Advertisement

އިހުމާލަކަށް ފަހު އިހުމާލެއް: ބަދަލު ކޮބާ؟

9 ޖޫން 2021 - 08:18 0

އަހުމަދު ސާއިލް އަލީ

އަހުމަދު ސާއިލް އަލީ

އައިޖީއެމްއެޗްގައި ނަރުހެއް: ސިއްހީ އިހުމާލަށް ބަދަލު ނަގައިދޭ ގާނޫނެއް ރާއްޖެއަށް ބޭނުންވޭ-- ފޮޓޯ: އައިޖީއެމްއެޗް


އިހުމާލަކަށް ފަހު އިހުމާލެއް: ބަދަލު ކޮބާ؟

9 ޖޫން 2021 - 08:18 0

އޭޑީކޭ ހޮސްޕިޓަލުގައި އަލަތު ދަރިފުޅު ވިހޭތާ ގަޑިއިރުތަކެއް ފަހުން މަރުވި، ސަލްމާ ނަސީރު، 25، ގަޔަށް ލޭ އެޅުން ލަސްވެފައިވާ ކަމަށް ހެލްތު މިނިސްޓްރީންގެ ތަހުގީގުން ވެސް އެނގެ އެވެ. އެހެންކަމުން ފިރިމީހާ އިބްރާހީމް އަދުހަމާއި ތުއްތު ދަރިފުޅާ ވަކިވާން ސަލްމާ އަށް ޖެހުނީ އޭޑީކޭގެ އިހުމާލުން ކަމަށް އާއިލާއިން ތަކުރާރުކޮށް ބުނެ އެވެ.

ހެލްތު މިނިސްޓްރީގެ ތަހުގީގުން ވެސް އޭޑީކޭގެ އިހުމާލު އޮތްކަން އެނގެން އޮތް ކަމަށް ބުނެ އާއިލާއިން ވަނީ އެ މައްސަލަ ބަލައި ދިނުމަށް އެދި ފުލުހުންނަށް ވެސް ހުށަހަޅައިފަ އެވެ. ނަމަވެސް ތަހުގީގުގެ ކަންކަން އެންމެ އެކަށީގެންވާ ގޮތަށް ކުރިއަށް ނުދާ ކަމަށް އާއިލާއިން ބުނެ އެވެ. މިދިޔަ ފެބްރުއަރީ މަހު ސަލްމާ ވަކިވުމުގެ ހިތާމައިން އެ އާއިލާއަށް އަރައިނުގަނެވޭއިރު އެކަމަށް އިންސާފު ލިބޭނެ ކަމުގެ އުއްމީދެއް ވެސް ނެތެވެ.

ސިއްހީ ހިދުމަތްދޭ މީހުންގެ އިހުމާލުން މީހުންގެ ފުރާނަ ގެއްލުމާއި ހަށިގަނޑަށް އެތައް ގެއްލުމެއް ލިބުމަކީ މަދުން ނަމަވެސް ހިނގާ ކަމެކެވެ. ކޮވިޑްގައި މިދިޔަ ހަފްތާގައި މަރުވި 10 އަހަރުގެ ފާތިމަތު މިޝްކާއަށް ފަރުވާ ދިނުން ލަސްވުމުގައި އިހުމާލު އޮތް ކަމަށް ހެލްތު މިނިސްޓްރީން އެއްބަސްވުމާއެކު އެ ވާހަކަތައް އަލުން މިވަނީ ފެންމަތިވެފަ އެވެ.

ކަން ހިނގުމާއެކު އެވާހަކަ ދެކެވުނު ނަމަވެސް ފަހުން ފަހުން އެކަން ނުހިނގާ ކަމަކަށްވަނީ އެވެ. ގެއްލުން ލިބުނު އާއިލާތަކުން ބަދަލު ހޯދަން އުޅުނު ނަމަވެސް މަދު ފަހަރެއްގައި ނޫނީ އެކަން ވެސް ކާމިޔާބެއް ނުވެ އެވެ.

ސިއްހީ އިހުމާލެއްގެ ސަބަބުން ރާއްޖޭގައި ބަދަލު ނަގައިދިން ކަމަށް އެންމެ މަޝްހޫރު މައްސަލައަކީ 2007 ވަނަ އަހަރު ތިނަދޫ ހޮސްޕިޓަލުން ދިން ބޭހަކާ ގުޅިގެން ތިން އަހަރުގެ ކުޑަކުއްޖެއްގެ ކަންފަތުގެ އިވުން ގެއްލި ބީރުވި މައްސަލާގައި ހަތް މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ދިނުމަށް ދައުލަތުގެ މައްޗަށް ސުޕްރީމް ކޯޓުން ކުރި ހުކުމެވެ.

ޑޮކްޓަރަކު ކުށްވެރިވިކަން އަންގައިދޭ ފޮޓޯއެއް: ސިއްހީ އިހުމާލަށް މަަދަނީ ބަދަލު ނަގައިދޭން ޖެހޭ.


ކުއްޖާގެ ބައްޕަ ގދ. ފަރެސް، ހަނދުވަރީގެ އަހުމަދު އިހުސާން ކުރި ދައުވާއިން ދަރިފުޅަށް ލިބުނު ގެއްލުމުގެ ބަދަލު ހަތް މިލިއަން އަގުކޮށްފައި ވަނީ އިވުން ގެއްލުމުގެ ސަބަބުން ދަރިފުޅަށް ލިބުނު ނަފްސާނީ ގެއްލުމާއި، އާމްދަނީ ހޯދުމުގެ ދޮރު ބަންދުވުމާއި، ހިޔަރިން އެއިޑަށް ކުރަން ޖެހުނު އޮޕަރޭޝަނާއި އެއަށް ކޮންމެ އަހަރަކު ހަރަދުވާ އަދަދު އަގުކުރުމަށް ފަހު އެވެ. ދެހާސް ހަތްވަނަ އަހަރު ހިނގި އެ ހާދިސާގެ ބަދަލު ނަގައިދޭން ނިންމީ 2019 ވަނަ އަހަރު އެވެ.

މިފަދަ މައްސަލަ ތަކުގައި ބަދަލު ނަގައި ދިނުމަކީ ރާއްޖޭގައި އާއްމު ކަމެއް ނޫނެވެ. ސަބަބަކީ އެކަމަށް ގާނޫނެއް ނެތުމެވެ.

ސިއްހީ އިހުމާލުތަކުގެ ތުހުމަތުތައް ގިނަ ނަމަވެސް އެންމެ އެކަށީގެންވާ ގޮތަކަށް އެ މައްސަލަތަކެއް ތަހުގީގެއް ނުކުރެ އެވެ. މޯލްޑިވްސް މެޑިކަލް ކައުންސިލެއް އޮތް ނަމަވެސް ގާނޫނު ރަނގަޅަށް ހިނގާތަނެއް ނުފެނެ އެވެ.

އިހުމާލުތަކުގެ ސަބަބުން ސިއްހީގޮތުން ލިބޭ ގެއްލުންތަކުގެ ބަދަލު ނަގައިދޭނެ ގޮތެއް ރާއްޖެއަށް ކޮންމެހެން ބޭނުންވެ އެވެ. އެކަން ކުރެވެން އޮތްގޮތަކީ މެޑިކަލް ނެގްލިޖެންސް ގާނޫނެއް ގެނައުމެވެ.

އެއީ ކޮން ގާނޫނެއް؟

މެޑިކަލް ނެގްލިޖެންސް ގާނޫނަކީ ސިއްހީ ހިދުމަތް ދެމުން ގެންދާއިރު ފަރުވާ ކުޑަވެގެން ނުވަތަ އިހުމާލުގެ ސަބަބުން ހިނގާ މައްސަލަތަކުގައި މީހުންނަށް ލިބިގެންދާ ގެއްލުންތަކަށް ބަދަލު ހޯދައިދީ އެފަދަ ކަންކަމާ ހަވާލުވެ ތިއްބަވާ މަސްއޫލުވެރިން ޖަވާބުދާރީ ކުރުވާނެ ގާނޫނީ ފަރުވާ ހޯދުމަށް އެކުލަވައިލާފައިވާ ގާނޫނެކެވެ. ޑޮކްޓަރެއް ނުވަތަ ސިއްހީ އެހެން ހިދުމަތްތެރިންގެ ފަރާތުން ލިބިގެންދާ ގެއްލުމަށް މިގާނޫނުން ބަދަލު ހޯދޭނެ އެވެ.

ސިއްހީ ހިދުމަތްތެރިއަކު އެމްބިއުލާންސްއަށް މަޑުކޮށްގެން: ސިއްހީ އިހުމާލުގެ މައްސަލަތައް ދޭތެރެއަކުން ފެންމަތިވޭ-- ފޮޓޯ: ހުސައިން ވަހީދު/ އަދަދު


މިފަދަ ގާނޫނެއްގެ ބޭނުމަކީ ސިއްހީ ދާއިރާގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުވުމާއި، ސިއްހީ ނިޒާމުގެ ތެރެއިން ފެންމަތިވަމުން އަންނަ މައްސަލަތައް މަދުކުރުމެވެ. އަދި އެފަދަ ކަމެއް ކުރިމަތިލާންޖެހޭ ފަރާތްތަކަށް އިންސާފު ޔަގީން ކުރުމަކީ ވެސް މިފަދަ ގާނޫނެއްގެ އެއް ބޭނުމެވެ. އިހުމާލުގެ މައްސަލަތަކާއި، ފަރުވާ ކުޑަކަމުގެ ސަބަބުން ލިބިގެންދާ ގެއްލުންތަކަށް ފައިސާއިންނާ އެހެނިހެން ގޮތްގޮތުން މިގާނޫނުން ބަދަލުހޯދައިދެވިގެން ދާނެ އެވެ.

މި ގާނޫނުގެ ސަބަބުން ސިއްހީ ހިދުމަތްތެރިން އެ މީހުންގެ މަސައްކަތްތަކަށް ފަރުވާތެރިވުމަށް އިތުރަށް ބާރުއެޅިގެންދާނެ އެވެ. އަދި އެފަރާތަކުގެ އިހުމާލުން އެކި ހާދިސާތަކާއި ކުރިމަތިލާން ޖެހިފައި ތިއްބެވި ފަރާތްތަކަށް ގާނޫނީ ހައްލު ހޯދައިދެވި، މުޖުތަމައުގައި ކަމާބެހޭ މުއައްސަސާތަކަށް އޮންނަ އިތުބާރު ހަރުދަނާ ކުރެވިގެންދާނެ އެވެ.

މިފަދަ ގާނޫނެއްގައި ޒިންމާދާރު ކުރުވާނެ ގޮތާއި ޒިންމާދާރު ވާންޖެހޭނެ ހާލަތްތައް ބަޔާންކޮށްފައި އޮންނަންވާނެ އެވެ. އިހުމާލުގެ ސަބަބުން ގެއްލުން ލިބިގެންދާނެ ގޮތާއި އެގެއްލުމުން ކުރާނެ ސީދާ އަސަރާއި ނުސީދާ އަސަރުތަށް ބަޔާންކޮށް އެކަންކަމުގެ ހައްލު ބަޔާންކޮށްދޭން ޖެހޭނެ އެވެ. މިފަދަ ކަންކަމުގެ ސަބަބުން ލިބިގެންދާ ގެއްލުމާއި އެ ގެއްލުންތަކަށް ބަދަލު ހޯދައިދެވޭނެ ފުރިހަމަ ގޮތްތައް ގާނޫނުގައި ބަޔާންކޮށްދީފައި އޮންނަންވާނެ އެވެ.

އޭރުން ލިބޭ ގެއްލުމުގެ ބަދަލު އެ ހިދުމަތް ދިން ތަނަކުން ނުވަތަ ޑޮކްޓަރެއްގެ ފަރާތުން ނަގައިދެވޭނެ އެވެ. އޭގެ ތެރޭގައި ގާނޫނީ ވަކީލަށް ކުރާ ހަރަދާއި ސިއްހީ ހިދުމަތް ހޯދަން ކުރި ހޭދައާއި ކުރިއަށް އޮތްތަނުގައި ލިބޭނެ ގެއްލުމުގެ ބަދަލުވެސް ނަގައި ދެ އެވެ. އެގޮތުން މީހާގެ ގުނަވަނެއް އިހުމާލުން ހަލާކުވެ، މަސައްކަތް ކުރުމަށް ނުކުޅެދޭ ހާލަތަށް ގޮސްފިނަމަ އެ މީހެއްގެ އުމުރަށް އާމްދަނީއެއް ބަދަލުގެ ގޮތުގައި ދިނުމަކީ ވެސް ބައެއް ގައުމުތަކުގައި ކޮށްދޭ ކަމެކެވެ.

ގާނޫނެއް ނެތުމުން ހައްގު ނުލިބޭ

އިހުމާލުން މަރުވެއްޖެނަމަ އެއީ މިހާރުވެސް ގާނޫނު އުގޫބާތުގައި ކުށެކެވެ. އެކަމަށް އަދަބު ވެސް ކަނޑައަޅާފައިވެ އެވެ. ނަމަވެސް މިހާރު ގާނޫނު އޮތްގޮތުން އޮތީ ހަމައެކަނި ޖިނާއީ މައްސަލައެއްގެ ގޮތުގައި އެކަން ބެލޭގޮތަށެވެ. އޭގެ ބަދަލުގައި އިހުމާލުވުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ނަގައި ދޭނެ ގާނޫނެއް ނެތެވެ.

ސަލްމާގެ މަރުގެ މައްސަލާގައި އާއިލާގެ ވަކީލް، މުހުތާޒް މުހުސިން ވިދާޅުވިގޮތުގައި އެފަދަ ގާނޫނެއް އެންމެ މުހިންމުވާ އެއް ސަބަބަކީ ސިއްހީ ހިދުމަތްދޭ މީހުންގެ ކަންކަން މިހާރަށް ވުރެން ހަރުދަނާ ކުރުމަށެވެ. އޭރަށް ސިއްހީ ހިދުމަތްތެރީން މިހާރަށް ވުރެން ފަރުވާތެރި ވާނެ ކަމަށް މިހުތާޒް ދެކިލައްވަ އެވެ.

"އެ މީހުންނަށް އެނގެން އެބަޖެހޭ ޕޭޝެންޓުންގެ ކޮންސެންޓަކާއެކު މިކަން ކުރާއިރު ވެސް ތިމަންނަމެންގެ ޑިއުޓީ އޮފް ކެއާއެއް އެބައޮތްކަން. ތިމަންނަމެންގެ ޒިންމާއެއް އެބައޮތްކަން ޕްރޮސީޖާތައް ފުރިހަމަ ކުރުމާއި ހެލްތު ކެއާ ސިސްޓަމް ހަރުދަނާ ކުރުމަށް،" ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒް ވިދާޅުވި އެވެ.

ޑޮކްޓަރުން ތަކެއް އޮޕަރޭޝަންއެއްގައި: ސިއްހީ އިހުމާލުތަކުގެ މައްސަލަތައް ދޭތެރެއަކުން ފެންމަތިވޭ-- ފޮޓޯ: އައިޖީއެމްއެޗް


"އެންމެ ކުޑަ މިނުން ގާނޫނު އޮތިއްޔާ ފާމަސީތަކަށް ވެސް އިހުމާލުގެ ދައުވާ ކުރެވިދާނެ ނުބައި ބޭހެއް ދީގެން ވެސް."

ސިއްހީ އިހުމާލަށް ބަދަލު ނަގައި ދޭ ގާނޫނެއް މިހާރު ނެތުމުން މިހާރު ޖެހެނީ އެ ފަދަ މައްސަލައެއްގައި ބަދަލު ހޯދަން މޮޅު ގާނޫނީ ވަކީލެއް ހޯދުމަށް ކަމަށާއި އެފަދަ މައްސަލައެއް މިހާރު އޮތްގޮތުން ވަކީލަށް ވެސް ކާމިޔާބު ކުރެވޭނީ ވަރަށް ބުރަ މަސައްކަތުން ކަމަށް މުހުތާޒް ވިދާޅުވި އެވެ. ވަކީލަކަށް އެހާބޮޑު ހޭދައެއް ކުރުމަކީ ކޮންމެ ކޮންމެ މީހަކަށް ކުރެވޭނެ ކަމަކަށް ނުވާތީ އެފަދަ މައްސަލަތަކުގައި އިންސާފު ލިބުމަށް ހުރަސް އެޅޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގާނޫނެއް ނެތީމާ އަޅުގަނޑުމެން ޖެހެނީ ކޮމަން ޕްރެކްޓިސް ކުރަން. އެވެނި ގައުމެއްގައި އެހެންހެދި މިހެންހެދި ކިޔާފައި ގެންނަން. ގެންނައިރު ފަނޑިޔާރަކަށް އިންނަ މީހާ އެއަށް ވެއިޓް ދޭލެއް ކުޑަވެއްޖެއްޔާ އެހާ ހިސާބުން އަޅުގަނޑުމެންގެ ޒަމާން ދިޔައީ،" މުހުތާޒް ވިދާޅުވި އެވެ.

"ގާނޫނެއް ނެތިއްޔާ ކޯޓުން ވެސް އޭގެ ބަދަލު ނަގައި ދިނުމުގައި އެހާ ހޯޕްފުލްއެއް ނުވާނެ. މިހާތަނަށް ވެސް ވަރަށް މަދު ކޭސްއެއް ވިންވެފައި އެހެރީ ވެސް."

"ގާނޫނެއް ނޫން ބޭނުން ވަނީ، ބޭނުންވަނީ ބަދަލު ދޭނެ ބޮޑީއެއް"

ގާނޫނުން އިހުމާލުތަކުގެ ބަދަލު ނަގައި ދޭނަމަ އެފަދަ މައްސަލަތައް ކުރިއަށް ދާނީ ކޯޓުތަކުގަ އެވެ. ނިއުޒީލެންޑް ފަދަ ބައެއް ގައުމުތަކުގައި ސިއްހީ އިހުމާލުގެ ބަދަލު ނަގައި ދިނުމަށް ގާނޫނީ މުއައްސަސާތައް ހަދާފައި ހުރެ އެވެ. އެ މުއައްސަސާތަކުގެ މެމްބަރުންގެ ގޮތުގައި ޓެކްނިކަލް ބޭފުޅުން ތިބޭއިރު އެތަންތަނުން ގެއްލުމުގެ ބަދަލު ނަގައިދެ އެވެ.

މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަންގެ ކުރީގެ ރައީސް ޑރ. އަބްދުﷲ އަފީފް ވިދާޅުވިގޮތުގައި ކޯޓަށް އެފަދަ މައްސަލަތައް ހުށަހަޅައިގެން ބަލާނަމަ އެއީ އެތައް އަހަރެއް ހޭދަ ވެދާނެ ކަމެކެވެ. ރާއްޖޭގައި ގިނަ އަދަދަކަށް ބިދޭސީ ޑޮކްޓަރުންނާއި ނަރުހުން މަސައްކަތް ކުރާއިރު އެފަދަ މައްސަލައެއް ކޯޓަށް ހުށަހަޅައި ނުނިމިގެން ފުރޭގޮތް ނުވެފައި އެ މީހުން ތިބެން ޖެހިދާނެ ކަމަށާއި އެހެންކަމުން އެއީ ރާއްޖެއަށް މަސައްކަތު ނައުމަށް ބޭރު ޑޮކްޓަރުން ނިންމަފާނެ ސަބަބެއް ކަމަށް އަފީފް ވިދާޅުވި އެވެ.

"ސަބަބަކީ ޕްރޮސީޖާ ދިގުވުމާއި އަޅުގަނޑުމެންނަށް އެވަރަށް އެކްސްޕަޓީސް ނެތުމާއި އަޅުގަނޑުމެންނަށް ލިބޭ ގިނަ ޑޮކްޓަރުންނަކީ ފޮރިން ޑޮކްޓަރުންނަށް ވެފައި އެމީހުން ހިފަހައްޓައިފި ކަމަށްވާނަމަ އަޅުގަނޑުމެން ރާއްޖޭގައި ވޯކް ކުރަން ރަނގަޅު ޑޮކްޓަރުން ލިބުމުގެ ޗާންސް ހަނިވުން،" އަފީފް ވިދާޅުވި އެވެ.

އަފީފް ވިދާޅުވިގޮތުގައި ރާއްޖެއަށް އެންމެ މުހިންމީ ބަދަލު ނަގައިދޭން ގާނޫނީ ބޮޑީއެއް އެކުލަވާލުން ކަމަށެވެ.

"އޭރުން ޕޭޝެންޓަށް ބަދަލު ލިބިފައި އަނެއްކޮޅުން ވަގުތު ސަލާމަތް ވެފައި ކޯޓުގައި އެނަގާ ގިނަ ދުވަސްތަކުން ސަލާމަތް ވޭ،" އަފީފް ވިދާޅުވި އެވެ.

މެޑިކަލް ނެގްލިޖެންސް ގާނޫނެއް ހެދުމަށް ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި 2007 ވަނަ އަހަރު މަސައްކަތް ފެށި އެވެ. ނަމަވެސް އެ މަސައްކަތް ގާނޫނަކަށް ނުވެ އޮތީ ހުއްޓިފަ އެވެ. މިސަރުކާރުން 2023 ވަނަ އަހަރާ ހަމައަށް މަޖިލީހަށް ހުށަހަޅަން ގަސްތުކުރާ ބިލްތަކުގެ ތެރޭގައި ވެސް މެޑިކަލް ނެގްލިޖެންސްގެ ބިލް ހިމެނެ އެވެ. ނަމަވެސް މިހާތަނަށް އަދި އެ ބިލްގެ އަމަލީ މަސައްކަތް ފަށާފައެއް ނުވެ އެވެ.

މުހުތާޒް ވިދާޅުވިގޮތުގައި މެޑިކަލް ނެގްލިޖެންސްގެ ގާނޫނަކީ ދުނިޔޭގެ ކުރިއަރާފައިވާ ހުރިހާ ގައުމުތަކެއްގައި އަމަލު ކުރާ އެއްޗަކަށްވާއިރު އެފަދަ ގާނޫނެއް ހެދުމަކީ ބުރަ ކަމެއް ނޫނެވެ.

އިހުމާލުތަކުގެ ސަބަބުން މީހުން ފުރާނަ ގެއްލުމުން ނުވަތަ ބޮޑު ގެއްލުމެއް ވުމުން މަޖިލީހަށް ކުއްލި މައްސަލަ ހުށަހަޅައިގެން ބަހުސް ކުރުމަކީ އާއްމު ކަމެކެވެ. ނަމަވެސް އެފަދަ މައްސަލަތަކަށް އޮތް އެއް ދާއިމީ ހައްލު ކަމަށްވާ މެޑިކަލް ނެގްލިޖެންސްގެ ގާނޫނުގެ އަމަލީ މަސައްކަތެއް އަދި ނުކުރެ އެވެ.