Advertisement

މަސްތުވުމަށް ދެވިހިފުން އަދި މެތުގެ ނުރައްކާ!

5 އޮކްޓޯބަރު 2021 - 10:17 0

ހަސަން މުހައްމަދު

ހަސަން މުހައްމަދު

މާލޭގައި ހިންގާ ޑްރަގް ކެފޭއެއްގައި މެތު ވިއްކަން އިސްތިހާރެއް ލިޔެފައި. -ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު


މަސްތުވުމަށް ދެވިހިފުން އަދި މެތުގެ ނުރައްކާ!

5 އޮކްޓޯބަރު 2021 - 10:17 0

މިދިޔަ އޯގަސްޓު މަހުގެ ތެރޭގައި، ދަރިއަކު ހުރި ކޮންމެ ބަފައެއް، ތުއްތު ކުއްޖަކު ވިހެއި ކޮންމެ މަޔެއް، ކަންބޮޑުވެ، ސިއްސައިގެންދިޔައީ، ރާއްޖޭގައި މަސްތުވާތަކެތި ގިނަވެ، އެ ހިލޭ ލިބޭ ހިސާބަށް ކަންތައް ގޮސް، ބާލިގުނުވާ އުމުރުގެ، އެންމެ އަށް އަހަރުގެ ޅަ ކުދިން ވެސް މަސްތުވާ ކަމަށް ވިދާޅުވެ، ހެލްތު މިނިސްޓަރުގެ ނައިބު ސަފިއްޔާ މުހައްމަދު ސައީދު ރައްޔިތުންގެ މަޖިލީހުގައި ހާމަކުރެއްވުމުންނެވެ.

"ކުޑަކުދިން މަސްތުވާތަކެތީގެ ވަބާގައި ޖެހޭކަން ފާހަގަކޮށްލެވޭ ވަރަށް ބޮޑު އަދަދަކުން މިހާރު ހަމަ ކުޑަކުދިން ބޭނުން ކުރާ ކަމަށް ފާހަގަ ކުރެވޭ. އެންމެ ގިނައިން ބޭނުން ކުރަނީ 15 އަހަރާއި 17 އަހަރާ ދޭތެރޭގެ ކުދިން. އެކަމަކު ހަމަ އަށް އަހަރުގެ ކުދިން ވެސް ބޭނުން ކުރާ ކަމަށް، މަސްތުވާތަކެތީގެ ވަބާގައި ޖެހޭކަން، ފާހަގަކޮށްލެވޭ،" ސަފިއްޔާ ވިދާޅުވި އެވެ.

ދިވެހިރާއްޖޭގައި މަސްތުވާތަކެތި ބޭނުން ކުރާ 7496 މީހުން އުޅޭއިރު އެ އެމީހުން މަސްތުވުމަށް އެންމެ ގިނައިން ބޭނުން ކުރަނީ ރަލާއި ހަޝިޝް އޮއިލް (ތެޔޮ) އަދި ހަކުރު (ހެރޮއިން) ކަން އދ. ގެ މަސްތުވާތަކެއްޗާއި ކުށްކުށަށް ހާއްސަ އޮފީހުން 2013 ގައި އާންމު ކުރި ނެޝަނަލް ޑްރަގް ޔޫސް ސާވޭއިން އެނގެ އެވެ.

އެކަމަކު ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަމުން ސަފިއްޔާ ބުނީ މަސްތުވާތަކެތި ބޭނުން ކުރާ މީހުން ނަގާ ތަކެތި ވަރަށް ބޮޑަށް ބަދަލުވަމުން އަންނަ ކަމަށެވެ.

ސަފިއްޔާ ވިދާޅުވީ މިހާރު ރާއްޖެއަށް މަގްބޫލުވަމުންދާ ޓްރެންޑަކީ ކެމިކަލް ޑްރަގްސް ކަމަށެވެ. އަދި އޭގެ ތެރެއިން ވެސް ހާއްސަކޮށް މެތުއެމްފެޓަމިން ބޭނުން ކުރާ މީހުން ގިނަ ކަމަށް ސަފިއްޔާ ވިދާޅުވި އެވެ. އެހެންކަމުން މަސްތުވާތަކެތި ބޭނުން ކުރަން ފަށާ ޅަ އުމުރުގެ ކުދިން އަދި މީހުންގެ ތެރެއިން ބަޔަކު، ދިވެހިން އާންމުކޮށް މަސްތުވާން ބޭނުން ކުރާ ހަކުރުގެ ބަދަލުގައި މެތުއެމްފެޓަމައިންސް ބޭނުން ކުރާނެ ކަމަށް ބަލަންޖެހެ އެވެ.

"(މީގެ ކުރިން) ގިނައިން ބޭނުންކޮށްފައި ހުރީ ޕްލާންޓް ބޭސްޑް ސަބްސްޓަންސަސް. ނެޗުރަލް ސަބްސްޓަންސަސް. އެކަމަކު މިހާރު ގިނައިން ބޭނުން ކުރަނީ ކެމިކަލް ސަބްސްޓަންސަސް. މިސާލަކަށް ދަންނަވާ ނަމަ މެތުއެމްފަޓަމިންސް ދިވެހިރާއްޖޭގައި ބޭނުންކުރާ އަދަދު ވަރަށް ގިނަވެއްޖެ. ވަރަށް ގިނަ މީހުން ބޭނުން ކުރާ ކަމަށް ފާހަގަ ކުރެވޭ ޕޮލިހުންގެ ޑޭޓާއިން ވެސް،" ސަފިއްޔާ ވިދާޅުވި އެވެ.

މަސްތުވާން ބޭނުން ކުރާ ތެލުގެ އަސްލަކީ މެރުވާނާ ގަހެވެ. ހަކުރުގެ އަސްލަކީ އޯޕިއަމް ގަހެވެ. އެކަމަކު މިހާރު މަގްބޫލުވަމުން އަންނަ މެތުއެމްފަޓަމިންއަކީ ލެބޯޓަރީ ނުވަތަ ގޭގޭގައި ވެސް އުފެއްދިދާނެ އެއްޗެކެވެ. އަދި މެތުއެމްފެޓަމިންގެ ނުރައްކާތެރިކަން ވެސް ތެލާއި ހަކުރާ އަޅާބަލާއިރު އިންތިހާއަށް ބޮޑެވެ.

އެއާއެކު މެތުއެމްފަޓަމިންއަކީ ކޮބައިކަމާއި އެ ބޭނުން ކުރާ މީހާއަށް ކުރާ އަސަރަށް ނަޒަރު ހިންގާލުން މުހިންމެވެ.

މެތު އުފެއްދުން

މީގެ 102 އަހަރު ކުރިން 1919 ވަނަ އަހަރު މެތުއެމްފެޓަމިންސް އުފެއްދީ ޖަޕާނުގެ ސައިންސްވެރިންނެވެ. މެތަކީ އޭގެ އާއިލީ ބާވަތެއް ކަމަށްވާ އެމްފެޓަމިންސްއާ ގުޅުން އޮންނަ އެއްޗެކެވެ. އެމްފެޓަމިން އަދި މެތުއެމްފެޓަމިންއަކީ ވެސް ހަށިގަނޑުގެ ލޭގެ ހިނގުން އަވަސްކޮށްލަދޭ ޒާތުގެ އެއްޗެކެވެ. ނަމަވެސް މެތު ހަދަން ފަސޭހަވެފަ، އޭގެން މަސްތުވާ މިންވަރު ވެސް ބޮޑެވެ.

މެތުއެމްފެޓަމިންއަކީ 1939 ވަނަ އަހަރު ފެށުނު ދެ ވަނަ ބޮޑު ހަނގުރާމައިގަ ވަރަށް ގިނައިން ބޭނުން ކުރި އެއްޗެކެވެ. ސަބަބަކަށްވީ މެތު ނަގާ މީހާގެ ލޭގެ ހިނގުން ވަރަށް ބޮޑަށް އަވަސްވެ، ނިދަން ބޭނުން ނުވުމާއި ކާ ހިތްނުވުމެވެ. އެހެންކަމުން މިއީ ހަނގުރާމަ މަތީ ސިފައިންނަށް ދިނުމަށް އެންމެ އެކަށީގެންވާ "ބޭސް" ކަމަށް ގައުމުތަކަށް ހީވި އެވެ.

އަމިއްލައަށް މަރުވެގެން ހަމަލާދިން ޖަޕާނުގެ ކަމިކާޒޭ ޕައިލެޓުންނަށް އެ ގައުމުން ވަރަށް މަތީ ޑޯޒެއްގެ މެތުއެމްފަޓަމިން ދިނެވެ. އަދި ހަނގުރާމައިން ޖަޕާނު ބަލިވުމުން، ސިފައިންނަށް ދޭން ބަހައްޓާފައި ހުރި ވަރަށް ގިނަ މެތު އާންމުންގެ އަތް މައްޗަށް ދިޔަ އެވެ.

ދެ ވަނަ ބޮޑު ހަނގުރާމަ 1945 ވަނަ އަހަރު ނިމުނު ފަހުން 1950 ގެ އަހަރުތަކުގައި މެތު ބޭނުން ކުރަމުންދިޔައީ ޑިޕްރެޝަން ފަދަ ނަފްސާނީ ބަލިތަކާ ދެކޮޅަށެވެ. އަދި ބަރުދަން ލުއިކުރަން ޑައެޓެއްގެ ގޮތުގައި ވެސް މީހުން މެތުއެމްފެޓަމިން ބޭނުން ކުރި އެވެ. އެމެރިކާގައި މި ދުވަސްވަރު މެތު އެންމެ މަގުބޫލުވީ ކޮލެޖު ދަރިވަރުންނާއި ޕިކަޕު ދުއްވާ މީހުންގެ މެދުގަ އެވެ.

އޭގެ ފަހުން 1960 ގެ އަހަރުތަކުގެ ތެރޭގައި ވަރަށް ގިނަ މީހުން މެތު ބޭނުން ކުރަމުންދިޔައީ ގަޔަށް ކަށި ހަރައިގެންނެވެ. އަދި އޭގެ ފަހުން 1970 ގެ އަހަރުތަކުގެ ތެރޭގައި އެމެރިކާގައި މަޑުމަޑުން މެތަކީ މަނާ އެއްޗެއްގެ ގޮތުގައި ކްލެސިފައިކުރަން ފެށި އެވެ.

މަސްތުވާ އެއްޗަށް ދެވި ހިފާ މީހާއަށް ވާ ގޮތް

ކޮންމެ ކަމަކީ ވެސް ދެވި ހިފައިދާނެ ކަމެކެވެ. އެކަމަކު މަސްތުވާތަކެތި ބޭނުން ކުރުމުން ސިކުނޑިއަށް ލިބޭ އަރާމާއި ލައްޒަތުގެ އިހްސާސް ބޮޑުކަމުން މީހުން އެއަށް ލެނބޭ މިންވަރު ބޮޑުވެ އެވެ. އަދި އިސާހިތަކު މަސްތުވާން ބޭނުން ކުރާ އެއްޗަކީ ތިމާގެ ހަޔާތުގެ ވެރިކަން ކުރާ ފަރާތަށްވެ އެވެ. މަސްތުވާ އެއްޗަކަށް ދެވި ހިފުމުން ވާ ގޮތް، އެޑިކްޝަން ޕްރޮފެޝަނަލް އަދި ރިކަވަރީ ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރައްވާ އަލީ އަދީބު ކިޔައިދެއްވި އެވެ.

"ތިމާގެ އަމަލުތަކުގެ މައްޗައް ބާރުފޯރުވުމުގެ ގާބިލުކަން ގެއްލުމަކީ ކިހާވަރެއްގެ ކަމެއްތޯ ވަޒަންކޮށްލަމާ ހިނގާ،" އަދީބު އޭނާގެ ވާހަކަ ފަށަމުން ވިދާޅުވި އެވެ.

"އާންމުކޮށް ފެންތައްޓެއްގައި ހިފައި ތަށި ހިއްލާލުމަކީ މާބޮޑުކަމެއް ނޫން. އެކަމަކު ސްޓްރޯކެއްޖެހުމުގެ ސަބަބުން ސިކުނޑީގެ މޮޓޯއޭރިޔާއަަށް ލިބޭ ގެއްލުމެއްގެ ސަބަބުން ފެންތަށި ނެގުމުގެ ގާބިލްކަން އެބަ ގެއްލޭ. އެއީ ސިކުނޑިން އަތަށް ފޮނުވަންޖެހޭ ސިގްނަލެއް ނުދަނީ."

އަދީބު ވިދާޅުވާ ގޮތުގައި މަސްތުވުމަށް ދެވި ހިފުމުން ވެސް ވަނީ އެފަދަ ގޮތެކެވެ. ސްޓްރޯކު ޖެހޭ މީހާގެ ސިކުނޑިއަށް ގެއްލުން ލިބި، އަތަށް ފޮނުވަންޖެހޭ ސިންގަލެއް ނުލިބުމުގެ ސަބަބުން އެއްކަލަ ފެންތަށި ނެގޭ ގޮތެއް ނުވެ އެވެ. ހަކުރު ބޯ މީހާއަށް ވެސް ވަނީ ހަމަ މި ގޮތް ކަމަށް އަދީބު ވިދާޅުވި އެވެ. ދެވިހިފުމުން، މަސްތުވުން ކޮންޓްރޯލް ކުރާ ބައި ސިކުނޑީގައި ރަނގަޅަށް މަސައްކަތް ނުކުރަނީ އެވެ.

"ހަމަ މިގޮތަށް, ދެވިހިފާ މީހާގެ ސިކުނޑީގެ މަސްތުވުމުގެ އެދުމަށް ހުރަސްއެޅުމުގެ ނިޒާމު ބަލިކަށިވެ، ފުރިހަމައަށް މަސައްކަތް ނުކުރާތީ، އެ ސިގްނަލެއް ނުފޮނުވޭ،" އަދީބު އޮޅުންފިލުވައިދެއްވި އެވެ.

މަސްތުވުމަށް ދެވި ހިފާ މީހާގެ ސިކުނޑީގެ މުހިންމު ތިން ބަޔަކަށް އަދި އެ ބައިތަކާ ގުޅިފައިވާ ސާކިޓުތަކަށް ގެއްލުން ލިބޭ ކަމަށް އަދީބު ވިދާޅުވި އެވެ. އެއީ ހިތްހަމަޖެހުމާއި އާދަތައް އަށަގަންނުވައި ބަޔާއި ސްޓްރެސްވުން އަންނަ އިހުސާސްތަކާ ގުޅޭ ބަޔާއި ވިސްނުމާއި ގޮތް ނިންމުން އަދި ކަންކަން ޕްލޭން ކުރުމަށް ސިކުނޑިން ހާއްސަ ބަޔެވެ.

ދެވި ހިފާ މީހާގެ ސިކުނޑި، މަސްތުވާތަކެއްޗާމެދު ދެކޭ ގޮތް އަދީބު ބޮޑަށް ތަފްސީލްކޮށް ދެއްވި އެވެ.

"މިސާލަކަށް، ބަނޑުހައިހޫނުކަމުގަ އުޅޭތާ ފަސް ދުވަސްވެފަ ހުއްޓައި، މީހަކު ކުނިވެފަ ހުރި ކާއެއްޗެއް ކުރިމަތީގަ މި ބަހައްޓަނީ. އެބަ އެނގޭ ކާ ހިތް ނުވާނެކަން، ބައްޔެއް ވެސް ޖެހިދާނެކަން. އެކަމަކު ބަނޑުހައިހޫނުކަމުގެ މައްޗައް ބާރުފޯރުވުން އުނދަގޫ އަދި ނުކެވޭ ކޮންމެ ހިނދުކޮޅެއް އެ އުނދަގުލަށް ބާރުވެރިވެ، ނުކައި ނުހުރެވޭ ވަރުވޭ އެބަ. ތިމާގެ ސިކުނޑި މިހާރު މަސައްކަތް އެ ކުރަނީ އެމެޖެންސީ ހާލަތުގަ،" އޭނާ ކިޔައިދެއްވި އެވެ.

މިއަދު ފަރުވާ ފައްޓަންޖެހޭ

މަސްތުވާތަކެއްޗަށް ފަރުވާ ކުރުމުގެ ނިޒާމު ރާއްޖޭގައި ފެއިލުވެފައިވާކަން ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. އެންމެ ބޮޑު ސަބަބަކީ ރިހެބިލިޓޭޝަންގެ ފުރުސަތު މަސްތުވާ މީހާއަށް ނުލިބުމެވެ. އެކަމަކު މެތު އާންމުވާއިރު ބަލަން ތިބުމަކީ ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫން ކަމަށް އަދީބު ދެކިވަޑައިގަންނަވަ އެވެ.

"މިހާރުން ފެށިގެން ވެސް މެތުއެމްފަޓަމިން އަށް އެޑްރެސް ނުކުރެވި ހޭދަވާ ކޮންމެ ދުވަހަކީ އިތުރު ކުދިން މިކަމަކަށް ވަދެ އަދި ވަދެފައިވާ ކުދިން އިތުރަށް އެއަށް ލެނބުމަށް ދާނެ ދުވަހެއް. ބޭނުން ކުުރުމުގެ ކުރިން ހުއްޓުވަން އަދި ބޭނުންކުރާ ކުދިންނަށް ފަރުވާގެ ފުރުސަތުތައް އަވަހަށް ފޯރުކޮށްދޭންޖެހޭ،" އޭނާ ވިދާޅުވި އެވެ.

އަދި އޭގެ އިތުރުން ފަރުވާގެ ނިޒާމު ހަމައެކަނި ހަކުރު ނުވަތަ ހެރޮއިންއަށް ފޯކަސް ކުރުމުގެ ބަދަލުގައި އެހެން މަސްތުވާތަކެއްޗަށް ވެސް އަމާޒު ހިފަންޖެހޭ ކަމަށް އަދީބު ގަބޫލުކުރައްވަ އެވެ.

"މިހާރު މުޅި ސިސްޓަމްގެ އަމާޒު އޮތީ ހަކުރަށް. އަދި ފަރުވާގެ ނިޒާމް މެތާ ކުރިމަތިލާން ތައްޔާރެއް ނޫން. މިކަން މިގޮތަށް އޮވެއްޖެ ނަމަ މީގެ ނަތީޖާތަކާ ކުރިމަތިލާން ވަރަށް އުނދަގޫވާނެ،" ވިސްނާލުމަށް ބަހެއް ވިދާޅުވުމަށްފަހު އަދީބު ނިންމާލެއްވި އެވެ.