Advertisement

ނަޝީދަށް ދިން ހަމަލާއަށް ފަންޑު ކުރި މީހުން ހޯދޭނެތަ؟

6 ޖޫން 2021 - 08:46 0

ހަސަން މުހައްމަދު

ހަސަން މުހައްމަދު


ނަޝީދަށް ދިން ހަމަލާއަށް ފަންޑު ކުރި މީހުން ހޯދޭނެތަ؟

6 ޖޫން 2021 - 08:46 0

"ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިރޭ ދެވުނު ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރަން. މި މައްސަލަ އެންމެ މަތީ ދަރަޖައިގެ އަހައްމިއްޔަތުކަން ދީގެން ދިވެހި ފުލުހުން ތަހުގީގު ކުރާކަން ކަށަވަރު ކުރާނަން،"

އެއީ މީގެ އެއް މަސް ކުރިން މެއި، 6، ގައި ރައީސް ނަޝީދު އަވަހާރަކޮށްލަން ބޮން ގޮއްވާލުމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވި ވާހަކަ އެވެ.

މަޖީދީ މަގާއި ނަޝީދު ދިރިއުޅުއްވާ ގ. ކެނެރީގެ ހުންނަ ނީލޯފަރު މަގު ކަންމަތީގައި ސައިކަލެއްގަ ހަރުކޮށްގެން ބޮން ގޮއްވި މައްސަލައިގެ ފުލުހުން ވަނީ އެ ހަމަލާގައި އަމަލީ ގޮތުން ބައިވެރިވި ހަތަރުު މީހުން ހައްޔަރުކޮށްފަ އެވެ.

އެކަމަކު އެ ހަމަލާއަށް މިއަދު މަހެއް ފުރުނުއިރު ރައްޔިތުންގެ އެންމެ ބޮޑު ސުވާލަކީ ރައީސް ނަޝީދު އަވަހާރަކޮށްލަން ރާވައި އެ ހަމަލާ ފަންޑު ކުރީ ކޮންބައެއްތޯ އެވެ؟

މީގެ ކުރިން ރާއްޖޭގައި ހިނގާފައި ހުރި ބޮޑެތި ޓެރަރިސްޓު ހަމަލާތަކުގެ އަޑި އެއްވެސް ވަރަކަށް ހޯދިފައެއް ނެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ޑރ. އަފްރާޝީމް އަލީގެ ގަތުލުކުރި މައްސަލައިގެ ފުނަށް ދެވިފައެއް ނެތެވެ. ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލައިގެ ހަގީގަތް ހޯދުމަށް އެ އާއިލާއިން އަދިވެސް އާދޭސް ކުރަނީ އެވެ. އަދި ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލައިގަ ވެސް ހައްޔަރު ކުރީ ހަމައެކަނި ސީދާ އެ އަމަލު ހިންގި މީހުން އެކަންޏެވެ.

އެފަދަ ބޮޑެތި ޓެރަރިޒަމްގެ މައްސަލަތުގެ އަޑި ނުހޯދެނީ ކީއްވެގެންތޯ އެވެ؟ މިއީ ފުލުހުންގެ މައްސަލައެއްތޯ އެވެ؟ ނުވަތަ އެއީ ނިޒާމުގައި އޮތް ބާގަނޑެއްބާވަ އެވެ؟

ބޮން ގޮއްވާ، މީހުން މަރަނީ އަޑި ފޮރުވަން ދުރާލާ ރާވައިގެން

އެފަދަ ބޮޑެތި މައްސަލަތަކުގެ އަޑިއާ ހަމައަށް ނުދެވިގެން އުޅެނީ ހަމައެކަނި ރާއްޖެއަކު ނޫނެވެ. ސްރީ ލަންކާގައި މީގެ ދެ އަހަރު ކުރިން ދިން އީސްޓާ ދުވަހު ދިން ބޮމުގެ ހަމަލާތަކަށް ފަންޑު ކުރި ބަޔަކު ވެސް އުޅެނީ ނުހޯދިގެންނެވެ.

ކުރިން ސިފައިންގޭގައި އުޅުއްވި ސެކިއުރިޓީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ނައުޝާދު އަލީ ވިދާޅުވީ ރާއްޖޭގައި ކަން ހިނގާ ގޮތަށް ބަލާއިރު ރައީސް ނަޝީދަށް ދިން ފަދަ ހަމަލާއެއްގެ އަޑީގައި ތިބި ބަޔަކު ހޯދުމަކީ ވަރަށް އުނދަގޫ މަސައްކަތަކަަށް ވެދާނެ ކަމަށެވެ.

"ފަންޑު ކުރާ މީހަކު ނުވަތަ ބަޔަކު އެ ހޯދަން އެއީ ވަރަށް އުނދަގޫ ކަމެއް. އޮޕަރޭޓް ކުރާ މީހުން ހޯދުން ކަމުގައިވި ނަމަވެސް އެމީހުންނަށް ވެސް ގިނަފަހަރު ނޭނގޭނެ ފަންޑު ކުރި މީހުން. އަދި ކަން ކުރާއިރު މި ވަނީ ކީއްކަން ވެސް އޮޕަރޭޓް ކުރާ މީހުންނަށް ނޭނގޭ. ހާދިސާ ހިނގީމަ އެމީހުންނަށް ވެސް އެނގެނީ މިވީ ކީއްކަން. ވަރަށް ބޮޑަށް ސްޓްރެޓަޖިކަލީ ރާވައިގެން ފަންޑު ކުރާ މީހުން ކުރާނީ،" ނަައުޝާދު ކިޔައިދެއްވި އެވެ.

ރާއްޖޭގައި ކަންތައް ހިނގާ ގޮތަށް ބަލާއިރު ފަންޑެއް ނެތި އަދި އަޑީގައި ބަޔަކު ނެތި ވެސް މިފަދަ ހަމަލާއެއް ދީފާނެ ކަމަށް ނައުޝާދު ދެކިވަޑައިގަންނަވަ އެވެ.

"ކޮންމެ ކަމަކީ ފަންޑުކޮށްގެން ކުރާ ކަމެކޭ ވެސް ބުނަން އުނދަގޫ. ފަހަރެއްގައި ވެދާނެ ފަންޑުނުކޮށް ހަމަ ޕާސަނަލް ރުޅިވެރިކަމެއްގެ ތެރޭގައި ނޫނީ ނަފްސާނީ ގޮތުން ކުރާ އަސަރަކުން ދެވޭ ހިސާބަކުން އެކަން ކުރަން ބޭނުން ވަނީ ކަމަށް ވެސް ވެދާނެ. އަދި ގްރޫޕެއްގެ ތެރޭގައި ވަރަށް ސިއްރުކޮށް އޮޕަރޭޓްކޮށް މާބޮޑު ފަންޑެއް ނެތި ވެސް ކޮށްފާނެ،" ނައުޝާދު ވިދާޅުވި އެވެ.

ފުލުހުންގެ ތަހުގީގުތަކުގައި މައްސަލައެއް އުޅޭތަ؟

ރާއްޖޭގައި ހިނގާފައި ހުރި ބޮޑެތި މައްސަލަތަކަށް އިންސާފު ނުލިބުމުން ފުލުހުންނަށް ދިމާލަށް ދިއްކުރާ އިނގިލިތައް ވަރަށް ގިނަވެ އެވެ. ސަބަބަކީ އެ މައްސަލައެއް ތަހުގީގު ކުރަނީ ފުލުހުން ކަމަށްވާތީ އެވެ. އެކަމަކު ތަޖުރިބާކާރުން ދެކިވަޑައިގަންނަވާ ގޮތުގައި ރާއްޖޭގެ ފުލުހުންގެ މަސައްކަތް ގޯހެއް ނޫނެވެ.

ތިމަރަފުށީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް ގަބޫލު ކުރައްވާ ގޮތުގައި ދިވެހި ފުލުހުންނަކީ ކުޅަދާނަ ބަޔެކެވެ. އެމީހުންނަށް ބޭނުންވަނީ އެހީތެރިކަމެވެ.

"ފުލުހުން ތަހުގީގު ކުރާއިރު ކުރާނީ މައްސަލައެއްގެ ހުރިހާ ބައެއް ވެސް ހޯދަން. އެއީ ފަންޑު ކުރި ބަޔަކުވެއްޖެއްޔާ އެމީހުން ވެސް. އެކަމަކު ބޮޑެތި ކަންކަން ޕްލޭން ކުރާ ލެވެލްގަ ކަންކަން ހޯދޭނީ ފުލުހުންގެ އިންވެސްޓިގޭޝަންގެ ކެޕޭބިލިޓީސްއާ ބޭނުންވާ ވަސީލަތްތަކާއި އިންޓެލިޖެންސާ މިހުރިހާ އެއްޗެއް ވަރަށް ވަރަށް ވަރަށް ވަދުގަދަވެގެން،" ރިޔާޒް އޭނާގެ ތަޖުރިބާގެ އަލީގައި ވިދާޅުވި އެވެ.

މިހާރު ވެސް ކުރަންޖެހޭ މުހިންމު ހަތަރު ކަމެއް ރިޔާޒް ފާހަގަ ކުރެއްވި އެވެ.

"ތަހުގީގު ކުރާ މީހުން އެކަށީގެންވާ މިންވަރަށް ތިބުމާއި އެމީހުންނަށް ތަމްރީނު ދިނުމާއި ބޭނުންވާ ވަސީލަތްތަކާއި ބަޖެޓު ދިނުމަކީ ވަރަށް މުހިންމު ކަމެއް ކުރަންޖެހޭ،" ރިޔާޒް ކިޔައިދެއްވި އެވެ.

ފުލުހުންގެ ތަހުގީގަށް ލިބޭނެ އެންމެ ބޮޑު ބާރެއްގެ ގޮތުގައި ރިޔާޒް ފާހަގަ ކުރެއްވީ ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެެއިން ފެންނަން ނެތް ބައެއް ގާނޫނުތަކެވެ.

"ރާއްޖޭގައި އެވިޑެންސް އެކްޓެއް ވެސް ނެތް. ހަގީގަތަކީ ހަމަ ވަރަށް އާދައިގެ އެވިޑެންސް އެކްޓެއް މި އޮތީ. ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް ހޯދޭ އެއްޗެއްސާއި ޑީއެންއޭއާ މި އެއްޗެއްސަށް ގާނޫނީ ގޮތުން ލިބެންޖެހޭ ބާރުތަކެއް އޮންނަންޖެހޭ. ތަހުޒީބުވެފަ ހުންނަ ގައުމުތަކުގައި ގަރީނާއަކަށް ވުރެ ބޮޑަށް ވަރަށް ސްޓްރޯންގް އެވިޑެންސް ގޮތަށް ފިންގާ ޕްރިންޓްސް ފަދަ ހެކިތަކަކީ،" ރިޔާޒް ވިދާޅުވި އެވެ. "އަދި ވިޓްނަސް ޕްރޮޓެކްޝަން ގާނޫނަކީ ވެސް ވަރަށް މުހިންމު އެއްޗެއް."

މުޖްރިމުން ވެސް ޓެކްނޮލޮޖީގައި ކުރިއަރަމުންދާއިރު އެއާ ފައިހަމަކުރާނެ ވަރުގެ ކުޅަދާނަކަން ދިވެހި ފުލުހުންނަށް ލިބެންޖެހޭނެ ކަމަށް ރިޔާޒު ވަކާލާތު ކުރެއްވި އެވެ.

"ފުލުހުން ސީސީޓީވީ ބަލަނީ މެނުއަލްކޮށް. ދުނިޔޭގެ އެހެން ތަންތަނުގައި ހުންނާނެ ސޮފްޓްވެއާ މިސާލަކަށް ވަކި ކުލައެއްގެ ކާރު އެނަލެޓިކަލްކޮށް އައިޑެންޓިފައި ކުރަން. މެނުއަލްކޮށް ކުރާ ނަމަ މިސާލަކަށް 30 މިނެޓުގެ ސީސީޓީވީ ބެލޭނީ 30 މިނެޓުން. ދެން ވިސްނަވާ އަށް ގަޑިއިރު ނުވަ ގަޑިއިރު 24 ގަޑިއިރު ނުވަތަ 48 ގަޑިއިރުގެ ވީޑިއޯ ބަލަން (ހޭދަވާނެ ވަގުތު)/ އެ ކެޕޭސިޓީއެއް ނެތް އަސްލު ފުލުހުންގެ،" ރިޔާޒް ވިދާޅުވި އެވެ.

ދައުލަތުގެ އިދާރާތަކުގެ ވާދަވެރިކަން: ބޮޑު ގޮންޖެހުމެއް

ޖިނާއީ ބޮޑެތި މައްސަލަތައް ކާމިޔާބުނުމުގެ އެންމެ ބޮޑު އެއް މައްސަލައަކީ ދައުލަތުގެ އެކި އިދާރާތައް ގުޅިގެން މަސައްކަތް ކުރަންޖެހޭއިރު އެކަންނުވުން ކަމަށް ރިޔާޒް ވެސް އަދި ކުރިން ކުރިން މި ރިޕޯޓަށް ވާހަކަ ދެއްކެވި ނައުޝާދު ވެސް ދެކިވަޑައިގަންނަވަ އެވެ.

"ގާނޫނު ބައްޓަންވެފައި އޮންނަ ގޮތާއި ތަހުގީގު ކޮށްފައި ފޮނުވާ މައްސަލަތައް ޝަރީއަތަށް ނުދިއުމާއި ފުލުހުން ކާމިޔާބުކަމާއެކު ހޯދިފައި ހުންނަ ކަމަށް ބުނާ މައްސަލަތައް ޝަރީއަތަށް ދިޔައީމަ ކާމިޔާބު ނުވުމާއި (އަދި) ކްރިމިނަލް ޖަސްޓިސް ސިސްޓަމުގައި އެބަހުރި އިނގޭތޯ ގެޕްސް،" ރިޔާޒު ވިދާޅުވި އެވެ.

ދައުލަތުގެ އިދާރާތަކުގެ މެދުގައި އޮންނަ ގޯސް ގުޅުމުގެ މިސާލެއް ނަޝީދަށް ދިން ހަމަލާގައި ފަސްމަންޒަރުން ފެނުނު ކަމަކުން ނައުޝާދު ފާހަގަ ކުރެއްވި އެވެ.

"ރައްޔިތުންގެ މަޖިލީހުން މި ބޭނުން ވަނީ އެ ދުވަހުގެ ވަކި ވަކި ސެކިއުރިޓީ މީހާ ހާޒިރުކޮށް ވާހަކަ ދައްކައިގެން ހިންގާ އިންކުއަރީއެއް ހިންގަން. އެމްއެންޑީއެފުން އެގޮތަކަށް ބޭނުމެއް ނުވޭ. އެމްއެންޑީއެފުން ދެން ނެރެނީ އެއާ ދެކޮޅަށް ބަޔާނެއް،" ނައުޝާދު ވިދާޅުވި އެވެ.

"އެހެންވީމަ ހައްތަހާ ވެސް ހީވަނީ އެއް މުއައްސަސާއެއްގެ މައްޗަށް އަނެއް މުއައްސަސާއެއް ބާރުވެރިވެ، އެއް ބަޔަކު އަނެއް ބަޔަކަށް އާންމުންގެ ކުރިމަތީގައި ބާރު ދައްކަން އުޅޭހެން ހީވަނީ. ގުޅުމެއް ނެތް. އެކަމަކު ސަރުކާރަކީ އެއް ސަރުކާރެއް. މަޖިލީހުގެ މެޖޯރިޓީ ވެސް ސަރުކާރަށް. އެކަމަކު ވެސް އެތަނެއް ނޫންތާ މި ފެންނަނީ."

ރައީސް ނަޝީދަށް ދިން ހަމަލާގައި ހައްޔަރު ކޮށްފައި ވަނީ ވަނީ ބޮން ގޮއްވާލި ކަމަށް ތުހުމަތު ކުރެވޭ އަހުމަދު އަދުހަމް، 25، އާއި މއ. ފޭރުގެ މުޖާޒް އަހްމަދު 21، އާއި ގއ. ކޮނޑޭ، ފޮޅޭމާ، ސައިކަލުގެ ވެރި މީހާ ތަހުމީން އަހްމަދު، 32 އެވެ. އަދި އަހުމަދު ފާތިހު ކިޔާ މީހަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

ހައްޔަރު ކޮށްފައިވާ މީހުންގެ ބޭރުން އެ ހަމަލާ ރޭވި ބަޔަކު ތިބޭނެ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އޮތީ ވިދާޅުވެފަ އެވެ. ރައީސް ނަޝީދަށް ހަމަލާދިން ރޭ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވައުދުވެލެއްވީ ފުލުހުންގެ ތަހުގީގަށް ފާރަވެރިވުމަށެވެ. އެކަމަކު ހަގީގަތުގައި ކުރައްވަންޖެހިވަޑައިގަންނަވާ ކަމަކީ ތަހުގީގަށް އެހީތެރިވެދިނުމެވެ. ފަންޑު ކުރި މީހުން ހޯދޭނީ އޭރުންނެވެ.