Advertisement

ކޮވިޑް، ޓެރަރިޒަމް، މޫސުމީ ބަދަލުތައް؛ ރާއްޖޭން ދުނިޔެއަށް ދިން މެސެޖު ސާފު!

21 ސެޕްޓެންބަރު 2021 - 21:12 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ރައީސް ސޯލިހު މިއަދު, އދ.ގެ އާންމު މަޖިލީހުގައި: ރާއްޖޭގެ ވަރުގަދަ މެސެޖުތަކެއް ދުނިޔެއަށް އިއްވެވި


ކޮވިޑް، ޓެރަރިޒަމް، މޫސުމީ ބަދަލުތައް؛ ރާއްޖޭން ދުނިޔެއަށް ދިން މެސެޖު ސާފު!

21 ސެޕްޓެންބަރު 2021 - 21:12 0

ކޮވިޑުގެ ބަލިމަޑުކަމުން ފެށިގެން ޓެރަރިޒަމާއި މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކަލަށް ދުނިޔެ ހޭލެއްވުމަށް އދ.ގެ މެމްބަރު ގައުމުތަކުގެ އިސްވެރިންނަށް ކުޑަކުޑަ ދިވެހިރާއްޖޭން ދިނީ ވަރުގަދަ މެސެޖުތަކެކެވެ.

އދ.ގެ 76 ވަނަ އާންމު މަޖިލީހުގައި ދިވެހި ބަހުން ދެއްވި ތަގުރީރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފެއްޓެވީ މި ދައުރުގެ ރިޔާސަތު ރާއްޖެއާ ހަވާލުކުރުމަށް ގައުމުތަކުން ކުރި އިތުބާރަށް ޝުކުރު އަދާކުރައްވަމުންނެވެ.

އދ.ގެ އާންމު މަޖިލީހުގެ ރިޔާސަތުގައި އިންނެވި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޕްރެޒިޑެންސީ އޮފް ހޯޕް ނުވަތަ އުންމީދީ ރިޔާސަތުގެ ނަމުން ނަންދެއްވީތީ އުފާކުރައްވާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

"އިންސާނުން ތަހަންމަލު ކުރަމުންދާ ތަކުލީފާ، ކުރިމަތިވެފައިވާ ގޮންޖެހުންތަކުން މިންޖުވުމަށް އޮތް ފުރަތަމަ ފަރުވާއަކީ އެކަމަށްކުރާ އުންމީދު،"

ކޮވިޑުގެ ބަލިމަޑުކަން

މުޅި ދުނިޔެ ކުޑަކަކޫމައްޗަށް ތިރިކޮށްލި ކޮވިޑުގެ ބަލިމަޑުކަމުން ނަގައިދިން ފިލާވަޅުތައް ރައީސް ވަރަށް ސާފުކޮށް ސިފަކޮށް ދެއްވި އެވެ.

އެއްވެސް ގައުމަކަށް ވަކިވެ އެކަހެރިވެގެން ހޯދޭ މޮޅު ނަތީޖާއެއް ނެތްކަމެވެ.

އަމާން ރައްކާތެރި ދިރިއުޅުމަށްޓަކާ އެންމެން އެއްބައިވަންތަވެ އެކުވެރިވެގެން ތިބެން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

މިވަބާއިން ރައްކާތެރިވުމަށް އޮތް އެންމެ މުހިންމު ފިޔަވަޅަކީ ވެކްސިންކަން ފާހަގަކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ އިންސާނިއްޔަތާ ހުރިހާ ގައުމެއް ދިފާއު ވެގެން މެނުވީ ހަގީގީ ދިފާއެއް އަދި މާނަވީ ސަލާމަތެއް މިކަމަކުން ނުހޯދޭނެ ކަމަށެވެ.

"އެހެންކަމުން، ހަމަހަމަކަމާއެކު ވެކްސިން ފޯރުކޮށްދިނުމަކީ އޮތް އެންމެ މުހިންމު ހައްލު،" އެމަނިކުފާނު ވިދާޅުވި އެވެ.

މޫސުމީ ބަދަލުތަކުގެ އަސަރުގަދަ އިންޒާރު

ރައީސް ސޯލިހު މިރޭ ދެއްވި ތަގުރީރުން އެންމެ ފާހަގަކޮށްލެވުނީ މޫސުމީ ބަދަލުތަކުގެ ސަބަބުން ހާއްސަކޮށް ރާއްޖެފަދަ ޖަޒީރާ ގައުމުތަކަށް ކުރިމަތިވެފައިވާ ނުރައްކާ ދުނިޔޭގެ ސަމާލުކަމަށް ގެންނަވަން ބޭނުންކުރެއްވި ސިފަކުރެއްވުންތަކެވެ.

ދެއްކެވި އަސަރުގަދަ މިސާލުތަކެވެ.

"ކުދި ޖަޒީރާތައް ނެތި ދަނީ މިއަދު އައި ތިމާވެށީގެ ސަބަބަކުން ކަމުގާވާނަމަ، ބޮޑެތި ބައްރުތަކުގެ ފަހަތުން ހަމަ އެ ސަބަބު މާދަމާ އަންނާނެ،"

އެމަނިކުފާނު ވިދާޅުވި ގޮތުގައި، ދުނިޔޭގެ ހޫނުމިނަށް އަންނަ އެންމެ ޕޮއިންޓެއްގެ ތަފާތަކީ މަރުގެ ހުކުމެއް އައުމާ ނައުމާ ދެމެދުހުރި ފަރަގެވެ.

އެކަމަކު އެއާ ވިދިގެން، އެ މަނިކުފާނު ދެއްވި އަސަރުގަދަ އިންޒާރު ސިކުނޑީގައި ފެވިގެންދިޔަ އެވެ.

"ދިވެއްސަކަށް ދިރިނޫޅެވި - ދިވެހިރާއްޖެއަށް ދެމިނޯވެވުނު ދުނިޔެއަކު އެހެން ގައުމަކަށް ވަކި އޮވެވޭނެ ކަމުގެ ޔަގީންކަމެއް ނޯންނާނެ،"

އެ ވަރުގަދަ އިންޒާރާއެކު ވެސް، ރައީސް އެ މައުލޫ ދޫކޮށްނުލެއްވަ އެވެ.

އެމަނިކުފާނަށް ދިވެހި ތުއްތު ކުދިންތަކެއް ފޮނުވާފައިވާ ސިޓީތަކެއް އަތްޕުޅަށް ނެންގެވި އެވެ.

އެ ކުދިންގެ ކަންބޮޑުވުންތަކުގެ އަޑު ދުނިޔޭގެ ވަރުގަދަ ލީޑަރުންނަށް އިއްވައިދެއްވަމުންނެވެ.

އެ ސިޓީތަކުގައި ތުއްތު ޖީލެއްގެ އާދޭސް ހިއްސާކުރެއްވި އެވެ.

"މިއީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގެ އަންނަންއޮތް ޖީލުގެ ނިދާ. އަޅުގަނޑުމެން އެންމެންވެސް މިއަދު މިއަޑު އަހަންޖެހޭ."

ޓެރަރިޒަމްގެ ބިރުވެރިކަން

ދުނިޔެއަށް ދިމާވެފައިވާ އެންމެ ބޮޑެތި ނުރައްކާތަކާ ގޮންޖެހުމުގެ ލިސްޓްގެ އެންމެ ކުރީގައި އޮތް ޓެރަރިޒަމްގެ ބިރުވެރިކަމަށް ވެސް އެމަނިކުފާނު އަލިއަޅުވައިލެއްވި އެވެ.

ހަރުކަށި ފިކުރުން ދީން މާނަކުރުމުގެ ނުރައްކަލަށް ބަލަހައްޓައިގެން ތިބެވެންނެތް ކަމަށް ވިދާޅުވަމުންނެވެ.

"ދިވެހިރާއްޖެއަކީ ފެށުނީއްސުރެ މެދުމިނުގެ ދީނީ އަގީދާ ގަބޫލުކުރާ ގައުމެއް. ނަމަވެސް ހަރުކަށި ފިކުރުން މި ކުޑަ ކުޑަ ރާއްޖެވެސް ސަލާމަތެއް ނުވި."

ފަލަސްތީނާއި އަފްގާނިސްތާނުގެ ހައްގު

ބައިނަލްއަގުވާމީ މައިދާނުގައި ލިބޭ ކޮންމެ ފުރުސަތެއްގައި ފަލަސްތީނުގެ ހައްގުގައި ރާއްޖޭން އަބަދުވެސް ވަކާލާތު ކުރެ އެވެ.

މިރޭގެ ތަގުރީރުގައި ވެސް ރައީސް ސޯލިހު ވަނީ ފަލަސްތީނުގެ ރައްޔިތުންގެ އަޑު އިއްވަވައި ދެއްވައިފަ އެވެ.

"އދ.ގެ އާންމު މަޖިލީހާ ސެކިއުރިޓީ ކައުންސިލުން ފަލަސްތީނުގެ ހައްގުގާ ނެރުނު ގަރާރުތަކާ ނިންމުނު ނިންމުންތައް ގިނަ. މަދު އެއްޗަކީ، އަމުދުން ނުވެސް ނެތް އެއްޗަކީ ފަލަސްތީނުގެ ހައްގު."

އދ. އިން ރާއްޖެ ބަލައިގެންފައިވާ ގޮތަށް މިލިއަނުން އަދަދު މަތި ފަލަސްތީނުގެ ރައްޔިތުން ބަލައިގަތުމުން ދުނިޔެއަށް އުނިވާ އެއްޗަކީ ކޮބައިތޯ ރައީސް ސުވާލު ކުރެއްވި އެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް އެމީހުންގެ މިނިވަންކަމާއި ހައްގުތަކާއި އިމްތިޔާޒްގެ އިތުރުން އިހުތިޔާރުތައް ދޫކޮށްލައި ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަންނަން ހަރުއަޑުން މުޅި ދުނިޔެއަށް ގޮވާލެއްވި އެވެ.

ފަލަސްތީނުގެ އިތުރުން ރައީސް ސޯލިހު ވަނީ ސަރަހައްދުގެ އަވަށްޓެރި އަފްގާނިސްތާނުގެ ހާލަތާމެދު ވެސް ދިވެހިންގެ ކަންބޮޑުވުންތައް ހިއްސާކުރައްވައިފަ އެވެ.

އެގައުމުގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުވުން ބޭނުންވާކަމަށް ވިދާޅުވި އެވެ.

އަންހެނުންނާ އަންހެން ކުދިންގެ ހައްގުތަކާއި، ސަލާމަތާ ހިމާޔަތް އެ ގައުމުގާ އޮތުމަށް ދިވެހިން އެދޭކަން ފާހަގަކުރެއްވި އެވެ.

"މިކަންކަން ހިފެހެއްޓި ކަށަވަރުވެފައި އޮތުމަށްޓަކާ ރައްޔިތުން އިންތިހާބުކުރާ ސަރުކާރެއް އެގައުމުގާ އޮތުން މުހިންމު."

ރައީސް ސޯލިހު މިއަދު, އދ.ގެ އާންމު މަޖިލީހުގައި: ރާއްޖޭގެ ވަރުގަދަ މެސެޖުތަކެއް ދުނިޔެއަށް އިއްވެވި


ތަގުރީރު ނިންމަވާލެއްވުމުގެ ކުރިން އދ.އިން އަދާކުރާ މުހިންމު ދައުރަށް ރައީސް އަލިއަޅުވާލެއްވި އެވެ.

އިންސާނިއްޔަތަށް އަދިވެސް އޮތް އެންމެ ބޮޑު އުންމީދުގެ ގޮތުގައި އެމަނިކުފާނު އދ. ސިފަކުރެއްވި އެވެ.

ސުލްހަވެރި ހައްލާ، މަސަލަސްކަމުގެ ސައްލާ އުފެދެނީ މި މަރުކަޒުން ކަމަށް ވިދާޅުވެ އެވެ.

ރައީސް ސޯލިހުގެ ތަގުރީރު މާ ދިގެއް ނޫނެވެ. އެމަނިކުފާނު ވާހަކަ ދެއްކެވީ މުޅި ދުނިޔޭގައި ވެސް ހަމައެކަނި ތިންލައްކައެއްހާ މީހުންނަށް ފަހުމްވާނޭ ބަހުންނެވެ.

ނަމަވެސް، އެ ތަގުރީރުގައި ޖެއްސެވި މިސާލުތައް އަސަރުގަދަ އެވެ. އިއްވި އިންޒާރުތައް ވަރުގަދަ އެވެ. އަދި ދުނިޔެއަށް ދެވުނު މެސެޖު ވަރަށް ސާފެވެ.