Advertisement

ތަހުގީގު ބަންދުގައި އޮތީ ހަމައެއް ނެތް ތަފާތު ކުރުން!

31 މޭ 2021 - 07:59 3

ނާޒިމް ހަސަން

ނާޒިމް ހަސަން


ތަހުގީގު ބަންދުގައި އޮތީ ހަމައެއް ނެތް ތަފާތު ކުރުން!

31 މޭ 2021 - 07:59 3

ޖިނާއީ މައްސަލަތަކުގައި އާންމުކޮށް ކޯޓުތަކަށް ވަޑައިގަންނަވާ ވަކީލް އިބްރާހިމް ޝަމީލް, މި ރިޕޯޓަށް ބަހުސް ހުޅުވާލެއްވީ "އާއްމު މީހެއްނަމަ، އެންމެ ކައިރި ގޮތަކީ އެމީހަކު ކޯޓެއްގެ ތެރޭން ބަންދުވުން،" ކަމަށް ވިދާޅުވަމުންނެވެ.

އެކަމަކު، ސިޔާސީ ނޫނީ ހައިޕްރޮފައިލް ބޭފުޅެއް ނަމަ، ކޮންމެ ވެސް ހިސާބަކުން ގާނޫނީ ބޮޑެތި މާނަކުރުންތަކާއި އުސޫލުތައް އުފަންވެ، އެމީހަކު ކޮންމެ ވެސް މަގަކުން ކޯޓުތަކުން ސަލާމަތްކޮށްދެއެވެ. ބަހުސް ހުޅުވެނީ މިހާ ހިސާބުންނެވެ;

ޖިނާއީ އަދުލުގެ ނިޒާމް ރާއްޖޭގައި ބައްޓަންކޮށްފައި އޮތް ގޮތަކީ، މީހުން ބަންދުކޮށްގެން ގެންގުޅުމާ ވީހާވެސް ދުރަށް ދިޔުމެވެ. އެކަމަކު، ޖަލުތަކުގެ ގޮޅިތަކުން އެ މަންޒަރެއް ނުފެނެއެވެ. މީހުން ހައްޔަރުކުރުމާއި ބަންދު ޖެހުމަށް ކޯޓުތަކުގެ އަމުރުތައް ވަރަށް ގިނައެވެ. އެއީ، ކިތަންމެ ކުޑަ މައްސަލައެއް ނަމަވެސް, ކަން އޮތީ އެހެންނެވެ. މިވަގުތު ވެސް މާފުށީ ޖަލު އޮތީ ފުރިފައެވެ. މާލޭ ޖަލާއި ދޫނިދޫ ޖަލަށް އޮތީ ބާރުބޮޑުވެފައެވެ.

ހުކުރު ދުވަސް ވެސް ހިމަނައިގެން މިދިޔަ ތިން ދުވަހުގެ ކުރިމިނަލް ކޯޓުގެ ތަފާސް ހިސާބަށް ބަލާއިރު، 29 މީހަކު ބަންދުކުރުމަށް އަމުރު ނެރެފައިވެއެވެ. އޭގެ ތެރޭގައި ނިސްބަތުން ގިނައީ، ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅިގެން ނެރެފައިވާ ބަންދު އަމުރުތަކެވެ. -- ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ބާވަތަށް ބަލާއިރު, "އާދައިގެ" މައްސަލަތަކެވެ.

ފަޓާސްބަރިއެއްހެން ނެރޭ މިފަދަ ބަންދު އަމުރުތައް ނެރުމުގައި އެންމެ ފާހަގަކޮށްލެވޭ ކަމަކީ، ގާޒީން ރިއާޔަތްކޮށްފައިވާ ކަންކަން އަމުރުގައި ބަޔާންކޮށްފައި ހުންނަ މިންވަރު މަދުވުމެވެ. ގާނޫނީ ސަބަބުތަކާއި ފެންނަ ފެނުންތައް އެފަދަ އަމުރުތަކުގައި ބަޔާންކުރަނީ މަދު ހާލަތެއްގައެވެ. އެކަމާ ސުވާލު އުފައްދައި، އެ ވާހަކައަށް މާބޮޑު ސަމާލުކަމެއް ނުދޭއިރު ބަންދު އިތުރު ކުރަމުން ކުރަމުން ގޮސް، ވާނުވާ ނޭނގޭ ހިސަބުގައި އެތައް ބަޔަކު އެބަ ތިއްބެވެ. -- "ވާނުވާ" ބަންދަށް ހައްލެއް ނުލިބި, ޖަލުތައް އެ އޮތީ ފުރިފަ އެވެ.

އާންމު އެ އުސޫލުން ބޭރުން މިފަހުން ކްރިމިނަލް ކޯޓުން ތަފްސީލީ އަމުރެއް، މީހަކު ބަންދުކުރާނެ ތަނެއް ނެތް ކަމަށް ކަނޑައަޅައި ނެރުނެވެ؛

ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ހައްޔަރު ކުރަން އަމުރު ނެރޭނެ ތަނެއް ނެތް ކަމަށް ގާޒީ ދީބާނާޒު ފަހުމީ ނިންމެވީ ތަހުގީގަށް އެކަނި މީހަކު ބަންދުކުރުމަކީ ގާނޫނުގައި އޮތް ކަމަކަށްނުވާތީއެވެ. އޭނާ ހައްޔަރުކުރަން ރިއާޔަތްކުރާނެ އިތުރު ކަމެއް ނެތުމެވެ; ހެއްކަށް ނުފޫޒު ފޯރުވުމެއް، މުޖުތަމައުއަށް ނުރައްކާވުން ފަދަ ޝަރުއީ ހުކުމެއްގެ ބޭރުން މީހަކު ބަންދު ކުރެވިދާނެ ކަމަށް ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބުނާ ހާލަތަކުން ކުރެ ހާލަތެއް އީސަގެ މައްސަލާގައި ނެތީއެވެ.

ކުރީގެ އަނބިމީހާއަށް ގެވެށި އަނިޔާ ދިން ކަމުގެ ތުހުމަތު ކުރެވިފައިވާ އީސަ ހައްޔަރުކުރަން އަމުރު ހޯއްދަވަން ކޯޓަށް ވަޑައިގެންނެވި، ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ވެސް ގާޒީއާ އެއްބަސްވެ، ވިދާޅުވީ، ތަހުގީގަށް މީހުން ބަންދުކުރުމަކީ ފެހި ގާނޫނުއަސާސީ ދަންނަ ކަމެއް ނޫން ކަމެވެ. ނޫ ގާނޫނު އަސާސީގައި އޮތް އެ އިހްތިޔާރު އުވާލައި، މީހުން ބަންދު ކުރުން އޮތީ ބޮޑު ތަނުން ހަނިކޮށްފަ ކަމެވެ.

ތެދެކެވެ. ގާނޫނުއަސާސީގައި އޮތީ އެހެންނެވެ.

ގާނޫނު އަސާސީ ކިޔަން މީހަކު އިށީނދެލައިގެން: ގާނޫނުތައް އޮތީ މީހުން ބަންދު ކުރުމަށް ބާރުދޭ ގޮތަކަށް ނޫން - ފޮޓޯ: ހުސެއިން ވަހީދު / އަދަދު


ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގައި ޝަރީއަތުގެ ހުކުމެއްގެ ބޭރުން ހަތަރު ހާލަތެއް މެދުވެރިވެގެން ނޫން ގޮތަކަށް މީހަކު ބަންދުގައި ބަހައްޓައިގެން ނުވާނެއެވެ. އެކަން، 2010 ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން, ބަންދުކުރި އަމުރު ބާތިލްކުރުމަށް ސުޕްރީމް ކޯޓުން ނެރުނު ހުކުމްގައި ވެސް ތަފްސީލްކޮށްފައިވެއެވެ.

އެ ނޫން ގޮތަކަށް ކުރާ ބަންދަކީ ބާތިލް ބަންދެއް ކަމަށް ވެސް ޔާމީންއާ އެއްކޮޅަށް ސުޕްރީމް ކޯޓުން ނެރުނު ހުކުމްގައިވެއެވެ.

މިފަހުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝާ ސުޖޫން ނެރުއްވި ހުކުމެއްގައި ވެސް ވިދާޅުވެފައިވާ ގޮތުގައި، ހެއްކެއް ހޯދުމަށް ތުހުމަތުގައިވާ މީހާ ބަންދުކޮށްފައި ބެހެއްޓުމަކީ ކުރެވިގެންވާނެ ކަމެއް ނޫނެވެ.

އެހެންކަމުން، މިއީ ފެހި ގާނޫނުއަސާސީ ވުޖޫދުވީ ދުވަހުން ފެށިގެން ވެސް އަމަލު ކުރެވެމުންދާ އުސޫލެވެ. ގާޒީ ދީބާނާޒު މުޅިން އާ އުސޫލެއް އުފަން ކުރެއްވީއެއް ނޫނެވެ. އެކަމަކު، ސުވާލު އުފެދޭ ހިސާބަކީ މި އުސޫލު އާންމު މީހާއަށް ފޯރުވުމުގައި އޮތް ދައްޗެވެ. އަދި މިހާ ފުޅާ މާނައެއްގައި މިކަން އާންމުންގެ މައްޗަށް ތަރުތީބުވެގެން ނުދިޔުމެވެ.

ގާނޫނީއެއް ނޫން، ހަމަހަމަ ކަމުގެ މައްސަލައެއް!

ގާނޫނީ ވަކީލް މުހައްމަދު ޝަފީއު ދެކެވަޑައިގަންނަވާ ގޮތުގައި، ގާޒީ ދިބާނާޒުގެ ނިންމެވުމުގައި އެއްވެސް ގާނޫނީ މައްސަލައެއް ނެތެވެ. އެކަމަކު، މައްސަލައަކީ ކޯޓުތަކުގައި ކަން ހިނގަމުން އަންނަ ސަގާފަތެވެ.

"ޕްރި ޓްރައިލް ޑިޓެންޝަނާ (ޝަރީއަތުގެ ކުރިން ބަންދުކުރުން) ގުޅޭ ގޮތުން ގާނޫނުއަސާސީ މިއޮތީ އޮތް ގޮތަށް. ގާނޫނަކަށް ބަދަލެއް ނޭދޭ، އެކަމަކު، އެ އެއްގޮތަކަށް އެއް ހަމައެއްގައި ތަންފީޒުކުރުމުގައި މައްސަލައެއް އުޅެނީ،" ޝަފީއު ވިދާޅުވި އެވެ.

މިސާލެއްގެ ގޮތުން ޝަފީއު ދެއްކެވީ ވަރަށް ފަހުގެ މައްސަލައެކެވެ. ހުޅުމާލެ ކޮވިޑް ފެސިލިޓީގައި އެހީތެރިއަކު މީހަކަށް އަނިޔާކޮށްގެން ހައްޔަރުކޮށް ބަންދު ޖެހިއެވެ. އެ މައްސަލާގައި، ހެކި، ވީޑިއޯއިން ފެންނަން އޮތްއިރު، އެކަމުގައި ދެން އޭނާ ހައްޔަރުކޮށް ބަންދުކޮށްގެން އިތުރަށް ހިންގާނެ ތަހުގީގެއް އޮތް ކަމަކަށް ޝަފީއު ގަބޫލެއް ނުކުރައްވައެވެ. އެމީހާ، އަނިޔާ ލިބުނު މީހާއަށް ފޯރުވާނެ ނުފޫޒެއް އޮންނާނެ ހާލަތެއް އޮތް ކަމަށް ގަބޫލު ނުކުރެވޭއިރު، އަނިޔާވި މީހާ ރައްކާތެރިކުރެވޭނެ އިތުރު ގޮތްތައް ހުންނާނެކަން އޭނާ ފާހަގަ ކުރައްވައެވެ.

"އެއީ އާއްމު މީހަކަށްވުމުން އޭނާ ބަންދުކޮށްލަން ވަރަށް ފަސޭހަވި، އެ ނޫން މަގެއް އިހްތިޔާރު ކުރުމަށް ނުވެސް ވިސްނާ،" ޝަފީއު ވިދާޅުވި އެވެ.

ބަހުސަށް ވަދެވަޑައިގަންނަވަމުން ގާނޫނީ ވަކީލް ހަމްޒާ ލަތީފް ވިދާޅުވި ގޮތުގައި، ހައިޕްރޮފައިލް މީހެއްގެ މައްސަލައެއް ނަމަ، ގާނޫނު ތަތުބީރުކުރުމާއި މާނަކުރުން ތަފްސީލެވެ. އެ ތަފްސީލުތަކުން އާންމުންނަށް ވެސް ފައިދާ ލިބެން ޖެހޭނެ ކަމާއި ނަމަވެސް، އެކަމަށް އާއްމު މީހެއް ނަމަ ކަޑަތުކުރަން ޖެހޭ ކަންކަން ގިނަކަން ހަމްޒާ ވެސް ފާހަގަކުރައްވާފައިވެއެވެ.

އާއްމުންނާއި ހައި ޕްރޮފައިލް މީހުންނާ ދެމެދު ހުރި ފަރަގު ދައްކަވަން ގާނޫނީ ވަކީލް އިބްރާހިމް ޝަމީލް ނެރުއްވީ، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލައިން މިސާލެކެވެ. އަލީ ވަހީދުގެ މައްޗަށް ރޭޕާއި އެހެން ވެސް ބޮޑެތި ދައުވާތަކެއް އުފުލިގެން ދިޔައިރު އޭނާ ހައްޔަރުކޮށް ބަންދުކުރުމުގެ ވާހަކައެއް ނުދައްކައެވެ. އެކަމަކު، އޭނާގެ ހުރި މަގާމާއި އަނިޔާ ލިބުނު މީހުން ތިބި ހާލަތަށް ބަލާއިރު އެއީ ހެއްކަށް ނުފޫޒު ފޯރުވަދާނެ ކަމަށް އެންމެ ބޮޑަށް ބަލަން ޖެހޭ ފަދަ މައްސަލައެކެވެ.

އޭގެ އެހެން މައްސަލައެކެވެ؛ މަގުމަތިން އަންހެން ކުއްޖަކާ ފޮށުނު މީހަކަށް އުފުލީ ތިން މަހުގެ ޖަލު ހުކުމެއް އަންނާނެ ދައުވާއެކެވެ. އެކަމަކު، އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރުން ނޫން ވިސްނުމެއް ދައުލަތުން ނުގެންގުޅެއެވެ. އެކަމުގެ ޝަކުވާ އޭނާ އުފުލިޔަސް، ބަންދު ނޫން ގޮތެއް ނެތެވެ.

ދެ މައްސަލަ އަޅާކިޔާނަމަ، މީގެން ފެންނަ ބޮޑު މަންޒަރަކީ، ހަމަހަމަކަން ނެތް ކަމުގެ ސަގާފަތެވެ. އަލީ ވަހީދާއި، އާންމު މީހާއާ ދެމެދު ހުރި ގާނޫނީ ފައިދާ ލިބުމުގެ ފަރަގެވެ.

"ގާނޫނުގައި މި އޮންނަ ބަންދުކުރުމާ ދުރު ފައިދާ މި ލިބެނީ ސިޔާސީ މީހުންނަށް އެކަނި، އާންމުންނަށް އެ ފައިދާއެއް ލިބޭ ތަނެއް ނުފެނޭ،" ޝަމީލް ވިދާޅުވި އެވެ.

"އާއްމު މީހެއްނަމަ، އެމީހާ ބަންދުވުން ނޫން ގޮތެއް ނޯވޭ،"

މާލޭގެ މަގެއް މަތި: އާންމު މީހާއަށް ގާނޫނީ ފައިދާ ލިބުމުގައި ދަތިތައް އޮވޭ - ފޮޓޯ: ހުސެއިން ވަހީދު / އަދަދު


ސިޔާސީ މީހުންނާއި އާއްމުންނާ މެދު އޮންނަ ތަފާތުކުރުމުގެ އަނެއް މިސާލަކީ، މިހާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއާ ގުޅޭ މައްސަލައެކެވެ. ކުރީގެ ސަރުކާރުގައި އޭނާގެ ޓެރަރިޒަމްގެ ތުހުމަތުކޮށް ތަހުގީގު މަރުހަލާގައި ހައްޔަރުކޮށް ދެ ފަހަރަކަށް ބަންދު އިތުރުކުރުމަށްފަހު ގޭބަންދަށް ބަދަލުކުރިއެވެ. ނަމަވެސް، މި "ޕްރިވިލެޖް" ނުވަތަ ހާއްސަ ކަމަކީ މުޖުތަމައުއަށް ނުރައްކާވާ ފަދަ، ހެއްކަށް ނުފޫޒު ފޯރުވަދާނެ ފަދަ ޓެރަރިޒަމްގެ ތުހުމަތުވާ އާންމު މީހަކަށް ލިބޭނެ، އަދި ލިބިފައި ވެސް އޮތް އެއްޗެއް ނޫނެވެ.

މިފަދަ "ޕްރިވިލެޖް"އެއްގެ ދަށުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް މިހާރު ހުންނެވީ ގޭބަންދުގައެވެ. ދައުވާއެއް ސާބިތުވެ، އިތުރު ދެ ދައުވާއެއްގެ ޝަރީއަތް ކުރިއަށްދާ ރައީސް ޔާމީން ގޭގައި ހުންނެވިއިރު މިދިޔަ ހުކުރު ދުވަހު، ކްރިމިނަލް ކޯޓުން ވަނީ ހިތުގެ ބައްޔާއި އެހެން ވެސް ގިނަ ސިއްހީ މައްސަލަތަކެއް ހުރި ކަމަށް ބުނާ ހައިރިސްކް މީހެއް ބަންދުގައި ބަހެއްޓުމަށް އަމުރުކޮށްފައެވެ. މަސްތުވާތަކެތި ބޭނުން ކުރި ކަމުގެ ތުހުމަތު ލިބޭ އެމީހާ ބަންދުކުރީ، އޭނާގެ މައްޗަށް ހެކި ލިބިފައިވުމާއި ފިލައިދާނެ ކަމަށް ބެލެވޭތީއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އޮތް މޭޑޭ މުޒާހަރާއިން ހައްޔަރުކުރި ކުރީގެ ޓްރާސްޕޯޓް މިނިސްޓަރު އަމީން އިބްރާހިމަށް ވެސް ގާނޫނީ ގޮތުން އެންމެންނަށް ވެސް ލިބެންޖެހޭ ފައިދާގެ ތެރެއިން ބަންދުން ސަލާމަތްވެވުނެވެ. ހައިކޯޓުން އޭނާގެ ބަންދު އަމުރު ބާތިލްކުރީ، އަމީން، މޭޑޭ މުޒާހަރާގައި ދެއްކެވި ވާހަކަތަކީ މުޖުތަމައުއަށް ނުރައްކާވާ ފަދަ ވާހަކަތެއްކަން ދަށު ކޯޓުގެ ގާޒީ ވަޒަންކޮށްފައިނުވާތީ ކަމަށް ބުނެއެވެ. ނަމަވެސް، އެ ވާހަކަތަކާއި އޭނާ ހެއްކަށް ނުފޫޒު ފޯރުވަދާނެ ކަމަށް ބެލެވޭ ހެކި ކޯޓަށް ހުށަހަޅާފައި ހުއްޓެވެ.

ގާނޫނީ ފައިދާ އޭގެ އެންމެ ރަނގަޅު ގޮތުގައި ލިބިގެން އޭނާ ސަލާމަތްވެ، ރާއްޖޭން ބޭރަށް ފުރައިގެންދިޔައިރު އެ މުޒާހަރާއިން ހައްޔަރުކުރި އާއްމުން ތިބީ ޖަލުގައެވެ. އެމީހުންގެ މައްޗަށް ހުރި ހެކިތަކުން އެއީ މުޖުތަމައުއަށް ނުރައްކާ މީހުންނަށްވާއިރު، ހެއްކަށް ނުފޫޒު ފޯރުވާނެ ކަމަށް ވެސް ބެލިއެވެ.

އަމީންގެ ބަންދު އަމުރު ބާތިލްކުރި ހުކުމްގައި ބުނެފައިވާ ގޮތުގައި، ކުށެއް ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ ވަރަށް ހެކި ލިބިފައިވާ ކޮންމެ ފަހަރަކީ ހަމައެކަނި އެ ހެކީގެ މައްޗަށް ބަލައި، ތުހުމަތު ކުރެވޭ މީހާ ތަހުގީގު މަރުހަލާގައި ބަންދުގައި ބަހައްޓަން ޖެހޭ ކަމެއް ނޫނެވެ.

"ކީއްވެހޭ މި އުސޫލުތައް އާންމު މީހާއަށް އެޕްލައި ކުރެވޭ ތަން ނުފެންނަނީ؟ އެއް ހަމައެއް ނުގެންގޭތީ މައްސަލައަކީ،" ޝަމީލް، އޭނާގެ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

ކުރިމިނަލް ކޯޓުން މިފަހުން ނެރެފައިހުރި ވައްކަމާއި މަސްތުވާކެތި ބޭނުން ކުރާ މީހުންގެ ބަންދު އަމުރުތަކަށް ބަލާއިރު ވެސް ފެނިގެން ދަނީ އެއް ހެކިތަކެއްގެ މައްޗަށް ބަންދު ޖަހަމުންދާ ތަނެވެ. އަމީންގެ މައްސަލާގައި ކަނޑައެޅި، އެ އުސޫލު އާންމުކޮށް މިފަދަ މައްސަލަތަކުގައި ރިއާޔަތް ކުރާ ތަނެއް ނުފެނެއެވެ.

މިފަހުން ކުރިމިނަލް ކޯޓުގައި ހިނގި ބަންދު މަޖިލީހެއްގައި މީހެއްގެ ބަންދު އިތުރު ނުކުރުމަށް އެދި ނުކުތާތަކެއް ދިފާއުގައި ފާހަގަކުރިއެވެ. އެއަށް ރައްދު ދޭން ދައުލަތުން ފާހަގަކުރީ އެމީހުންގެ މައްޗަށް ހެކި ހުރި ކަމާއި ހެއްކާ ގުޅޭ ރިޕޯޓްތައް ފުލުހުން ތައްޔާރުކުރަމުންދާ ކަމެވެ. އެހެންވެ، އެ ރިޕޯޓް ނިމެންދެން ވެސް އެމީހުން ބަންދުގައި ބަހައްޓަން ޖެހޭ ކަމެވެ. އެ ރިޕޯޓްތައް ދައުލަތުން ހުށަހަޅާނެ ކަމަށް ބުނެފައި ވަނިކޮށް، ބަންދުން ދޫކުރުމަށް ރިއާޔަތް ވެސް ނުކުރެވޭނެ ކަމަށް ގާޒީ ވިދާޅުވެ، އިތުރު 30 ދުވަސް ބަންދަށް ޖެއްސެވިއެވެ. ބަންދުގައި ތިބި ދެ މީހުން ކޯޓު ރޫމް، ކަރުއެލުވާލައިގެން ނުކުތްއިރު، އެ ދެ ރިޕޯޓް ހަދަން ފުލުހުން ދެ ހަފުތާއެއް ވަރު ނަގާނެ ކަމަށް ބުންޏެވެ.

ފުލުހުންގެ އެ ސްޕީޑާ ހެދި ބަޔަކު ބަންދުގައި ތިބެންވީއެވެ.

ވަކީލް ޝަމީލް ވިދާޅުވި ގޮތުގައި، ފުލުހުން ރިޕޯޓެއް ތައްޔާރުކޮށް ނިމެންދެން މީހުންގެ ބަންދު އިތުރު ކުރަމުންދާ ދިޔުމަކީ ވެސް ހަމަޖެހޭ ކަމެއް ނޫނެވެ. އެގޮތުން، އޭނާ ފާހަގަ ކުރެއްވި ނުކުތާއަކީ ރިޕޯޓެއް ތައްޔާރު ކުރުމަށް އެ ހެއްކެއް ހުންނާނީ ފުލުހުންގެ އަތް ދަށުގައި ކަމުން އެ ނައްތާލަން ނުވަތަ އެހެން ވެސް ކަމެއް ކުރަން ބަންދުން ދޫވިޔަސް، އެމީހަކަށް ފުރުސަތު ނޯންނާނެތީއެވެ.

"އެ ހާލަތުގައި މީހަކު ބަންދުގައި ގެންގުޅުމުގެ ބޭނުމެއް އަޅުގަނޑަކަށް ނުފެނޭ،" ވަކީލް ވިދާޅުވިއެވެ.

މީހަކު ހައްޔަރުކުރަން ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން


ޝަމީލް ވިދާޅުވި ގޮތުގައި، އިޖުރާއަތުގެ ގާނޫނާއި ގަވައިދު އޮތުމުން މީހަކު ބަންދުކުރާނެ ގޮތާއި ދޫކުރާނެ ގޮތް ނޭނގިގެން މިހާރު އުޅެން ނުޖެހެއެވެ. އެ ހާލަތްތައް އޮތްތޯ ބަލާނެ ގޮތާއި ރިއާޔަތްކުރަން ޖެހޭނެ ކަންކަން ވަރަށް ސާފުކޮށް ފެންނަން އެބަހުރި ކަމަށް އޭނާ ވިދާޅުވެއެވެ. އެހެންކަމުން ހަމަހަމަ ކަމެއް ނެތް އުސޫލުތަކުން، ތަފާތު މާނަކުރުންތަކާ އެކު، ބަންދުގެ ކަންކަން ގެންދިޔުމުގެ އެއްވެސް ފުރުސަތެއް އޮވެގެން ނުވާނެ ކަމަށް އޭނާ ދެކެވަޑައިގަންނަވައެވެ.

ބަންދުކުރުމުގެ ގެއްލުމާއި ކޯޓުތަކަށް އޮތް ހިޔަނި!

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުން، ބަންދުގައި ހުރި މީހެއްގެ މައްޗަށް 60 ދުވަސް ތެރޭގައި ދައުވާ އުފުލަން ޖެހޭއިރު، ބަންދު ކުރުމަށްފަހު ދޫކޮށްލާފައިވާ މީހެއްނަމަ، 45 ދުވަސް ތެރޭގައި ދައުވާ ކުރަން ޖެހެއެވެ.

އެހެންކަމުން އަދައިގެ ކުދި މައްސަލަތަކުގައި މީހުން ބަންދުކޮށްގެން ގެންގުޅުމަކީ ބުއްދިވެރި ގޮތެއް ނޫންކަން ވަކީލް ޝަމީލް ފާހަގަ ކުރައްވައެވެ.

ޝަމީލް ވިދާޅުވި ގޮތުގައި، އާދައިގެ މައްސަލައެއްގައި ހައްޔަރުކޮށް ބަންދުކޮށްގެން ގެންގުޅުމުގެ ސަބަބުން ކުރު މުއްދަތެއްގެ ތެރޭގައި އޭނާގެ މައްޗަށް ދައުވާކުރަން ޖެހުމުން، އެ މުއްދަތުގައި ތަހުގީގު ގެންގޮސް ނިންމާލަން ޖެހޭތީ ތަހުގީގުގައި ގޯސްތައް ހެދިފައި ގިނަ ފަހަރަށް ހުރެއެވެ. އެހެންކަމުން, އެކަމުން ދުރުވުމަށް ވެސް އެންމެ ރަނގަޅު ގޮތަކީ ބަންދު ކުރުމާ ދުރުވުމެވެ.

"އެކަމަކު، އަޅުގަނޑުމެންނަށް ވަރަށް މަދު ފަހަރަކު މި ފެންނަނީ ފުލުހުން މީހަކު ބަންދުން ދޫކޮށްލުމަށް އެދޭ ތަން ވެސް،" ޝަމީލް ވިދާޅުވިއެވެ.

ގިނަ ފަހަރަށް މިގޮތަށް މީހުން ބަންދުކޮށްގެން އުޅެނީ އެކަމަށް އާންމު މުޖުތަމައުގެ ބޮޑު ބައެއް އެދޭތީ ނޫނީ، މީހަކު ހައްޔަރުނުކޮށްގެން އާންމުން އުޅޭތީއެވެ. ގޮތަކަށް ބުނާނަމަ, އާންމުންގެ ބަޔަކު "ރުއްސާށެވެ".

ނަމަވެސް، މުޖުތަމައުގައި ކަމަކާ ގުޅޭ ގޮތުން ވިސްނުމާއި ޖަޖުބާތުތައް ހުންނަ ގޮތަށް ބަލައި މީހުން ބަންދުކޮށްގެން ގެންގުޅުމަކީ އެކަން ވެގެންވާނެ ގޮތް ނޫން ކަމަށާއި އަމަލު ކުރަން ވާނީ ގާނޫނީ އިޖުރާއަތުގެ ހަމަތަކުގެ މަތިންކަން ޝަމީލް ފާހަގަ ކުރެއްވިއެވެ.

"މުޖުތަމައުގެ ޖަޒުބާތަށް ބަލާ ގިނަ ފަހަރަށް އަމަލު ކުރެވޭ ތަން ފެނޭ. އޭގެ ބަދަލުގައި ބަންދު ކުރަން ކޮންމެހެން ޖެހޭ ހާލަތެއް ނެތްނަމަ، އެކަން ކުރުމުގެ ބޭނުމެއް ނެތް،" އޭނާ ވިދާޅުވިއެވެ.

ވަކީލް ޝަފީއު ވެސް ވިދާޅުވި ގޮތުގައި، މުޖުތަމައު ކަމެއްގައި ދެކޭ ގޮތް ބަލައިގެން މީހަކު ބަންދުކޮށްގެން ނުވާނެއެވެ. މިސާލެއްގެ ގޮތުން އޭނާ ފާހަގަ ކުރެއްވީ އީސަގެ މައްސަލައެވެ. އޭނާ ވިދާޅުވި ގޮތުގައި، އީސަ ހައްޔަރު ކުރާނެ ސަބަބެއް ނެތި ޕީޖީން މުޖުތަމައު ދެކޭ ގޮތަށް ބުރަވެ، ކޯޓަށް ދިޔުމަކީ އެކަން ކުރަން ޖެހޭ އުސޫލެއް ނޫނެވެ.

"މައްސަލާގައި އޮތީ ބަޔާން ނަގާފައި، ވިކްޓިމްއަށް ރައްކާތެރިކަން ދެވޭނެ ގޮތްތައް އެބަހުރި، އީސަ ބަންދުކުރާނެ ސަބަބުތަކެއް ދެއްކިފައި ނެތް ނަމަ ބަންދު ނުކުރަން ނިންމި ނިންމުމުގައި ގޯހެއް ނެތް،" ޝަފީއު ވިދާޅުވެއެވެ.

ކުރިމިނަލް ކޯޓު: ކޯޓުގެ ނިންމުމަށް ފާޑުކިޔުންތައް އައި


ނަމަވެސް، އެ ނިންމުން ގާނޫނީ ގޮތުން ކިތަންމެ ރަނގަޅަސް, އެ ބަލައިގަންނަން އާންމުންނަށް އުނދަގޫވާނެ ކަމާއި އޭގެ ސަބަބުތައް ޝަފީއު ދެއްކެވިއެވެ.

އީސަގެ މައްސަލާގައި އޮތް ނިންމުމަށް ގާނޫނީ ގޮތުން ތާއިދު ކުރައްވައި ޝަފީއު ވިދާޅުވި ގޮތުގައި، އެ މައްސަލާގައި ކޯޓުން ގާނޫނީ ގޮތުން ކިތަންމެ ސައްހަ ނިންމުމެއް ނެރުނަސް، އެ ބަލައިގަންނަން އާންމުންނަށް އުނދަގުވަނީ، އެ ނިންމުމުގައިވާ ހަމަހަމަކަމާއި ގާނޫނީ ފައިދާތައް އާއްމުންނާ ހަމައަށް ނުގޮސް، އެމީހުންނާ ހަމަގައި ބޭއިންސާފު އޮންނާތީއެވެ.

"ކޯޓުތަކުގެ ނިންމުންތައް މި އަންނަނީ ވަކި މީހަކަށްވީމަ ވަކި ގޮތަކަށް، އީސައަށްވީމަ އަލީ ވަހީދަށްވީމަ އެ ލިބޭ ގާނޫނީ ފައިދާ އާންމު މީހާއަށް ނުފޯރާ، އެހެންވެ ރަނގަޅަށް ކޯޓަކުން ހުކުމެއް ނެރުނަސް، ބޭއިންސާފުން އަމަލު ކުރުމުގެ އެ ހިޔަނި އެ ހުކުމްތަކުގެ މައްޗަށް ވެސް އޮންނާނެ،" ޝަފީއު ވިދާޅުވިއެވެ.

"ހަގީގަތުގައި އާންމު މީހާއަށް ސިސްޓަމްގެ ތެރޭގައި އޮތީ ބޭއިންސާފު އަމަލު ކުރުމުގެ ސަގާފަތެއް، އެ ސިސްޓަމް ބަދަލުވާކަށް ނޫޅޭ، އެކަން ބަދަލުނުވެ ކޯޓުތަކަށް ވެސް އިތުބާރެއް ނުލިބޭނެ." އޭނާ ވިދާޅުވިއެވެ.

އެކަމަކު, އާންމުކޮށް ބަންދުކުރުމުގެ އަމުރުތައް އެންމެ ގިނައިން ނެރޭ ކުރިމިނަލް ކޯޓުން ގަބޫލުކުރާ ގޮތުން, އެ ކޯޓުން އެންމެންނާ މެދު ވެސް އަމަލު ކުރަމުން ދަނީ އެއް އުސޫލެއްގެ ދަށުންނެވެ. ކޯޓުގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި, މީހުން ދަންނަ, މަޝްހޫރު މީހެއްގެ މައްސަލަ ކޯޓަށް ހުށަހެޅިއްޖެނަމަ, އެއަށް ލިބޭ ސަމާލުކަން ބޮޑުވެއެވެ. އެހެންވެ, އެ މައްސަލާގައި ތަފާތު ގޮތަކަށް ކަންކުރާ ކަމަށް އާންމުންނަށް ބައެއް ފަހަރަށް ގަބޫލުކުރެވެނީއެވެ.

އެހެންނަމަވެސް, އެފަދަ މައްސަލަތަކުގައި ވެސް ގާޒީން ގާނޫނުތައް މަނާކުރަމުން ދަނީ އާންމު މީހެއްގެ މައްސަލާގައި ވެސް އެކަން ކުރާ މިނުގެ ތެރޭގައި ކަމަށް ވިދާޅުވެ, އޮފިޝަލް ކޯޓު ދިފާއުކުރެއްވިއެވެ. ކޯޓުން އެމީހުންގެ ދިފާއު ނެރުނަސް, ކުރިން ވާހަކަ ދެއްކެވި ދެ ވަކީލުން ވެސް ފާހަގަކުރެއްވީ ގާނޫނީ ތަފާތުކުރުން ނުގެންގުޅޭކަން ކޯޓަށް ސާބިތުކޮށް ނުދެވޭ ކަމެވެ.

މަތީގައި ބަޔާންކޮށްފައިވާ އެތައް މިސާލަކުން ފެނިގެން ދަނީ ތަހުގީގު ބަންދުގައި އޮތް ހަމައެއް ނެތް ތަފާތު ކުރުންކަން އެ ވަކީލުން ފާހަގަކުރައްވައެވެ. އެކަން ހައްލުވެގެން ނޫނީ, ޖިނާއީ އަދުލުގެ ނިޒާމްގެ ތެރޭގައި ފުޅާވަމުން އަންނަ ބޭއިންސާފު ނައްތާލެވޭނެ ގޮތެއް ނޯންނާނެއެވެ.

ގާނޫނީ ނިޒާމްގެ ތެރޭގައި ބޭނުން ވަނީ ތަފާތުކުރުން ނެތް ހަމަހަމަ އުސޫލެވެ!