ބާރުދޭ ސަބަބުތަކެއް ކަމުގައި ބެލެވެ އެވެ.

ހަމައެޔާއެކު ޒުވާން އުމުރުގައި ކުރާ ކައިވެނިތައް އިތުރުވަމުންދާއިރު، އާއިލާ އެކަށައެޅުމުގެ ފުރިހަމަ މައުލޫމާތު ގިނަ ފަރާތްތަކަށް ފޯރުކޮށްދިނުމުގައިވެސް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރިކަމަށް އެތަނުން ދެކެ އެވެ.

"މިއީ މީހުން އެހާ ދައްކަން ބޭނުންވާ ވާހަކައެއް ނޫން. އަނެއްކާ ސެކްޝުއަލް ރިޕްރޮޑަކްޓިވް ހެލްތޭ ކިޔާތީ ވަރަށް އެހެން ކަހަލަ ގޮތަކަށް މީހުން ދެކެނީ. ހާއްސަކޮށް އަޅުގަނޑުމެން މި ބުނަނީ ޕީރިއަޑްވުމާ ހަމައިންވެސް އުމުރާ އެކަށޭނަހެން އޭނާގެ ހައިޖީންއާ ހޯމޯނަލް ބަދަލުތައް ފަދަ ބައިވަރު މައުލޫމާތު އެނގެންޖެހޭ. އެކަމަކު އަޅުގަނޑުމެންގެ މި މާހައުލުގެ ސަބަބުން މިފަދަ މައުލޫމާތު ދޭން ވަރަށް އުނދަގޫވޭ" ފުރާވަރު އުމުރުގައި ހެދިބޮޑުވުމާއި ބެހޭ ގިނަ މައުލޫމާތުތަކެއް ކުދިންނަށް ނޭނގޭކަން ފާހަގަކޮށް ޔޫއެންއެފްޕީއޭގެ އޮފިޝަލަކު ވިދާޅުވި އެވެ.

ފަލަވުމާއި، ދަރިމައިވުމަށް އުނދަގޫވުން: ބޮޑެތި ބިރުތަކެއް!

ރާއްޖޭގައި ކޮންޓްރެސެޕްޓިވްސް ގެ ގޮތުގައި ހުރަސް، ގުޅަބޭސް، އިންޖެކްޝަން، ދެހަން ދޭތެރެއަށް ލައްވާ އެތިކޮޅު (އިމްޕްލާންޓް) އަދި ރަހިމަށް ލައްވާ އައިޔޫޑީވެސް ލިބެން ހުރެ އެވެ. މީގެ އިތުރުން ފީމޭލް ސްޓްރެލައިޒޭޝަންއާ ފިރިހެނުންގެ ވެސެކްޓޮމީ ހިދުމަތްވެސް ހުރިހާ މައި ހޮސްޕިޓަލުތަކުންވެސް ލިބެން ހުރެ އެވެ. ގާތްގަނޑަކަށް 99 އިންސައްތަ ޔަގީންކަމާއެކު އެއްވެސް އަގަކާނުލާ ރާއްޖޭގެ ހުރިހާ ހިސާބަކުންވެސް ކޮންޓްރެސެޕްޓިވްސްގެ ކޮންމެވެސް ބާވަތެއް ލިބެން ހުރިއިރުވެސް، މި ބޭނުންކުރުމަށް މީހުން ފަސްޖެހޭ އަދަދު މަތިވުމަކީ ކަންބޮޑުވުމެކެވެ.

މި ދާއިރާގައި ހަތަރު އަހަރުގެ ތަޖުރިބާއާ އެކު ޑރ. އިނާޔާ ވިދާޅުވާގޮތުގައި ކޮންޓްރެސެޕްޓިވްސް ބޭނުންކުރުމަށް މީހުން ފަސްޖެހޭ އެންމެ ބޮޑު އެއްސަބަބަކީ ގާތްތިމާގެ ނުވަތަ ރަހުމަތްތެރިއެއްގެ ފަރާތުން ކޮންމެވެސް ކަހަލަ ނޭދެވޭ ތަޖުރިބާއެއްގެ ވާހަކަ އިވި ބިރުގަތުމެވެ. ނަމަވެސް އެއްވެސް ބޭހަކީ އޭގައި ސައިޑްއިފެކްޓް އެއް ނުހުންނަ ބޭހަކަށް ނުވާއިރު، ބޭނުންކުރުމުން ކޮންމެ މީހެއްގެ ތަޖުރިބާވެސް ތަފާތުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިގޮތުން ހޯމޯނަލް ކޮންޓްރެސެޕްޓިވްގެ ސަބަބުން ބަރުދަން އިތުރުވީ ނަމަވެސް ފަހުގެ ހޯދުންތައް ދައްކާގޮތުން ލައިފްސްޓައިލް މޮޑިފިކޭޝަން އަކާއެކު އެއީ ކޮންޓްރޯލް ކުރެވިދާނެ ކަމެކެވެ. ހަމައެޔާއެކު މިފަދަ ވަސީލަތެއް ބޭނުން ކުރުމަށްފަހު އަންހެން މީހާގެ ދަރިމައިވުން ހަމައަކަށް އެޅެން ހަތަރު މަހާ ފަސްމަހާ ދެމެދުގެ މުއްދަތެއް ނަގާއިރު، މިކަމުގެ ސަބަބުން ދެމަފިރިކަމުގެ ގުޅުމަށް ކުރާ އަސަރާއި ބެހޭގޮތުންވެސް ގިނަބަޔަކަށް އޮންނަނީ އޮޅުން އަރާފަ އެވެ.

"ކޮންޓްރެސެޕްޓިވް އެއް ބޭނުންކުރުމަކީ ޝޮޕިން އަށް ގޮސް ހެދުމެއް ގަނެލުން ކަހަލަ ކަމެއް. އެ ހެދުމެއް ލީމަ އެނގޭނީ ހެޔޮވަރުކަމެއް. މިވެސް ބޭނުންކުރަން ފެށީމަ އެނގޭނީ އޭގެ ސައިޑް އެފެކްޓްސް. އެކި މީހުންގެ ހަށިގަނޑު އެކި ގޮތަށް ބައްޓަންވެފައި ހުރުމުން އަސަރު ކުރާނީވެސް އެކިގޮތަށް،" ޑރ. އިނާޔާ ވިދާޅުވި އެވެ.

މީގެ އިތުރުން ދޭތެރެއަކުން ލޭ އައިސް ނަމާދު ނުކުރެވޭ ކަމުގެ ޝަކުވާވެސް ލިބޭ ކަމުގައި ޑރ.އިނާޔާ ވިދާޅުވި އެވެ. އެކަމަކު އެ ލޭކޮޅުތަކަކީ ޕީރިއަށް ލެއާ ހިލާފަށް ހޯމޯން ވިތުޑްރޯވަލްއަކުން ދިމާވާ ކަމެއްކަމަށް އޭނާ ވިދާޅުވި އެވެ.

އާއިލާ ރޭވުމުގެ އިތުރުން ވެސް ގިނަ ފައިދާތަކެއް

ކޮންޓްރެސެޕްޓިވް އަކީ ހަމައެކަނި އާއިލާ ރޭވުމަށް ބޭނުންކުރާ ވަސީލަތެއްގެ އިތުރުން ސިއްހީގޮތުން ކުރިމަތިވާ އެކި މައްސަލަތަކަށް ހައްލު ހޯދުމަށް ވެސް ބޭނުންކުރާ ވަސީލަތެކެވެ.

މިގޮތުން ހޯމޯނަލް ކޮންޓްރެސެޕްޓިވްސްގެ އެހީގައި ޕީރިއަޑް ސައިކަލް ރެގިއުލޭޓްކޮށް، ތަދު ކުޑަކޮށްދީ އަދި އެންޑޯމެޓްރިއޯސިސް މެނޭޖުކުރުމަށްވެސް އެހީތެރިވެދޭ ކަމަށް ޝީގެ ޑިރެކްޓާ އޮފް ސެކްޝުއަލް އެންޑް ރިޕްރޮޑަކްޓިވް ހެލްތު އާމިނަތު އަޒްލިފާ ވިދާޅުވި އެވެ.

އަޒްލިފާ އިތުރަށް ވިދާޅުވި ގޮތުގައި ދިރާސާތައް ދައްކާގޮތުން ހޯމޯނަލް ކޮންޓްރެސެޕްޓިވް ޕިލްސް ބޭނުންކުރުމުން އެންޑޯމެޓްރިއަލް އާއި އޯވޭރިއަން ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަކޮށްދެ އެވެ. މީގެ އިތުރުން ސެކްޝުއަލީ ޓްރާންސްމިޓެޑް ބަލިތަކާއި އިންފެކްޝަން ފަދަ ބަލިތައްވެސް މިހާރު އާންމުވަމުންދާއިރު މި ބަލިތަކުން ރައްކާތެރިވުމަށް ވެސް ކޮންޓްރެސެޕްޓިވްސްގެ ދައުރު ބޮޑެވެ.

އެކަމަކު އެ ހުރިހާ ކަމަކަށް ވުރެ ވެސް ކޮންޓްރެސެޕްޓިވްސްގެ މުހިއްމުކަން ގުޅިފައިވަނީ އާއިލާ ރޭވުމާ އެވެ. އާއިލާގެ ހުރިހާ ކުދިންނަކީ ވެސް ބޭނުންވާ ވަރަށް ލޯތްބާއި އޯގާތެރިކަން ލިބި ރަނގަޅު ތައުލީމަކާ ފުރިހަމަ ސިއްހަތެއްގައި ބޮޑުވާ ކުއްޖަކަށް ހެދުމަށްޓަކައި އެއީ ކޮންމެހެންވެސް މުހިއްމު ކަމެކެވެ. އެހެންކަމުން އާއިލާ އެކަށައެޅުމުގެ ވަސީލަތްތައް ބޭނުންކޮށް ހެޔޮގޮތުގައި އުފާވެރި އާއިލާއެއް ބިނާކުރުމަށް އިސްކަން ދެމާ ހެއްޔެވެ.