Advertisement

ކަރަންޓް ބިލަށް އެކި މަހު އެކި އަދަދު: މިއޮތީ ހައްލު!

28 ސެޕްޓެންބަރު 2021 - 09:09 3

އުދުމާ މަހްމޫދް

އުދުމާ މަހްމޫދް

ކަރަންޓު ބިލްތަކަށް ދައްކަންޖެހޭ ވަރު އެއްވަރެއްގައި ނުހުރުމަކީ ކަސްޓަމަރުންގެ ވަރަށް ބޮޑު ޝަކުވާއެއް: ސްޓެލްކޯގެ އީޕީޕީ އާއެކު މި ކަމަށް މިވަނީ ހައްލެއް ލިބިފައި. -- ފޮޓޯ:އަދަދު


ކަރަންޓް ބިލަށް އެކި މަހު އެކި އަދަދު: މިއޮތީ ހައްލު!

28 ސެޕްޓެންބަރު 2021 - 09:09 3

ހުސައިން އަލީ، އަށް ކޮންމެ މަހަކު ވެސް ކުރަން ޖެހޭ އެންމެ ބޮޑު ފިކުރަކީ ކަރަންޓް ބިލަށް އަރާނެ ވަރެއް ނޭނގުމެވެ. އެއް މަހު 500 ރުފިޔާ އެރިއްޔާ އަނެއް މަހު 1،000 ރުފިޔާ އަރައިފާނެ އެވެ. އެކަމަކާހެދި މުސާރަ ލިބި މަހުގެ ހަރަދުތައް ބަޖެޓް ކުރަން ހުސައިންނަށް ދަތިވެ އެވެ.

އެކި މަސް މަހު ކަރަންޓް ބިލަށް އަރާވަރު ތަފާތުވުމާއި ބައެއް މަސްތަކުގައި ކަރަންޓު ބިލް ދެގުނަ އަށް އިތުރުވުމަކީ ވަރަށް އާންމު ޝަކުވާއެކެވެ. ކޮންމެ އަހަރެއްގެ ވެސް ހޫނު މޫސުމާ ދިމާކޮށް ކަރަންޓު ބިލުތައް އަތް ނުފޯރާ ފަށަށް އަރައި ބިލު ފެނި މީހުން ޝޮކަށްދެ އެވެ. އެއާ އެކު ރައްޔިތުންގެ ނުރުހުން އަމާޒުވެގެންދަނީ ކަރަންޓުގެ ހިދުމަތްފޯރުކޮށްދޭ ކުންފުނި، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އަށެވެ.

މިއީ އެތައް ބައެއްގެ ހާލެވެ. އެ އުނދަގޫ ހާލަތަށް ސްޓެލްކޯއިން ހައްލެއް ގެނެސްފި އެވެ. ކަރަންޓު ބިލް ދެއްކުން ވީހާވެސް ފަސޭހަކޮށްދިނުމަށް ސްޓެލްކޯއިން ވަނީ މި އަހަރުގެ ކުރީ ކޮޅު، އީކުއަލް ޕޭމަންޓް ޕްލޭން (އީޕީޕީ) ތައާރަފުކޮށްފަ އެވެ.

އީކުއަލް ޕޭމަންޓް ޕްލޭނަކީ ކޮބާ؟

އީކުއަލް ޕޭމަންޓް ޕްލޭން ނުވަތަ އީޕީޕީ އަކީ ކަރަންޓު ބިލަށް ދައްކަންޖެހޭ ފައިސާގެ އަދަދު އެކި މަސްމަހުގައި ތަފާތުވުމުން ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމަށް ސްޓެލްކޯއިން ތައާރަފުކުރި ޕްލޭނެކެވެ. މި ޕްލޭނަކީ ގޭބީސީތަކުން ކަރަންޓު ބޭނުންކުރެވޭ ނިސްބަތުގެ އެވްރެޖަށް ނުވަތަ ކަރަންޓު ލޯޑަށް ބަލައި ކޮންމެ މަހަކުވެސް އެއް އަދަދަކުން ފައިސާ ދެއްކޭނެގޮތަށް އެކުލަވާލާފައިވާ ޕްލޭނެކެވެ.

އެގޮތުން ކޮންމެ މަހަކު ކަސްޓަމަރު ދައްކަންޖެހޭ އަދަދު ކަނޑައަޅާނީ ބޭނުން ކުރަމުންދާ ކަރަންޓެއް ނަމަ، ފާއިތުވި 12 މަހު ކަރަންޓު ބިލަށް އަރާފައިވާ އަދަދުގެ އެވްރެޖު އަދަދެވެ. އައު ގެއަކަށް ދިރިއުޅުން ބަދަލުކުރުން ނުވަތަ ކަރަންޓު ގުޅިތާ ހަ މަސް ދުވަސް ނުވާ ނަމަ އެ ގޭބީސީއަކުން މަހެއްގެ މައްޗަށް ދައްކަންޖެހޭ އެވްރެޖު އަދަދު ކަނޑައަޅާނީ އެތަނުގެ ކުޑަ ބޮޑު މިނާ، ބޭނުން ކުރާ ތަކެތީގެ ލޯޑް އަދި ޕްލޭނަށް އެދި ހުށަހަޅާ އިރު ކަރަންޓު ބޭނުންކޮށްފައިވާ މިންވަރުގެ އެވްރެޖަށް ބަލައިފަ އެވެ.

ސްޓެލްކޯއާ ކަސްޓަމަރާ ދެމެދު ވެވޭ އެއްބަސްވުމުގެ ދަށުން މަހުން މަހަށް ދައްކަންޖެހޭ އަދަދު ރިވިއު ކުރާނެ އެވެ. އެގޮތުން ހަ މަހަކުން ޕްލޭން ރިވިއުކުރާނެ އެވެ. ކަސްޓަމަރު ބޭނުންވެގެންނާއި ކުންފުނިން ބޭނުންވެގެން ހަ މަސް ދުވަސް ހަމަވުމުގެ ކުރިންވެސް ޕްލޭން ރިވިއުކުރެވޭނެ އެވެ. އަދި ބިލަށް އަރާ ވަރު ޕްލޭންގައި ދައްކަން ޖެހޭ އަދަދަށްވުރެ 100 އިންސައްތަ ބޮޑުވެއްޖެ ނަމަވެސް ޕްލޭން ރިވިއުކުރާނެ އެވެ.

ހަ މަސް ވުމުން ރިވިއުކޮށް ބިލް ހަދާ އިރު، އީކުއަލް ޕޭމަންޓްގެ ގޮތުގައި ދައްކަން އެއްބަސްވެފައިވާ އަދަދަށް ވުރެ ފަސް އިންސައްތައާ ހަމައަށް އިތުރުވި ނަމަވެސް އެއިތުރުވާ އަދަދު ރިވިއުކުރާ ބިލްގައި ނުހިމެނޭނެ އެވެ. ރިވިއުކުރާ ބިލްގައި އިތުރުވާ އަދަދު ހިމެނޭނީ އެ އަދަދު ފަސް އިންސައްތައަށް ވުރެ މަތިވާ ނަމަ އެވެ.

ޕްލޭން ރިވިއުކުރާ އިރު، ކޮންމެ މަހަކު އެވްރެޖު އަދަދު ދައްކައި ބާކީ ނުދެއްކި ހުންނަ ބައި ކަސްޓަމަރު ބޭނުން ނަމަ ދެން ހަދާ ޕްލޭންގައި ހިމަނައި ކުރިއަށް އޮތް ހަ މަސް ދުވަހަ ބަހާލައިގެން އެ އަދަދު ދެއްކޭނެ އެވެ. ނުވަތަ އެ އަދަދު ދައްކާފަ އައު ޕްލޭނެ ހެދުމުގެ ފުރުސަތުވެސް ލިބޭނެ އެވެ.

ކޮންމެ މަހެއްގެ ބިލްވެސް ކަސްޓަމަރަށް ލިބޭނެތީ އިތުރަށް ފައިސާ ދެއްކޭ މަސް މަހާއި މަދުން ފައިސާ ދެއްކޭ މަސްތައް ކަސްޓަމަރަށް އެނގޭނެ އެވެ. އަދި ހަ މަސް ނިމޭ އިރު، އިތުރަށް ދެއްކިފައިވާ އަދަދަށް ނުދެއްކިވާ އަދަދު އެނގޭ އިރު، އިތުރަށް ދައްކާފައިވާ ބައިން ނުދެއްކި ހުރި ބަޔަށް ފައިސާ ކެނޑޭނެ އެވެ. އަދި ނުދެއްކި ހުރި ފައިސާ ދައްކާފައިވެސް އިތުރަށް ދެއްކިފައިވާ ފައިސާ ހުރެއްޖެ ނަމަ އެފައިސާ އައު ޕްލޭނަށް އިތުރު ކުރެވޭނެ އެވެ.

އީކުއަލް ޕޭމަންޓް ޕްލޭންގައި ބައިވެރިވާނީ ކިހިނެއް؟

ގޭބީސީތަކަށް ހާއްސަ މި ޕްލޭންގައި ބައިވެރިވެވޭނީ ކަރަންޓުގައި މަސްއޫލުވާ މީހުންނަށާއި ގޭބީސީތައް ކުއްޔަށް ހިފައި، ގޭބީސީގައި ދިރިއުޅޭ ފަރާތްތަކަށެވެ. މި ޕްލޭނަށް އެދި ހުށަހެޅުމަށް ހާއްސަ ފޯމު ސްޓެލްކޯއަށް ހުށަހެޅުމުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު ހިދުމަތްހޯދާ ފަރާތާ ސްޓެލްކޯއާ ދެމެދު އެގްރިމެންޓެއްގައި ސޮއިކުރެވޭނެ އެވެ.

އީކުއަލް ޕޭމަންޓް ޕްލޭންގައި ބައިވެރިވި ނަމަވެސް ކޮންމެ މަހަކު ބިލަށް އަރާ އަސްލު އަދަދު ކަސްޓަމަރަށް އެނގޭނެ އެވެ. ކޮންމެ މަހެއްގެ ބިލްވެސް ކަސްޓަމަރަށް ފޮނުވާނެ އެވެ. މި ޕްލޭންގައި ބައިވެރިވުމަށްފަހު މަހުން މަހަށް ޕޭމަންޓް ދެއްކުމާ ހިލާފު ވާނަމަ ސްޓެލްކޯގެ ބިލްތަކަށް ފައިސާ ނުދައްކާ ފަރާތްތަކާ މެދު އަމަލުކުރާ އުސޫލުން އަމަލުކުރާނެ އެވެ.

ބިލްގެ މުއްދަތުގައި އީކުއަލް ޕޭމަންޓްގެ އަދަދު ދައްކާ ނަމަ ޖޫރިމަނާ ނުކުރާ އިރު، އެ މުއްދަތުގައި ފައިސާ ނުދައްކާފި ނަމަ އީކުއަލް ޕޭމަންޓްގެ އަދަދުންނާ ބިލްގައި ހިމާނާފައިވާ އެހެން ޗާޖްތަކުން ޖޫރިމަނާ ކުރާނެ އެވެ. އޭގެ އިތުރުން އީކުއަލް ޕޭމަންޓްގެ ގޮތުގައި ދައްކަންޖެހޭ އަދަދުގެ އިތުރުން ބިލަށް އަރާ އެހެން ޗާޖްތައް، މީޓަރު ބަދަލުކޮށް އައު މީޓަރެއް ހަރުކުރުމަށް ނަގާ ޗާޖުތައް ދައްކަން ޖެހޭނެ އެވެ.

މި ޕްލޭންގައި ބައިވެރިވުމަށް ފަހު ކޮންމެ ހަ މަހަކުން ޕްލޭން ރިވިއުކުރުމަށް ފަހު ބިލް ތަކަށް ގަވައިދުން ފައިސާ ދައްކާފައި ވާނަމަ އެގްރިމެންޓް އައު ކުރެވޭނެ އެވެ. ނަމަވެސް ގަވައިދުން ބިލްތަކަށް ފައިސާ ނުދައްކާ ނަމަ އެގްރިމެންޓް އައު ނުކުރެވޭނެ އެވެ. އަދި ރިވިއު އެގްރިމެންޓްގައި ސޮއިނުކުރެވިއްޖެ ނަމަވެސް އެގްރިމެންޓް އައު ނުކުރެވޭނެ އެވެ.

ކަސްޓަމަރު ބޭނުން ވެއްޖެ ނަމަ ކޮންމެ ވަގުތެއްގައިވެސް ކުންފުންޏާ ވާހަކަދައްކާ ދެ ފަރާތުން އެއްބަސްވެ އެގްރިމެންޓް އުވާލާ ޕްލޭނުން ބޭރުވުމުގެ ފުރުސަތު ކަސްޓަމަރުންނަށް އޮންނާނެ އެވެ.

އީކުއަލް ޕޭމަންޓް ޕްލޭނުން ލިބޭނެ ފައިދާތަކަކީ ކޮބާ؟

ކަރަންޓު ބިލަށް ކޮންމެ މަހަކުވެސް އެއް އަަދަދެއް ދެއްކޭނެ ގޮތަށް އިންތިޒާމުކޮށްފައިވާ އީކުއަލް ޕޭމަންޓް ޕްލޭނުން ކަސްޓަމަރުންނަށް ގިނަ ފައިދާތަކެއް ލިބެ އެވެ. އެންމެ ފުރަތަމަ ކަމަކަށް ކޮންމެ މަހަކު ބިލަށް ތަފާތު އަދަދެއް ދެއްކުމުގައި ދިމާވާ ދަތިކަމަށް ހައްލެއް ލިބިގެންދާނެ އެވެ. އެގޮތުން ބިލަށް ދައްކަންޖެހޭ އެވްރެޖް އަދަދު އެނގުމުން ކަރަންޓު ބިލް ދެއްކުމުގެ ބަޖެޓިން ޕްލޭނެއް އެކުލަވާލުމުގެ ފުރުސަތު ރައްޔިތުންނަށް ލިބޭނެ އެވެ.

ކަރަންޓު ބިލަށް އަރާނީ ކިހާވަރެއްތޯ ނޭނގި ހުންނަން ނުޖެހޭ އިރު، މި ޕްލޭންގެ ސަބަބުން ކަރަންޓު ބިލް ބޮޑު، ގިނައިން ފައިސާ ދައްކަންޖެހޭ މަސްމަހުގައި އެއް ފަހަރާ އެހާ ބޮޑު އަދަދެއް ބިލަށް ނުދައްކައި ސަލާމަތްވެ އެވެ. މިއީ ހުރިހާ މަހެއްގައިވެސް އެއް އަދަދަކަށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެހުމުގެ ސަބަބުންނެވެ.

މީގެ އިތުރުން އީކުއަލް ޕޭމަންޓް ޕްލޭން އެގްރިމެންޓުގައި ކަސްޓަމަރު ދައްކަން އެއްބަސްވާ އަދަދަށް ވުރެ ފަސް އިންސައްތަ އިތުރުވާ ނަމަ އެ އަދަދުވެސް ކަސްޓަމަރު ދައްކާކަށް ނުޖެހެ އެވެ.