Advertisement

އާއްމު މީހަކު، ޓެރަރިސްޓަކަށް: ބަދަލުވި ކުއްލި ވިސްނުން

3 ޖޫން 2021 - 11:22 1


އާއްމު މީހަކު، ޓެރަރިސްޓަކަށް: ބަދަލުވި ކުއްލި ވިސްނުން

3 ޖޫން 2021 - 11:22 1

ގދ. މަޑަވެއްޔަށް އުފަން މުހައްމަދު ވާފިރު އަމިއްލައަށް މަރުވެދާނެ ކަމަށް އެއްވެސް މީހަކު ކުރިން ގަބޫލެއް ނުކުރެ އެވެ. އޭނާ އުޅުނީ އެއަށް ވުރެ އުފަލުގަ އެވެ. ހިތްހަމަޖެހިގެންނެވެ. މަސައްކަތުގެ މާހައުލުގެ ތެރެއިން ތަމްރީންވީ ސިފައިންގެ ތެރޭގަ އެވެ. އޭނާ މީހަކު މަރާލަފާނެ ކަމަކަށް އެއްވެސް މީހެއްގެ ހިތަކަށް ނާރަ އެވެ. ސަބަބަކީ ޖަލު ބަލަހައްޓާ އޮފިސަރެއްގެ ގޮތުގައި ވެސް އޭނާ އިސް ކުރީ ހިތްހެޔޮކަމާއި ހިތްތިރިކަން ކަމަށްވާތީ އެވެ.

އެކަމަކު، ނޮވެމްބަރު 2008 ގައި، ވާފިރު މި ދުނިޔެއާ ވަކިވީ އެ ހުރިހާ ހީކުރުންތަކާ ހިލާފަށެވެ. ރަށު ފެންވަރުގެ ހުނަރުވެރި ގޯލްކީޕަރު މަރުވީ މަޑަވެއްޔާ 3255 ކިލޯމީޓަރު ދުރުގައި، ޕާކިސްތާނުގެ ވަޒިރިސްތާނުގައި، ވޭނެއްގައި އައިއީޑީއެއް ހަރުކޮށް އެ ގޮއްވާލައިގެން އަމިއްލައަށެވެ. ބަޔަކު މެރުމަށްޓަކައި އަމިއްލަ މީހާ ވެސް ގުރުބާންވީ އެވެ.

ވާފިރު މަރުވުމުގެ ކުރިން އޭނާ ގަބޫލު ކުރީ ދިވެހި ބިމަކީ ކުފުރުގެ ބިމެއް ކަމަށެވެ. އޭނާ ދުށީ އޭނާގެ ރަހުމަތްތެރިންނާއި އާއިލާގެ މީހުންނަކީ ޖާހިލުން ކަމަށެވެ. އަދި އޭނާއާ ގުޅުމެއް ނެތް، ކުށެއް ނެތް އެތައް ބަޔަކު މަރާލައި، އަމިއްލައަށް މަރުވާން ދިޔައީ ނުކުޅަދޭ ބައްޕައަކާއި ހިތްހެޔޮ، ދީލަތި މަންމައެއް ރަށުގައި އެކަނިކޮށްލުމަށްފަހު އެވެ.

ވާފިރަށް ހީކުރެވިފައި އޮތީ އޭނާ ﷲގެ މަގުގައި ޖިހާދު ކުރަނީ ކަމަށެވެ.

ވާފިރަކީ އެންމެ މީހެކެވެ. އެކަމަކު އެކަހަލަ އެތައް ސަތޭކަ ވާފިރެއް މި ރާއްޖޭގައި އެބަ އުޅެ އެވެ. އެފަދަ އެތައް ސަތޭކަ ޒުވާނުންތަކެއް ޓެރަރިސްޓު ޖަމާއަތްތަކާ ގުޅިގެން ބިދޭސީ ގައުމުތަކުގައި ހަނގުރާމަކޮށް މަރުވެއްޖެ އެވެ. އެމީހުން އެތައް ބަޔަކު މަރައިފި އެވެ. އެތައް ބަޔަކަށް ބޮޑެތި އަނިޔާތަކެއް ދީފި އެވެ. އިސްލާމް ދީނުގެ ނަމުގަ އެވެ. އަދި އެމީހުންގެ ނުރައްކާ ދުވަހުން ދުވަހަށް ދަނީ އިތުރުވަމުންނެވެ.

ސުވާލަކީ ދިވެހި މުޖްތަމައުން މިފަދަ ޒުވާނުން އުފެދެނީ ކީއްވެތޯ އެވެ؟ މިއީ މުޖްތަމައުގެ މައްސަލައެއްތޯ އެވެ؟ ޓެރަރިސްޓުންގެ މެސެޖުތަކަށް ދިވެހި ޒުވާނުން ބޯލަނބަނީ ކީއްވެތޯ އެވެ؟

ކްރިޓިކަލް ވިސްނުން ނުގެންގުޅުން އެއީ އެންމެ ބޮޑު އެއް މައްސަލަ

ތަޖުރިބާކާރުން ދެކޭ ގޮތުގައި ހަރުކަށި ފިކުރަށް، އެއީ ކޮންމެ ވައްތަރެއްގެ ހަރުކަށި ފިކުރެއް ނަމަވެސް މީހުން ދާން މެދުވެރިވާ ބައިވަރު ސަބަބުތައް އެބަހުއްޓެވެ. އެއީ ހުރިހާ ކަމެއް ވެސް ގުޅެނީ މުޖްތަމައުއާ އެވެ. މަސްތުވާތަކެތީގެ މައްސަލަ އާއި ގޯތި ގެދޮރުގެ މައްސަލަ އެވެ. އިޖްތިމާއީ ފޭރާން ވީދި، ހަލާކުވެފައިވާ މިންވަރެވެ. އަދި މިކަންކަމުގެ ސަބަބުން ނުކުންނަ ނަތީޖާތަކުން އުފެދޭ ވިސްނުންތަކެވެ.

އެކަމަކު ހަރުކަށި ފިކުރަށް ދިވެހި ޒުވާނުން ލެނބޭ އެންމެ ބޮޑު އަދި މައިގަނޑު ސަބަބަކީ ވިސްނުމުގައި ގެންގުޅޭ މައްސަލައެއް ކަމަށް މިކަން ދިރާސާ ކުރައްވާ ކަމުގެ ތަޖުރިބާކާރުން ދެކިވަޑައިގަންނަވަ އެވެ.

"މި ފިކުރުވިޔަސް އަދި އެހެން ފިކުރެއް ނަމަވެސް ސީދާ ޝައިތާނާގެ ހެއްލުންތެރިކަމަށް އަޅުގަނޑުމެންގެ ތެރެއިން މީހުން ދިޔަކަމަށްވިޔަސް، މި ހުރިހާ ކަމެއްގެ ފަހަތުގައި، ވަކި ފިކުރަކަށް ވަކި ވިސްނުމަކަށް ގެއްލިގެން ދިއުން ބިނާވާ މައިގަނޑު އެއް ސަބަބަކީ ހެއްލޭ މީހާ ފުންކޮށް އެކަމާ ދޭތެރޭގައި ވިސްނުން ނުގެންގުޅުން. ހުރިހާ ދިމާލަކަށް ވިސްނުން ނުގެންގުޅުން،" ތައުލީމީ ދާއިރާގެ 20 އަހަރު މަސައްކަތް ކުރެއްވުމަށްފަހު މިހާރު އިސްލާމިކް މިނިސްޓްރީގައި އުޅުއްވާ ޝެއިހު އަހުމަދު ފަހުމީ ދީދީ ވިދާޅުވި އެވެ.

އޭގެ މިސާލެއް ވެސް ފަހުމީ ދެއްވި އެވެ.

"މިސާލަކަށް އަޅުގަނޑުމެން ސެންޓް ގަންނަން ދާއިރު ފުޅި ހަދާފައި ހުންނަ ގޮތާއި ޑިޒައިނާ އޭގެ ހުންނަ ކުލަތަކާ މީއްޗިއްސަށް ބަލާފަ އެބަ ހެއްލޭ،" އޭނާ ކިޔައިދިނެވެ.

ޓެރަރިޒަމްގެ ދަޅަ ދައްކަނީ ޒީނަތްތެރި އެއްޗެއްގެ ގޮތުގައި

ޓެރަރިސްޓުން އެމީހުންގެ ވިސްނުން ބިނާ ކުރަނީ ރަނގަޅު ނުބަޔަށް ހެދުމަށެވެ. އެމީހުންގެ ނުބައި އަމަލުތައް ޒީނަތްތެރި ކުރަނީ ﷲ ގެ ވަހީބަސްފުޅުތަކުންނެވެ.

"ހަމަ އެގޮތަށް ސުވަރުގެ އާއި ނަރަކައަށް ބެލިކަމުގައިވި ވިޔަސް ހަދީސްތަކުގައި ވެސް އޮންނާނެ ސުވަރުގެ ވަށާލެވިފައި ވަނީ މީހުން ނުރުހޭނެ ކަހަލަ ކަންތައްތަކަކުންނޭ. އެކަމަކު ނަރަކަ ވަށާލެވިފައި އޮންނަނީ ހަމަ ޒީނަތްތެރިކަމާއި މީހުން ހެއްލުމާ އެގޮތަށޭ. އެހެންވީމަ މި ޓެކްނިކް މި ބޭނުން ކުރަނީ ކޮންމެ ކަމެއްގައި ވެސް މީހަކު ހައްލާލުމަށް،" ފަހުމީ ވިދާޅުވި އެވެ.

މީހުން މެރުން އެމީހުން ޒީނަތްތެރި ކުރަނީ "ޝަހީދުވުމުގެ" ނަމުގަ އެވެ.

"ހަރުކަށި ވިސްނުމުގެ މީހުންގެ އެންމެ ބޮޑު އެންގަލަކީ، ބެއިޓަކީ ސުވަރުގެ. ޝައްކެއް ވެސް އެމީހުން ވެސް ބޭނުން ކުރަނީ ގުރްއާނުގެ އާޔަތްތައް. ﷲ ގެ މަގުގައި ޝަހީދުވާ މީހުންނާ ސުވަރުގެ ނޫން ތަނެއް ނެތޭ. ރަނގަޅު ވާހަކައެއް. އެކަމަކު މި ރަނގަޅު ވާހަކަ ބޭނުންކޮށްގެން މި ގެންދަނީ ހަގީގަތުގައި ދީނާ ވެސް މުޅިން ހިލާފު ދިމާލަކަށް،" އޭނާ ވިދާޅުވި އެވެ.

މުދައްރިސުންގެ ފަރާތުން ވެސް ގޯސް ވިސްނުމެއް

ކްރިޓިކަލް ވިސްނުމުގެ ދޮރު ބަންދުވުމުން ނުވަތަ ބަންދު ކުރުމުން ނުބައި ދަޅަތަކަށް ހެއްލެން ފަސޭހަވެ އެވެ. ކިޔަވައިގެން ތިބި މުޖްތަމައުގެ ހެޔޮ ވިސްނޭ މީހުން ވެސް ކްރިޓިކަލް ވިސްނުން ދޫކޮށްލުމުން ނުބައި މަގުން ދާތަން ފެނެ އެވެ.

"މިދެންނެވިހެން މީހުން ޝައުގުވެރިވާ ކަހަލަ ކަންތައްތަކެއް މީގެ ތެރޭގައި ހުރީމަ ވާގޮތަކީ މަގުފުރެދެނީ. ހަމަ ތަންދޮރު ދަންނަ މީހުން، ދީނީ އިލްމުވެރިންގެ ގޮތުގައި އަޅުގަނޑުމެން ދެކޭ ބައެއް މީހުން ވެސް މީގެ ތެރެއަށް ވަދެފައި އެބަހުރި، މި ވިސްނުމުގަ، މި ފިކުރުގަ،" ފަހުމީ ވިދާޅުވި އެވެ.

މުދައްރިސުންގެ ފަރާތުން ވެސް ފެންނަނީ ކްރިޓިކަލް ވިސްނުމަށް ހުރަސްއަޅާ މަންޒަރު ކަމަށް އޭނާ ވިދާޅުވި އެވެ.

"ގިނަ ޓީޗަރުން، ދީނާ ބެހޭ ގޮތުން އޮންނަ ޝައްކެއް އޮޅުންފިލުވާލުމުގެ ނިޔަތުގައި ހެޔޮހިތުން ކުއްޖަކު ސުވާލެއް ކުރިޔަސް އެ ހިސާބުން އޭނާ ކާފަރުވީ. ދެން ނެރޭނީ ކުލާހުން ބޭރަށް. އެކަމަކު ދީނީ ކަންކަމުގައި ވެސް ކުއްޖަކަށް އޮޅުމެއް އަރައިފިއްޔާ ވެސް ސުވާލު ކުރުމުގެ މިނިވަންކަން އޮންނަންޖެހޭ. ދެން އުސްތާޒު ކަމެއްތާ ތިވަސްނަނީ ގޯސްކޮށޭ ތިކަމުގައި މިހެންނޭ މިކަން އޮތީ ބުނެދިނުމަކީ،" ފަހުމީ ވިދާޅުވި އެވެ.

"ކްރިޓިކަލް ތިންކިންގެ ބައި ދަށްކޮށް އޮތީ އަޅުގަނޑުމެންގެ ދީނީ ޓީޗަރުންގެ ތެރޭގައި ވެސް."

ކްރިޓިކަލް ވިސްނުން ދޫކޮށްލުމަކީ ޓެރަރިސްޓުންގެ ބޮޑު ކަމެއް

މީހާ ޓެރަރިސްޓު ޖަމާއަތްތަކާ ގުޅުމުން އެންމެ ފުރަތަމަ ކުރާ އެއް ކަމަކީ ވެސް އޭނާ ކްރިޓިކަލްކޮށް ވިސްނުން ދޫކޮށްލަން ދަސްކޮށްދިނުމެވެ. ސުވާލު ނުކުރުމުގެ އާދައެއް އުފެއްދުމެވެ.

ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ އިންޓެލިޖެންސް އެންޑް އެނަލިސިސް ޑިޕާޓްމަންޓުގެ ހެޑް، ލެފްޓިނެންޓް ކާނަލް އިބްރާހިމް ނައީމް ވިދާޅުވި ގޮތުގައި ސުވާލު ކުރުމާއި ކްރިޓިކަލީ ވިސްނުމަށްފަހު ޑައިވާޖަންޓްކޮށް ވިސްނުމަށްފަހު ގޮތެއް ނިންމާ މިންވަރު މަދު ކަމަށެވެ.

"ސުވާލު ނުކުރާން މި ބޮޑަށް ބާރުއަޅަނީ. އަދި ވަޔަލަންޓް އެކްސްޓްރީމިސްޓް ގުރޫޕުތަކުން ބާރުއަޅާނެ އެމީހުންގެ ލީޑާޝިޕް ނޫނީ އެމީހުންގެ ފަތުވާ ދޭ މީހުން ބުނެދޭ އެއްޗަކަށް ސުވާލު ނުކުރުން. އެއީ އެމީހުން ބޭނުންވާނީ ގްރޫޕު ތެރޭގައި މައްސަލައެއްނުޖެހި ވަރަށް ކްލޯސްކޮށް ބަހައްޓަން،" އޭނާ ވިދާޅުވި އެވެ.

އޭގެ މަގްސަދަކީ ހަގީގަތާ ހަމައަށް މީހާ ވާސިލްވުމަށް ހުރަސް އެޅުން ކަމަށް ނައީމް ދެކިވަޑައިގަންނަވަ އެވެ.

"ކްރިޓިކަލް ވިސްނުމާއި ކްރިއޭޓިވް ވިސްނުން އަޔަނުދޭން މަސައްކަތް ކުރާނެ ވަރަށް ބޮޑަށް. އެހެންވީމަ އުނދަގޫވާނެ ނޫންތޯ ސުވާލު ނުކުރާ ނަމަ ކަމެއްގެ އަސްލު ހަގީގަތް ތަފާތު އޭންގަލްތަކުން ވިސްނާފަ ރަނގަޅު ގޮތް ދަނެގަންނަން،" އޭނާ ވިދާޅުވި އެވެ

ވާފިރު ފަދަ އެތައް ބަޔަކު އަޅުގަނޑުމެންނަށް ގެއްލެނީ ހައްލު ކުރެވިދާނެ މައްސަލަތަކަކާހުރެ އެވެ. ކްރިޓިކަލްކޮށް ވިސްނުން ސްކޫލްތަކުގައި ވެސް އިތުރު ކުރަންޖެހެ އެވެ. އާ ހިޔާލުތަކާއި ސުވާލުތަކަށް ފުރުސަތު ދޭންޖެހެ އެވެ. އެއީ ވަރަށް ބޮޑު ހައްލަކަށް ވާނެ ކަމަށް ތަޖުރިބާކާރުން ދެކެ އެވެ.