Advertisement

ރާއްޖޭގެ ދަނޑުވެރިކަމުގެ ކުރިމަގު ގުޅިފައި އޮތީ ޓެކްނޮލޮޖީއާ

12 ޖޫން 2021 - 09:48 0

ހަސަން މުހައްމަދު

ހަސަން މުހައްމަދު


ރާއްޖޭގެ ދަނޑުވެރިކަމުގެ ކުރިމަގު ގުޅިފައި އޮތީ ޓެކްނޮލޮޖީއާ

12 ޖޫން 2021 - 09:48 0

ދަނޑުވެރިކަމުގެ މަސައްކަތް ކުރާ އަބްދުﷲ، 35، ގެ ވަރަށް ގިނަ ޝަކުވާ އެބަހުއްޓެވެ. މަސައްކަތް ކުރާނެ ޖާގައެއް ނެތުމާއި ދަނޑުވެރިކަމުގެ ސާމާނު ރަށުން ނުލިބުމާއި ބުރަ މަސައްކަތުން ހައްދާ ތަކެތިން ރަނގަޅު މަންފާއެއް ނުލިބުމަކީ އޭނާގެ ހިތްހަމަނުޖެހުންތަކެވެ.

"ދަނޑުވެރިކަމަށް ބޭނުން ވަނީ ހަގީގަތުގައި އަހަރެން ދެކޭ ގޮތުގައި ޒަމާނީ ޓެކްނޮލޮޖީ. ފުޅާ ދާއިރާއެއްގައި މިކަން ކުރެވިގެން ނޫނީ ފައިދާއެއް ނުލިބޭނެ. އަދި ރޭވުންތެރިކަން ވެސް މި މަސައްކަތަށް އެބަ ގެންނަންޖެހޭ،" ދެކުނުގެ އަތޮޅެއްގައި މެލަން ދަނޑެއް ހައްދާ އަބްދުﷲ އޭނާގެ ހިޔާލު ފާޅުކުރި އެވެ.

އަބްދުﷲގެ އެ ޝަކުވާތަކަކީ ރާއްޖޭގެ ވަރަށް ގިނަ ދަނޑުވެރިންގެ އިހުސާސެވެ. ދަނޑުވެރިކަމަކީ ރާއްޖޭގެ އިގްތިސާދަށް އެންމެ ކުޑަ ހިއްސާއެއް އޮންނަ އެއް ސެކްޓަރެވެ. އެހެންވުމުގެ ބައިވަރު ސަބަބުތައް އެބަހުއްޓެވެ. ރާއްޖޭގައި އަދި ވެސް މައިގަނޑު ގޮތެއްގައި ދަނޑުވެރިކަން ކުރަނީ މީގެ 30 ވަރަކަށް އަހަރު ކުރިން ވެސް އެ މަސައްކަތް ކުރި ގޮތަށެވެ.

ދަނޑުހައްދާ މީހުން ތިބި ގޮތަށް ތިއްބާ، ފަތުރުވެރިކަމާއި މަސްވެރިކަމާއި ޓެކްނޮލޮޖީން ގައުމަށް ހޯދައިދޭ މަންފާ މާ ބޮޑަށް ކުރިއަރައިގެން ގޮސްފި އެވެ. ރާއްޖޭގެ ޖީޑީޕީގައި ދަނޑުވެރިކަމުގެ ހިއްސާއަކީ 2019 އަހަރު އެންމެ 1.2 ޕަސެންޓެވެ. އެއީ އޭގެ ހަ އަހަރު ކުރިއާ އަޅާބަލާއިރު އެއީ 0.3 ގެ ވެއްޓުމެކެވެ.

ދަނޑުވެރިކަމުގެ ލޭބާ ފޯސްއަށް ބެލި ނަމަވެސް މަސްވެރިކަމާއި ފަތުރުވެރިކަމަށް ވުރެ އުޅެނީ މާ ފަހަތުގަ އެވެ. ފަތުރުވެރިކަމުގެ 145 ރިސޯޓުގައި 45،000 މުވައްޒަފުން އުޅޭއިރު ގާތްގަނޑަކަށް 750 ދޯނީގައި 20،000 މީހުން މަހަށްދެ އެވެ. އެކަމަކު އެ އަދަދުތަކާ އަޅާބަލާއިރު ދަނޑުވެރިކަމުގައި އުޅެނީ ޖުމްލަ 7500 މީހުންނެވެ. އަދި ރާއްޖޭގައި ދަނޑުވެރިކަން ކުރެވެނީ އެންމެ 570 ވަރަކަށް ހެކްޓަރު ބިމުގަ އެވެ.

މިހާ ހިސާބުން އުފެދޭ ސުވާލަކީ ރާއްޖޭގައި ދަނޑުވެރިކަމުގެ ކުރިމަގަކީ ކޮބައިތޯ އެވެ؟ ނުވަތަ ކުރިމަގެއް އެބަ އޮތްތޯ އެވެ؟

ދަނޑުވެރިޔާގެ ވާހަކަ: ފުޅާ ދާއިރާއެއްގައި މަސައްކަތް ނުކުރެވުން

މެލަން ހައްދަން ފެށުމުގެ ކުރިން އަބްދުﷲ އަކީ ސަރުކާރުގެ ވަޒީފާއެއް އަދާކުރި މީހެކެވެ. ދަނޑުވެރިކަމުގެ ތެރެއަށް ވަދެވުނީ މަސައްކަތް ފުޅާ ކުރެވިއްޖެ ނަމަ ވަރަށް ރަނގަޅު މަންފާއެއް ލިބޭނެ ކަމަށް ލަފާ ކުރެވުނީމަ އެވެ. އެކަމަކު އޭނާގެ އެ ތަސައްވަރުގައި އަދިވެސް ކުލައެއް ނުޖެހެ އެވެ.

"އަސްލުގަ ދަނޑު ހެއްދުން އެއީ އުނދަގޫ މަސައްކަތެއް މިހާރު މި ކުރާ ގޮތަށް ކުރަން. މޫސުން ގޯސްވެ ކަންކަން ދިމާވެގެން ވެސް ވަރަށް ގެއްލުން ލިބޭ،" އޭނާ ބުންޏެވެ.

އެކަން ހައްލު ކުރެވޭނީ އަބްދުﷲ ބުނި ގޮތުގައި ޒަމާނީ ދަނޑުވެރިކަމެއް ފެށިގެންނެވެ. ވާޓިކަލް ފާމިން ނުވަތަ ކުޑަ ބިންކޮޅެއް ނަމަވެސް މަތިމައްޗަށް ނަގައިގެން ކުރާ ދަނޑުވެރިކަން އަދި ގްރީން ހައުސް ތެރޭގައި ކުރާ ދަނޑުވެރިކަން ފުޅާ ދާއިރާއެއްގައި ކުރަން ފަށައިފި ނަމަ އޭގެ މަންފާ ފެންނާނެ ކަމަށް އޭނާ ދެކެ އެވެ.

"މިހާރު ދާނީ ފައިދާ ލިބޭ ފަހަރާއި ނުލިބޭ ފަހަރު. މޫސުމަށް ވެސް ވަރަށް ބޮޑަށް ބަރޯސާވެފަ މި އޮންނަނީ. އަދި ދަނޑުވެރިޔާ ބޭނުންވާ މިންވަރަށް އުފެއްދޭނެ ޖާގައެއް ވެސް ގިނަފަހަރު ނުހުންނާނެ. ފުޅާ ދާއިރާއެއްގައި މަސައްކަތްކޮށްގެން މެނުވީ ފައިދާއެއް ނުލިބޭނެ ހަގީގަތުގައި،" އޭނާގެ ހިޔާލު އަބްދުﷲ ކިޔައިދިނެވެ.

ދަނޑުވެރިޔާގެ ވާހަކަ: ހައްދާ ތަކެތި ހަމަ އަގުގައި މާކެޓް ނުކުރެވުން

ދަނޑުވެރިންނަށް ދެން އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ހައްދާ ތަކެތި ވިއްކުމަށް ދިމާވާ ދަތިތަކެވެ. މިއަދު މިރުސް ވިއްކާ އަގަކަށް މާދަމާ މިރުހެއް ނުވިކެ އެވެ. ބަރަބޯގެ ޑިމާންޑު ބޮޑުވެގެން އެ ހައްދައި ކަނޑަން ބަލާއިރު ޑިމާންޑު އޮންނަނީ ވެއްޓިފަ އެވެ. އާމްދަނީ ހޯދަން ބަރޯސާވެވޭނެ ހަމައެކަނި މަސައްކަތަށް ގިނަ މީހުންނަށް ދަނޑުވެރިކަން ނުވެ އެވެ.

"ގިނަ ދަނޑުވެރިން މި ހައްދަނީ އެއް ބާވަތެއް ނޫން. ކުދިކުދި ތަންތަންކޮޅުގައި ހުރިހާ ބާވަތެއް ހައްދާ އެބަ. އެހެންވީމަ ވާ ގޮތަކީ އަބަދު ލިބޭ ގޮތަކަށް އެއްޗެއް ހެއްދިފައެއް ނުހުރޭ. އެހެންވީމަ މި ވާ ގޮތަކީ އެމީހުންނަށް މާކެޓުގެ މައްސަލަތަކެއް ދިމާވަނީ،" ލ. މެންދޫގައި ފަޅޮލާއި މިރުސް ހައްދަމުންދާ މުހައްމަދު (މުހައްމާ) ރަފީގް، 58، ކިޔައިދިނެވެ.

ދަނޑުވެރިކަމަށް ދޫކޮށްފައިވާ މާފަހީގައި ހައްދާފައިވާ ފަޅޯ ދަނޑެއް: ސަރުކާރުގެ އަމާޒަކީ މިފަދަ ރަށްރަށުން އުފައްދާ ތަކެތި ގިނަ ކުރުން -- ފޮޓޯ: ސީގަލް މޯލްޑިވްސް


މުހައްމާއަކީ ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރާ މީހެކެވެ. އޭނާގެ 10 ފަޅޯދަނޑު އޮވެ އެވެ. އޭގެ އިތުރުން ވަރަށް ބޮޑު ހަތަރު ކޮށީގައި އޭނާ ވަނީ 28،000 މިރުސް ގަސް ހައްދައިފަ އެވެ. މުހައްމާ، އޭނާގެ 14 އަހަރުގެ ދަނޑުވެރިކަމުގެ ތަޖުރިބާގެ އަލީގައި ބުނީ "ރޭވުންތެރިކަމާއެކު މަސައްކަތްކޮށްގެން މާކެޓް ކުރުމުގެ މައްސަލައަަށް ވެސް ހައްލެއް ގެނެވިދާނެ" ކަމަށެވެ.

"މާލޭ ލޯކަލް މާރުކޭޓަކީ ވަރަށް ބޮޑު މާކެޓެއް އަސްލު ތަކެތި ވިއްކަމުންދާ މިހާރު. އެތަން ނޫނީ ރިސޯޓަށް މި ވިއްކަނީ. ޑިމާންޑު އޮވޭ. ދަނޑުވެރިން ކުރަންޖެހޭ ކަމަކީ ގެއްލުންނުވާނެ ގޮތަކަށް ތަކެތި ހައްދަން. ހުރިހާ ބާވަތެއް ހެއްދުން ހުއްޓާލައި އަބަދުވެސް ދެތިން ބާވަތް އަތުގައި ލިބެން ހުންނަ ނަމަ ރަނގަޅުވާނެ،" އޭނާ ބުންޏެވެ.

އެގްރޯނެޓަކީ އުއްމީދެއް: އަމާޒަކީ ދަނޑުވެރިންނަށް ސަރުކާރުން އެހީވުން

އެގްރޯނެޓަކީ ފަރުދީ ލެވަލުގައި މަސައްކަތް ކުރަމުން އަންނަ ދަނޑުވެރިންނަށް އެހީވުމަށް ސަރުކާރުން ހެދި ދައުލަތުގެ 100 ޕަސެންޓު ހިއްސާ އޮންނަ ކުންފުންޏެކެވެ. ކުންފުނީގެ މައިގަނޑު އަމާޒަކީ ދަނޑުވެރިން ބާރުވެރިކޮށް މަސައްކަތް ފުޅާ ކުރުމެވެ. އަދި އުފައްދާ ތަކެތި ޔަގީންކަމާއެކު ވިއްކައިދިނުމެވެ.

"ދަނޑުވެރިން ހައްދާ ބާވަތްތަކަށް ރަނގަޅު އަގެއް ލިބޭނެ މެކޭނިޒަމެއް ވެސް ނެތް. މަސައްކަތުގެ ވެސް ވިއްކުމުގައި ވެސް އަދި ހުރިހާ ފީލްޑެއްގައި ވެސް މި އުޅެނީ ބިދޭސީ މަސައްކަތު މީހުން. ނުއަގުގައި ދަނޑުވެރިންގެ އަތުން ގަނެގެން މާލޭ މާކެޓުގައި އަދި އެހެންތަންތަނުގައި ވެސް ވިއްކަމުންދަނީ. އެހެންވީމަ މީގެ މަންފާ ހަގީގަތުގައި ރާއްޖޭގެ ރައްޔިތުންނަކަށް ނުލިބޭ،" އެގްރޯނެޓުން ހައްލު ކުރަން ބޭނުންވާ މައްސަލަ ކިޔައިދެއްވަމުން އެތަނުގެ މެނޭޖިން ޑައިރެކްޓަރު ހާރޫން ރަޝީދު ވިދާޅުވި އެވެ.

އެ ކުންފުނިން ހިންގަނީ ކޮންޓްރެކްޓް ފާމިންގެ އުސޫލުންނެވެ. މި އުސޫލުގެ ދަށުން ދަނޑުހައްދަން ބޭނުންވާ ސާމާނު އެގްރޯނެޓުން ދަނޑުވެރިންނަށް ދެ އެވެ. އަދި ހައްދާ ބާވަތްތައް ކުރިން ކަނޑައަޅައި އެއްބަސްވެފައިވާ އަގެއްގައި ތަރުކާރީ އާއި މޭވާ ގަންނަނީ އެގްރޯނެޓުންނެވެ. މި ތަކެތި މާލޭ އާއި އެހެނިހެން މާކެޓުތަކަށް ވިއްކަނީ ވެސް އެ ކުންފުނިންނެވެ.

"މިހެންވީމަ ދަނޑުވެރިޔާ ވިސްނާކަށް ނުޖެހޭނެ ހައްދާ ތަކެތި ނުވިއްކިގެން، ބޯޓެއް ނައިސްގެން، ނުވަތަ އެހެންކަމެއް ވެގެން،" ހާރޫން ވިދާޅުވި އެވެ.

ދަނޑުވެރިކަމަށް ދޫކޮށްފައިވާ މާފަހީގައި ހައްދާފައިވާ ދަނޑެއް: ދަނޑުވެރިކަމަށް ޒަމާނީ ތަރައްގީ ބޭނުންވާ ކަމަށް ސަރުކާރުން ގަބޫލު ކުރޭ -- ފޮޓޯ: ސީގަލް މޯލްޑިވްސް


ދަނޑުވެރިކަމުގެ ކުރިމަގަށް ވިސްނާފައި މަސައްކަތްތެރިންނާ ގުޅިގެން ދަނޑުވެރިކަން ޒަމާނީ ކުރަން ޕްރޮޖެކްޓުތަކެއް ހިންގުމަށް ނިންމަވާފައިވާ ކަމަށް ވެސް އެގްރޯޓުން ބުނެ އެވެ.

"ހަގީގަތުގައި މި މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭނީ ވެސް ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން. ރާއްޖޭގައި މޫސުން އޮންނަ ގޮތުން ވެސް އޯޕަން ފީލްޑުގައި މަސައްކަތް ކުރީމަ ވަރަށް ގެއްލުންވޭ. އަޅުގަނޑުމެންގެ ވިސްން ހައުސްގައި ކުރިއަށް އޮތް ތަނުގައި މަސައްކަތް ކުރަން،" ދަނޑުބިމަށް ގެއްލުން ލިބޭ މައްސަލައިގެ ހައްލު ހޯދުމަށް އެގްރޯނެޓުން ގެންގުޅޭ ވިސްނުން ހާރޫން ކިޔައިދެއްވި އެވެ.

ހާރޫން އަދި އެގްރޯނެޓުގެ އަމާޒަކީ ދަނޑުވެރިކަން ރާއްޖޭގެ އިގްތިސާދުގެ ބޮޑު ބަޔަކަށް ހެދުމަށެވެ. އެކަން ކުރެވޭނީ ސަރުކާރުގެ ވަރަށް ބޮޑު އެއްބާރުލުމާއެކު ކަމަށް އޭނާ ދެކިވަޑައިގަންނަވަ އެވެ. އަދި އެގްރޯނެޓުން އެ މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ހާރޫން ދެއްވި އެވެ.

"މަސްވެރިކަމުގެ ސެކްޓާ ކުރިއަރައިގެން ދިޔައީ ކުންފުންޏެއް ހަދައި ކުންފުނިން މަސްވެރިން ބާނާ މަސް ގަނެ ބޭރުކުރަން ފެށުމުން. ހަމަ އެގޮތަށް ޓުއަރިޒަމް ސެކްޓާ ވެސް ކުރިއެރީ އެގޮތަށް. ސަރުކާރުން ވަރަށް ބޮޑަށް މީގެ ތެރެއަށްވަދެ މަސައްކަތްތަކެއްކޮށްގެން. އެހެންވެ މި ސެކްޓާ ވެސް މިގޮތަށް މަސައްކަތް ކުރެވުން ނަމަ ހަގީގަތުގައި މިއަދު އޮންނާނީ އަޅުގަނޑުމެންގެ އަތްމަތީގައި ބޭނުން ގޮތަކަށް ކޮންޓްރޯލް ކުރެވޭނެ ފަދަ ގޮތަކަށް،" އޭނާގެ ހިޔާލު ހާރޫން ހިއްސާ ކުރެއްވި އެވެ.

އެގްރޯނެޓުން މިހާރު މީހުން ދިރިއުޅޭ 45 ރަށެއްގެ ދަނޑުވެރިންނާ ގުޅިގެން މަސައްކަތް ކުރެ އެވެ. އެ ކުންފުންޏާއެކު މަސައްކަތް ކުރުމަށް 1500 އަށް ވުރެ ގިނަ މީހުން ޝައުގުވެރިކަން ފާޅު ކުރި އެވެ.

ދަނޑުވެރިކަން ބަދަލުވާންޖެހޭކަން ސަރުކާރު ގަބޫލުކުރޭ: ތަސައްވަރު ވެސް ބޮޑު

ދަނޑުވެރިކަން ވަރަށް އަވަހަށް ވަރަށް ބޮޑުތަނުން ކުރިއަރަންޖެހޭ ކަމަށް ސަރުކާރުން ވެސް ގަބޫލު ކުރެ އެވެ. އަދި އެކަން ކުރަން ސަރުކާރުގެ ވިސްނުންތަކެއް ވެސް އެބަހުއްޓެވެ. އޭގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ކަމަކީ ފުޑް ސެކިއުރިޓީ އިތުރު ކުރުމެވެ.

"ދަނޑުވެރިކަމުގެ ބައިގައި އެންމެ މުހިންމު އެއް ކަމަކީ ފުޑް ސެކިއުރިޓީ. އެހެންވީމަ ލޯކަލް ފުޑް ސެކިއުރިޓީއަށް އަމާޒުކޮށްގެން ދަނޑުހައްދަން އަޅުގަނޑުމެން ދިގު މުއްދަތަކަށް ރަށްރަށް ދޫކޮށްފައި ހުންނަ ފަރާތްތަކަށް ހުންނާނެ ޓާގެޓްތަކެއް ދީފައި. އޭގެ މާނައަކީ ގާތްގަނޑަކަށް ރާއްޖެއަށް އިމްޕޯޓްކުރެވޭ ބާވަތްތަކުގެ 30 ޕަސެންޓު ރާއްޖޭގައި އުފެއްދެންވާނެއޭ،" ޑިރެކްޓާ ޖެނެރަލް އޮފް އެގްރިކަލްޗާ އިބްރާހިމް ޝަބާއު ވިދާޅުވި އެވެ.

ރާއްޖޭގެ ދަނޑުވެރިންނަކީ އޯގެނިކް ދަނޑުވެރިކަން ކުރާ ބަޔަކަށްވެއްޖެ ނަމަ އޭގެ މަންފާ ވަރަށް ބޮޑުވާނެ ކަމަށް ޝަބާއު ދެކިވަޑައިގަންނަވަ އެވެ.

ދަނޑުވެރިކަމަށް ދޫކޮށްފައިވާ މާފަހީގައި ދަނޑަކުން ކަނޑާފައިވާ ދޮންކެޔޮ ގަނޑުތަކެއް: ދަނޑުވެރިކަން އެހެން ހަރުފަތަކަށް ގެންދިއުމަކީ ސަރުކާރުގެ އަމާޒެއް -- ފޮޓޯ: ސީގަލް މޯލްޑިވްސް


"އޯގެނިކް ދަނޑުވެރިކަމަށް ދިވެހިރާއްޖެ ބަދަލު ކުރުމަށް މަސައްކަތްތަކެއް ކުރަން އެބަޖެހޭ. އެގޮތުން ގުޑް އެކްރިކަލްޗާ ޕްރެކްޓިސް ކިޔާފަ އަޅުގަނޑުމެން ގެންގުޅޭ ސްޓޭންޑަޑެއް އޮންނާނެ. ހުރިހާ ދަނޑުވެރިންނަށް ވެސް އެ ސްކީމްގައި ބައިވެރިވެގެން ދަނޑުވެރިކަމުގެ އުފެއްދުމަކީ ރަނގަޅު ފެންވަރަކަށް އުފައްދާ ކޮލިޓީ ރަނގަޅު ބާވަތްތަކަކަށް ހެދޭނެ. އެއީ ގެޕް ސްޓޭންޑަޑަށް ހައްދާ ކަމަށްވާ ނަމަ އެއަށް ސްޓިކާއެއް ދީގެން އެއީ ވަކި ކޮލެޓީއެއްގައި ހުންނަ ބާވަތްތަކަކަށްވެއްޖެ ނަމަ ޓުއަރިސްޓް ރިސޯޓްތަކުގެ މާކެޓަށް ބަލައިގަންނަން ފަސޭހަވާނެ،" އޭނާ ވިދާޅުވި އެވެ.

އޭގެ ތެރޭގައި ފުޑް ސެކިއުރިޓީއަށް ވިސްނާފައި އެތެރެ ކުރާ ތަރުކާރީގެ 30 ޕަސެންޓް ރާއްޖޭގައި ހެއްދުމަށް މަސައްކަތް ކުރުމާއި އޯގެނިކް ދަނޑުވެރިކަން ތައާރަފް ކުރުން ހިމެނެ އެވެ.

ރާއްޖޭގެ ރުއްގަސް މުސްކުޅިވެ އޭގެން ލިބޭ މަންފާ އޮތީ މިހާރު ކުޑަވެފަ އެވެ. އެހެންކަމުން ރުއްގަސް އާލާ ކުުރުމުގެ ތެރެއިން ދަނޑުވެރިކަމުގެ ބޮޑު ބައެއްގެ ގޮތުގައި ރުއް ބޭނުން ކުރުމުގެ ވިސްނުމެއް ސަރުކާރުން ގެންގުޅެ އެވެ.

"ކުރިއަށް އޮތް ތަނުގައި ވެސް ވިސްނާއިރު އަޅުގަނޑުމެންގެ އޮންނާނީ ވަރަށް ބޮޑަށް ކޮކޮނަޓް ބޭސްޑް ދަނޑުވެރިކަމެއް. ރުއް ދަނޑުގައި ބަހައްޓައިގެން އެ ލިބޭ ހުސް ޖާގަތަކުގައި ދަނޑުވެރިކަން ކުރުން. އެއަށް އަޅުގަނޑުމެން މި ކިޔަނީ އެގްރޯ ފޮރެސްޓްރީ. އޭގެ ސިސްޓަމެއްގަ ދަނޑުހެއްދީމަ ނަތީޖާ ވަރަށް ރަނގަޅު. އެއީ މިސާލަކަށް ލަކުޑިއަށް ބޭނުން ކުރެވޭ ބާވަތްތައް ވެސް ދަނޑުގެ ތެރޭގައި ހައްދައިގެން ވަކި ޖާގަތަކެއް ދުރުމިންތަކެއް ދީގެން ހެއްދީމަ އޭގެ ލިބޭ އިކޮނޮމިކް ބެނެފިޓް ބޮޑުކަމަށް ދިރާސާތަކުން ދައްކަނީ،" ސަރުކާރުގެ ވިސްނުން ޝަބާއު ކިޔައިދެއްވި އެވެ.

އެކަމަކު އެއީ ތަސައްވަރުގެ ކުޑަ މިންވަރެކެވެ. އެގްރިކަލްޗާ މިނިސްޓްރީން ރާއްޖޭގެ އުތުރުގައި އަށް މިލިއަން ޑޮލަރުގެ ވަރަށް ބޮޑު ޕްރޮޖެކްޓެއް ހިންގަ އެވެ. އެ ޕްރޮޖެކްޓް ކާމިޔާބުވެއްޖެ ނަމަ "ދަނޑުވެރިކަން އިތުރު ހަރުފަތަކަށް" ޖެހިލާނެ ކަމަށް ޝަބާއު ދެކިވަޑައިގަންނަވަ އެވެ.

"އެ ޕްރޮޖެކްޓުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޒަމާނީ ދަނޑުވެރިކަމުގެ ޓެކްނޮލޮޖީ ތައާރަފް ކުރުން. މިސާލަކަށް ޔޫރަޕުގައި މި ގެންގުޅޭ ވާޓިކަލް ސިސްޓަމްތައް. އަޅުގަނޑުމެން ގެތައް ވެސް މި އަޅާފައި ހުންނަނީ ވާޓިކަލްކޮށްތާ. ބިންކޮޅު ކުޑަވީމަ ފުޅާ ކުރެވޭކަށް ނެތް. އެހެންވީމަ ވާޓިކަލް ސިސްޓަމްތައް ގާއިމްކޮށް ދަނޑުވެރިކަން އިތުރު ހަރުފަތަކަށް ގެންދެވޭތޯ މި މަސައްކަތް ކުރަނީ،" އޭނާ ވިދާޅުވި އެވެ.

"އަސްލު ރާއްޖޭގެ ފިއުޗާއަކީ ކުޑަކުޑަ ބިންކޮޅުތަކުގައި މި ކުރެވޭ ދަނޑުވެރިކަން އެގްރޯ ފޮރެސްޓްރީ ސިސްޓަމަށް ބަދަލު ކުރުމާއި މި މޮޑަން ދަނޑުވެރިކަން އަސްލު ވާޓިކަލް ސިސްޓަމަކަށް ބަދަލު ކުރުން. އެހެން ނޫނީ އަޅުގަނޑުމެންނަކަށް އިކޮނޮމިކް ބެނެފިޓެއް ނުލިބޭނެ."

ރާއްޖޭގެ ދަނޑުވެރިކަން ކުރިއަރުވަން ކުރަންޖެހޭ މަސައްކަތްތައް ގިނަ އެވެ. އެގްރޯނެޓާއި ފިޝަރީޒް މިނިސްޓްރީގެ އަމާޒު ރަނގަޅެވެ. ތަސައްވަރެއް އެބަ އޮތެވެ. ދެން އޮތީ މަސައްކަތުން ނަތީޖާ ނެރުމެވެ. ކުރިއެރުވީމާ ދަނޑުވެރިކަން ވެސް ރާއްޖޭގައި ތަރައްގީވާނެ އެވެ.