Advertisement

ފްލައިން ސްކޫލް ދަރިވަރުންނަށް ދެން އޮތީ ކޮން ގޮތެއް؟

4 އޮކްޓޯބަރު 2021 - 10:17 0

އަހުމަދުﷲ އަބްދުލްހާދީ

އަހުމަދުﷲ އަބްދުލްހާދީ


ފްލައިން ސްކޫލް ދަރިވަރުންނަށް ދެން އޮތީ ކޮން ގޮތެއް؟

4 އޮކްޓޯބަރު 2021 - 10:17 0

"ދެން ވާނީ ކިހިނެއް؟"

މި ސުވާލަކީ ހައްލުނުވި އައްޑޫ ފްލައިން ސްކޫލުގެ ދަރިވަރުންގެ މައްސަލައިން އެވިޑް ކޮލެޖް ވެސް ރެކިގަތުމާއެކު އެތަނުގައި ކިޔަވަމުންދިޔަ ކޮންމެ ދަރިވަރެއްގެ ހިތަށް ވެސް އެރި ސުވާލެކެވެ.

ސަރުކާރަކުން ވެސް ވަކި އެ ކުދިން ދެން އަމަލު ކުރާނެ ގޮތެއް ކިޔައިދޭކަށް ނެތެވެ. ބަސްމަގު ހުރީ އެއީ އެ ކުދިންގެ އަމިއްލަ ޒިންމާއެއްކަމަށާއި އަދި ސަރުކާރަށް ކޮށްދެވެން ހުރި ކަމެއްވިއްޔާ ކޮށްދީފައިވާކަމަށެވެ.

ދަރިވަރުންގެ މެދުގައި ތަފާތުކުރުމާއި، ކޯސް އެތައް އަހަރަކު ދިގު ދަންމާލުމާއި، ނުހައްގު ފައިސާތަކެއް ދަރިވަރުންގެ އަތުން ނެގުންފަދަ އެތައް އަހަރެއްގެ އެތައް މައްސަލަތަކާހުރެ އައި ފިއްތުންތަކުން އޭއޭއޭގެ އެއްބަސްވުން އާ ނުކުރަން ސަރުކާރުން މިދިޔަ ޖޫން މަސްތެރޭ ނިންމި އެވެ.

އެއާއެކު 12 އަހަރު ވަންދެން އޭއޭއޭ ހިންގި އެ ސްކޫލު ހިންގަން ދެން ކަމަރު ބަނދެލީ އެވިޑް ކޮލެޖުންނެވެ. އެކަމަކު އެ އެއްބަސްވުމަށް ތިން މަސް ވެސް ނުވަނީސް އެވިޑުން އެ އެއްބަސްވުން އުވާލީ ހޯ ހޯ ކިޔާފަ ސަރުކާރުން އެއްބާރުލުން ނުދޭކަމަށް ބުނަމުންނެވެ. ނަތީޖާއަކަށްވެގެންދިޔައީ އެއްކަލަ ދަރިވަރުން އަނެއްކާ ވެސް ހާލުގައި ޖެހުމެވެ.

ސަރުކާރުން ދެން އިތުރަށް އެކުދިންނަށް ވެވޭނެ އެހީއަކީ ކޮބާތޯ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަންއާ "އަދަދު" އިން ސުވާލުކުރުމުން ވިދާޅުވީ، ދަރިވަރުންނަށް އެހީވުމުގެ ގޮތުން ކުރެވެން ހުރި ހުރިހާ ކަމެއް އެ މިނިސްޓްރީން ކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ކޮށްދެވޭނެ ވަރަށް ގިނަ ކަންކަން އަޅުގަނޑުމެން ވާނީ ކޮށްދީފައި. ދަރިވަރުން ކިޔެވުން ދިގުދެމިގެންދާތީ ލޯނު ދައްކާ މުއްދަތު ވެސް އައިސް ޖެހުނީމަ، އަޅުގަނޑުމެން ވާނެ އެ ކުދިންނަށް ކިޔަވާ ނިމުނު ދުވަހަކުން ލޯނު ދައްކަން ފަށަން ފުރުސަތު ދީފަ. ހިޔެއްނުވޭ އެއްވެސް ތާކު އެހާ ލުއި ފަސޭހަ ޕްރޮވިޝަންއެއް ދޭނެ ހެން،" މިނިސްޓަރު ހަސަން ވިދާޅުވި އެވެ.

"ދެން އަދި އިންޓްރެސްޓް އަރާނެހެން ލޯނު ނަގާފަ ތިބި ކުދިން ވެސް ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ލޯނު ސްކީމުގެ ދަށަށް ވާނީ ބަދަލުކުރެވިފަ."

މިނިސްޓަރު ވިދާޅުވި ގޮތުގައި ފްލައިން ސްކޫލުގެ މައްސަލަތަކާހުރެ އިތުރު ކުދިންނަށް އެ ދަތިތައް ތަހައްމަލުވިޔަ ނުދޭން، ޕައިލެޓްކަން ކިޔަވަން ލޯނު ދިނުން ވެސް މިނިސްޓްރީން ވަނީ ހުއްޓާލާފަ އެވެ. އަދި އޭއޭއޭގައި ކިޔަވާ ދަރިވަރުންގެ ކިޔެވުމާއި ނިންމާފައިވާ މާއްދާތަކަށް ބަލައި، ރާއްޖެއިން ބޭރުގައި ހިންގާ ފްލައިން ސްކޫލުތަކުގައި ކިޔެވުން ކުރިޔަށް ގެންދެވޭނެ ފަދަ ގޮތެއް ހަމަޖައްސަން ވެސް މިނިސްޓްރީން ވަނީ މަސައްކަތް ކޮށްފައި ކަމަށް ވިދާޅުވި އެވެ.

"އެހެން ނަމަވެސް އެ މަސައްކަތް އަޅުގަނޑުމެންނަށް ކާމިޔާބެއް ނުވި. އެއީ ވާ ގޮތަކީ ޔޫރަޕްގެ ތަންތަނުގައި އެމީހުން ބަލަނީ އަދި ތަފާތު ސްޓެންޑަޑަކަށް އެކަމަކު އޭއޭއޭ އަކީ އެ ސްޓެންޑަޑަށް ދާ ސްކޫލެއް ނޫން. ދެން އެ އެޕްރޫވް ނުކުރާ ސްކޫލެއްވިއްޔާ އެތަންތަނުން ހުއްދައެއް ނުދޭނެ ކުދިންނަށް،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގައި ފްލައިން ސްކޫލު ހިންގަން ޝައުގުވެރިކަން ފާޅުކޮށްފައިވާ އައިލެންޑް އޭވިއޭޝަން އާއި މަންތާ އެއާ ފަދަ ހުރިހާ ތަނަކާ ވެސް މަޝްވަރާކޮށްގެން، އެ ކުދިންނަށް އެތަންތަނުން ޖާގަ ހޯދޭތޯ ހަޔާ އެޑިއުކޭޝަނުން މަސައްކަތްކުރި އެވެ. އަދި އެތަންތަނުގެ ފަރާތުން ވެސް ރަނގަޅު އެދެވޭ ޖަވާބުތަކެއް ލިބިގެންދިޔަކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭގެ އިތުރުން ދަރިވަރުން މިހާރު ކޯޓަށް ވައްދައިގެން އުޅޭ ބަދަލު ހޯދުމުގެ މައްސަލައަކީ ސަރުކާރާ ގުޅޭ ކަމެއް ނޫން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެވިޑުން އެއްބަސްވުން އުވާލަން ދެއްކި މައި ހުއްޖަތަކީ ސަރުކާރުގެ އިދާރާތަކުން އެއްބާރުލުމެއް ނުދިނުންކަމަށް ބުންޏަސް އެކަމުގެ ފަހަތުގައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ މައްސަލައެއް ނޯންނާނޭކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެވިޑުން އެދުނު ހުރިހާ ކަމެއްގައި ވެސް އެއްބާރުލުން ދީފައިވާނޭކަމަށް މިނިސްޓަރު ހަސަން ވިދާޅުވި އެވެ.

"އެވިޑުގެ ކަންކަމުގައި އަޅުގަނޑުމެން ދެއްވަން ޖެހޭ ހުރިހާ އެއްބާރުލުމެއް ދިނިން. އަޅުގަނޑުމެންގެ މިނިސްޓްރީ ތެރެއިން ހަމަ. ސިވިލް އޭވިއޭޝަން އޮތޯރިތީގެ ހުއްދަ ނުލިބެންޏާ ނުވާނެ އިނގޭތޯ، އަޅުގަނޑުމެން ހުއްދަ ދިނަސް ނުދިނަސް. މި މިނިސްޓްރީގެ ފަރާތުން ހުރިހާ ފަރާތަކަށް އެއްބާރުލުން ދީފަ އޮންނާނެ، އަދިވެސް ދަރިވަރުންނަށް ކޮށްދެވެން އޮތް ކަމެއް ވިއްޔާ ކޮށްދެވޭތޯ މަސައްކަތްކުރާނަން،" މިނިސްޓަރު ހަސަން ވިދާޅުވި އެވެ.

އެވިޑުގެ އެ ތުހުމަތުތަކަށް ހަފްތާއަކަށް ވުރެ ގިނަ ދުވަސްވީއިރު ވެސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ބަހެއް އަދި ރަސްމީކޮށް ލިބޭ ގޮތެއް ނުވެ އެވެ. ފްލައިން ސްކޫލުގެ މައްސަލައިގައި 150 އަށް ވުރެ ގިނަ ދަރިވަރުން އަދިވެސް ތިބީ ދެން ކުރިޔަށްދާނެ ގޮތެއް ނެތިފަ އެވެ. ބޭރުން ކިޔެވޭނެ ގޮތެއް ނެތެވެ. ފައިސާއެއް ވެސް ނެތެވެ. އަދި ބޮޑު އަދަދުން ހަރަދުކުރި ފައިސާކޮޅުން ކިޔަވައި ނުދިންތަނުގައި އަބުރާ ލިބޭނެކަމުގެ ޔަގީންކަމެއް ވެސް ނެތެވެ. މައްސަލަ ދިގު ދެމިގެންދާ ކޮންމެ ދުވަހަކީ ހަމަ އެ ދަރިވަރުންނަށް ލިބޭ ގެއްލުމެވެ.