Advertisement

މެޖިސްޓްރޭޓް ކޯޓުތައް އަދިވެސް އޮތީ ރިޔަލު ދޯނީގައި!

13 ޖޫން 2021 - 09:22 0

ނާޒިމް ހަސަން

ނާޒިމް ހަސަން


މެޖިސްޓްރޭޓް ކޯޓުތައް އަދިވެސް އޮތީ ރިޔަލު ދޯނީގައި!

13 ޖޫން 2021 - 09:22 0

ރާއްޖޭގެ މެޖިސްޓްރޭޓް ކޯޓުތައް އޮތް ހާލަތު ސިފަކޮށްދެއްވުމަށް ރ. ޖުޑީޝަލް ދައިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ސޯދިގު ދެއްކެވީ މި މިސާލެވެ؛

"އެހެން އިދާރާތައް ދެ އިންޖީނު އަޅާ ދުއްވާލިއިރު މެޖިސްޓްރޭޓް ކޯޓުތައް އަދިވެސް މިއޮތީ ރިޔަލު ބޯޓެއްގައި ދުއްވަން،"

ހއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ހުރިހާ މެޖިސްޓްރޭޓް ކޯޓުތަކެއް ތަމްސީލުވާނެހެން އިއްޔެ ފަނޑިޔާރުންގެ ޖަމިއްޔާގެ އަހަރީ އާންމު ޖަލްސާގައި ފުރުސަތު ދިނީ މެޖިސްޓްރޭޓުންގެ ކަންބޮޑުވުންތައް ހިއްސާކޮށް، އެކަމަށް ހޯދޭނެ ހައްލުތަކާމެދު ހިޔާލު ހޯދުމަށެވެ.

މީޑިއާއަށް ވެސް ހުޅުވާލައިގެން އޮންލައިންކޮށް ކުރިއަށް ގެންދިޔަ އެ ބައްދަލުވުން އިވިގެން ދިޔައީ މުޅިން ވެސް ޝަކުވާ އެވެ. މުޅިން ވެސް އޮތީ ދައްޗެވެ.

ރައްޔިތުން އަދުލުއިންސާފު ހޯދުމަށް ޓަކި ދޭން ހުރި ދޮރުތައް ވަނީ ބާވެ، ބޮލަށް ވެއްޓޭ ހިސާބުގަ އެވެ. ޒަމާނީ، މޮޅެތި ގާނޫނުތައް ވުޖޫދަށް ގެންނައިރު އެ ގާނޫނުތަކާ އެއްވަރަށް ކޯޓުތައް ކުރި ނާރަ އެވެ. އެ ގާނޫނުތަކަށް ފަނޑިޔާރުން އަހުލުވެރިކުރުމެއް ނެތެވެ.

ކޮވިޑުގެ ބަލިމަޑުކަމާއެކު، ހުރިހާ ކަމެއް އޮންލައިންކޮށް ކުރަން ޖެހިފައިވާ މި ޒަމާނުގައި އެފަދަ ވެސް ގިނަ މެޖިސްޓްރޭޓް ކޯޓުތަކުގައި ނެތެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ވެސް، އޮންލައިންކޮށް ގުޅާލައިގެން ޝަރީއަތްތައް ކުރިއަށް ގެންދަން ބާރުއަޅާއިރު ގިނަ ކޯޓުތަކުގައި އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސް ކުރާނެ ފަދައެއް ނެތެވެ. މަންޒަރާއި އަޑެއް ސާފެއް ނުވެ އެވެ. އިންޓަނެޓް ސްޕީޑެއް ނެތެވެ. އެ ބަޖެޓެއް ވެސް ނެތެވެ.

"ހާލަތު އޮތީ ލަދުވެތި، މަލާމާތް ކުރާ ދަރަޖަގައި"

ފ. އަތޮޅުން ފެށިގެން ލ. އަތޮޅުގެ ކޯޓުތައް ތަމްސީލް ކުރައްވަމުން ތ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ހަސަން ޒަހީން ވިދާޅުވި ގޮތުގައި، ކޯޓުތަކުގެ ހާލަތު އޮތީ އެތަނަށް ގެންނަ މީހުން ވެސް މަލާމަތްކުރާ ދަރަޖައިގައި ކަމަށެވެ.

އޭނާ އެ ވިދާޅުވި އެއްޗެއް ފަހުމުކޮށްދިނުމަށް ދެއްކެވީ ކޯޓެއްގެ ތަސްވީރުތަކެވެ. އޭގެން ފެންނަ ގޮތުގައި، ކޯޓުގެ ފާރުން ކުލަ ކެހި، ބޮޑެތި ރެނދުތައް ވަނީ ލާފަ އެވެ. ކަރަންޓު ވާތަކާއި ފޮށިތަކާ އެއްޗެހި ބަހައްޓާފައި ހުރީ އެއްވެސް ތަރުތީބެއް ނެތި އެވެ. މުޅި ތަނުގައި ހުސް ފައިލެވެ. އިހުގެ މޭޒަކާއި ދެ ތިން ގޮނޑި އެވެ.

ފެންނަ ފެނުމަށް އެ ތަން ވައްތަރީ ކުޑަ ގުދަނަކާ އެވެ.

"ކިހިނެއްތޯ މި ތަންތަނުގައި އަޅުގަނޑުމެން މި މަސައްކަތް ކުރާނީ؟ ހުއްޓާލަންވީ!،" މެޖިސްޓްރޭޓް ޒަހީން، މާޔޫސްކަމާއެކު ވިދާޅުވި އެވެ.

މެޖިސްޓްރޭޓް ކޯޓެއްގެ އެތެރެ: ވަސީލަތްތަކެއް ނެތް


އޭނާ ބަލަހައްޓަވާ، ތ. ޖުޑީޝަލް ދާއިރާގެ ފަސް ރަށެއްގެ ކޯޓުގައި އެންމެ ކުޑަމިނުން ފާހަނާއެއް ވެސް ނެތެވެ. އެވަރުގެ އަސާސީ ކަމެއް ނެތްއިރު، ދެން ހުރި ކަންކަން ހުންނާނެ ހާލަތު ސިފަކޮށްލުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

މާލޭން ބޭރު އެންމެ ބޮޑު އާބާދީއެއް އޮތް އައްޑޫ ސިޓީ އާއި ފުވުއްމުލައް ސިޓީގެ އިތުރުން ގއ. އަދި ގދ. އަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތައް ތަމްސީލު ކުރައްވައި، ޕްރެޒެންޓޭޝަން ދެއްވުމަށް ގއ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އިބްރާހިމް އިހުސާން މަސައްކަތް ކުރެއްވި އެވެ؛

ކުއްލިއަކަށް އަޑު ކެނޑި، މަންޒަރު ވެސް ގެއްލުނީ އެވެ.

"ތި ފެނިވަޑައިގަންނަވަނީ މެޖިސްޓްރޭޓް ކޯޓުތަކުގެ އިންޓަނެޓްގެ ހާލަތު އޮތް ގޮތް، ގަވާއިދުގައި ވަކި މިންވަރަކަށް އިންޓަނެޓްގެ ސްޕީޑް ލިބެންވާނެ ކަމަށް އޮތް ނަމަވެސް، އެއާ ގާތަށް ވެސް އިންޓަނެޓްގެ ސްޕީޑެއް ނުލިބޭ،" ބައްދަލުވުން މޮޑަރޭޓް ކުރައްވަމުން ގެންދެވި މެޖިސްޓްރޭޓް ސޯދިގު ވިދާޅުވި އެވެ.

އަލުން ބައްދަލުވުމަށް ވަދެވަޑައިގެން، މެޖިސްޓްރޭޓް އިހުސާން ވެސް ވިދާޅުވީ ހަމަ އެހެންނެވެ؛ "އިންޓަނެޓް ސްޕީޑް ދަށްކަމުން މިހެން މިވަނީ،"

މެޖިސްޓްރޭޓް އިހުސާން، ފާހަގަ ކުރެއްވި ގޮތުގައި އެ ޒޯނުގެ ގިނަ މެޖިސްޓްރޭޓް ކޯޓުތަކެއް މިހާރު ވެސް ހިންގަމުން ދަނީ ވަގުތީ އިމާރާތްތައް ކުއްޔަށް ނަގައިގެންނެވެ. އެ ތަންތަނުގައި އެކަށީގެންވާ ވަސީލަތްތައް ނެތްއިރު މުވައްޒަފުންނެއް ވެސް ނެތެވެ.

"ގއ. އަދި ފުވައްމުލަކުގައި ޗީފް އެޑްމިނިސްޓްރޭޓަރެއް ނެތް. އެކަމަށް މި ހުންނަނީ ލީގަލް އޮފިސަރެއް ނުވަތަ ކޮމްޕިއުޓާ ޓެކްނީޝަނެއް،"

އެންމެ ކުޑަ މިނުން ކޯޓުތަގައި މޮބައިލް ފޯނު ނަންބަރެއް ވެސް ނެތެވެ.

"އާންމުންގެ ގިނަ މީހުން އީމެއިލެއް ނުގެންގުޅޭ، އެހެންވެ، ޗިޓް ފަދަ ތަކެތި ފޮނުވަން މި ޖެހެނީ އެހެން ސޯޝަލް މީޑިއާ ވަސީލަތްތައް ބޭނުންކޮށްގެން. ކޯޓަށް ފޯނެއް ނެތުމުން މުވައްޒަފުންގެ އަމިއްލަ ފޯނު ފޮނުވަން ޖެހޭ ހިސާބުގައި މިއޮތީ،" މެޖިސްޓްރޭޓް އިހުސާން ވިދާޅުވި އެވެ.

އޭނާ ދެން ފާހަގަ ކުރެއްވި ގޮތުގައި، ކޯޓުތަކުން އަމަލު ކުރާ އެއް އުސޫލެއް ވެސް ނެތެވެ. މަދަނީ އަދި އާއިލީ މައްސަލަތަކުގައި އެކި ކޯޓުތަކުން ގެންގުޅެނީ އެކި ފޯމެޓްގެ ފޯމްތައް ކަމާއި އެކަން ހަމައަކަށް އެޅުވުމަށް އެއްވެސް ކަމެއް ނުކުރާ ކަމަށެވެ.

"މިއީ ލަދުގަންނަން ޖެހޭ ވަރުގެ ކަންކަން،"

މެޖިސްޓްރޭޓް ކޯޓެއްގެ ފާރެއް: ކުލަ ކެހި ރެނދުލާފައި


ރ. އިނގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް މުހައްމަދު ރަޝާދު ވިދާޅުވި ގޮތުގައި، ޝަރުއީ ދާއިރާއަކީ އެންމެ ޒަމާންވީ އިދާރާ ނަމަވެސް، އެހެން އިދާރާތައް މާބޮޑަށް ކުރިއަރައިގެން ގޮސްފި އެވެ. މެޖިސްޓްރޭޓް ކޯޓުތައް އަދިވެސް ތިބެން ޖެހިފައިވަނީ ދުވަސްވީ ނިޒާމްގެ ތެރޭ ގޮންޖެހުންތަކާއެކު ކަމަށެވެ.

"މިއީތޯ އަޅުގަނޑުމެން ތިބެން ޖެހޭ ހާލަތަކީ؟ އެހެން އިދާރާތައް ކުރި އަރައިގެން ދިޔުމުން ހިތަށް އަސަރު ކުރޭ،" މެޖިސްޓްރޭޓް ރަޝާދު ވިދާޅުވި އެވެ.

އދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އިބްރާހިމް މައުމޫރު ވިދާޅުވި ގޮތުގައި، ކޯޓުތައް ހިންގަމުން ދަނީ 12 ފޫޓު، 12 ފޫޓު ގޯޅިއެއްގެ ތެރޭގައި، ބާ އަލަމާރީއެއް ބަހައްޓައިގެން ކަމަށެވެ.

"ކައިވެނި ކުރާ ތަނަށް އެންމެ ފަސް މީހުން ވެއްދިޔަސް، އެއް ބައި މީހުން ތިބެން ޖެހޭނީ ކޮޅަށް، މުވައްޒަފަކު ވަންނާނެ ޖާގައެއް ވެސް ނޯވޭ،" ތަނުގެ ޖާގައިގެ ދަތިކަން ސިފަކޮށް ދެއްވުމުގެ ގޮތުން މެޖިސްޓްރޭޓް މައުމޫރު ވިދާޅުވި އެވެ.

ކޯޓުތަކުގެ ހާލަތު އިތުރަށް ބަޔާންކޮށް ދެއްވަމުން މައުމޫރު ވިދާޅުވި ގޮތުގައި އެތަނުގައި ހުރީ ވަރަށް ޒަމާންވީ ކޮމްޕިއުޓަރުތަކެއް ކަމަށާއި އެ ހަލާކު ވެއްޖެނަމަ ހަދަން ވެސް އެހާ ގިނަ ދުވަސް ހޭދަވާ ކަމަށެވެ.

އޭނާ ވެސް ދެން ފާހަގަ ކުރެއްވީ މުވައްޒަފުންގެ ދަތިކަމެވެ. މެޖިސްޓްރޭޓް މައުމޫރު ވިދާޅުވި ގޮތުގައި، ޖިނާއީ އިޖުރާއަތުގެ ގާނޫނު ފަދަ އިޖުރާއަތްތައް ބޮޑު ގާނޫނަކަށް ކޯޓުތަކުން އަމަލު ކުރަމުންދާއިރު، ގިނަ ކޯޓުތަކުގައި ލީގަލް އޮފިސަރެއް ވެސް ނެތެވެ. ގިނަ ކޯޓުތަކުގައި ތިބެނީ އިދާރީ ތިން ވަރަކަށް މުވައްޒަފުންނެވެ. މުވައްޒަފަކު ޗުއްޓީ ނެގިޔަސް، މަސައްކަތްތައް ވަރަށް ބޮޑަށް ބުރުއަރަ އެވެ.

މިހާ ބޮޑެތި ގޮންޖެހުންތަކާއި ދަތިތަކާއެކު ރައްޔިތުންނަށް އެންމެ ގާތުން އަދުލުއިންސާފު ގާއިމްކޮށް ދޭން މެޖިސްޓްރޭޓް ކޯޓުތަކުން އުފުލާނެ ބުރަ އިހުސާސްކޮށްލެވޭނެ އެވެ.

އަމިއްލަ ލޮލުން ބަލައި ހައްލު ހޯދާނެ ކަމުގެ ޔަގީންކަން

މެޖިސްޓްރޭޓުން ޝަކުވާތައް ބަންޑުންކޮށްލައްވާފައިވަނިކޮށް، ކޯޓުތަކާ ހަވާލުވެ ހުންނެވި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓާ އައިޝަތު ރިޒްނާ ވަނީ އުއްމީދުތަކެއް މެޖިސްޓްރޭޓަރުންނަށް ދެއްވައިފަ އެވެ.

"ދަތިތަކަށް ހައްލު ލިބިގެންދާނެ، ޝަކުވާތައް އަޑުއިވިއްޖެ،" ރިޒްނާ ވިދާޅުވި އެވެ.

ރިޒްނާ: އޭނާ ވަނީ ދަތިތަކަށް ހައްލު ހޯދަވައިދެއްވާނެ ކަމަށް ވިދާޅުވެފަ


ރިޒްނާ ވަނީ ކޯޓުތަކުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން ކުރަން ނިންމާފައިވާ ބައެއް ކަންކަން ވެސް ހިއްސާ ކުރައްވާފަ އެވެ. އެގޮތުން، ކޯޓުތަކުގެ އައިޓީ ފްރޭމް ވޯކެއްގެ ތެރެއިން ސާވާ ބެކަޕެއް ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި، ކޭސް މެނޭޖްމެންޓް ސިސްޓަމަކާއި ކޯޓުތަކުގެ ނިންމުންތައް ފަސޭހައިން ލިބޭނެ ގޮތް ހެދުމަށް ކޭސް ރިޕޯޓާ އެޕެއް ތައާރަފްކުރުމުގެ މަސައްކަތް ރިޒްނާ ފާހަގަ ކުރެއްވި އެވެ.

ރިޒްނާ ދެން ވިދާޅުވީ، ކޯޓުތަކުގެ ހާލަތު ފޮޓޯތަކުން ފެނިއްޖެ ކަމާއި ނަމަވެސް، ކޯޓުތަކަށް ޒިޔާރަތްކޮށް ހާލަތު އަމިއްލައަށް ބައްލަވާނެ ކަމަށެވެ. އަދި، އެއަށް ފަހު ކަންކަން ހައްލު ކުރުމަށް ކުރެވޭނެ ކަންކަމާމެދު މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

މެޖިސްޓްރޭޓް ސޯދިގު، އެކަމުގައި ހިތްހަމަޖެހުން ފާޅުކުރައްވަމުން ވިދާޅުވި ގޮތުގައި، މިހާތަނަށް އެޑްމިނިސްޓްރޭޓަކު ވެސް އަދި އުއްތަމަ ފަނޑިޔާރަކު ވެސް މެޖިސްޓްރޭޓް ކޯޓަކަށް ވަޑައިގެންފައިނުވާ ކަމެވެ.

"އަމިއްލައަށް ލޮލުން ފެނި، ތަޖުރިބާ ކުރައްވާ، އޭރަށް މާ އުފާވެރި ދުވަހެއް އަޅުގަނޑުމެންނަށް ލިބޭނެ ކަމަށް އުއްމީދު ކުރެވޭ،" ސޯދިގު ވިދާޅުވި އެވެ.

ފަނޑިޔާރުންގެ ޖަމިއްޔާގެ ރައީސް، ހައިކޯޓުގެ ފަނޑިޔާރު ޝުއައިބު ހުސެއިން ޒަކަރިއްޔާ ވެސް ވަނީ މެޖިސްޓްރޭޓުންގެ ކަންބޮޑުވުންތަކާއި ކުރިމަތިވެފައިވާ ދަތިތައް ހައްލުކޮށްދިނުމަށް ވަކާލާތު ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

ފަނޑިޔާރު ޝުއައިބު ވިދާޅުވި ގޮތުގައި، ގާނޫނުތައް ވުދޫކުރުމަކުން އަދި ނުފުދެ އެވެ. ގާނޫނުތަކުގެ އަމާޒަށް ވާސިލްވެވޭނީ އެކަމަށް ބޭނުންވާ ވަސީލަތްތަކާއި މުވައްޒަފުން އަދި ޖާގަ ކޯޓުތަކަށް ފޯރުކޮށްދީގެންނެެވެ.

"މުވައްޒަފުންނާއި ވަސީލަތްތައް މަދު، ގޮންޖެހުންތައް އެބަހުރި، އެހެންވެ ގާނޫނުގައި ހުރި ކަންކަން ހާސިލްކުރަން ދަތިވާނެ،" ފަނޑިޔާރު ވިދާޅުވި އެވެ.

އޭނާ ވަނީ މެޖިސްޓްރޭޓުންގެ މުސާރަ ރިވިއު ކުރުމަށް މަސައްކަތް ކުރައްވައި ބޯހިޔާވަހިކަން ހޯދައިދިނުމާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ވެސް ޖަމިއްޔާގެ ފަރާތުން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން މެޖިސްޓްރޭޓުންނަށް އިއްޔެ ދެއްވަވައިފަ އެވެ.

"ހެޔޮ ގޮތް، ކުރިއެރުން، ތަރައްގީ،" ފަނޑިޔާރުގެ ވާހަކަފުޅު ނިންމަވާލެއްވި އެވެ.

ބައްދަލުވުން ނިންމުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ވަކާލާތު ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވި


އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ފާހަގަ ކުރެއްވީ މަދު ވަސީލަތްތަކާއެކު ވެސް ބަލިމަޑުކަމެއްގެ ތެރޭގައި އަދުލުއިންސާފު ގާއިމް ކުރުމުގައި ކާމިޔާބު ހޯދުނު ކަމެވެ. އެކަމަށްޓަކައި އެމަނިކުފާނު ހުރިހާ މެޖިސްޓްރޭޓުންނަށް ޝުކުރު އަދާކުރެއްވި އެވެ.

"އެކި ދަތިތަކާއެކު ކޯޓުތަކުގެ ކޭސް ކްލިއަރެންސް ރޭޓު ހުރީ 90 އިންތައްސައިގައިކަން އުފަލާއެކު ފާހަގަ ކުރަން. މިއީ ފަނޑިޔާރުންނާއި މުވައްޒަފުން ވަރުބަލިކަމެއް ނެތި ރެއާއި ދުވާލު ކުރެއްވި މަސައްކަތުގެ ނަތީޖާ،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

އެ ހުރިހާ ވާހަކަތަކަށްފަހު، މެޖިސްޓްރޭޓް މުހައްމަދު ސޯދިގު ވިދާޅުވި ގޮތުގައި، މީގެ ކުރިން ވެސް އެތައް ބައްދަލުވުންތަކެއްގައި މެޖިސްޓްރޭޓުން ވަނީ ދަތިތަކުގެ ވާހަކަތައް އެތައް ފަހަރަކު ހިއްސާކުރައްވާފަ އެވެ. ނަމަވެސް، އެފަދަ ގިނަ މަހާސިންތާތަކުގެ ޖުމްލަ ރިޕޯޓް ވެސް އެކުލަވާނުލައި، އެވަނީ ބޭކާރު ކަންކަމަށް ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

މިހާ ދުވަސްވީއިރު، މެޖިސްޓްރޭޓް ކޯޓުތައް އެ އޮތް އިހުގެ ގޮތަށް ތަރައްގީގެ އަލިކަމެއް ނުލިބެ އެ އޮންނަނީ އެކަމަށް ނަޒަރު ހިންގާނެ، އަޅާލާނެ ބަޔަކު ނުވާތީ އެވެ.

"އުއްތަމަ ފަނޑިޔާރު ވެސް، ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ވެސް ވަޑައިގެން އަޅުގަނޑުމެންގެ އަތުން ވެސް ފެން ތައްޓެއް ބޯލައްވާށޭ!،" މެޖިސްޓްރޭޓް ސޯދިގު، އެ ބައްދަލުވުން ނިންމާލެއްވީ އާ އުއްމީދުތަކާއެކު އެވެ.