21 ސެޕްޓެންބަރު 2021 - 12:50 0
އަހުމަދުﷲ އަބްދުލްހާދީ
21 ސެޕްޓެންބަރު 2021 - 12:50 0
މީގެ ދިހަވަރަކަށް އަހަރު ކުރިން، އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ މަގާމުގައި ދިވެއްސަކު ހުންނެވުމަކީ، ބައެއްގެ ހިތަށް ތަސައްވުރުކުރެވޭނެ ވަރުގެ ކަމެއް ނޫނެވެ. އެކަމަކު މިއަދު އެފަދަ ބޮޑު މަގާމަކަށް އައިސް ދުނިޔޭގެ ކުރީ ސަފަށް ރާއްޖޭގެ ނަން ގެންނަވައި، ގައުމުތަކުން ކުރިއަށްދާންވީ މަގުކޮށައި ދައްކަވަން، އެ މަގާމާ ހަވާލުވެ އެ ހުންނެވީ، މި ކުޑަކުޑަ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.
މިނިސްޓަރު ޝާހިދު އދ. ގެ އާންމު މަޖިލީހުގައި ރިޔާސަތުގައި އިންނެވިތަން، އެންމެ ފަހުރުވެރި ލޮލަކުން މިއަދު ބަލަންތިބި އެއް ބަޔަކީ ރާއްޖޭގެ ފޮރިން ސާވިސްއަށް މިންނެތް ހިދުމަތްތަކެއް ކުރި ކުރީގެ ޑިޕްލޮމެޓުންނެވެ. އެ ބޭފުޅުންގެ ނަޒަރުގައި އެފަދަ މަގާމަކަށް މިނިސްޓަރު ޝާހިދަށްވުރެ އިތުރު ގާބިލު ފަރާތެއް ވަކި މި ރާއްޖެއަކު ނެތެވެ. އެއީ ދެވަނައެއް ނެތް ފަރާތެކެވެ.
މިދިޔަ ޖޫން މަހުގެ ހަތް ވަނަ ދުވަހު އަފްގާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. ޒަލްމާއި ރަސޫލްއާ ވާދަކޮށް، 48 ވޯޓުގެ ބޮޑު ތަފާތަކުން ޝާހިދު އިންތިހާބުގައި ކާމިޔާބު ހޯދިއިރު، އެއީ ރާއްޖޭގެ އިސް ޑިޕްލޮމެޓުންގެ ނަޒަރުގައި ހަމައެކަނި ޝާހިދުގެ ކާމިޔާބީއެއް ވެސް ނޫނެވެ. ނަމަވެސް އެއީ ކޮންމެ ދިވެހި ފަރުދަކާއި، މުޅި ގައުމަށް ލިބިގެންދިޔަ ޝަރަފެއް ކަމަށް އެބޭފުޅުން ދެކެ އެވެ.
އދ. ގެ ރިޔާސަތުގައި އިންނަވައިގެން ޝާހިދު ތަފާތު ދައްކަވާނެ ކަމަށް ގިނަ ޑިޕްލޮމެޓުން މިހާރު ވެސް ގަބޫލުކުރާއިރު، އެ ތަފާތުގެ ސަބަބުން ރާއްޖެއަށް ވެސް ދުނިޔޭގެ ސްޓޭޖު މަތީ ބޮޑު ސަމާލުކަމެއް ލިބިގެންދާނެ ކަމަށް އެ ބޭފުޅުން ގަބޫލުކުރައްވަ އެވެ.
ރާއްޖޭގެ އެންމެ ނަން މަޝްހޫރު އަދި އެންމެ ދުވަސްވީ އެއް ޑިޕްލޮމެޓް ކަމުގައިވާ އަބްދުލް އަޒީޒް ޔޫސުފް (ސައިކުރާ އަޒީ) ގެ ފަރާތުން ވެސް އިވިގެން ދިޔައީ ޝަރަފުވެރިކަމުގެ ބަސްތަކެކެވެ. ޑިޕްލޮމެޓުން ތިބީ ޝާހިދުގެ ކާމިޔާބީއާއެކު ކުރިޔަށް އޮތް އަހަރުތަކަށް ވެސް އެ ކާމިޔާބީގެ ސަބަބުން ދުނިޔޭގެ ކުރިމަތީ ރާއްޖޭގެ ނަން ރަން އަކުރުން ފެވިގެންދާނެ ކަމުގެ އުންމީދުގަ އެވެ.
"ވަރަށް ހިތްހަމަޖެހޭ ޝާހިދު އެ ހޯއްދެވި ކާމިޔާބީއަށް. އެގޮތުން އެއީ ރާއްޖެއަށް ވެސް ވަރަށް ބޮޑު ޝަރަފެއް ހަމަ. ވަރަށް ގިނަ ބައެއްގެ ނަޒަރު ހުއްޓޭނެ ރާއްޖެއަށް އެކަމުން އދ. ގެ އިތުރުން، ގުޅިފައިވާ އެކި އެކި ޖަމިއްޔާތަކާއި، އެކި ގައުމުތަކުގެ،" މި ނޫހާ ވާހަކަ ދައްކަވަމުން އަޒީ ވިދާޅުވި އެވެ.
އަޒީ (ކ) ބައިނަލްއަގްވާމީ ބައްދަލުވުމެއްގައި ފާތިމަތު ޖަމީލް (ކ-2) އާއި އައްބާސް އިބްރާހިމް (ވ-2) އާ އެކު
"އެއަށްވުރެ ވަކި ގާބިލު ބޭފުޅެއް ނެތް ރާއްޖޭގަ އެފަދަ މަގާމަކަށް. ވަރަށް ކެޕޭބަލް ލައާގަތު ހުރި ބޭފުޅެއް ޝާހިދު އަކީ. ރިޔާސަތުގެ ދައުރު ނިމުނަސް، ޝާހިދުގެ ސަބަބުން ދުނިޔޭގެ ތަސައްވުރު ހުންނާނެ ގިނަ ދުވަސްތަކަކަށް ރާއްޖެއަށް. ފޮރިން ސާވިސްގަ އަދިވެސް އެބަ ތިއްބެވި ވަރަށް ގާބިލު ބޭފުޅުން."
މިނިސްޓަރު ޝާހިދު ރަސްމީކޮށް އދ. ގެ އާންމު މަޖިލީހުގެ ރިއާސަތާއި ހަވާލުވެވަޑައިގަތީ ސެޕްޓެމްބަރު 14، ވަނަ ދުވަހުގެ ރޭގަ އެވެ. އެތަން ބައްލަވަން އިން އެކަކީ ކުރިން ރާއްޖެއިން އަވައްޓެރި ސްރީ ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރުކަން ކުރެއްވި އަހުމަދު އަބްދުﷲ އެވެ.
ހަފްލާގައި ޝާހިދު ރިޔާސަތާ ހަވާލުވި އިރު، އަހުމަދު އަބްދުﷲ އަށް އިހުސާސްވެގެން ދިޔައީ ފަހުރުވެރިކަމާއި ހިތްހަމަޖެހުމެވެ. ގާތް އެކުވެރިއެއް އަދި ދިގު މުއްދަތަށް ފޮރިން ހިިދުމަތުގައި އުޅުއްވި އެހެން ބޭފުޅެއް އދ. ގެ އެންމެ މަތީ މަގާމާއި ހަވާލުވުމަކީ އޭނާ ދެކިލައްވާ ގޮތުގައި މުޅި ދުނިޔެއަށް ރާއްޖޭގެ ހިންގުންތެރި ހާރިޖީ ސިޔާސަތު ދައްކުވައިދޭނެ ކަމެކެވެ.
"ރާއްޖެއަކީ ވަރަށް ހިންގުންތެރި ގައުމެއް މިހާރު ދުނިޔޭގެ މައިދާނުގައި. އެހެންވީމާ ޝާހިދު ކަހަލަ، ތަޖުރިބާހުރި ގާބިލު ބޭފުޅެއް އެފަދަ މަގާމަކަށް އައުމަކީ ވަރަށް ބޮޑު ޝަރަފެއް. ދުވަހަކު ވެސްް ރާއްޖެއަށް އަދި ނުލިބޭ ކަމެއްތާ،" އަހުމަދު ވިދާޅުވި އެވެ.
ކުރީގެ ޑިޕްލޮމޭޓް އަހުމަދު އަބްދުﷲ.
"ޝާހިދަކީ ގިނަ ދުވަސްތަކެއް ވަންދެން ހާރިޖީ ދާއިރާއަށް ހިދުމަތް ކުރެއްވި ބޭފުޅެއް. އެފަދަ ބޭފުޅަކާއެކު ރާއްޖެއަށް ވަރަށް ގިނަ ގުނަ ފުރުސަތުތަކެއް ހުޅުވިގެންދާނެ ހަމަ،" ގާތްގަނޑަކަށް 10 އަހަރު ދުވަހު އެމްބެސެޑަރެއްގެ ގޮތުގައި ހަރަކާތްތެރިވި ކުރީގެ ހެލްތު މިނިސްޓަރު އަހުމަދު އަބްދުﷲ ވިދާޅުވި އެވެ.
އދ. ގެ އާންމު މަޖިލީހަށް ކުރިމަތިލެއްވުމަކީ ޝާހިދުގެ ކެރިއަރުގައި ނެންގެވި އެންމެ ރަނގަޅު ނިންމެވުން ކަމަށް އޭނާ ވަނީ ސިފަ ކުރައްވައިފަ އެވެ. އެއީ ކިހާ ބޮޑު އަދި ޒިންމާ ގިނަ މަސައްކަތެއްކަން ޝާހިދުއަށް ވެސް އެނގިލައްވަ އެވެ. އަދި އެކަމަށްޓަކައި ޝާހިދު އެ ހުންނެވީ ވެސް ތައްޔާރުވެވަޑައިގެންނެވެ.
އެތައް ދުވަހެއްގެ ކެމްޕޭނަށްފަހު އެ މަގާމަށް ވަޑައިގެންނެވީ އެމަނިކުފާނުގެ ރިޔާސަތުގެ ސްލޯގަންގައިވާ ގޮތަށް "ޕްރެސިޑެންސީ ފޯ ހޯޕް" އެކޭ އެއްގޮތަށް އެތައް އެތައް ބައެއްގެ އުންމީދަކާ އެކުގަ އެވެ. އެ ހުރިހާ އުންމީދެއް ޝާހިދު ފުރިހަމަކުރާނެ ކަމުގެ އުންމީދު ހަމަ ގައިމުވެސް ޑިޕްލޮމެޓުންގެ އެބަ ހުއްޓެވެ. އެ މަސައްކަތަށް ޝާހިދު ނޫން ދެވަނަ މީހެއް އެ ބޭފުޅުންގެ ނެތެވެ.
Comment