Advertisement

ވަށާނޭނބުރޭ ފިކުރަކުން ސިޔާސީ މަސްރަހަށް ގެންނަ އިންގިލާބު

3 އޮގަސްޓު 2021 - 10:27 6

ފަޒީނާ އަހުމަދު

ފަޒީނާ އަހުމަދު

ނާޒިމް "އަދަދު"އަށް އިންޓަވިއު ދެއްވަނީ: ސިޔާސީ މަސްރަހުން ތިން ވަނަ ފިކުރަކަށް ޖާގަ ލިބޭނެ ކަމަށް ޔަގީންކުރައްވާ. -- ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު


ވަށާނޭނބުރޭ ފިކުރަކުން ސިޔާސީ މަސްރަހަށް ގެންނަ އިންގިލާބު

3 އޮގަސްޓު 2021 - 10:27 6

"ރާއްޖޭގައި އޮތް ދެ ފިކުރުގައި ފަލްސަފާއެއް ނެތެވެ. އެއް ބަޔަކު އުޅެނީ ލީޑަރަކު މިނިވަން ކުރުމުގަ އެވެ. އަނެއް ބަޔަކު ހުސްވެގެން ތިބީ ލީޑަރަކު ދައްކަވާ ވާހަކަތައް ދިފާއުކުރުމުގަ އެވެ. ބަހާއި އަމަލާ ދިމާ ނުވެ ރައްޔިތުންގެ އިތުބާރު ގެއްލިއްޖެ އެވެ."

ރާއްޖޭގެ ސިޔާސީ މަސްރަހު ބަދަލުކޮށްލެއްވުމަށް, ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކަކާ އެކު ނުކުމެވަޑައިގެން ހުންނެވި ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަގެނތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވަމުން އަންނަ ގޮތުން ނަމަ ތިން ވަނަ ފިކުރެއް ރާއްޖެ އަށް ބޭނުންވެ އެވެ.

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ތިން ވަނަ ފިކުރެއްގެ ގޮތުގައި ވުޖޫދުކުރަން ޖެހުނު މައިގަނޑު ސަބަބަކީ އެއީ ކަމަށް ވިދާޅުވި އެވެ.

"އެކްސްޓްރީމް ދެ ފިކުރު ނޫންތޯ މިހާރު މިއޮތީ. އެ އެކްސްޓްރީމުން ނުކުމެވަޑައިގެން މެދުތެރޭގައި ބަޔަކު ތިއްބަވަން އެބަޖެހޭ," ނާޒިމް ވިދާޅުވި އެވެ.

އެމްއެންޕީ އިސްވެ އުފެއްދެވި މަޖިލީހުގެ ފަސް މެމްބަރުން. -- އާޓްވާކް: އަބްދުﷲ ޝަފީއު (އަބޯ)/ އަދަދު


އެއީ އެމްއެންޕީކަމަށް ބުނެ ޕާޓީން އަމާޒު ހިފާފައި ވަނީ ކުރު މަގަކުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށެވެ. ރިޔާސީ ކެންޑިޑޭޓަކު ނެރޭނެ ކަން ސާފުކޮށް އިއުލާންކޮށްފި އެވެ. ވާދަވެރިވާނެ 2023ގެ ރިޔާސީ ރޭސް ކުރާނެ ކަމުގެ ޔަގީންކަން ވެސް އެބަދެ އެވެ.

ސިޔާސީ މައިދާނަށް އަލަށް ކުޅިބައި އަތުރާލައި ކުރު މުއްދަތަކުން ވެރިކަމަށް އަންނަން މި ދައްކާ ބޮޑު މަންޒަރު ހަގީގަތަކަށް ވެދާނެ ހެއްޔެވެ؟ ތާރީހީ އެ ވަރުގެ ކާމިޔާބެއް ހޯދި ޕާޓީއެއް މިހާތަނަކަށް ނެތެވެ.

ދެން އޮތް ހަގީގަތަކީ މި އެވެ;

އެއް ޕާޓީއަކުން ނުކުމެ އިންތިހާބު ކިހިލިޖަހާލައިގެން ގެންދެވޭވަރުގެ އެއްވެސް ބަޔަކު ތިބި ނަމަ 2013 އާއި 2018ގެ އިންތިހާބުގައި ރައްޔިތުން އޮންނާނީ އެ ބަޔަކާ ވެރިކަން ހަވާލުކޮށްފަ އެވެ.

އާ ގާނޫނުއަސާސީގެ ދަށުން މިހާތަނަށް ރާއްޖޭގެ ބޭއްވި ތިން އިންތިހާބު ވެސް ކާމިޔާބުވީ ވޯޓާ ދިމާކޮށް ފިކުރު އެއްގޮތް ކަމަށް ދައްކައިގެން ހެދި ކޯލިޝަނަށެވެ.

ކުރު މަގަކުން ރިޔާސީ އިންތިހާބު ކާމިޔާބުކުރަން އެމްއެންޕީން ޖަހާ ހިސާބާ މެދު ޝައްކު ކުރާނެ ޖާގަ ލިބެނީ ވެސް މާޒީގެ ތަޖުރިބާ އާއި ރިޔާސީ އިންތިހާބުތަކުގައި ކަން ހިނގާފައިވާ ގޮތުންނެވެ.

އެ އިންތިހާބުތަކުގައި ނަތީޖާ ބުރަވެފައި އޮތީ ރާއްޖޭގައި އޮތް ދެ ފިކުރު ނުވަތަ އެމްޑީޕީ އާއި ޕީޕީއެމްގެ މައްޗަށެވެ.

އެކަމަކު ނާޒިމް ގަބޫލުކުރައްވާ ގޮތުގައި އެ ނޫން ތިން ވަނަ ފިކުރަކަށް ނުކުމެ ސިޔާސީ މަސްރަހުގައި ކުރި ހޯދެން އެބަ އޮތެވެ.

އެއީ ރައްޔިތުންނަށްޓަކައި އުފައްދާ އެމްއެންޕީ ކަމަށް ވިދާޅުވެ ސަބަބުތައް ދައްކަވަން ފެއްޓެވީ ސުވާލުތަކުގައި "އަދަދު"ން ތަކުރާރުކުރި އިންތިހާބުތަކުގައި ކަން ހިނގާފައިވާ ގޮތުގެ ތަޖުރިބާތަކުންނެވެ.

ނާޒިމް ވިދާޅުވީ ދެ ފިކުރަށް ރައްޔިތުން ޖާގަ ދިން އިރު ވެސް ހުވަފެންތަކުގައި ކުލަ ޖައްސައެއް ނުދެވުނު ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޯލިޝަންގެ އަރައިރުންތަކުގައި ވައުދުތަކެއް ނުފުއްދެ އެވެ. ކޮންމެ ފަހަރަކު ވެސް މާޔޫސްކަމާއި ނިކަމެތިކަން ލިބެނީ ރައްޔިތުންނަށެވެ. މިއީ ވަރަށް ބޮޑަށް ވިސްނައި ފިކުރު ކުރަން ޖެހޭ ކަމެއް ކަމަށް ނާޒިމް ވިދާޅުވި އެވެ.

ހަމަ މަގަށް އެޅުވޭނީ އެއް ޕާޓީއަށް މެޖޯރިޓީ ދީގެން

އެމްއެންޕީން ނެރޭނެ ފަލްސަފާއަކީ އެއް ޕާޓީއަކަށް މެޖޯރިޓީ ދީގެން ނޫން ގޮތަކަށް ގައުމުގެ ކަންކަން އިސްލާހު ވާން ނެތް ކަމެވެ.

"އެހެންވީމަ 2023 ގެ އިންތިހާބު ވެގެންދާނީ އެއް ޕާޓީއަކަށް ރައްޔިތުން ތާއީދުކޮށްގެން ވެރިކަން ހޯދައިދޭނެ އިންތިހާބެއް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ," ނާޒިމް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މި ވެރިކަން ވެސް އުފެއްދީ ކުރީގެ ރައީސް އަބްދުالله ޔާމީނާ ދެކޮޅަށް އެކުލަވާލި ބިޔަ ކޯލިޝަނަކުންނެވެ. ވެރިކަން ދެބައިވި އިރު ކޯލިޝަން ދެމިއޮތަސް ނަތީޖާ ރަނގަޅު ނޫން ކަމަށް ނާޒިމް ވިދާޅުވި އެވެ.

ނާޒިމް: އޭނާ ވިދާޅުވާ ގޮތުގައި އެ ޕާޓީން އިންތިހާބަށް ނެރޭނީ ޓްރެކް ރެކޯޑު ސާފު ބޭފުޅެއް ކަމަށް. -- ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު


ބައެއް މިނިސްޓްރީތަކުގައި ތިއްބެވީ ގާބިލް ބޭފުޅުންތަކެއް ނޫނެވެ. ހިދުމަތް ފޯރުކޮށްދިނުމަށް އޭގެ އަސަރުކޮށް ރައްޔިތުން ނިކަމެތިވެގެންދާ ކަމަށް ވިދާޅުވި އެވެ. ސަރުކާރުގެ ހިންގުން ހަރުދަނާ ކުރަން ޖެހޭ ކަމަށާއި މިނިސްޓްރީތަކުގައި ތިއްބެވި ނާގާބިލް ބޭފުޅުން ވަކިކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ސަރުކާރަށް ބަލާއިރު ވެސް މެނިފެސްޓޯގެ 25 ޕަސެންޓް ވެސް ހާސިލް ކުރެވުނު ކަމަކަށް ގަބޫލެއް ނުކުރެވޭ ކަމަށާއި އެއީ ކުރީގެ ސަރުކާރުތަކުގައި ވެސް ކަން ހިނގައިދިޔަ މަގެވެ.

ނާޒިމް ވިދާޅުވި ގޮތުގައި ޕާޓީ އުފައްދައިގެން ވެސް ކުރައްވާނީ ރިޔާސީ އިންތިހާބާ ދެމެދު އޮތް ބާކީ މުއްދަތުގައި ވެސް ސަރުކާރު ކޯލިޝަނާ ނުގުޅި ޒިންމާދާރު ކުރުވުމުގެ މަސައްކަތެވެ.

"ރައްޔިތުންނަށް ދައްކާނީ ޓްރެކް ރެކޯޑު ސާފު ލީޑަރެއް"

އެމްއެންޕީ ވިއްކަނީ އަދި ފެންނާނެ އެންމެ ބޮޑު ބަދަލެއްގެ ގޮތުގައި ދައްކަނީ އެއްވެސް މީހަކު ވަށައި އެނބުރޭ ޕާޓީއަކަށް ނުވާނެ ކަމުގެ ވައުދެވެ.

މި ތަފާތު އެ ޕާޓީން ފެންނާނެ ކަމަށް ބުނާނެ ޖާގަ, ރާއްޖޭގައި މިހާރު ހަރަކާތްތެރިވާ ސިޔާސީ ޕާޓީތައް ހިންގާ ގޮތުން އެބަ ލިބެ އެވެ. ލިޔެވިފައި އޮންނަ އަސާސީ ގަވާއިދުތަކުގައި އިންތިހާބުތަކާއި ލީޑަރު ބަދަލުވާނެ ކަން ސާފުކޮށް ލިއެފައި އޮތަސް، ކުރިއަށް ނެރެފައި ހުރީ ޑިމޮކްރަސީއާ ބީރައްޓެހި ގޮތްތަކެވެ. ވަކި މީހަކު ވަށައި އެނބުރޭ ޕާޓީތަކެއްގެ ގޮތުގައި ސިޔާސީ ޕާޓީތައް ދެމިއޮތީ އެހެންވެ އެވެ.

އެމްއެންޕީން ދޭ ޔަގީންކަމަކީ ރާއްޖޭގައި ކަން ހިނގާ ގޮތާ ހިލާފަށް ދެމިއޮންނާނެ ޕާޓީއެއް ކަމެވެ.

އެކަމަކު އެމްއެންޕީގެ ކުރީ ސަފުގައި ތިއްބެވި ބޭފުޅުންގެ ސިޔާސީ ވިސްނުން ސާފު ހެއްޔެވެ؟

ބައެއް ބޭފުޅުން ޕީޕީއެމްގައި އުޅުއްވި އެވެ. އަނެއް ބަޔަކު މި ސަރުކާރުގެ ކޯލިޝަނާ އެކު ޖުމްހޫރީ ޕާޓީ ވިސްނުމަށް ތާއީދު ކުރެއްވި އެވެ. އެއްވެސް ފިކުރަކަށް ތާއީދު ނުކޮށް މަޖިލީހަށް އިންތިހާބުވެވަޑައިގަތް މެމްބަރަކު ވެސް އެބަ ހުންނެވި އެވެ.

މީގެ ތެރެއިން ރައްޔިތުންނަށް ގަބޫލު ކުރެއްވޭ ލީޑަރަކީ ކޮބައި ހެއްޔެވެ؟

ނާޒިމް ވިދާޅުވި ގޮތުގައި އެމްއެންޕީ އުފެއްދެވުމުގައި އިސްކޮށް ތިއްބެވީ ރައްޔިތުން ގަބޫލުކުރާ އިތުބާރު އޮތް ބޭފުޅުންނެވެ. އިސް ސަފުގައި ތިއްބެވީ ނާޒިމްގެ އިތުރުން ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް އާއި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލްމުހްސިން ހަމީދާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އެވެ.

ސިޔާސީ ކަންކަމުގައި އިސްކޮށް އުޅުއްވި އެ ބޭފުޅުންނަށް މަޖިލީހުގެ ގޮނޑި ކަށަވަރު ކުރެއްވުނީ މަސައްކަތްތަކަކާއި އިތުބާރުން ކަމަށް ވިދާޅުވި އެވެ.

"މިވަގުތު އިސްކޮށް އަޅުގަނޑު މިހިރީ. ރައްޔިތުންގެ ހިދުމަތަށް ބަލާއިރު އަޅުގަނޑަށް ހީވަނީ އަޅުގަނޑުގެ ހިދުމަތް މިހާތަނަށް ބަލައިގެންފި ކަމަށް," ނާޒިމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ހަތަރު ބޭފުޅުންގެ ޓްރެކް ރެކޯޑުގައި މިހާތަނަށް އެއްވެސް ގޯހެއް ފެނިފައެއް ނޯންނާނެ. އެކަމަކު މިހާރު ޓެސްޓް ކުރެއްވިފައި ތިބި ލީޑަރުންނަށް ބަލާއިރު އެ ބޭފުޅުންގެ ފަސްބައި އަޅުގަނޑުމެންނަށް ވުރެން ތަންކޮޅެއް ކިލަނބުކޮށް މިއުޅެނީ."

ނާޒިމް ވިދާޅުވި ގޮތުގައި އެހެން ލީޑަރުން އެއްފަރާތްކޮށް އެ ޕާޓީގެ ލީޑަރުން ޓެސްޓްކޮށްލަންވީ ވަގުތު އަތުވެއްޖެ އެވެ.

"އަޅުގަނޑުމެން ޕާޓީން ނެރޭނެ ކެންޑިޑޭޓު ވާނީ ރައްޔިތުންނަށް ވާ ވައުދުތައް ފުއްދައި، މުހުތާދުތަކާ އެއްގޮތަށް މަސައްކަތް ކުރާނެ ކެންޑިޑޭޓަކަށް," ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ ޕީޕީއެމްގައި އަދި ޖުމްހޫރީ ޕާޓީގައި ވެސް އޭނާ އުޅުއްވި އިރު ރައްޔިތުންނަށް ހިދުމަތް ކުރެއްވުމުގެ ފުރުސަތު އެންމެ އެދެވޭ ގޮތުގައި ލިބިވަޑައިނުގަތް ކަމަށެވެ. އިތުރު ފިކުރެއް ވުޖޫދު ކުރަން ޖެހުނު ބައިވަރު ސަބަބުތަކުގެ ތެރޭގައި އެންމެ ވަރުގަދައަށް އޭނާ ނަންގަވާ ކަމަކީ ވަށައި އެނބުރޭ ޕާޓީގެ ނިޒާމް ބަދަލުކޮށްލުމެވެ.

ތިން ވަނަ ފިކުރުގެ ގޮތުގައި އެ ޕާޓީ ބައްޓަންކުރާނީ އިސްލާމްދީނުގެ މަތީގައި ސާބިތުވެ ތިބެ ކޮންމެ ކަމެއްގައި މެދު މިނުގެ އުސޫލުތައް ގެންގުޅޭ, ހުޅުވާލައިގެން މަސައްކަތް ކުރާނެ ޓެކްނޮލޮޖީއާ ރައްޓެހި ޒުވާނުންނަށް ހަމަހަމަ ފުރުސަތު ދިނުމުގައި ކަމަށް ވިދާޅުވި އެވެ.

ކޮން ޕާޓީއެއްގައިތޯ ޒުވާން ލީޑަޝިޕަށް ފުރުސަތު އޮތީ. އެ ޕާޓީއެއްގައި 15-10 އަހަރުވެގެން ދިޔަ އިރު ވެސް ތިބީ އެއް ބައެއް. އަޅުގަނޑުމެން މި ގެންނަ ބަދަލަކީ މި ޕާޓީގެ ލީޑަޝިޕްގައި އެންމެ ގިނަވެގެން އެކަކަށް ހުންނެވޭނީ ދެ ދައުރު ކަމަށް. -- ނާޒިމް

އޭނާ ވިދާޅުވި ގޮތުގައި ލީޑަރު ހޮވުމުގައި އިންތިހާބު ދެފުށް ފެންނާނެ އެވެ. އެހެން ޕާޓީތަކުން މޮނިޓާކުރުމުގެ ފުރުސަތު ވެސް ދޭނެ އެވެ. އެއާއެކު ޕާޓީގައި މަގާމްތައް ތަބަކަކަށް ލާފައި ނުދޭނެ ކަމަށާއި ކޮންމެ މަގާމަކަށް ވެސް އާދެވޭނީ ވާދަކޮށްގެން ކަމަށް ވިދާޅުވި އެވެ.

އެމްއެންޕީ އުފައްދާ ފަސް ބޭފުޅުން ވެސް ގަބޫލުކުރައްވާ ގޮތުގައި ސިޔާސީ މަސްރަހު މިވަގުތު އޮތް ގޮތުން ބައެއްގެ ނިވަލުގައި ތިބެ ސިޔާސީ މަސައްކަތް ކުރުމަކީ ގައުމާއި ރައްޔިތުންނަށް ފައިދާ ކުރާނެ ކަމެއް ނޫނެވެ. އެހެންވެ ހިދުމަތް ކުރެވޭނެ އެންމެ ރަނގަޅު ޕްލެޓްފޯމެއްގެ ގޮތުގައި ފެނުނީ ޕާޓީއެއް އުފެއްދުމެވެ.

އެ ޕާޓީން މަސައްކަތް ކުރަމުން އަންނަނީ މި މަހުގެ ނިޔަލަށް 3،000 މެމްބަރުން ހަމަކޮށް، ސެޕްޓެމްބަރު ނިމޭއިރު ޕާޓީ އުފެއްދުމުގެ ޖަލްސާ ބޭއްވުމެވެ.

ނާޒިމް ވިދާޅުވި ގޮތުގައި އެ ޕާޓީއަށް ވަރަށް ގިނަ ރައްޔިތުންގެ އިތުބާރާއި ތާއީދު އަންނަނީ ލިބެމުންނެވެ. އަމާޒަކީ މި އަހަރު ނިމެންވާއިރަށް ޕާޓީގައި 10,000 މެމްބަރުން ހަމަކުރުމެވެ. އެ މަސައްކަތް ބާރަށް ކުރިއަށް ގެންގޮސް އަންނަ އަހަރު ނިމޭއިރު 20,000 މެމްބަރުން ޕާޓީގައި ތިބޭނެ ކަމަށް އޭނާ ލަފާކުރައްވަ އެވެ.

"ބޮޑު ޕާޓީއެއްގެ ގޮތުގައި ރިޔާސީ އިންތިހާބާ ކުރިމަތިލުމުގެ އުއްމީދުގައި މަސައްކަތްތައް ކުރިއަށް މި ގެންދަނީ," ނާޒިމް ވިދާޅުވި އެވެ.

"ވަކި ބޭފުޅަކަށް ފައްސަވާ ކޯޓެއް ނޫން"

އެމްއެންޕީ އުފައްދަން ޖެހުނު މަގްސަދު ޕްރެސް ކޮންފަރެންސެއްގައި އިއުލާންކުރެއްވި ފަހުން ވެސް އެ ޕާޓީއަކީ ވަކި ބޭފުޅަކަށް އަމާޒުކޮށް އުފައްދާ ޕާޓީއެއް ކަމަށް ކުރާ ތުހުމަތުތައް ބަދަލެއް ނުވެ އެވެ.

އެއް ބަޔަކު ދެކޭ ގޮތުގައި ވެރިކަން ކުރާ އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ހިޔާލުތަފާތުވުންތަކުގައި ރައީސް ސޯލިހަށް ފުރުސަތު ނުލިބިއްޖެ ނަމަ ކޯލިޝަނަކުން ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި އެމަނިކުފާނު ނުކުންނަވާނީ އެމްއެންޕީންނެވެ.

ނާޒިމް ތަކުރާރުކޮށް ވިދާޅުވީ އެ ޕާޓީއަކީ ވަކި ބޭފުޅަކު ވިދާޅުވެގެން ނުވަތަ ވަކި ބޭފުޅަކަށް އަމާޒުކޮށް ކުރައްވާ މަސައްކަތެއް ނޫނެވެ. މި ޕާޓީ އުފެދުނީ އޭނާ ކިޔައިދެއްވި ގޮތުގައި އެކުވެރި ހަތަރު މެމްބަރުންނާ އެކު ކުރެއްވުނު މަޝްވަރާތަކުން ރާއްޖޭގައި އިތުރު ސިޔާސީ ޕާޓީއެއް އުފައްދަން ޖެހިއްޖެ ކަމަށް ގަބޫލުކުރެއްވިގެންނެވެ.

"ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ މި ޕާޓީއަކާ ގުޅުމެއް ނެތް. މިއީ އަމިއްލަ ފަރުދީ ވިސްނުމެއްގައި އުފައްދާ ޕާޓީއެއް," ނާޒިމް ވިދާޅުވި އެވެ.

ރައީސް ސޯލިހްއާ ގުޅުވައި ދައްކަވާ ވާހަކަތަކަކީ ރައްޔިތުން ހިތްނުތަނަވަސްކުރުވަން ދައްކަވާ ވާހަކަތަކެއް ފިޔަވައި ބުރަދަނެއް ހުރި ވާހަކަތަކެއް ކަމުގެ ޔަގީންކަން ނާޒިމް ދެއްވި އެވެ.

ނާޒިމްގެ ހިއްސާ އޮންނަ އާރުސީސީއަށް ސަރުކާރުން މަޝްރޫއުތައް ފަހިވުމާއި ރައްޔިތުންގެ މަޖިލީހުގައި ސަރުކާރުން ހުށަހަޅާ ބިލްތަކަށް ތާއީދު ކުރައްވާ މެމްބަރުންގެ ގޮތުގައި ތިއްބެވުމަށް ފަހު ޕާޓީއަކާ ދިމާލަށް މިސްރާބު ޖެހުމަކީ ރައީސް ސޯލިހާ އެ ޕާޓީއާ ގުޅުވާ ސަބަބުތަކެވެ.

ނެޝަނަލް ޕާޓީގެ އޮފީސް ނާޒިމް ހުޅުއްވައިދެއްވާއިރު ރިޔާޒާއި އުޝާމް އަރިހުގައި. -- ފޮޓޯ/ އެމްއެންޕީ


އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި 60 އަހަރު ވެފައިވާ ކުންފުނިން މަޝްރޫއުތައް ނަގަނީ ބީލަން ކާމިޔާބުކޮށްގެންނެވެ. އެއްވެސް ފަހަރެއްގައި ސަރުކާރުން އެހީތެރިކަން ފޯރުކޮށްދީގެން ހޯދި މަޝްރޫއެއް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވި ގޮތުގައި މި ފަހުން ހުޅުމާލޭގެ ފޭސް 2 ގައި ސްކޫލެއް އެޅުމަކީ ރައްޔިތުންނަށްޓަކައި އާރުސީސީން ކޮށްދޭން ބޭނުންވި ކަމެކެވެ. އެ ސްކޫލަށް އެ ކުންފުނިން 243 މިލިއަން ހޭދަކުރާ ކަމަށް ވިދާޅުވި އެވެ.

މަޖިލީހުގައި ތިބެގެން ކޮންމެ ކަމަކަށް ފާޑުވިދާޅުވުމުގެ އުސޫލަކީ ނާޒިމް ވިދާޅުވި ގޮތުގައި އެންމެ ރަނގަޅު ސިޔާސަތެއް ނޫނެވެ. އެކަމަކު ގޯހުން ހިނގާ ކަންކަމުގައި ބަސް ވިދާޅުވާ ކަމުގެ މިސާލެއްގެ ގޮތުގައި ދެއްކެވީ ނަފްރަތުގެ ބިލާ ދެކޮޅަށް ނެރުނު ބަޔާނެވެ.

"އަޅުގަނޑުމެން މިހާތަނަށް މަސައްކަތް ކޮށްފައި އޮންނާނީ ވަރަށް ޒިންމާދާރު ކަމާ އެކުގައި, ކުރިއަށް އޮތް ތަނުގައި ވެސް ރައްޔިތުންނަށް ފައިދާ ހުރި ކަމެއް ހުށަހަޅައިފި ނަމަ އަޅުގަނޑުމެން އެ ކަމަކަށް ތާއީދުކުރާނަން އަދި ރައްޔިތުންނަށް އެކަމުން މަންފާއެއް ނުލިބޭ ކަމަކަށް ވާ ނަމަ އަޅުގަނޑުމެން އެކަމާ އިދިކޮޅަށް މަސައްކަތްކޮށް ސަރުކާރު ޒިންމާދާރު ކުރުވާނަން," ނާޒިމް ވިދާޅުވި އެވެ.