Advertisement

ނަފްސު އެއް ގޯސްވެ، ކޮވިޑު މަރު ތަފާސްހިސާބަކަށް!

4 ޖޫން 2021 - 10:31 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ކޮވިޑުގެ މަރުތައް އިތުރުވާން ފެށުމާއެކު ގިނަ ބަޔަކަށް އެއީ ހަމައެކަނި އެޗްޕީއޭގެ ތަފާސް ހިސާބަކަށް ވަނީ ވެފަ. -- އާޓްވާކް: އަބްދުﷲ ޝަފީއު (އަބޯ) / އަދަދު


ނަފްސު އެއް ގޯސްވެ، ކޮވިޑު މަރު ތަފާސްހިސާބަކަށް!

4 ޖޫން 2021 - 10:31 0

އިންސާނުންގެ ސިކުނޑިއަކީ ވަރަށް ޒާތެއްގެ އެއްޗެކެވެ. ފެންނަ މަންޒަރެއް، އިވޭ އަޑެއް، ކުރެވޭ އިހުސާސެއް ވިސްނައިދޭ ގޮތް ބަދަލުކޮށްދެ އެވެ. އޭރު ނިއުޅެމުން އަންނަ ހާލަތަކަށެވެ.

މީގެ 20 ވަރަކަށް އަހަރު ކުރިއަށް ޖެހިލާއިރު މީހެއްގެ މަރުގެ ހަބަރަކީ ކޮންމެ ދިވެއްސެއްގެ ވެސް ނޭވާހާސްކޮށްލާ އަޑެކެވެ. ގަސްދުގައި އެހެން އިންސާނެއްގެ ފުރާނަ ދުއްވައިލުމަކީ އޭރު ދިވެހިންނާ ވަރަށް ބީރަށްޓެހި އަމަލަކަށް ވާތީ އެވެ. އެކަމަކު ގޭންގުތަކާއެކު ބޮޑެތި މާރާމާރީތައް އިތުރުވެ، މީހުން ގަތުލުކުރުން އާއްމުވެއްޖެ އެވެ.

އެހެންވެ މަރުގެ ހަބަރުތަކާއެކު ސިކުނޑި ވެސް އާ ހާލަތާ އެއްގޮތަށް ބަދަލުވީ އެވެ.

މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ކޮވިޑް-19ގެ ބަލިމަޑުކަން މުޅި ދުނިޔެ ބަނަކޮށްލުމާއެކު ދިވެހިންގެ މެދުގައި އޮތް ހާސްކަން ވެސް އިތުރުވި އެވެ. އޭރު ފަރުވާއެއް ވެސް ނެތް އެ ބަލި ނާޒުކު ދުވެހި ފަސްގަނޑަށް ބީހިލައިފިނަމަ ވެދާނެ ގޮތެއްގެ ބިރެވެ. ރާއްޖެއަށް އައިސް ހުރި އިޓަލީ ފަތުރުވެރިއެއްގެ ކިބައިން އެ ބަލި ފެނުމާއެކު އެ ބިރު އެތައް ދަރަޖައެއް އުފުލުނެވެ. އޭރު މާސްކު އެޅުމުގެ ވާހަކަ ވެސް ނުދައްކާއިރު، އެއް ބައި މީހުން މަގު މައްޗަށް ނުކުންނައިރު މާސްކު އަޅަން ފެށި އެވެ.

އެކަމަކު ދިވެއްސެއްގެ ގައިން އެ ބަލި ނުފެންނާތީ އެ ބިރު މަޑުމަޑުން ފަނޑުވި އެވެ. ގިނަ ބަޔަކު ހަމަޖެހިލައިގެން ތިއްބާ މާލޭން ކޮވިޑުގެ ފުރަތަމަ ކޭސް ފެނުމާއެކު އެންމެން ހާސްވެގެން ތެޅިގަތީ އެވެ. ހާލަތުގެ ހަގީގީ ބިރުވެރިކަން ވަޒަން ކުރެވުނީ މުޅި މާލެ ގޭބަންދަށް ފޮނުވާލުމުންނެވެ.

ކޮވިޑު މީހުން ވަޅުލުމުގެ އުޅޭ ޖަމާއަތްތެރިއަކު. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު


އެއާއެކު ދެއިރު ދެ ދަޅައަށް ބޭއްވި ޕްރެސް ކޮންފަރަންސް ތަކަށް އެންމެން ސަމާލުކަން ހުއްޓުނެވެ. ކުރެވުނު ކޮންމެ ސުވާލަކަށް ދިން ޖަވާބުތައް މުޅި ރާއްޖެ ކަނުލާ އަޑުއެހި އެވެ. ކޮންމެ ދުވަހަކު ބަލި ޖެހޭ މީހުންގެ އަދަދުތައް އެނގެން އެންމެން ތިބީ ކެތްމަދުވެފަ އެވެ. މަދުން ނަމަވެސް، އެ ބަލީގެ ޝިކާރައަކަށްވި މީހެއްގެ ހަބަރާއެކު ހިތްތަކުގައި އުފެދިފައި އޮތް ބިރުވެރިކަން އިތުރުވި އެވެ.

އެހެނަސް އެކަން ދެ މިއޮތީ މަހެއްހާ ދުވަހަށެވެ. ޕްރެސްތަކަށް ހުއްޓޭ ލޯތައް މަދުވާން ފެށި އެވެ. ދުވަހުގެ ނަންބަރުތަކަށް ކުރާ އިންތިޒާރު މަޑުމަޑުން ފަނޑުވި އެވެ. އާ ހާލަތަށް ސިކުނޑި ބަދަލުވި އެވެ. އާއްމު ކަމަކަށްވެ، އެކަމަށް ސިކުނޑި ހޭނުނީ އެވެ.

އިންސާނީ ތަބިއްޔަތު

މިއީ ރާއްޖެއަށް ވުރެ ހާލަތު އެތައް ގުނައެއް ގޯސް ގައުމުތަކުގައި ވެސް ފެނުނު މަންޒަރަކެވެ. ކޮންމެ ދުވަހަކު އާއްމުކުރާ ކޮވިޑުގެ އަދަދުތަކުން އުފަންވާ ކަންބޮޑުވުމާއި ބިރުވެރިކަން ފަނޑުވަނީ އެއީ އިންސާނީ ތަބިއްޔަތު ކަމަށްވާތީ އެވެ. ގަސްދުގައި ކުރާ ކަމެއް ނޫނެވެ. ގުދުރަތުން ސިކުނޑި ވަޔަރުކޮށްފައި ހުންނަ ގޮތުން ބޭއިހުތިޔާރުގައި ވާކަމެކެވެ.

އެމެރިކާގެ މަޝްހޫރު ޕްރިންސްޓަން ޔުނިވާސިޓީގެ ނަފްސާނީ ބަލިތަކުގެ ޕްރޮފެސަރު އެލްކޭ ވެބާ ވިދާޅުވެފައި ގޮތުގައި، އިންސާނުން ދިރިއުޅޭ މާހައުލެއްގައި ތާއަބަދު ނުރައްކަލެއް ކުރިމަތިވެފައި އޮންނަ ނަމަ، އިންސާނުން އެކަމަށް ހޭނޭނެ އެވެ. އެގޮތުން އެއީ ކިތަންމެ ނުރައްކާތެރިކަން ބޮޑު ހާލަތެއް ނަމަވެސް، އެކަން އެގޮތަށް ވާނެ ކަމަށް އޭނާ ވިދާޅުވެ އެވެ.

"މިސާލަކަށް ހަނގުރާމައިގެ މައިދާނެއްްގައި ދިރިއުޅޭ ބަޔަކަށް، ވަކި ހިސާބަކުން އެކަމުގެ ނުރައްކާތެރިކަން އިހުސާސެއް ނުކުރެވޭނެ. އާއްމުކަމަކަށް ވާނެ. އެއް ކަމެއް ތަކުރާރުވާނަމަ، އިންސާނެއްގެ ސިކުނޑި ދެން ރިއެކްޓު ކުރާނީ ބަދަލެއް އައިމާ،" ވެބާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވާ ގޮތުގައި ކޮވިޑުގެ ބަލިމަޑުކަމުގައި ވެސް މިހާރު ފެންނަމުންދަނީ އެކަމެވެ. މިކަން ގިނަ ދުވަސްތަކަކަށް ދިގުދެމިގެންދިޔުމުން، އެކަމަށް މީހުން ހޭނި، އާއްމު ހާލަތެއް ކަމަށް ސިކުނޑިން ވިސްނައިދިނީ އެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ވެސް ތަބާވާ މިންވަރު ދަށްވަނީ ވެސް އެހެންވެގެން ކަމަށެވެ.

ދެން ކޮވިޑުގައި އެހެންކަމެއް ވެސް އޭނާ ފާހަގަކުރައްވަ އެވެ. މިއީ ބައްޔާ ދެކޮޅަށް ކުރާ ހަނގުރާމައެއްގެ ގޮތުގައި ސިފަވި ނަމަވެސް، ދުޝްމަނު ލޮލަށް ނުފެނުމަކީ ވެސް އެކަމާ ދެކޮޅަށް ޖޯޝު ނުނެރެވޭ ސަބަބެއް ކަމަށް ވެބާ ގަބޫލުކުރައްވަ އެވެ.

"ލޮލަށް ނުފެންނާތީ ރައްކާތެރިވާންވީ ކޮން ކަމަކުން ކަމެއް ސިކުނޑިއަށް ވިސްނެން އުނދަގޫވަނީ،" ވެބާ ވިދާޅުވި އެވެ.

ރާއްޖޭގައި ވެސް އެއް ހާލަތެއް

ކޮވިޑު ޖެހޭ ނަންބަރުތައް ސަތޭކާގައި ހުރި އިރު އޮތް ދިވެހިންގެ މެދުގައި އޮތް ކަންބޮޑުވުން ބޮޑެވެ. އެކަމަކު މިހާރު އެ އަދަދު ހާހެއް ހުރަސްކުރިއިރު، ހާސްކަން އެތައް ގުނައެއް ކުޑަ އެވެ. އާއްމު ތަންތަނުގައި މީހުންގެ އަމަލުތައް ހުންނަ ގޮތުން އެކަން ސާފެވެ.

ގިނަ ބަޔެއްގެ ހުއްޖަތަކަށްވީ ބަލި ޖެހުނަސް ރަނގަޅުވާ ކަމެވެ. ބަލީގައި ބޮޑުވަރުވެ، ދުނިޔެ ދޫކުރަންޖެހޭ މީހުންގެ އަދަދު ދަށްކަމަށް ބުނަމުންނެވެ.

އެކަމަކު އިތުރުވި ނަންބަރުތަކާއެކު މަރުތައް ވެސް ގިނަވާން ފެށުމުން އެކަމަށް ވެސް ސިކުނޑި އެޖަސްޓުވީ އެވެ.

އެމެރިކާގެ އޮރެގެން ޔުނިވާސީޓީގެ ސައިކޮލޮޖީ ޕްރޮފެސަރު ޕޯލް ސްލެވިޗް އެކަން ސިފަކުރަނީ "ސައިކިކް ނަމިން"ގެ ގޮތުގަ އެވެ.

ހިތްދަތި ހާލަތެއް ތަކުރާރުވާން ފެށުމުން ސިކުނޑިއާއެކު ނަފްސު ވެސް އެކަމަކަށް ޒާތަކަށް އައްސިވަނީ އެވެ.

އޭނާ ވިދާޅުވާ ގޮތުގައި އެކަން އެގޮތަށް ވަނީ، ހިތްދަތިކަމެއް ސިކުނޑިން ޕްރޮސެސް ކުރާ ގޮތުންނެވެ.

"މިސާލަކަށް. އެންމެ މީހެއްގެ މަރުގެ ހަބަރުން ލިބޭ ހިތްދަތިކަމެއް، ދެ މަރުން ދެ ގުނައެއް ނުވާނެ. ހާއްސަކޮށް އެއީ ގާތް ނޫނީ ދަންނަ ނޫނީ އާއިލާގެ މީހަކަށް ނުވާނަމަ، ހިތުގައި އުފެދޭ ޖަޒުބާތު ކުޑަވާނެ އިތުރުވާ ކޮންމެ މަރަކާއެކު،" ސަވިޗް ވިދާޅުވި އެވެ.

ރާއްޖޭން ވެސް މިހާރު ފެންނަމުންދާ ހާލަތު، މަޝްހޫރު ސައިކޮލޮޖިސްޓް ނަދާ ޝަރީފް ވެސް ސިފަ ކުރައްވަނީ އެކަހަލަ ގޮތަކަށެވެ.

އޭނާ "އަދަދު"އަށް ވިދާޅުވި ގޮތުގައި، ވަކި ހާލަތަކަށް އިންސާނުންގެ އަމަލުތައް ބަރޯސާވަނީ އެކަމުގެ އޮންނަ ބިރުގެ މައްޗަށް ކަމަށެވެ.

މިސާލެއް ނަންގަވަމުން ނަދާ ވިދާޅުވީ، ކޮވިޑު ޖެހިގެން ބޮޑުވަރުވި ނޫނީ މަރުވި މީހަކާ ސީދާ ގުޅުމެއްނެތް މީހަކަށް، އެ ބަލީގެ ހަގީގީ ނުރައްކާ ވަޒަންކުރަން ދަތިވާ ކަމަށެވެ.

"އެންމެ ބޮޑަށް ފަރުވާކުޑަކުރާ ކަމަށް މި ބުނަނީ ޒުވާނުން. ޒުވާނުންނަށް މިފެންނަނީ އެމީހުންގެ ރައްޓެހިން ކޮވިޑު ޖެހުނަސް މާ ބޮޑުކަމެއް ނުވެ ރަނގަޅުވާތަން. އެހެންވީމާ ބަލި ޖެހުނަސް އޯކޭ އޭ ހީވާ ކަހަލަ ވިސްނުމެއް މި އަންނަނީ،" ނަދާ ވިދާޅުވި އެވެ.

ދެން އެކަމުގައި އޮންނަ އަނެއް ކަމަކީ، ސިޔާސަތުތައް ހަދަން ތިބި ސިޔާސީ އިސްވެރިން ވެސް ކަންކުރާ ގޮތް ކަން ނަދާ ފާހަގަކުރެއްވި އެވެ.

ސިޔާސީ ބޭނުމަކަށްޓަކައި ބަލީގެ ނުރައްކާ ކުޑަކޮށްލައި ވާހަކަ ދެކެވުމަކީ އާއްމުންގެ މެދުގައި އޭގެ ސީރިއަސްކަން ގެއްލެން މެދުވެރިވެ ސަބަބެއް ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

އެގޮތުން، އަމިއްލައަށް ޒިންމާ ނެގުމުގެ ބަދަލުގައި، ސަރުކާރުގެ ނޫނީ ސިޔާސަތެއްގެ ބޮލުގައި އެ ޒިންމާ އެޅުވުން ވެސް މިހާރު އާއްމުކަމަށް ވިދާޅުވި އެވެ.

"ބަލި ޖެހުނީމަ ވެސް ވިކްޓިމް ކާޑު މި ކުޅެނީ. ކޮންމެވެސް އެހެން މީހަކު މި ބްލޭމް ކުރަނީ. ނޫނީ ސަރުކާރަށް މި އެއްޗެހި ކިޔަނީ އަމިއްލައަށް އެކަމުގެ ޒިންމާ ނެގުމުގެ ބަދަލުގަ،" ނަދާ ވިދާޅުވި އެވެ.

ހާއްސަކޮށް ސިއްހަތާ ގުޅުން ހުރި ކަންކަމުގައި، ކަށީގައި ހިފާފައިހުރި އާދައެއް ދޫކޮށްލަން އުނދަގޫވުމަކީ ވެސް އޭގެ އަނެއް މައްސަލަކަން ވެސް ދުންފަތުގެ އިސްތިއުމާލު ކުރުން މިސާލެއްގެ ގޮތުގައި ފާހަގަކުރައްވަމުން އޭނާ ވިދާޅުވި އެވެ.

ހައްލަކީ ކޮބާ؟

މީހަކު މަރުވުވުމުން ހިތު ތެރޭގައި ޖަޒުބާތެއް ނުއުފެދުމަކީ އިންސާނިއްޔަތުކަން ކުޑަވުމެއް ނޫނެވެ. ދުވާލެއްގެ މައްޗަށް ނުދަންނަ އެތައް ބަޔެއްގެ މަރު ސިކުނޑިން ޕްރޮސެސް ނުކުރެވެނީ އެވެ. އެޗްޕީއޭއިން ކޮންމެ ރެއަކު ޓްވިޓާއަށް ދޫކޮށްލާ "ކޮވިޑު ކާޑު"ގެ ނުރައްކާތެރިކަން ވަޒަން ކުރަން އުނދަގޫވަނީ އެވެ.

ބައްޔާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަށް ވެސް ފަރުވާކުޑަކޮށްލެވެނީ އެހެންވެގެން ކަމަށް ތަޖުރިބާކާރުން ވިދާޅުވެ އެވެ.

ތަޖުރިބާކާރުން ވިދާޅުވި ގޮތުގައި އެކަން ހައްލުކުރެވޭނީ އަމިއްލައަށެވެ. ކޮވިޑާ ގުޅޭގޮތުން ލިބޭ އާ މައުލޫމާތެއް ރަނގަޅަށް ބަލައިލަންވީ އެވެ. އެ ސިކުނޑީގައި ރަނގަޅަށް ދައުރުކޮށްލަންވީ އެވެ. އެ މައުލޫމާތެއްގެ މުހިއްމުކަން ރަނގަޅަށް ފަހުމްވާންދެނެވެ.

ކުއިކްބައިޓް: ޖަމާއަތްތެރިންގެ އިހުސާސް -- ވީޑިއޯ: އާއިމް ޒަމީރު | އަދަދު


ދެން އޮތް ކަމަކީ ކޮވިޑުގެ ހަގީގީ ހާލަތާ އަލުން ގުޅެވޭނެ ގޮތެއް މަގެއް ހޯދުމެވެ. ތިމާ ސީދާ ދަންނަ މީހަކަށް ބަލީގެ އަސަރު ކޮށްފައިނުވާނަމަ، އެކަން މެދުވެރި މީހުންގެ ވާހަކަތައް ކިޔައި، ގާތުން އަޑުއަހަންވީ އެވެ. އެއީ ހިތުގައި އަލުން އަނބުރާ ޖަޒުބާތުތައް އުފެއްދޭނެ މަގެކެވެ.

ކޮވިޑުގެ ތަފާސް ހިސާބުތަށް މޫނެއް ދިނުމެވެ. އެއީ ހަމައެކަނި އަދަދެއް ނޫން ކަން ސިކުނޑިއަށް ވިސްނައި ދިނުމަށެވެ.