Advertisement

އަމީން ދޫކޮށްލި ހުކުމުން ބޮމުގެ ދައުވާތަކާމެދު ވެސް ސުވާލު

17 ސެޕްޓެންބަރު 2021 - 16:10 1

ނާޒިމް ހަސަން

ނާޒިމް ހަސަން

ބޮމުގެ ހަމަލާގެ މައުލޫމާތު ދިނުމަށް ބޭއްވި ޕްރެސްގައި ޕްރޮސިކިއުޓާ ޖެނަރަލް, ކޮމިޝަނާ އޮފް ޕޮލިސް އަދި ތަހުގީގުގެ ހެޑް ރިޔާޒު: ހައިކޯޓުގެ ހުކުމް އައި ގޮތުން ދައުވާތަކާމެދު ސުވާލު އެބަ އޮތް - ފޮޓޯ: ހުސެއިން ވަހީދު / އަދަދު


އަމީން ދޫކޮށްލި ހުކުމުން ބޮމުގެ ދައުވާތަކާމެދު ވެސް ސުވާލު

17 ސެޕްޓެންބަރު 2021 - 16:10 1

ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން އަމަލުކޮށްފައިވާ އިޖުރާއަތް ގޯސްކޮށް ކަމަށް ކަނޑައަޅައި, ރާއްޖޭގެ އައިއެސް ލީޑަރުގެ ގޮތުގައި ތުހުމަތު ކުރާ މުހައްމަދު އަމީން ވަނީ ހައިކޯޓުން މިނިވަންކޮށްފަ އެވެ. ޓެރަރިޒަމްގެ ބޮޑު ތުހުމަތެއްވާ އަމީން ދޫކޮށްލަން ހައިކޯޓުން ނެރުނު ގާނޫނީ މާނަކުރުންތަކާއެކު, ޓެރަރިޒަމްގެ ބޮޑެތި ދައުވާތަކާމެދު މިހާރު އޮތީ ސުވާލެވެ.

އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް, ރައީސް މުހައްމަދު ނަޝީދު އަވާހަރަކޮށްލުމަށް ބޮމެއް ގޮއްވާލި މައްސަލާގައި މިހާތަނަށް އުފުލާފައިވާ ދައުވާތައް ވެސް ޝާމިލުވެ އެވެ.

ހައިކޯޓުގެ ތިން ފަނޑިޔާރެއްގެ އަގުލަބިއްޔަތުން އަމީން ދޫކޮށްލަން ދެއްކެވި ސަބަބަކީ, އޭނާގެ މައްޗަށް ދެ ގާނޫނެއްގެ ދަށުން އިޖުރާއަތް ހިންގާފައިވުމެވެ. އެއީ ހާއްސަ ގާނޫނެއް ކަމަށްވާ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނާއި ޖިނާއީ އަދުލުގެ ނިޒާމުގެ އާންމު އިޖުރާއަތުތައް ބަޔާންކުރާ ޖިނާއީ އިޖުރާއަތުގެ ގާނޫނެވެ.

އަމީން ބަންދުކުރީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން

އަމީން ހައްޔަރުކޮށްފައިވަނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން އެ ގާނޫނުގައިވާ ކުށެއްގެ ތުހުމަތަށެވެ. އެ ގާނޫނަކީ ބަންދުކުރުމުގެ އިޖުރާއަތެއް ވެސް އޮތް ގާނޫނެކެވެ. އެގޮތުން ގާނޫނުގެ 26 ވަނަ މާއްދާގައި އޭގެ ތަފްސީލުތައް އެބަ އޮތެވެ. އޭގައިވާ ގޮތުން އެ ގާނޫނުގެ ދަށުން ބަންދުކުރާ މީހަކު ފުރަތަމަ ފަހަރަށް ބަންދު ކުރެވޭނީ ހަތް ދުވަހަށެވެ. އޭގެފަހުން ބަންދު އިތުރު ކުރެވޭނީ 14 ދުވަހަށެވެ.

ހަމަ އެ މާއްދާގައި ދެން ބުނަނީ ޖިނާއީ އިޖުރާއަތުގައިވާ އާންމު އިޖުރާއަތުތަކުގެ ތެރެއިން އިޖުރާއަތެއް، އެ ގާނޫނުގެ ދަށުން ބަންދުކުރެވޭ މީހެއްގެ މައްޗަށް ތަންފީޒުކުރުމަކަށް ހުރަހެއް ނެތް ކަމަށެވެ. އެހެންނަމަވެސް، އެ ހާލަތުގައި ހިނގާނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކުރާ އުސޫލުތައް ކަމަށް އެ އަކުރުގައި ބުނެފައި އޮވެ އެވެ.

އަމީންގެ މައްސަލާގައި އޭނާ ބަންދުގައި ބަހައްޓައި މުއްދަތު އިތުރުކުރަމުން ގެންދިޔައީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ އިޖުރާއަތުގެ ދަށުންނެވެ. އެއީ, އެންމެ ފުރަތަމަ 15 ދުވަހަށެވެ. އެގޮތަށް އިތުރު ކުރަމުން ގޮސް، ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކުރީވެސް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުންނެވެ.

ދައުވާ އުފުލުމަށް މުއްދަތު ގުނިގޮތް

ހައިކޯޓުގެ ހުކުމާ ހަމައަށް ވެސް ބަންދުގައި ހުރި އަމީންގެ މައްޗަށް ދައުވާ އުފުލުމަށް މުއްދަތު ގުނާފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ބަދަލުގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުންނެވެ. ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ދައުވާ ކުރުމަށް 45 ދުވަސް ލިބެ އެވެ. އެ މުއްދަތު އިތުރު 15 ދުވަހަށް އިތުރުކޮށްދިނުމުގެ އިހްތިޔާރު އޮވެ އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ބަންދުކޮށްފައި ހުރި މީހަކަށް ދައުވާ ކުރަން ލިބެނީ 30 ދުވަހެވެ.

އަމީން ހައްޔަރުކޮށްފައިވަނީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހު އެވެ. ދައުވާ އުފުލީ އެ އަހަރުގެ ޑިސެމްބަރު މަހުގެ ފަސްވަނަ ދުވަހު އެވެ. އެއީ އޭނާ ހައްޔަރުކުރިތާ 45 ދުވަސްވުމުގެ ކުރި އެވެ. ނަމަވެސް ހައިކޯޓުން ބުނި ގޮތުގައި, އެ ގޮތް ގޯހެވެ.

ހުކުމްގައިވާ ގޮތުން, އަމީންގެ މައްޗަށް ދައުވާ ކުރެވޭނެ އެންމެ ފަހު ތާރީހަކީ 24 ނޮވެމްބަރު 2019 އެވެ. އެއީ, ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން 30 ދުވަހެވެ. އެހެންވެ ދައުލަތުން އަމީންގެ މައްޗަށް ކުރި ދައުވާތަކަކީ ގާނޫނުގައި ބަޔާން ކުރާ މުއްދަތުގައި އުފުލާފައިވާ ދައުވާތަކެއް ކަމުގައި ބެލެވެން ނެތް ކަމަށް ހައިކޯޓުން ކަނޑައަޅައި އެ ދައުވާތައް ބާތިލުކުރީ އެވެ.

ބޮމާ ގުޅިގެން ވެސް މުއްދަތު ގުނީ މިހެން, ދެން ވާނީ ކިހިނެއް

އަމީންގެ މައްސަލާގައި ހައިކޯޓުގެ ހުކުމް އައި ގޮތުން މިހާރު އެންމެ ބޮޑު ސުވާލެއް އޮތީ ބޮމުގެ މައްސަލާގައި ހަތް މީހެއްގެ މައްޗަށް އުފުލާފައިވާ ގިނަ ދައުވާތަކާމެދު އެވެ. އެ މައްސަލަތަކުގައިވެސް ހިންގާފައިވަނީ އަމީންގެ މައްސަލައިގައި ހިންގި އިޖުރާއަތެވެ.

އެގޮތުން, ބޮމުގެ ހަމަލާއަށް އެކަމުގައި އަމަލީ ގޮތުން ބައިވެރިވި ކަމުގެ ތުހުމަތުގައި އެންމެ ފުރަތަމަ ހައްޔަރުކުރި ހަތަރު މީހުން ވެސް ޓެރަރިޒަމްގެ މަނާކުރުމުގެ ގާނޫނުގެ ދަށުން, އެ ގާނޫނުގައިވާ ތުހުމަތުތަކަށް ހައްޔަރުކޮށް, ބަންދު ޖަހާފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުންނެވެ.

އެމީހުންގެ ބަންދު މިއަދާ ހަމައަށް ދަމަހައްޓާފައިވަނީ ވެސް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުންނެވެ.

ނަމަވެސް, ޕްރޮސިކިއުޓާ ޖެނަރަލް ދައުވާ ކުރުމަށް މުއްދަތު ގުނާފައިވަނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުންނެވެ. އެގޮތުން, އެމީހުންގެ މައްޗަށް ދައުވާ އުފުލާފައިވަނީ 30 ދުވަސްވެގެން ދިޔަ ފަހުން 75 ދުވަސްވާން ކައިރިވެފައިވަނިކޮށެވެ.

އެކަމާ ގުޅިގެން އޭރު ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމާ ސުވާލު ކުރުމުން ވެސް ވިދާޅުވެފައިވަނީ ޓެރަރިޒަމް ގާނޫނުގެ ދަށުން ލިބޭ މުއްދަތުގެ ތެރޭ ދައުވާ އުފުލާނެ ކަމަށެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ލިބޭ މުއްދަތުގައި ހަތް މީހެއްގެ މައްޗަށް ޕްރޮސިކިއުޓާ ޖެނަރަލް ވަނީ ދައުވާ އުފުލާފަ އެވެ. ނަމަވެސް, ހައިކޯޓުގެ ހުކުމް ދެމިއޮތްހައި ހިނދަކު އެ ދައުވާތައް ކުރިއަށް ގެންދިއުމުގައި ހުރަސްތަކެއް ކުރިމަތިވުމުގެ ފުރުސަތު އޮންނާނެ އެވެ.

ހައިކޯޓުގެ ގާނޫނީ މާނަކުރުމާމެދު ހިޔާލު ތަފާތު

ހައިކޯޓުގެ ހުކުމާމެދު ގާނޫނީ ބޭފުޅުންގެ މެދުގައި ވެސް ހިޔާލު ތަފާތުވުން ހުރިއިރު ޕްރޮސިކިއުޓާ ޖެނަރަލް ގަބޫލު ކުރައްވާ ގޮތުގައި ހައިކޯޓުން އަމީން މައްސަލާގައި ނެރެފައިވާ ހުކުމަކީ ގޯސްކޮށް ގާނޫނު މަނާކުރެވުމުގެ ސަބަބުން ނުކުތް ނަތީޖާއެކެވެ. އެހެންވެ, އެ ހުކުމް މިހާރު ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް ވަނީ ނިންމަވާފަ އެވެ.

އަމީންގެ މައްސަލަ ހައިކޯޓުގައި ބެއްލެވި ފަނޑިޔާރުން ދެކެވަޑައިގަންނަވާ ގޮތުން، ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހެއްގެ މައްޗަށް، އޭނާ ހައްޔަރުކުރެވުނު ކުށާ ގުޅޭ ހާއްސަ ގާނޫނުގެ ބަދަލުގައި އާންމު ގާނޫނު ހިންގައިފިނަމަ، އޭގެ ފަހުން ހުރިހާ އިޖުރާއަތެއް ހިންގުމުގައިވެސް ބަލަންވާނީ އާންމު ޖިނާއީ އިޖުރާއަތަށެވެ. އެއީ ބަންދުގައި ބެހެއްޓުމާއި ދައުވާކުރުން ކަމުގައި ވިޔަސް ވެހެވެ.

ހައިކޯޓުން މިގޮތަށް މާނަކުރެއްވީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 26 ވަނަ މާއްދާގެ (ފ) އަށް ބައްލަވައިގެންނެވެ. އެ މާއްދާގައި ބުނަނީ؛

"މި މާއްދާގައި ބަޔާންކުރާ ކަންކަމުގެ އިތުރުން، ކުށުގެ ތުހުމަތުގައިވާ ފަރާތްތަކުގެ ބަންދާ ގުޅޭގޮތުން ގާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގައި ބަޔާންކުރާ ޢާންމު އިޖުރާއަތުތަކުގެ ތެރެއިން އިޖުރާއަތެއް މި ގާނޫނުގެ ދަށުން ބަންދުކުރެވޭ މީހެއްގެ މައްޗަށް ތަންފީޒުކުރުމަކަށް މި ގާނޫނު ހުރަހެއްނާޅައެވެ. އެހެންނަމަވެސް، އެ ހާލަތުގައި ހިނގާނީ އެ ގާނޫނުގައި ބަޔާންކުރާ އުސޫލުތަކެވެ."

ހައިކޯޓުގެ ނިންމުމާ ގުޅިގެން 'އަދަދު' އިން ވާހަކަ ދެއްކި ވަކީލުންގެ ރައުޔުގައި، އެ މާއްދާގައި ބަޔާންކޮށްފައި އެއޮތީ 'ބަންދާ ގުޅޭ ކަންކަމުގައި' ޖިނާއީ އާންމު އިޖުރާއަތަށް ދެވިދާނޭ ވާހަކަ އެވެ. 26 ވަނަ މާއްދާއަކީވެސް ބަންދުގައި ބެހެއްޓުމާ ގުޅޭގޮތުން އޮތް މާއްދާ އެވެ.

އެ މާއްދާގެ ދަށުން ބަންދުގައި ބެހެއްޓޭނީ ގިނަވެގެން 14 ދުވަހަށް ކަމަށްވާތީ އެއަށްވުރެ އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ކަމަށް ފެންނަ މީހުންގެ މައްޗަށް ޖިނާއީ އާންމު އިޖުރާއަތު ހިންގުން އެ މާއްދާގެ ދަށުން ހުއްދަކޮށްފައި އޮތީ އެވެ. އެހެންކަމުން، ބަންދުގައި ބެހެއްޓުން ނޫން ކަންކަމުގައި އެމާއްދާ ނުހިނގާނޭ ކަމަށް 'އަދަދު' އާ ވާހަކަ ދެއްކެވި ވަކީލުން ވިދާޅުވި އެވެ.

މި ނޫހާ ވާހަކަ ދެއްކި ހުރިހާ ވަކީލުން ވެސް އެއްބަސްވާ ގޮތުން، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 26 ވަނަ މާއްދާގެ (ފ) ހިނގާނީ 'ބަންދާ ގުޅޭގޮތުން' އެކަންޏެވެ. އެ ހިސާބުން އުފައްދާ ސުވާލަކީ ދައުވާކުރުމުގެ މުއްދަތު ގުނުމަކީ ބަންދާ ގުޅޭ ކަމެއްތޯ ނުވަތަ ނޫންތޯ އެވެ.

ދައުވާކުރުމުގެ މުއްދަތު ބަންދުގެ އިޖުރާއަތާ ގުޅިފައިވާ ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ބޭފުޅުން ދައްކަވާ ނުކުތާތަކުގެ ތެރޭ, ބަންދުގައި ބެހެއްޓުމާމެދު ނިންމާ ނިންމުމުން ދައުވާކުރުމުގެ މުއްދަތު ގުނާނެ ގޮތަށް އަސަރުކުރުން ހިމެނެ އެވެ. އެއީ ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކުރުމުން ދޫކޮށްލާ މީހުންނަށްވުރެ، ބަންދުގައި ބެހެއްޓުމަށް ނިންމާ މީހުންނަށް ދައުވާކުރުމަށް އޮންނަ މުއްދަތު ކުރު ވުމެވެ. އެހެންކަމުން ބަންދުގައި ހުންނަ ހުރުމަކީ ދައުވާކުރުމަށް މުއްދަތު ގުނުމާ ގުޅިފައި އޮންނަ އިޖުރާއަތެއް ކަމަށް އެ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.

އެ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި, ޖިނާއީ އިޖުރާއަތުތައް މާނަކުރުމުގައި ބަލަންވާނީ މުއްތަހަމުގެ މަސްލަހަތަށް ކަމަށާއި ދައުވާކުރުމުގެ މުއްދަތަކީ ބަންދާ ގުޅޭ އިޖުރާއަތެއް ކަމަށް ބެލުމުން މުއްތަހަމަށް ފަހިވާ ގޮތަށް މާނަކުރެވޭ ކަމަށެވެ.

މި ވާހަކަ ހައިކޯޓުގެ ހުކުމްގައި ވެސް ތަފްސީލުކޮށް އެބަ އޮތެވެ.

ހައިކޯޓުން ބުނި ގޮތުގައި, ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައި އެވަނީ ޖިނައީ އަދުލުގެ ނިޒާމުގެ ތެރެއިން ނިންމުމެއް ނިންމުމުގައި ކަންކަން ކުރަން ޖެހޭ ގޮތެވެ. އޭގެ ތެރެއިން ބައެއް އިޖުރާއަތްތަކަކީ އެއާ ހިލާފުވުމުގެ ސަބަބުން ތުހުމަތު ކުރެވޭ މީހާގެ އަސާސީ ހައްގެއް ގެއްލިގެން ހިނގައިދާނެ، އަދި, އޭގެ ސަބަބުން މައްސަލައިގެ ނިޔާއަށް އަސަރުކުރާނެ ކަމެއް ކަމަށާއި ބައެއް ހާލަތްތަކުގައި ބަންދުގައި ހުރި މީހެއް ނަމަ, ބަންދުން އެމީހަކު ދޫވެގެންވާ ހާލަތްތަކެއް ކަމަށް ހައިކޯޓުން ފާހަގަކުރި އެވެ.

ހައިކޯޓުން ހުކުމް މިގޮތަށް އައުމުގެ ސަބަބުން, ޓެރަރިޒަމްގެ ހުރިހާ މައްސަލަތަކަމާދު ސުވާލު އުފެދިފައިވާއިރު އެކަމުގެ ސަބަބުން ކުރިމަތިވެދާނޭ މައްސަލަތަކަށް ހައްލު ހޯދުމަށްޓަކައި ވީހާވެސް އަވަހަކަށް އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމާއި، އެ ކޯޓުން އަވަސް ނިންމުމެއް ނިންމަންޖެހޭ ކަމަށް 'އަދަދު' އާ ވާހަކަ ދެއްކި ވަކީލުން ދެކެ އެވެ.