Advertisement

އުއްމީދެއްގެ ބާރުގައި ދުނިޔޭގެ ހާރިޖީ ކުރިބޯށްޓަށް

21 ސެޕްޓެންބަރު 2021 - 15:14 1

މުހައްމަދު ހަމްދޫން

މުހައްމަދު ހަމްދޫން


އުއްމީދެއްގެ ބާރުގައި ދުނިޔޭގެ ހާރިޖީ ކުރިބޯށްޓަށް

21 ސެޕްޓެންބަރު 2021 - 15:14 1

"ކޮންމެ އާ ފެށުމަކީ ވެސް އުއްމީދުތަކަށް ހުޅުވާލެވޭ ދޮރެކެވެ،"

އެއީ 2018 ވަނަ އަހަރަށް އަލިވިލުނު ހިނދު، އަބްދުﷲ ޝާހިދު ދެއްވި މެސެޖެކެވެ. ފުން މާނައެކެވެ. އިޝާރާތްކުރައްވަނީ އާ އަހަރަކާ އެކު ގައިދޮށްވި ރިޔާސީ އިންތިހާބަށެވެ. އޭރު އެމަނިކުފާނު ހުންނެވީ ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު އެމްޑީޕީގެ މެމްބަރެއްގެ ގޮތުގަ އެވެ. މަސައްކަތްކުރައްވަމުން ގެންދެވީ ރިޔާސީ އިންތިހާބުން ރައީސް އަބްދުﷲ ޔާމީން ބަލިކުރައްވައި، އެމްޑީޕީ ވެރިކަމަށް ގެނައުމުގެ މަސައްކަތްތަކެވެ.

އެކަން އެމްޑީޕީ އާއި ގުޅިފައިވާ ޕާޓީތަކުގެ އިއްތިހާދުން ކާމިޔާބުކުރި އެވެ. އާ ޒައާމަތުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޝާހިދަށް ދެއްވީ، ކެބިނެޓުގެ އެންމެ މުހިއްމު ހަތަރު މަގާމުގެ ތެރެއިން އެއް މަގާމެވެ. ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރުކަމެވެ. އިރުމައްޗަށް ލެނބިފައި އޮތް ރާއްޖޭގެ ހާރިޖީ ސިޔާސަތު ތެދުކޮށް، އަލުން އެކުލަވާލައި ތަންފީޒުކުރުމުގެ ޒިންމާ އެވެ. އެކަމަކު އެއީ ފުދޭ މިންވަރުކަމުގައި ޝާހިދަށް ނުވި އެވެ. އެމަނިކުފާނު މަސައްކަތް ފެށްޓެވީ، އެއަށް ވުރެ މަތީ އަމާޒަކަށެވެ. ދުނިޔޭގެ ހާރިޖީ ކުރިބޯށި ކަމަށްވާ އ.ދ އަށެވެ. އެ ޖަމާއަތުގެ އާއްމު މަޖިލީހުގެ ރައީސްގެ މަގާމަށް ޖެއްސެވި ދުނި ސީދާ ކުރެއްވި އެވެ.

އާދެ، 2018 ވަނަ އަހަރު އާ ފެށުމަކުން ފެށި މަސައްކަތުގައި އުއްމީދުތަކަށް ހުޅުވާލެވުނު ދޮރަކުން ވަދެ، އެމަނިކުފާނު ކުލަ ޖެއްސެވީ ދުނިޔޭގެ ކޮންމެ ޑިޕްލޮމޭޓެއް ވެސް ދެކޭނެ ހުވަފެނެއްގަ އެވެ. އެއީ 1980 ގެ އަހަރުތަކުގައި ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ޑިޕްލޮމޭޓެއްގެ ގޮތުން އ.ދ ގެ މައި މަރުކަޒަށް ވެންނެވި ފުރަތަމަ ފަހަރު ވެސް އެމަނިކުފާނު ކުރެއްވި އުއްމީދެކެވެ.

"ހަނދާނަން އަންނަނީ މި ހޯލުތަކުގެ ތެރޭ ހިނގާފައި އުޅުނު ހަނދާން. މި ޗެމްބަރަށް ވަންނަ ހަނދާން. މިތަނުގެ ތާރީހުން ޝައުގު އިތުރުވެ، ކުރިއަށް ދިޔުމުގެ ހިތްވަރު ލިބިގެން ދިޔަ،" މަގާމް ކާމިޔާބުކުރެއްވުމަށް ފަހު ޝާހިދު ނޫސްވެރިން ގާތު ވިދާޅުވި އެވެ.

ޝާހިދުގެ އެ އުއްމީދު ހާސިލްކުރައްވައިގެން ގައުމަށް ހޯދައިދެއްވީ ބޮޑު ޝަރަފެކެވެ. އ.ދ ގައި 1965 ގައި ބައިވެރިވި ކުޑަކުޑަ ދިވެހިރާއްޖެ އަށް އޭގެ 56 އަހަރު ލިބުނީ ހައިބަ ބޮޑު ކާމިޔާބެކެވެ.

ފޮރިން މިނިސްޓަރު ޝާހިދު.


ދެ ވަނަ ބޮޑު ހަނގުރާމައަށް ފަހު ދުނިޔެ އަށް ސުލްހަ މަސަލަސްކަން ގެނައުމަށް ވުޖޫދުކުރި ޖަމާއަތުގައި ރާއްޖެ ބައިވެރިވުމުގެ ތިން އަހަރު ކުރިން މޭ 26، 1962 ގައި ފުރަމާލެ އަށް އުފަންވި ޝާހިދަކީ މަދަރަސީ ދައުރުގައި އަދަބީ ތަރިއެކެވެ. މަޖީދިއްޔާ އިން ތައުލީމު ހާސިލްކުރެއްވި ދުވަސްވަރު ވާހަކަދެއްކުމުގެ ގައުމީ މުބާރާތްތަކުން ރަންވަނަތައް ހޯއްދަވައި ޅެންވެރިކަމުގައި ބަގީޗާގައި މާތައް ފޮޅުވައިލި އެވެ. ހައިރާންވާން ޖެހޭ ކަމެއް ނޫނެވެ. އެ އާއިލާގެ ނާރުތަކުގައި ހިނގީ އަދަބިއްޔާތުގެ ލެޔެވެ. އޭނާގެ ބައްޕަ ދަރަވަންދޫގޭ މޫސާ ޖަމީލުގެ ބޮޑުބޭބެއަކީ، ރާއްޖެ ދުށް އެންމެ ކުޅަދާނަ އަދީބު ފަޟީލަތުއްޝައިހުލްއުސްތާޒް ހުސެއިން ސަލާހުއްދީނެވެ. ބޮޑުބޭބެއަކީ، އަދަބީ ދަނޑުގައި އެތައް ގޮވާމެއް ކުރެއްވި އައްޝޭޚް މުހައްމަދު ޖަމީލް ދީދީ އެވެ.

ސްކޫލް ދައުރުގެ އުފާވެރި ދުވަސްތަކުގައި ޝާހިދަށް އެކަމުން އަރައިގަންނަން ދަތިވި ބޮޑު ހިތާމައެއް ކުރިމަތިވި އެވެ. އެއްބަނޑުއެއްބަފާ ދެ އަންހެން ކޮއްކޮއިން ކަމަށްވާ އައިމިނަތު ޝާހިދާ އާއި ފާތިމަތު ޝާހިދާ، ވ. ކެޔޮދޫ އަށް ކުރި ދަތުރެއްގައި މޫދަށް ގެނބި އަވަހާރަވީ އެވެ. އެކަމަކު ޝާހިދުގެ އުމުރުން 18 އަހަރުގައި، މަދަރަސީ ދައުރަށް ފަހު، މަސައްކަތުގެ ދާއިރާއަށް ނުކުތުމުގެ މަގުމަތީގައި ހުންނަވަނިކޮށް ކުރިމަތިވަޑައިގެންނެވި އެ ހިތާމަ ތަހައްމަލުކުރެއްވި އެވެ. އެ ބަނަކަމުގެ ތެރެއިން ހިތްވަރު ހޯއްދަވައި، ކުރިއަށް ފިޔަވަޅު އެޅުއްވި އެވެ.

އަމަލީ މައިދާނުގައި އޭނާ ފުރަތަމަ ފިޔަވަޅު އެޅުއްވީ ވެސް ފޮރިން މިނިސްޓްރީގަ އެވެ. އޭރު ވަޒީރަކީ، އޭނާގެ ދެބެންގެދެދަރި ބޭފުޅެއް ކަމަށްވާ ފަތުހުﷲ ޖަމީލެވެ. އެންމެ ފުރަތަމަ އާދައިގެ މުވައްޒަފެކެވެ. ކުރެއްވީ އިދާރީ ބައެއް މަސައްކަތްތަކެވެ. އެކަމަކު ފޮރިން ސާވިސަސް އޮފިސަރެއްގެ ގޮތުގައި 1983 ވަނަ އަހަރު ފެއްޓެވި ދަތުރުގައި، މުހިއްމު ފުރުސަތުތަކެއް ލިބިވަޑައިގަތެވެ. މިއަދު ފުރުއްވަމުން އެ ގެންދަވާ މަގާމުގެ ހުވަފެން ފުރަތަމަ ދެކެވަޑައިގަތީ އެފަދަ ފުރުސަތުތަކެއްގަ އެވެ. އެގޮތުން 1987 ވަނަ އަހަރު އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ކެންބެރާ އިން ޕޮލިޓިކަލް ސައިންސް އެންޑް ގަވަމެންޓް އިން ފުރަތަމަ ޑިގްރީ ހާސިލްކުރެއްވުމަށް ފަހު 1987-1994 އަށް އ.ދ ގެ ހުރިހާ އާއްމު ޖަލްސާތަކަށް ވަޑައިގެންނެވި އެވެ.

އަދި އެދެމެދުން 1991 ވަނަ އަހަރު ދުނިޔެ އަށް މަޝްހޫރު ފްލެޗާ ސްކޫލް އޮފް ލޯ އެންޑް ޑިޕްލޮމަސީ އިން އިންޓަނޭޝަނަލް ރިލޭޝަންސް އިން މާސްޓާސް ޑިގްރީ ނެންގެވި އެވެ. އެއަށް ފަހު 1993 ވަނަ އަހަރު އެ މިނިސްޓްރީގެ މަލްޓިލެޓަރަލް ޑިޕާޓްމަންޓް ހިންގެވުމުގެ ޒިންމާއާ އެކު އިންޓަނޭޝަނަލް އެފެއާޒުގެ ޑިރެކްޓަރުކަން ލިބިވަޑައިގަތެވެ. ބްރެޒިލްގެ ރިއޯ ޑި ޖެނީރޯގައި 1992 ވަނަ އަހަރު އޮތް ތާރީހީ އާތު ސަމިޓުގައި ބައިވެރިވަޑައިގެންނެވި ޝާހިދު ވަނީ 1993 ވަނަ އަހަރު އޮސްޓްރިއާގެ ވިއެނާގައި އޮތް ވޯލްޑް ކޮންފަރެންސް އޮން ހިއުމަން ރައިޓްސްގައި ވެސް މުހިންމު ދައުރެއް އަދާކުރައްވައިފަ އެވެ. ކުދި ގައުމުތަކުގެ ސަލާމަތީ ކަންކަމުގެ މައްސަލަ އ.ދ ގެ ކުރިމައްޗަށް ގެންނެވުމުގައި މުހިންމު މަސައްކަތްތަކެއް ކުރެއްވި ޝާހިދު ވަނީ ކޮމަންވެލްތާއި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އައިއޯސީ) އާއި ވަކި ފަރާތަކަށް ނުޖެހޭ ގައުމުތަކުގެ ޖަމިއްޔާތަކުގެ ޖަލްސާތަކުގައި ރާއްޖެ ތަމްސީލްކުރައްވައިފަ އެވެ.

އެކަމަކު 1990-1994 އަށް ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމަށް ލަފާއަރުވާ ބޯޑުގެ މެމްބަރުކަން ކުރެއްވި ޝާހިދު 1995 ވަނަ އަހަރު ކެރިއަރު ބަދަލުކުރައްވަން ޖެހިވަޑައިގަތެވެ. ރައީސް މައުމޫނުގެ އެގްޒެކެޓިވް ސެކްރެޓަރީގެ މަގާމަށް 1995 ގައި އައްޔަންކޮށް ރައީސް އޮފީހަށް ޝާހިދުގެ ވަޒީފާ ބަދަލުކުރެއްވީ އެވެ. ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފުގެ ގޮތުގައި ޝާހިދު ވަނީ އިދާރީ އަދި ހިންގުމުގެ ތަޖުރިބާ އެންމެ މަތީ ފަންތިން ހޯއްދަވައިފަ އެވެ.

ރައީސް އޮފީހުގައި 10 އަހަރު ހޭދަކުރެއްވިތަނުން 2005 ގައި ރައީސް މައުމޫން، އަނެއްކާ ވެސް ޝާހިދު އޭނާގެ އަސްލު ދާއިރާއަށް ބަދަލުކުރެއްވި އެވެ. އޭރު ރާއްޖެ އަށް ކުރިމަތިވެފައި އޮތް ސިޔާސީ އިސްލާހީ ހަރަކާތްތަކުގެ ޕްރެޝަރު ރައީސް މައުމޫނަށް ބޮޑުވެ ގެންނެވި ބަދަލުތަކުގެ ތެރޭގައި 2005 ގައި ޝާހިދަށް ދެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމެވެ. އަދި ދެ އަހަރު ފަހުން 2007 ގައި ފޮރިން މިނިސްޓަރަކަށް އައްޔަންކުރި އެވެ. އެއީ ބޭރުގެ ޕްރެޝަރު އިންތިހާއަށް ބޮޑުވެ، ފޮރިން މިނިސްޓްރީން ތާއަބަދު ބައިނަލްއަގްވާމީ މުޖުތަމައުއަށް ޖަވާބުދާރީވާން ޖެހިފައި އޮތް ވަގުތެކެވެ.

އޭގެ އަހަރެއް ފަހުން 2008 ގައި ރައީސް މައުމޫނުގެ ވެރިކަން ނިމުމާ އެކު، ސަރުކާރުގެ ވަޒީފާ އިން ވަކިވެވަޑައިގެން ޝާހިދު ފޯކަސްކުރެއްވީ 1995 ވަނަ އަހަރުން ފެށިގެން އޭނާ އެ މަގާމެއް ފުރުއްވަމުން ގެންދެވި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ މަސައްކަތްތަކަށެވެ. ޑީއާރްޕީގެ މެމްބަރެއްގެ ގޮތުން އެ މަޖިލީހުގެ ރައީސްކަން ކުރެއްވީ، އާ ގާނޫނު އަސާސީގެ ދަށުން ޑިމޮކްރަޓިކް އުސޫލުން ހޮވި މަޖިލީހުގެ ފުރަތަމަ ރައީސްގެ ގޮތުގަ އެވެ. އެ ދުވަސްވަރު ޝާހިދު ވަނީ މަޖިލިސް ތެރެއިން ވެސް ހާރިޖީ މަސައްކަތްތައް ކުރައްވައިފަ އެވެ. އެގޮތުން ސާކުގެ މަޖިލިސް ރައީސުންގެ ޖަމިއްޔާގެ ރައީސްކަމާއި ކޮމަންވެލްތު ޕާލިމެންޓްރީ އެސޯސިއޭޝަނުގެ އެގްޒެކެޓިވް ކޮމިޓީ މެމްބަރުކަން ކުރެއްވި އެވެ. އަދި އިންޓަ ޕާލިމެންޓްރީ ޔޫނިއަންގައި ވެސް އުޅުއްވި އެވެ.

ރައީސް ސޯލިހު (ކ) އާއި ޝާހިދު ސަލާމްކުރައްވަނީ.


އޭރު އެމްޑީޕީ އަތުގައި މަޖިލީހުގެ ބާރެއް ނެތެވެ. އެހެންވެ އެމްޑީޕީ އާއި ޑީއާރްޕީގެ ހަނގުރާމައެއް ފެނިގެން ދިޔަ މަޖިލިސް އޮމާންކަމާ އެކު ހިންގެވުމުގައި ޝާހިދުގެ ތަޖުރިބާ މުހިންމު ދައުރެއް އަދާކުރި އެވެ. މާގިނަ ދުވަސްތަކެއް ނުވެ ފެބްރުއަރީ 7، 2012 ގައި އެމްޑީޕީގެ ވެރިކަން ވެއްޓުނެވެ. އެއާ އެކު އެމްޑީޕީ މަގުމަތީގެ ހަރަކާތްތަކަށް އަލުން ނުކުމެ، ވަހީދުގެ ސަރުކާރާ ދެކޮޅަށް މަސައްކަތް ފެށި އެވެ. އަދި އެމްޑީޕީން 2013 ވަނަ އަހަރުގެ އިންތިހާބަށް ތައްޔާރުވަމުން ދަނިކޮށް، ގިނަ ބަޔަކު ހައިރާންކޮށްލުމަށް ފަހު ޝާހިދު 2013 ވަނަ އަހަރު އެ ޕާޓީއާ ގުޅިވަޑައިގަތެވެ. ކާނިވަލުގައި އޮތް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން ޖަލްސާއެއްގައި ޝާހިދު އެ ޕާޓީއަށް ސޮއިކުރެއްވުމުން މެމްބަރުން ވަނީ ހޫނު ތަރުހީބެއް ދީފަ އެވެ.

ޝާހިދު ފަދަ ސްޓޭޓްސްމަނަކު އެމްޑީޕީއާ ގުޅުމަކީ، އެ ޕާޓީ އަށް ލިބުނު ބޮޑު ވަރުގަދަކަމެކެވެ. އެކަމަކު އެ އިންތިހާބުން އެމްޑީޕީ ނާކާމިޔާބުވީ އެވެ. އެހެންވެ ޝާހިދުގެ ދައުރަކަށްވީ އިދިކޮޅު ޕާޓީގައި ހުންނަވައިގެން، އާ ސަރުކާރުގެ ހާރިޖީ ސިޔާސަތު މުރާޖައާކުރުމެވެ. އަދި ޖެހިގެން އައި އަހަރު އޮތް މަޖިލިސް އިންތިހާބުގައި މާލޭގެ ހެންވޭރު އުތުރު ގޮނޑި ކާމިޔާބުކުރައްވައި މަޖިލިސް ތެރެއިން ސިޔާސީ މަސައްކަތްތައް ކުރެއްވި އެވެ. ރައީސް ޔާމީނުގެ ދައުރުގައި އެމްޑީޕީގެ އިސް ބޭފުޅުން ޖަލަށް ލުމުން އަދި ބައެއް ބޭފުޅުން އަރުވާލެވިގެން ތިއްބެވިއިރު މާލޭގައި އެ ޕާޓީގެ ހަރަކާތްތައް ކުރިއަށް ގެންދެވުމުގައި ޝާހިދު މަސައްކަތްތަކެއް ކުރެއްވި އެވެ. ހާއްސަކޮށް މަޖިލިސް ތެރެއިންނެވެ.

އެ މަސައްކަތުގައި ހުންނަވައި 2018 ވަނަ އަހަރަށް މަރުހަބާކީ ހިނދު ދެއްވި އުއްމީދުގެ މެސެޖުގައި ވިދާޅުވީ "އުއްމީދުތަކަކީ ހާސިލުކުރެވޭނެ އުއްމީދުތަކެއް ކަމުގައި ހިތުގެ އަޑިން ގަބޫލުކޮށް އެ އުއްމީދުތައް ހާސިލު ކުރުމަށް ރޭވުންތައް ރާވަންވީ" ކަމަށެވެ.

ޝާހިދު އެވަނީ ރޭވުން ކާމިޔާބުކުރައްވައި އުއްމީދު ހާސިލްކުރައްވައިފަ އެވެ. އ.ދ ގެ އާންމު މަޖިލީހުގެ ރައީސްގެ މަގާމް ކާމިޔާބުކުރައްވައިގެންނެވެ.