Advertisement

އަދުހަމްގެ ސިކުނޑި ހުރީ ދޮވެލާފައި، ގަބޫލުކުރަނީ މިއީ ކާފަރު ދައުލަތެއް ކަމަށް!

ބޮން ގޮއްވުމުގައި އެންމެ އިސްކޮށް އުޅުނު އަދުހަމް: އޭނާއަށް ކުރަނީ ބޮޑު ތުހުމަތެއް - ފޮޓޯ: އަދަދު


އަދުހަމްގެ ސިކުނޑި ހުރީ ދޮވެލާފައި، ގަބޫލުކުރަނީ މިއީ ކާފަރު ދައުލަތެއް ކަމަށް!

10 މޭ 2021 - 10:58 7

ހުސެއިން ފިޔާޒް މޫސާ
އަހުމަދު ސާއިލް އަލީ

ހުސެއިން ފިޔާޒް މޫސާ

އަދި

އަހުމަދު ސާއިލް އަލީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮން ގޮއްވާލި ކަމަށް ތުހުމަތުކުރެވޭ ވ. ތިނަދޫ އަދުހަމް އަހްމަދު "ހަރުކަށި ވިސްނުމަށް" ބަދަލުވީ، ހުޅުމާލޭގައި ހުންނަ އަޒީޒާ މިސްކިތުން ދިމާވި ބައެއްގެ ސަބަބުންނެވެ. މީގެ ހައެއްކަ އަހަރުކުރިން ފެށިގެން ބަދަލުވާން ފެށި މި ވިސްނުމުގައި އޭނާގެ ސިކުނޑި ވަނީ "ދޮވެލާފަ" އެވެ.

އުމުރުން 25 އަހަރުގެ އަދުހަމް އާންމުކޮށް ނަމާދަށް ދަނީ ހުޅުމާލޭގެ މަސްޖިދުލް އަޒީޒާ މޫސާ (އަޒީޒާ މިސްކިތް) އަށެވެ. އޭނާގެ އާއިލާއިންނާއި، އެ މިސްކިތަށް އަރާ ބައެއް މީހުން ބުނި ގޮތުގައި ބައެއް ދުވަސް ދުވަހު އޭނާ ވަގުތަށް މިސްކިތަށް ދިޔަ ނަމަވެސް، ނަމާދުކުރަން ފަށާނީ ޖަމާއަތް ނިމުމުން، ވަކިން ޖަމާއަތް ހަދައިގެންނެވެ. ބައެއް ދުވަސްދުވަހު މިސްކިތަށް އަރަނީ އާންމު ޖަމާއަތް ނިމުމުންނެވެ.

އަދުހަމާއި އޭނާގެ އެކުވެރިން އަޒީޒާ މިސްކިތުގައި ތިބޭ ތަން. -- ފޮޓޯ / އަދަދު


އަދުހަމް އާއި އޭނާގެ "ހަރުކަށި ފިކުރުގެ އެކުވެރިން" އާންމުކޮށް ތިބެނީ ދެ ބުރިއަށް ހުންނަ އަޒީޒާ މިސްކިތުގެ މަތީ ފަންގިފިލާގަ އެވެ. އެތަނަށް އާންމުކޮށް މީހުން ނާރައެވެ.

"އެތަނުގައި އާންމުކޮށް ދެތިން މީހުން އެކުގައި ނަމާދުކުރަނީ. އެމީހުން ނަމާދު ކުރާނީ އެކުގައި. ޖަމާއަތުގައި ނުކުރަނީ. ވަކިން ކުރަނީ،" ކޮންމެ ދުވަހަކު ފެންނަ މަންޒަރު ސިފަކޮށް ދިނީ، އަޅުގަނޑުގެ ފޯނުން ދައްކާލި އަދުހަމްގެ ފޮޓޯ އަށް ބަލަހައްޓައިގެންނެވެ.

އާ، މީނަ އާދޭ، ކިހިނެއްވީ! މިހާރު ދެތިން ދުވަސް ވެއްޖެ ނާންނަތާ.

ނަޝީދަށް ދިން ބޮމުގެ ހަމަލާގައި އަދުހަމް ބައިވެރިވާ ކަމަށް ތުހުމަތުކުރާ ކަމާއި، އޭނާ ހައްޔަރުކޮށްފައިވާކަން އަޒީޒާ މިސްކިތުން ވާހަކަ ދެއްކި މީހާއަށް އެނގިފައެއް ނެތެވެ.

އަދުހަމްގެ އުޅުން "ހަރުކަށި ފިކުރުގެ ވިސްނުމަށް" ބަދަލުވާން ފެށީ، އެ އާއިލާއިން ގަބޫލުކުރާ ގޮތުގައި، މީގެ ހައެއްކަ އަހަރު ކުރިން ހުޅުމާލެއަށް ދިރިއުޅުން ބަދަލުކުރުމަށް ފަހު އެވެ. އަޒީޒާ މިސްކިތް ހުންނަނީ އަދުހަމް ދިރިއުޅޭ ފްލެޓާއި ކައިރީގަ އެވެ.

އަދުހަމް އާއްމުކޮށް ނަމާދަށް އަރާ އަޒީޒާ މިސްކިތް: އޭނާ މުޅިންހެން ނަމާދު ކުރަނީ ޖަމާއަތާ ވަކިން-- ފޮޓޯ: އަހުމަދު ސާއިލް އަލީ/އަދަދު


"އޭނާގެ އާއިލާގެ މީހުން އަޅުގަނޑު ގާތު ވެސް އެ ވާހަކަ ހިއްސާކޮށްފައިވޭ. ހުޅުމާލެ އަށް ބަދަލުވެފައި މި މިސްކިތަށް [އަޒީޒާ މިސްކިތް] އަށް އޭނާ ނަމާދަށް ދާން ފެށީ. އޭރު އޭނާއަކީ އެ ވިސްނުމުގެ މީހެއް ނޫން. އެ މިސްކިތުން ދިމާވާން ފެށި ބައެއްގެ ސަބަބުން ވިސްނުން ބަދަލުވީ،" ނަން ނުޖެހުމަށް ޝަރުތުކޮށް "އަދަދު" އާ ވާހަކަ ދެއްކި މީހަކު ބުންޏެވެ.

"އޭނާގެ ސިކުނޑި ހުރީ ދޮވެލާފައި، އެކަމުގެ އާއިލާއިން ހިއެއް ނުކުރޭ މިވަރުގެ ކަމެއް ކޮށްފާނެ ކަމަށް،" އަޒީޒާ މިސްކިތަށް ނަމާދަށް އަރާ އެ މީހާ ކިޔައިދިނެވެ.

އެންމެ ކުޑައިރު ފެށިގެން މާލޭގައި ދިރިއުޅެމުން ދިޔަ ނަމަވެސް، އަދުހަމް މަދުން ނަމަވެސް ޗުއްޓީއަށް ތިނަދު އަށް ދެ އެވެ. އެންމެ ފަހުން އޭނާ ޗުއްޓީއަށް އުފަން ރަށަށް ދިޔައީ މީގެ ދެތިން އަހަރު ކުރިންނެވެ.

އަދުހަމް އުފަން ވ. ތިނަދޫ: އެރަށު މީހުން ވެސް ބުނަނީ އަދުހަމަކީ ހަރުކަށި ފިކުރުގެ މީހެއް ކަމަށް-- ފޮޓޯ: ވިޒިޓް މޯލްޑިވްސް


"އޭނާ ޗުއްޓީ އަށް ރަށަށް އެންމެ ފަހުން އައީ 2019 ގެ ވެސް ކުރިން. އެ ފަހަރު އަހަރެންނާ އޭނާއާ ދިމާވި. އޭނާގެ ވިސްނުން ހުރީ އެއްކޮށް ބަދަލުވެފައި. ކުރިން އެއީ އެކަހަލަ މީހެއް ނޫން،" ތިނަދޫން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

އެ ރަށަކީ އާބާދީ މަދު ރަށަކަށް ވުމާއެކު އެކަކު އަނެކަކު ވަރަށް ރަނގަޅަށް އެނގެ އެވެ. އަދުހަމްގެ މި ދަތުރުގައި އޭނާ ކިޔައި ދިން ބައެއް ވާހަކަތައް ހަނދާން އާވެގެން ދިޔައީ ބުރާސްފަތި ދުވަހުގެ ރޭގެ ބޮމުގެ ހާދިސާއާ ގުޅިގެންނެވެ.

"އޭނާ ގަބޫލުކުރާ ގޮތުގައި މި ދައުލަތަކީ، ކުރިން ވެސް މިހާރު ވެސް މި ދައުލަތަކީ ކާފަރު ދައުލަތެއް. ދައުލަތުގެ ވަޒީފާއިން ލިބޭ ފައިސާ ހަރާމްވާނެ،"

އަހުދަމްގެ ވަނަވަރު- ފޮޓޯ: އަދަދު


އަދުހަމް ގަބޫލުކުރާ ގޮތުގައި މިސްކިތުގެ މުދިމުންނަށް މުސާރަ ދެނީ ދައުލަތުން ކަމަށް ވުމާ އެކު، މުދިމަކަށް ވިޔަސް އެ ލިބޭ ފައިސާ ހަރާމްވާނެ އެވެ. އޭނާއަކީ ވޯޓްލުމަށް ވެސް ދެކޮޅު ވިސްނުމުގެ މީހެކެވެ. އަދި މި ދައުލަތަކީ ކާފަރު ދައުލަތެއް ކަމަށް ގަބޫލުކުރާއިރު، އޭނާ ދެކޭ ގޮތުގައި އެންމެ ހެޔޮ ވެރިކަމަކީ، އެ މީހުންގެ ހަލީފާ އެވެ.

"މި ދަރަޖައަށް އޭނާގެ ވިސްނުން ބަދަލުވެފައި ހުރުމުން، އަހަރެން އޭނާ ގާތު ބުނިން ތިޔައީ ގޯސް ވިސްނުމެކޭ. އަހަރެމެން އޭނާގެ ވާހަކަތައް ގަބޫލުނުކުރީމަ ބުނީ، މި ވާހަކަ ނުދައްކާށޭ،" އޭނާ ބުންޏެވެ.

އޭނާގެ ވިސްނުން ހުރި ގޮތް އެނގިދާނެތީ އޭނާ ވަރަށް ބިރު ގަނޭ. އޭނާއަކީ ވަރަށް ބިރު ވެސް ގަންނަ މީހެއް. އޭނާގެ ސިކުނޑި އެހުރީ ދޮވެލާފައި. އަދި ހަމަލާގެ ފަހަތުގައި އެހެން ބަޔަކު ތިބޭނެ.

ރައީސް ނަޝީދަށް ބުރާސްފަތި ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާއާ ގުޅިގެން އަދުހަމްގެ އިތުރުން، މއ. ފޭރުގެ މުޖާޒް އަހްމަދު 21، އާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހްމަދު، 32 އެވެ. ހަމަލާ ދިނުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރަނީ މުޖާޒާއި އަދުހަމްގެ މައްޗަށެވެ. ތަހުމީނަކީ ޑިވައިސް ހަރުކޮށްފައިވާ ސައިކަލްގެ ވެރިފަރާތެވެ.