Advertisement

ހަނގުރާމަވެރި ލަޝްކަރެއްގެ ބިރުވެރި މަންޒަރު ރާއްޖެއިން؟

12 ޖުލައި 2021 - 12:00 6

ފަޒީނާ އަހުމަދު

ފަޒީނާ އަހުމަދު

ސީރިއާ އަށް ހަނގުރާމައަށް ދިޔަ ދިވެހިންތަކެއް ހަނގުރާމަވެރި ހަތިޔާރާ އެކު: ރާއްޖޭގައި ހައްދުފަހަނާއެޅި ފިކުރުގެ ހާލަތު އޮތީ ނުރައްކާ މިންވަރެއްގައި.


ހަނގުރާމަވެރި ލަޝްކަރެއްގެ ބިރުވެރި މަންޒަރު ރާއްޖެއިން؟

12 ޖުލައި 2021 - 12:00 6

އިސްލާމްދީނުގެ ނަމުގައި އަނިޔާވެރި އަމަލުތައް ހިންގާ އައިއެސްގެ ފިކުރަށް ތަބާވެ އެ ފިކުރުގެ ދިފާއުގައި، މީހުން މަރަން ފަސްނުޖެހޭ 1400 މީހުން ރާއްޖޭގައި އެބަތިއްބެވެ. ސަލާމަތީ ހިދުމަތްތަކުގެ މި ވާހަކައަށް އަހަރެއްހާ ދުވަސް ފަހުން ދެން އާއްމުކުރި ވާހަކަ މާ ބިރުވެރި އެވެ؛ ހަރުކަށި ފިކުރު މޫލައި ހައްދުފަހަނާއެޅުމުގެ ހަރާކާތްތައް ފުޅާވެފައި މިހާރު އޮތް ހާލަތުން ރާއްޖެ އަރައިނުގެންފި ނަމަ އަފްގާނިސްތާނަށް ބަދަލުވެދާނެ އެވެ!

މި ވާހަކަތަކުން ސިފަވަނީ، ހަރުކަށި ފިކުރުގައި، ރާއްޖޭގައި ހަނގުރާމަވެރި ލަޝްކަރެއް އުފެއްދޭނެހާ ގާބިލް މީހުން އެބަތިބި ކަމެވެ.

ރަސްމީ އިދާރާތަކުގެ މި ދެ އިންޒާރުގެ ދެމެދުގައި، ފިޔަވަޅެއް ނޭޅި އުޅެނިކޮށް ވަރުގަދަ ޓެރަރިސްޓު ހަމަލާއަކުން ސިއްސުވާލައިފި އެވެ. މި ގައުމުގައި އެންމެ ސެކިއުރިޓީ ވަރުގަދަ އެއް ބޭފުޅާ އަވަހާރަކޮށްލަން ބޮމެއް ގޮއްވާލީ އެވެ. ފިހާރަތަކުން އާއްމުކޮށް ގަންނަން ލިބެން ހުރި ތަކެތިން ބާރުގަދަ އައިއީޑީއެއް ހަދައިގެންނެވެ. އިންޓެލިޖެންސާއި ސަލާމާތީ ހުރިހާ ލޭޔަރުތަކެއް ފޫއަޅުވާލައި އެ ހަމަލާދިނީ ހަށިފާރަވެރިން އަރިހުގައި ތިއްބަވަނިކޮށެވެ. މާލޭގައި އެންމެ ކާރުބާރުބޮޑު މަޖީދީމަގުގަ އެވެ.

ބޮން ގޮއްވާލުމުގެ ކުރިން، އިންޒާރުތައް ވެސް ދިނެވެ. ނަޝީދު މަރާލަން ޖެހޭ ކަމެވެ. އޭގެކުރިން، ޑރ. އަފްރާޝީމް އަލީ އާއި ނޫސްވެރިޔާ އަހްމަދު ރިލްވާން އަދި ބްލޮގާ ޔާމީން ރަޝީދު އަނިޔާވެރިކޮށް މަރާލީ ވެސް ހަރުކަށި ފިކުރުގެ ބަޔަކު ދިން ގިނަ އިންޒާރުތަކަކަށް ފަހު އެވެ.

މި މަރުތައް ހިނގައިދިޔަ މަގުން، ނަޝީދަށް ވެސް އިންޒާރު ދީފައި ވަނީ އެންމެ ފަހަރަކު ދެ ފަހަރަކު ނޫނެވެ. އެތައް ފަހަރެއްގެ މަތިން ދީފައި އޮތް ކަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ (241) ކޮމިޓީން ހިންގި އިންކުއަރީއަށް، ޑިފެންސް އިންޓެލިޖެންސް ސާވިސް އިން އެއްކުރި މައުލޫމާތުތަކުގައި ފެންނަން އެބައޮތެވެ.

އެ ހަމަލާގައި ބޮން ގޮއްވުމުގައި އަމަލީ ގޮތުން އުޅުނު އަދި ބައިވެރިވި ކަމުގެ ތުހުމަތަށް މިހާތަނަށް ހައްޔަރުކޮށްފައި ވަނީ ހައްދުފަހަނާއެޅި ފިކުރުގެ މީހުން ކަމަށް ސަލާމަތީ ހިދުމަތްތަކުން ބުނެފައިވެ އެވެ. އޭގެތެރޭގައި ހިމެނޭ އެކަކު ވަރަށް ފަހަކާ ޖެހެންދެން އައީ ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމެންޓުގައި މަސައްކަތް ކުރަމުންނެވެ.

ނަޝީދުގެ އެކި ވާހަކަފުޅުތަކާއި ރައްޔިތުންގެ މަޖިލީހުގައި ކުރައްވާ އެކި މަސައްކަތްތަކާ ގުޅޭ ގޮތުން ވެސް އިންޒާރުދީފައި އެބަހުއްޓެވެ. އެމަނިކުފާނުގެ ހަރަކާތްތަކާއި ސެކިއުރިޓީ، ހައްދުފަހަނާއެޅި މީހުން ދިޔައީ މޮނިޓާ ވެސް ކުރަމުންނެވެ. ބޮން ގޮއްވުމުގެ ކުރިން ވެސް ހަމަލާ އަމާޒުކުރާނެ ގިނަ ފުރުސަތުތަކަށް ބަލައި ފާރަލައި ހަދާފައިވާ ކަން ރިޕޯޓުގައިވެ އެވެ.

"ފެބުރުއަރީ، 15، 2021 ވަނަ ދުވަހު.. [ރިޕޯޓުގައި ސިއްރުކޮށްފައި] ނަމުގައި ހުޅުވާފައިވާ ފޭސްބުކް އެކައުންޓުން ވަނީ މަރާލަން ބޭނުންވާ މީހުން ކަމަށް ބުނެ ލިިސްޓެއް އާއްމުކޮށް އިންޒާރުދީފަ އެވެ. މި ލިސްޓުގައި ރައީސް މުހައްމަދު ނަޝީދުގެ ނަން ހިމަނާފައިވެ އެވެ. މި ފަރާތްތައް މަރާލަން ބޭނުންވާ ސަބަބެއް ކަަމަށް ބުނެފައި ވަނީ މާތްﷲ އާއި ރަސޫލާއަށްޓަކަ އެވެ،" މަޖިލީހަށް ހުށަހެޅުނު މިއުޒިކާ ގުޅޭ ގަރާރާ ގުޅޭ ގޮތުން ދިން އިންޒާރެއް ކަމަށް ރިޕޯޓުގައިވެ އެވެ.

ނަޝީދަށް ހަމަލާދިނީ، އެމްއެންޑީއެފަށް މި ތްރެޓުތައް އެނގި ސަލާމަތީ ކަންކަން އެންމެ ވަރުގަދަކޮށްފައި އޮއްވަ އެވެ. އެހެންކަމުން، ދެން ސާފުވަނީ، ދައުލަތުގެ ތެރޭގައި، ހައްދުފަހަނާޅައިދިއުމުގެ ފިކުރު ކުރިއަރުވާ މީހުންގެ ބާރު ގަދަ މިންވަރެވެ.

ޒަކަރިއްޔާގެ ބިރުވެރި އިންޒާރާއި އިސްވެރިންގެ ވާހަކަތައް

ހައްދުފަހަނައެޅި ފިކުރު ރާއްޖޭގައި އޮތް މިންވަރާ ގުޅޭ ގޮތުން އިންކުއަރީި އަށް އެންސީޓީސީގެ އިސްވެރިޔާ ޒަކަރިއްޔާ ވިދާޅުވި ވާހަކަތަކުން ސިފަވަނީ ބިރުވެރި މަންޒަރެކެވެ. އެކަމަކު، ރިޕޯޓުގައި އާއްމުކޮށްފައިވާ މިންވަރުގެ އިތުރަށް ތަފްސީލުކޮށް ޒަކަރިއްޔާގެ ބަހެއް އަދި ނުލިބެ އެވެ.

ދިވެހިރާއްޖޭގައި ހަރުކަށިފިކުރު ނުވަތަ ރެޑިކަލައިޒޭޝަން މޫލައި ފެތުރިފައި އޮތް މިންވަރަކީ ދިވެހިރާއްޖޭގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ސަލާމަތީ ހިދުމަތްތަކުން އިއްތިފާގުވެ އެވެ. -- ރިޕޯޓް

ރިޕޯޓުގައި ޒަކަރިއްޔާ ވިދާޅުވީ ރާއްޖޭގައި ހަރުކަށިކަމާއި ހައްދުފަހަނާޅާފައިވާ މިންވަރަށް ބަލާއިރު ރާއްޖޭގައި ދައުލަތުގެ ތެރޭގައި "އަނދިރި" ނުވަތަ ހައްދުފަހަނާއެޅި ފިކުރުގެ ދައުލަތެއް އެބަ ހިނގަ އެވެ.

"... އަޅުގަނޑުމެން މި ހާލަތުން އަރައިނުގެންފިއްޔާ އަޅުގަނޑުމެންގެ މި ގައުމު އަފްގާނިސްތާނު އޮތް ހާލަތަށް ދާނެ ކަން. ހަރާމް އިގްތިސާދު އޮތް ކުފުރު ދައުލަތެއްގައި ކަން. ދީނީ ގޮތުން ވެސް އަދި ކޮންމެ ގޮތަކުން ވެސް ނަމަވެސް އެ މީހުންގެ ވިސްނުމާއި ފިކުރު ރެޑިކަލައިޒްވެ މަޑުމަޑުން އެއަށްވުރެ މައްޗަށް ވަޔަލެންޓް އެކްސްޓްރީމިޒަމަށް ބަދަލުވެ އަދި އޭގެ މައްޗަށް ޓެރަރިޒަމާ ހިސާބަށް މި ދަނީ އަޅުގަނޑުމެންގެ ދިރާސާތަކުން ފެންނަ ގޮތުގައި ވެއްޖިއްޔާ،" ޒަކަރިއްޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި ރައްޔިތުން ހައްދުފަހަނައެޅި ވިސްނުމަށް ލެންބުމަށް މަސައްކަތްތަކެއް ފުޅާދާއިރާއެއްގައި އެބަދެ އެވެ.

ހަރުކަށި ފިކުރާ ދެކޮޅަށް 2019 ގައި މަސައްކަތްތަކެއް ފަށައި، އެންސީޓީ އާއި ފުލުހުން ބުނެފައިވާ ގޮތުގައި، ވިސްނުމަކީ އެ ފިކުރު އެންމެ ގަދައަށް ފެތުރިފައި އޮތް ތަންތަނުގައި އެކަމާ ދެކޮޅަށް އޮޕަރޭޝަންތައް ހިންގުމެވެ. އަދި މީހުން ރީހެބިލިޓޭޓްކުރުމެވެ.

ފުލުހުން 2019 ގައި ބުނީ ސީރިއާގެ ހަނގުރާމަ ކުރަން ޝައުގުވެރިވެ އެ މަގަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން 423 މީހުން މަސައްކަތް ކުރި ކަމަށާއި އޭގެތެރެއިން ސީރިއާ އަށް އެތެރެވެވުނު ކަމަށް އެނގެން އޮތީ 173 ދިވެހިން ކަމަށެވެ. އެ ވަގުތާ ހަމައަށް ސީރިއާގައި ތިބީ 59 ދިވެހިންނެވެ. އޭގެތެރޭގައި ގިނައީ ހަނގުރާމައަށް ދިޔަ މައިންބަފައިން މަރުވެ ޔަތީމުވި ކުޑަކުދިން ކަަމަށް ވެސް ފުލުހުން ބުންޏެވެ.

މި ތަފާސްހިސާބު އާއްމުކުރުމަށް ފަހު ފުލުހުންނާއި ސިފައިން ބައެއް ރަށްތަކުގައި އޮޕަރޭޝަންތަކެއް ހިންގައި ބެލިއިރު ހާލަތު ވަރަށް އަނިޔާވެރި އެވެ. ހަރުކަށި ފިކުރުގައި ޖާނުންފިދާވެގެން ހަމަލާދޭން ދިވެހި އެޖެންޓުންތަކެއް ތިބީ ރެކްރޫޓްކޮށްފަ އެވެ. އެ މީހުން ދައުލަތް ގަބޫލެއް ނުކުރެ އެވެ. އިމާމުންގެ ފަހަތުގައި ނަމާދުކުރަން ދެކޮޅެވެ. ބައެއް މީހުންގެ ލޭ ހުއްދަ ކަމަށް ކަނޑައަޅަ އެވެ. ކައިވެނީގެ ނަމުގައި ކުދިން ރޭޕްކުރެ އެވެ. ދަރިން ކިޔެވުމުން މަހްރޫމްކުރުމާއި ވެކްސިން ނުދީ ބަންދުކޮށްގެން ގެންގުޅެ އެވެ.

އެކި ރަށްތަކުގައި އަދިވެސް އޮތީ މިހާލަތެވެ.

އިންކުއަރީ ވާހަކަ ދެއްކެވި ފުލުހުންނާއި ސިފައިންގެ އެންމެ އިސްވެރިން ރާއްޖޭގައި ހަރުކަށިފިކުރު މޫލައި ފެތުރިފައި އޮތް މިންވަރުން ދިވެހިރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާ އެބައޮތް ކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ ހެއްދެވި ދިރާސާތަކާއި ފެންނަން ހުރި ކަންކަމަށް ބައްލަވަ އެވެ.

އެންސީޓީސީގެ ދައުރު އަދާނުކުރުމާއި ގާނޫނީ ފުށުއެރުން

މި ހާލަތު އޮތް އިރު ވެސް އެކަށީގެންވާ ފިޔަވަޅު އެޅުން ލަހެވެ. ޓެރަރިޒަމާ ދެކޮޅު އޮޕަރޭޝަންތައް ދޭތެރެއަކުން ހިންގައި ބަޔަކު ހައްޔަރުކޮށް، ދެތިން ފަހަރަށް މުއްދަތު ޖެހި ނަމަވެސް ފަހުން ނިޒާމުގެ ތެރެއިން ދޫވަނީ އެވެ.

ރާއްޖޭގައި ހައްދުފަހަނާޅައިދިއުމުގެ ފިކުރު އޮތް މިންވަރާއި އެންމެ ބޮޑަށް މޫލާފައިވާ ރަށްތައް ވެސް ނެޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރަށް އެނގެ އެވެ. އެތަނާ ހަވާލުކޮށްފައި އޮތީ، ހަރުކަށި ފިކުރު ފެތުރުން ހުއްޓުވަން ދައުލަތުގެ މުއައްސަސާތަކާއި އިޖުތިމާއީ ޖަމާއަތްތަކާއި ގުޅިގެން އެކަމުން ހުއްޓުވުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުމުގައި ނޭޝަނަލް ކޯޑިނޭޝަން ސެންޓަރެއްގެ ގޮތުގައި މަސައްކަތް ކުރުމެވެ. އަދި މީހުން ހޭލުންތެރި ކުރުމެވެ.

އެކަމަކު 241 ކޮމިޓީގެ ރިޕޯޓުގައިވާ ގޮތުގައި، އެ ސެންޓަރުގެ ގާނޫނީ ޒިންމާއާ ގުޅޭ ގިނަ މަސައްކަތްތަކެއް ކުރަމުން ނުދެ އެވެ. ދައުލަތުގެ އިދާރާތަކަށް ލިބޭ ޓެރަރިޒަމްގެ މައުލޫމާތުތައް އެއްކޮށް، ދިރާސާކުރަން އިންޓަ އެޖެންސީ ކައުންޓަ ޓެރަރިޒަމް އިންޓެލިޖެންސް ސެންޓަރެއް މިހާތަނަށް ގާއިމެއް ނުކުރެ އެވެ. އެކި ވިސްނުންތަކުގައި ހައްދުފަހަނާޅާއިފައިވާ މީހުން ރާއްޖޭގެ ސުލްހަ މަސަލަސްކަމާއި އަމާންކަމަށް ނުރައްކާ ކުރަން ހިންގާ ކަންތައްތަކާ ބެހޭ މައުލޫމާތު އެއްކޮށް ހިއްސާކުރަން ޖެހޭ ފަރާތްތަކާ ހިއްސާ ވެސް ނުކުރެ އެވެ. ޖަލުގައި ހަރުކަށި ފިކުރު ފުޅާވެފައި އޮތްއިރު، އެތަނުގެ ތެރޭގައި އެކަން ހުއްޓުވަން ކުރަން ޖެހޭ ކަންކަން ވެސް އެކަށީގެންވާ ގޮތެއްގައި ކުރިއަކަށް ނުގެންދެ އެވެ.

ފުލުހުންނާއި ސިފައިންނާއި އެމްއެމްއޭގެ އިތުރުން އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް ވެސް ޓެރަރިޒަމް ހުއްޓުވުމުގެ ގާނޫނީ ޒިންމާތަކެއް ހަވާލުކޮށްފައިވެ އެވެ.

އެންސީޓީސީއަކީ ޓެރަރިޒަމްގެ މައްސަލަތަކުގައި ފިޔަވަޅު އެޅުމުގެ އެންމެ އިސް ފަރާތެވެ. އެކަމަކު ޓެރަރިޒަމާ ގުޅުން ހުރި އިންޓެލިޖެންސް މައުލޫމާތު ރައްކާތެރިކަމާ އެކު ބަދަލުކުރުމަށް އޮނިގަނޑެއް ހަދަން ޖެހެނީ ހޯމް މިނިސްޓްރީންނެވެ. މައުލޫމާތު ހިއްސާކުރަން ޖެހޭ އިންޓެލިޖެންސް އިދާރާއަކީ ފުލުހުންނެވެ.

ރިޕޯޓުގައި ބުނީ މި ހުރިހާ މުއައްސަސާތަކާ ހަވާލުކޮށްފައިވާ ޒިންމާތަކުގައި ގާނޫނީ ފުށުއެރުންތަކެއް އެބަހުރި ކަމަށެވެ.

"ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވުމަށް ފިޔަވަޅު އެޅުމުގެ އެންމެ އިސް ފަރާތެއްގެ ގޮތުގައި ނެޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރު އޮވެފައި ޓެރަރިޒަމާ ގުޅޭ އިންޓެލިޖެންސް އެންމެ ފުރަތަމަ ހިއްސާކުރާ އިދާރާއަކީ ދިވެހި ފުލުހުންގެ ހިދުމަތް ކަމަށް އޮތުމުން، ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވުމުގެ މަސައްކަތް އިސްނަގައިގެން ކުރުމުގެ މެންޑޭޓް އޮތީ ކޮން އިދާރާއެއްކަމާ މެދު ގާނޫނީ ގޮތުން ސުވާލު އުފެދެ އެވެ،" ރިޕޯޓުގައިވެ އެވެ.

"މި އޮނިގަނޑުގެ ތެރޭގައި ސިފައިންގެ ދައުރާ ގުޅޭ ސިޔާސަތުތައް އެކުލަވާލާފައި ނުވާ ކަން މި އިންކުއަރީއަށް ފާހަގަކުރެވިފައިވެ އެވެ."

ހައްދުފަހަނާޅައިދިއުމާ ދެކޮޅަށް ނުކުންނަން ޖެހިފައި

ރާއްޖޭގައި ހާލަތު އޮތް މިންވަރަށް ބަލައި، އިސްލާހުކުރަން ލަފާތަކެއް ވެސް ކޮމިޓީން ދީފައި އެބައޮތެވެ.

- ޓެރަރިޒަމާ ގުޅުން ހުރި އިންޓެލިޖެންސާއި އެއްކުރާ މައުލޫމާތު ރައްކާތެރިކަމާ އެކު ބަދަލުކުރުމަށް އިތުބާރު ހިފޭ ނިޒާމެއް ގާއިމްވެފައި އޮތުމަށް ވީހާވެސް އަވަހަށް ގާނޫނީ އޮނިގަނޑެއް ގާއިމްކޮށް އަމަލުކުރަން ފެށުން.

- ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަންކަމާ ގުޅޭ އިންޓެލިޖެންސް މައުލޫމާތު އެމްއެންޑީއެފާއި ފުލުހުން އަދި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ބަޔާންކުރާ އިދާރާތަކުގެ ތެރޭގައި ހިއްސާކުރާނެ "ހާމޮނައިޒްޑް ޑާޓާ ސިސްޓަމެއް" އަވަހަށް އެކުލަވާލުން.

- އިދާރާތަކުގެ ފުށުއަރުން ނައްތާލުމަށް ދައުރު ސާފުކޮށް ކަނޑައަޅައި އިންޓެލިޖެންސާ ބެހޭ ގާނޫނެއް އެކުލަވާލުން.

- ޓެރަރިޒަމް ހުއްޓުވުމުގެ ޒިންމާ މަތިކޮށްފައިވާ އިދާރާތަކުގެ އޯޑިޓެއް ހެދުން.

- ހަރުކަށި ފިކުރު ނައްތާލަން މުޅި ސަރުކާރާއި މުޅި މުޖުތަމައު ބައިވެރިކޮށްގެން ސިޔާސަތު ތަންފީޒުކުރުން އަވަސްކުރުން.

- ހަނގުރާމަވެރި ހަތިޔާރު ނުވަަތަ ގޮވާތަކެތި ބޭނުންކޮށްގެން ޓެރަރިޒަމްގެ އަމަލެއް ހިންގައިފި ހާލަތެއްގައި މުޖުތަމައުގެ ރައްކާތެރިކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް ސަލާމަތީ ހިދުމަތްތަކުން އެޅުމުގައި އަމަލުކުރާނެ ގޮތާއި ޑިފެންސް މިނިސްޓްރީ އާއި ފުލުހުންގެ ދައުރު ސާފުކޮށް ތަންފީޒުކުރުން.

- ޓެރަރިޒަމްގެ އަމަލު ހިންގާ މީހުންނާއި ހަރުކަށި ފިކުރު ފެތުރުމަށޤ މަސައްކަތް ކުރާ މީހުންނާއި އެ ކަންތައްތަކަށް ހަރަދުކުރާ މީހުންނާއި އެފަދަ އަމަލުތަކުގައި ބައިވެރިވާ މީހުންގެ ޑާޓާ ބޭސްއެއް ގާއިމްކުރުން.

- ޓެރަރިޒަމްގެ އަމަލުތައް ހިންގާ ފަރާތްތައް ރީހެބިލިޓޭޓްކުރުން.

- އެންސީޓީސީގެ އިހްތިސާސްތައް މުރާޖައާކޮށް މުއައްސަސާގެ ބެލެނިވެރިކަން ބަދަލުކުރުން.

ނަޝީދަށް އަމާޒުކުރި ހަމަލާގެ އިންކުއަރީގެ ރިޕޯޓުން ވެސް ހާމަވީ ހަރުކަށި ވިސްނުމުގެ ހިޔަނި ރާއްޖެ ވަށާލާފައި އޮތް ބިރުވެރި މަންޒަރެކެވެ. ގައުމީ ސަލާމަތާއި ރައްޔިތުންނަށް އޮތް ނުރައްކަލެވެ.

"އެވަރުގެ ތްރެޓް ލެވެލް އޮތް ކަމަށް މައުލޫމާތު ލިބިވަޑައިގެން އޭގެ ފަހުގައި [ނަޝީދަށް ދިން] މި ހަމަލާ ހިނގި ހިނގުން އެއީ އަޅުގަނޑު ތެރޭގައި އަޅުގަނޑުމެންގެ ތެރޭގައި ޖުމްލަ ގޮތެއްގައި ކޮންމެހެންނެއް ދައުލަތުގެ އިސްވެރިއެއް ނޫން، އެހެން ނަމަވެސް ޖުމްލަ ގޮތެއްގައި މުޅި ރައްޔިތުންނަށް ވެސް ޓެރަރިޒަމާއި މިފަދަ ނިރުބަވެރި އަދި ނުރައްކާތެރި ހަރަކާތްތަކުގެ ފަރާތުން، ނުވަތަ އޭގެ ސަބަބުން ރައްޔިތުންނަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ،" ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވި އެވެ.

ޒަކަރިއްޔާ ވެސް ވިދާޅުވަނީ ހަމައެހެންނެވެ؛ ފިޔަވަޅުތަކެއް ނާޅައިފި ނަމަ ރާއްޖެ އަތެއް އަތުނުވާނެ އެވެ. ފެންނާނީ، އަފްގާނިސްތާނަށް ބަދަލުވާ ތަނެވެ.