Advertisement

ޔާމީންގެ އިޝާރާތް: ގާނޫނާ ހިލާފުވީތަ؟

15 ސެޕްޓެންބަރު 2021 - 09:34 0

އަހުމަދުﷲ އަބްދުލްހާދީ

އަހުމަދުﷲ އަބްދުލްހާދީ


ޔާމީންގެ އިޝާރާތް: ގާނޫނާ ހިލާފުވީތަ؟

15 ސެޕްޓެންބަރު 2021 - 09:34 0

ހުކުރު ދުވަހު ޕްރޮގްރެސިވް ކޯލިޝަނުގެ "އިންސާފު ކޮބާ" ހިނގާލުން ނިންމާލީ، އެ ހިނގާލުން ފެށިއިރަށްވުރެ ވަރުގަދަ ޖޯޝަކާއި އެކުގަ އެވެ. ސަބަބަކަށްވީ، ގޭބަންދެއްގައި ހުންނެވި ކޯލިޝަނުގެ އިސް ލީޑަރު، އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުއްގައްޔޫމް އެމަނިކުފާނު ދިރިއުޅުއްވާ ހ. ދޫވެހީގެ ކުޑަދޮރަކުން ބޯދިއްކުރައްވައި، އަތްޕުޅުގައި އޮތް ޕާޓީގެ ދިދައެއް ހޫރާލެއްވުމުންނެވެ.

އެވަގުތުކޮޅު ވެގެންދިޔައީ އިދިކޮޅުގެ ސަޕޯޓަރުން ޖޯޝުން ފުރި، ކެކިއަރައިގަތް ވަގުތުކޮޅަކަށެވެ. ގިނަ ދުވަސްތަކަކަށްފަހު ރައީސް ޔާމީން ޕީޕީއެމްގެ ހަރަކާތެއްގެ ތެރެއިން، ގެކޮޅުގައި ހުންނަވައިގެން ނަމަވެސް ފެނުމުން ސަޕޯޓަރުން ހިތަށް ވެރިވީ އުފާވެރިކަމެވެ.

އެކަމަކު އެ ކުޑަކުޑަ އިޝާރާތްކޮޅާއެކު، މިހާރު ވެސް ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީން އަނބުރާ ޖަލަށްދާން ޖެހިދާނެކަމުގެ ބިރު މި ވަނީ ހީވެފަ އެވެ.

ކަޅު ފައިސާ ދޮވުމުގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންދާ ޔާމީން، މިދިޔަ އޭޕްރީލް 29 ވަނަ ދުވަހު ގެކޮޅަށް ބަދަލުކޮށްފައި ވަނީ، ރާއްޖޭގެ ޖަލުތަކުގައި ކޮވިޑްގެ ވަބާ ފެތުރެން ފެށުމާއެކު، އެމަނިކުފާނުގެ ރައްކަލަކަށް ކަމަށް ބުނެ އެވެ. ރައީސް ޔާމީން ގެކޮޅަށް ބަދަލު ކުރީ ކަރެކްޝަންސް އާއި އެމަނިކުފާނާ ދެމެދު އެއްބަސްވުމެއް ނުވަތަ އިގްރާރެއްގައި ސޮއިކޮށްފަ އެވެ.

ހުކުރު ދުވަހުގެ "އިންސާފު ކޮބާ" ހިނގާލުމުގައި އެމަނިކުފާނުގެ "ފެނިލުމާ" ހިސާބުން ގެކޮޅަށް ބަދަލުވުމަށް ސޮއި ކުރެއްވި އިގްރާރާ ހިލާފުވީތޯ މި ވަނީ ސުވާލު އުފެދިފަ އެވެ. އަދި އެ ފެނިލުމުން، ކަރެކްޝަންސާއެކު ސޮއި ކުރެއްވި އިގްރާރާ ރައީސް ޔާމީން ހިލާފުވެވަޑައިގަތީ ކަމަށް ޖަލުތަކުގެ ވެރިޔާ ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވަނީ އިއުލާން ކުރައްވައިފަ އެވެ.

އިގުރާރުގައި ނެތް ސިޔާސީ ހަރަކާތުގެ ވާހަކަ!

ރައީސް ޔާމީން ސޮއި ކުރެއްވި އިގްރާރުގައި ސީދާ އޮތީ ކޮން ވާހަކައެއްކަން ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދެއް ވިދާޅެއްނުވެ އެވެ. ހަމައެކަނި ވިދާޅުވީ "ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިއަދު އަމަލު ކުރެއްވީ ގޭ ބަންދުކޮށްފައިވާ އިގްރާރާ ހިލާފަށް" ކަމަށެވެ.

އަހުމަދު އިތުރަށް ވިދާޅުވީ "އެހެންކަމުން މި މައްސަލަ ބަލާ، ފިޔަވަޅު އަޅާނަން" ކަމަށެވެ. އެހެންކަމުން ސަރުކާރުގެ ނަޒަރުގައި ރައީސް ޔާމީން މިހާރު ވެސް އެއްބަސްވުމާ ހިލާފުވެވަޑައިގެންފައިވާކަން ސާފެވެ. ނަމަވެސް ޔާމީންގެ ދިފާއީ ވަކީލުންގެ ވިސްނުން މިކަމުގައި ތަފާތެވެ.

ރައީސް ޔާމީން ސޮއި ކުރެއްވި އިގްރާރުގެ ތަފްސީލު ސަރުކާރުން ނުދިން ނަމަވެސް މި ނޫހާ ވާހަކަ ދައްކަވަމުން ޔާމީންގެ ކުރީގެ ނައިބު އަދި މިހާރުގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަނީ އިގްރާރުގައި ހިމެނޭ ބައެއް ޝަރުތުތައް ހިއްސާ ކުރައްވައިފަ އެވެ.

"ރައީސް ޔާމީން އަމަލުކުރައްވަމުން އެ ގެންދަވަނީ ގާނޫނީ އިމުގެ ތެރެއިން. އެއީ އިގުރާރާ ހިލާފްވެއްޖެ ނަމަ ހިލާފްވާނީ އިގުރާރުގައި ސިޔާސީ އެކަހަލަ ހަރަކާތެއްގައި ބައިވެރިވުން މަނާކަމަށް އޮތް ނަމަ ތާ. އިގުރާރުގައެއް ނެތް އެހެންނެއް، އޭގަ ހަމައެކަނި އޮތީ ގެއިން ބޭރަށް ނުދިޔުމާ އެކަހަލަ ކަންކަން،" އިގްރާރުގައި ބަޔާންކޮށްފައިވާ ޝަރުތުތައް ހާމަ ކުރައްވަމުން ޖަމީލް ވިދާޅުވި އެވެ.

ކުޑަދޮރަކުން ބޯ ދިއްކުރެއްވުން ފަދަ ކުދި ކުދި ކަންކަމުން ކުށްވެރިވާ ނަމަ، މީހުންނަށް ހަނާ އެޅުމާއި ސަލާމް ކުރުން ވެސް ހަމަ އެ ބީދައިން ކުށްވެރިވާނެ ކަމަށް ޖަމީލް ދެކިވަޑައިގަންނަވަ އެވެ. އަދި ވިދާޅުވީ "ލިޓަރަލް މާނަ" ކަންކަމުގައި ނެގުމަކީ ރަނގަޅު ގޮތް ނޫން ކަމަށެވެ.

"އެކަމަކު ތިބޭފުޅުންނަށް ވެސް އެނގިލައްވާނެ، ގޭބަންދުގައި ހުންނަ ފަރާތްތަކަށް ކޮންމެވެސް ޑިގްރީ އޮފް ފްރީޑަމްއެއް އެބަ އޮވޭ. ޓީވީ ބަލާލައި، އާއިލާއާއެކު އުޅެލާ ހެދުމުގެ ފުރުސަތު. އެހެންވެ މި ބުނަނީ ރައީސް ޔާމީން އުޅުއްވަނީ ގާނޫނީ ގޮތުން ލިމިޓުގެ ތެރޭގައި ހަމަ،" ޖަމީލް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. މުހައްމަދު ޖަމީލް އަހުމަދު


ޔާމީންގެ ދިފާއީ ޓީމުގައި ހިމެނިވަޑައިގަންނަވާ އާދަމް އާސިފްގެ ވިސްނުމަކީ ވެސް ހަމަ އެއީ އެވެ. އަދި އޭނާ ދެކެނީ ކުޑަދޮރުން ހަނާ އަޅުއްވައިގެން ރައީސް ޔާމީނަށް ފިޔަވަޅެއް އަޅާ ނަމަ އަޅަންޖެހޭނީ އަދުލުވެރިނޫން ސިޔާސީ ފިޔަވަޅެއް ކަމަށެވެ.

"އެއީ އަދި އެ ހިނގާލުމުގައި ބައިވެރިވީކީއެއްނޫންދޯ؟ އަޅުގަނޑުމެންނަށް އެނގުނު ގޮތުގައި ރައީސް ޔާމީން އެގޮތަށް ނުކުންނެވީ ވެސް އެ ހިނގާލުން ނިންމާލުމުން. އެމަނިކުފާނު ނުކުތުމުން ނިންމާވާލީ ހިނގާލުން. އެހެން އަދި އިޝާރާތެއް ކުރުމުން ބައިވެރިވިކަމަށް ގަބޫލެއް ނުކުރަން،" އާސިފް އޭނާގެ ހިޔާލު ވެސް ހިއްސާ ކުރި އެވެ.

ޔާމީން ނެތްތަނުގައި ދެން އިދިކޮޅު ހިންގުމާ ހަވާލިވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް ވިދާޅުވި އިގުރާރާ ޔާމީން ހިލާފްނުވާކަމަށެވެ. އަދި ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ "ރައީސް ޔާމީން އިހުތިޖާޖުގައި ބައިވެެރިވިނަމަ ހުންނަވާނީ މަގުމަތީގައެއް ނޫންތޯ" ކަމަށެވެ.

ބައިވެރިވިކަމާމެދު ސުވާލެއްވެސް ނެތް

އެކަމަކު ސުވާލު އުފެދިގެން މި އުޅޭ އިޝާރާތާ ގުޅޭ ގޮތުން ބައެއް ވަކީލުން ހިޔާލު ތަފާތެވެ. ޖިނާއީ މައްސަލަތަކުގައި ތަޖުރިބާ ހުރި ބައެއް ވަކީލުން ދެކޭ ގޮތުގައި ރައީސް ޔާމީންގެ އިޝާރާތް މައްސަލައަކަށް ވަނީ އެމަނިކުފާނަކީ ހުކުމެއްގައި ހުރި ބޭފުޅަކަށްވުމެވެ. އެހެންކަމުން ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން އެމަނިކުފާނުގެ މައްޗަށް ބައެއް ކަހަލަ ހިފެހެއްޓުންތަކަށް މަތިކޮށްފައިވާ ކަމަށް އެ ވަކީލުން ބުނެ އެވެ.

"މިސާލަކަށް ބައްލަވާ އެ ހާލަތުގައި ރައީސް ޔާމީން އެއް ނޫން ފޯކަސްއަކީ. އެގޭ ދޮށުގައި ރެލީއެއް ނެތް ނަމަ، އެ ބޭފުޅަކު އެކަނި ކުޑަދޮރުން ބޯ ދިއްކުރައްވައި ވަކި ޕާޓީއެއްގެ ދިދައެއް ވިހުރުވާލި ނަމަ ހާލަތު ތަފާތުވެދާނެ،" ގާނޫނީ ވަކީލު އިބްރާހިމް ޝަމީލް ވިދާޅުވި އެވެ.

"އެކަމަކު މި ހާލަތުގައި ރައީސް ޔާމީން އަކީ އިދިކޮޅު ލީޑަރު. އެގޭ ބޭރުގައި އޮތީ ސިޔާސީ އެއްވުމެއް. ގޭ ބަންދުގައި ހުންނެވި ބޭފުޅަކު އެ އެއްވުމުގައި ބައިވެރިވާން ގެއިން ބޭރަށް ނިކުމެވަޑައިނުގެން ބައިވެރިވެވޭނެ އެންމެ ބޮޑު އެއް މިންވަރަށް އެ ބައިވެރިވެޑައިގަތީ ޕާޓީ ދިދައާއެކު."

އެކަމަކު އެއާ ހިލާފު އޮއްޓަރު ހުރި ވިސްނުންތަކެއް ވެސް ހުރި ކަމަށް ޝަމީލް ގަބޫލު ކުރައްވަ އެވެ. އެގޮތުން އޭނާ ފާހަގަ ކުރައްވާ އެއް ކަމަކީ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ 63 ވަނަ މާއްދާ އެވެ. އެ މާއްދާގައި ބުނެފައި ވަނީ ސިޔާސީ ހަރަކާތެއްގައި ބައިވެރިވުމުގެ ހައްގު ހިފެހެއްޓޭނީ ހުކުމެއް ތަންފީޒު ކުރުމަށް ޖަލުގައި ބަންދުކޮށްފައި ހުރި މީހެއްގެ ކަމަށެވެ. ޔާމީން މިވަގުތު ހުންނެވީ ގެކޮޅުގަ އެވެ. އެހެންކަމުން މި މާއްދާގެ ދަށުން އެމަނިކުފާނުގެ ހައްގުތައް އެ މިންވަރަށް ހިފެހެއްޓޭނެތޯ އެއީ ސުވާލެއް ކަމަށް ޝަމީލް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. މުހައްމަދު ޖަމީލް އަހުމަދު


"އެހެންވީމަ ގޭ ބަންދުގައި ހުންނަ ހުރުމުގައި އެ ހައްގު ހިފެހެއްޓޭނެތޯ ސުވާލު އުފެދޭ. ސަބަބަކީ ގާނޫނު އަސާސީގެ 57 ވަނަ މާއްދާ އޮތް ގޮތުން އަދި ޖަލުތަކާ ޕެރޯލް ގާނޫނުގެ 61 ވަނަ މާއްދާ އޮތްގޮތުން ވެސް ގާނޫނު އަސާސީގައި ބަޔާންކުރާ އަސާސީ ހައްގަކުން މަހުރޫމް ކުރެވޭނީ އެކަމަށް ކޮންމެހެން ބޭނުންވާ މިންވަރަށް އަދި ގާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން ކަމަށް ވާތީ،" ޝަމީލް ވިދާޅުވި އެވެ.

މުޅިން އެހެން ޝަކުވާތަކެއް!

ރައީސް ޔާމީންގެ އިޝާރާތުން އުފަންވާ އިތުރު މައްސަލަތަކެއް ވެސް ހުރި ކަމަށް ޔާމީންގެ ދިފާއީ ވަކީލުންގެ ޓީމުން ދެކެ އެވެ. އެއީ، އެއް ގައިދީ އާއި އަނެއް ގައިދީ، އެއް ސިޔާސީ މީހާ އާއި އަނެއް ސިޔާސީ މީހާ ތަފާތު ކުރާ މައްސަލަ އެވެ.

އެގޮތުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބް އަދި މިހާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޭ ބަންދުގައި ހުންނެވިއިރު "އެތައް ސަކަރާތެއް" ޖެއްސެވި ކަމަށް ޔާމީންގެ ދިފާއީ ވަކީލުން ދެކެ އެވެ. އެހެންކަމުން، ގެކޮޅުގައި ހުންނަވައިގެން ކޮށްލެއްވި އިޝާރާތެއްގެ ސަބަބުން އަދަބެއް ދިނުމަކީ ގާނޫނު އަސާސީގައި ބުނާ ހަމަހަމަކޮށް ގާނޫނު ތަންފީޒު ކުރުމާ ހިލާފުވުން ކަމަށް އެ ވަކީލުން ދެކެ އެވެ.

ނަމަވެސް ބައެއް އެހެން ވަކީލުން ބުނަނީ، ރައީސް ޔަމީން ވެސް ހިމެނެނީ ތަފާތު ކުރުމުގައި "މޮޅު ގޮތް" ލިބޭ ލިސްޓުގައި ކަމަށެވެ. ޖަލަށްލާން ހުކުމް ކުރި ބޭފުޅަކު ގެކޮޅު ހުންނެވުމަކީ އޭގެ އެންމެ ފުރިހަމަ މިސާލު ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.

"ކީއްވެގެންތޯ ގޭގައި [ޔާމީން] އެ ބަހައްޓަނީ، އެއީ ސުވާލަކީ، ރައީސްއަކަށް ވީމަތޯއޭ. އަބަދުވެސް ސިޔާސީ ބޭފުޅުންނަށް ވަކި ގޮތެއްތޯ އޮންނަނީ، އަޅުގަނޑުމެންނަށް އެބަ ފެނޭ ބައެއް ބޭފުޅުން ގޭގައި ތިއްބަވައިގެން ސިޔާސީ ޕާޓީވެސް ހައްދަވާތަން، އަނެއްބައި ބޭފުޅުން އެހެންކަންކަމުގަ އުޅުއްވާ ތަންވެސް، ފިޔަވަޅެއް ނޭޅެ،" ރާއްޖޭގެ ފުންނާބުއުސް ވަކީލުންގެ ތެރޭގައި ހިމެނޭ އެބޭފުޅާ ވިދާޅުވިއެވެ.

ގާނޫނީ ވަކީލުން ކޮންމެ އެއްޗެއް ވިދާޅުވި ނަމަވެސް މި މައްސަލައިގައި ފަހު ބަސް ބުނާނީ ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅެވެ. ރައީސް ޔާމީން ގާނޫނާ ހިލާފުވެފައިވާ ކަމަށް އޭނާ މިހާރު ވެސް އޮތީ ކަނޑައަޅުއްވައިފަ އެވެ.