Advertisement

އަދުހަމް ބަދަލުވަމުން ދިޔަސް މިވަރުގެ ކަމެއް ކޮށްފާނެ ކަމަކަށް ހިއެއް ނުކުރޭ

ހައްޔަރުކުރުމުގެ ކުރިން އަދްހަމް ސަރެންޑާކޮށްގެން: އޭނާއަށް ކުރަނީ ބޮޑު ތުހުމަތެއް - ފޮޓޯ: އަބްދުﷲ ޝަފީއު (އަބޯ) / އަދަދު


އަދުހަމް ބަދަލުވަމުން ދިޔަސް މިވަރުގެ ކަމެއް ކޮށްފާނެ ކަމަކަށް ހިއެއް ނުކުރޭ

"އަހަރެންނަށް ހޭލެވުނީ ދޮރުގައި ތަޅާ އަޑަށް، ވަރަށް ބާރު އަޑުފައްގަނޑެއް ހުރީ. ހީވީ ބޮން އަޅަމުންދާހެން,"

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާ ގޮއްވާލި ކަމަށް ތުހުމަތުކުރެވިފައިވާ ވ. ތިނަދޫ ހިޔާ، އަދުހަމް އަހްމަދު ރަޝީދު ހުޅުމާލޭގައި ދިރިއުޅެމުންދާ ފްލެޓް ކައިރީގައި ދިރިއުޅޭ މީހަކު ބުންޏެވެ.

އަދުހަމް ދިރިއުޅެމުންދަނީ އޭނާގެ މަންމަ އާއި ބައްޕައާއެކު ހުޅުމާލޭގެ ފްލެޓް 95-G-02 ގަ އެވެ. އެ އާއިލާ ހުޅުމާލެއަށް ބަދަލުވީ، އަދުހަމްގެ ބައްޕައަށް ފްލެޓް ލިބިގެން މީގެ ހައެއްކަ އަހަރުކުރިންނެވެ.

އަދުހަމްގެ އުޅުން ބަދަލުވާން ފެށި، ހަރުކަށި ވިސްނުންތަކެއް

އަދުހަމްގެ އާއިލާގައި އޭނާއާ އެއްބަނޑު އެއްބަފާ ތިން ބެއިން ތިބޭއިރު، އޭނާއަކީ ދެވަނަ މީހާ އެވެ. ވަޒީފާއެއް އަދާކުރަމުން ނުދާ، އަދްހަމު ކުރިން ކުރި ކައިވެނި ވަނީ ރޫޅިފަ އެވެ. އޭނާގެ ދަރިއަކު ނުހުރެ އެވެ.

އަދުހަމްގެ އާއިލާގެ މީހަކު ކިޔައި ދިން ގޮތުގައި، އޭނާގެ އުޅުމަށް ބަދަލު އަންނަން ފެށީ މީގެ ހައެއްކަ އަހަރު ކުރިންނެވެ. ފްލެޓް ލިބިގެން ހުޅުމާލެއަށް އޭނާ ބަދަލުވިއިރު "ހަރުކަށި" ވިސްނުންތަކެއް ނުހުންނަ ކަމަށްވެ އެވެ.

އަދުހަމް ދިރިއުޅެމުން ދިޔަ ފްލެޓް: އެތަނަށް ބަދަލުވިތާ އަށް ވަރަކަށް އަހަރުވެއްޖެ - ފޮޓޯ: އަދަދު


އަދުހަމް އާއިލާއާއެކު ހުޅުމާލޭގައި ދިރިއުޅެމުން އަންނަތާ އަހަރުތަކެއް ވެފައި ވިޔަސް، އެ ސަރަހައްދުގެ މީހުންނަކަށް އަދުހަމަކީ ފަރިތަ މީހެއް ނޫނެވެ. ގިނަ މީހުންނަކަށް އޭނާއެއް ނޭނގެ އެވެ.

"އަހަރެމެންނަށް އޭނާ ދުވަހަކު ވެސް ނުފެނޭ. އުޅޭ ކަމެއް ވެސް ނޭނގޭ،" އަދުހަމްގެ އާއިލާގެ އަވައްޓެރިޔަކު "އަދަދު"އަށް ކިޔައިދިނެވެ.

"އޭނާގެ އާއިލާގެ މީހުން ވަރަށް ކަންބޮޑުވޭ، [އަދުހަމް]ގެ އުޅުމަށް އައިސްފައިވާ ބަދަލުތަކާ. އާއިލާގެ މީހުން ބައެއް ފަހަރު އެ ވާހަކަ ހިއްސާ ވެސް ކޮށްފައިވޭ. އޭނާގެ އުޅުން ހުންނަ ގޮތުން ގޯސް ކަމެއް ދިމާވެއްޖިއްޔާ އެކަމަށް ނުބަލާނެ ކަމަށް ވެސް އާއިލާއިން ބުނެފައި އޮތީ،" އަދުދު ނޫހާ ވާހަކަ ދެއްކި މީހާ ބުންޏެވެ.

އާންމު ދިރިއުޅުމުގައި އަދުހަމަކީ ވަރަށް ބަސްމަދު، މަޑުމަޑުން ހުންނަ މީހެއް ކަމަށް އޭނާ އެނގޭ ބައެއް މީހުން "އަދަދު"އަށް ކިޔައިދިނެވެ. އޭނާގެ ގަބޫލުކުރާ އުސޫލުތަކާއި ފިކުރުތައް ވެސް ވަރަށް ތަފާތެވެ. އެގޮތުން ޑިމޮކްރަސީ އާއި ވޯޓުލުން ފަދަ ކަންކަމަކީ އޭނާ އެއްގޮތަކަށް ވެސް ގަބޫލު ކުރާ ކުރުންތަކެއް ނޫނެވެ.

"ޖަމާއަތުގައި ނަމާދެއް ވެސް ނުކުރާނެ، އެކަމެއް އޭނާ ގަބޫލެއް ނުކުރޭ،" އުމުރުން 25 އަހަރުގެ އަދްހަމްއާ ގުޅޭ ގޮތުން ވ. ތިނަދޫ މީހަކު ބުންޏެވެ.

އެ ރޭ ގެއަށް ނުދޭ، އާއިލާއަށް ޝޮކެއް

ބުރާސްފަތި ދުވަހުގެ ރޭ 8:25 ހާއިރު ކުރީގެ ރައީސް މުހައްމަދު ނަޝީދު، އެމަނިކުފާނު ދިރިއުޅުއްވާ ގ. ކެނެރީގެއިން ނުކުމެވަޑައިގެން، މަޖީދީ މަގުގައި އޮތް ކާރުކޮޅަށް އަރައިވަޑައިގަންނަވަން ގާތްވެފައި ވަނިކޮށް ސައިކަލް ގޮއްވާލާ މަންޒަރު ފެންނަ ވީޑިއޯއިން ހޮނިހިރު ދުވަހު ފުލުހުން ވަނީ އާންމުކޮށްފަ އެވެ. އެ ވީޑިއޯއިން އަދުހަމްގެ ހަރަކާތްތައް ފާހަގަކުރެވޭއިރު، ބޮން ގޮއްވާލުމަށްފަހު އޭނާ ދުވެފައި ދާތަން ފެނެ އެވެ.

މި ހަމަލާގެ މަންޒަރުތައް އަދުހަމްގެ އާއިލާގެ މީހުން ބަލަމުން ދިޔައިރު، އެފަދަ ކަމެއް އޭނާ ކޮށްފާނެ ކަމަށް ހީވެސް ނުކުރެ އެވެ. އަދި އެވަގުތު ގޭގައި ނެތަސް އޭނާއާމެދު ޝައްކެއް ވެސް ނުކުރެ އެވެ.

އަދުހަމްގެ ފިކުރަށް ބަދަލުތަކެއް އަންނަމުން ދިޔަސް، މި ހަމަލާގައި އޭނާގެ ބައިވެރިވުން އޮތްކަން އެނގުން ވެގެން ދިޔައީ އާއިލާއަށް ބޮޑު ޝޮކަކަށެވެ.

"އެ ދުވަހު ގެއިން ދިޔަ ގޮތަށް އެރޭ ނުވެސް އާދޭ. އައީ ހުކުރު ދުވަހު ހެނދުނު،" އާއިލާގެ މީހަކު ބުންޏެވެ.

ފްލެޓަށް ވަދެގަތުމަށް ފުލުހުން ދޮރުގެ ތަޅު މަތާލާފައި: އަދުހަމް އެއްވެސް ދެކޮޅުވެރިކަމެއް ނުދައްކާ - ފޮޓޯ: އަދަދު


ރައީސް ނަޝީދަށް ހަމަލާ ދިން ބޮން ގޮއްވާލި ކަމަށް ތުހުމަތު ކުރެވެނީ ކާކުކަން އެނގުމުގެ ކުރިން، އެކަމަށް ތުހުމަތުކުރެވޭ މީހާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފޮޓޯތައް ދައުރުވުމާއި، އެކަމާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އިލްތިމާސްކުރުމުން، އަދުހަމްގެ މައުލޫމާތު ޕޮލިހާ އެންގީ އޭނާގެ އާއިލާ މީހެއްކަން "އަދަދު" ނޫހަށް ވަނީ އެނގިފަ އެވެ.

އަދުހަމް ހައްޔަރުކުރުމުގައި ކަންކަން ހިނގައި ދިޔަ ގޮތުގެ ހަގީގަތް އެނގޭ މީހަކު "އަދަދު" އަށް ކިޔައި ދިން ގޮތުގައި ފުލުހުން އެޕާޓްމަންޓަށް ވަތް އިރު، ދޮރުގައި ތަޅާ އަޑަށް ގޭގެ އެންމެ ތިބީ ހޭލަ އެވެ.

"ފުލުހުން ވަތް ގޮތަށް އަދުހަމް ގާތު ބުނީ ކުޑަކަކޫ މައްޗަށް އިށީނުމަށް. އެއަށް ފަހު އޭނާގެ އަތް މައްޗަށް ނަގާފައި ބިޑި އެޅުވީ،" އޭނާ ކިޔައި ދިނެވެ.

އޭނާ އެއްވެސް ގަދައެއް ނުދައްކަ އެވެ. ފުލުހުންގެ އެންގުންތަކަށް ކިޔަމަންތެރިކަމާއެކު އަމަލުކުރި އެވެ. އަދި މޫނު މަތިން އެއްވެސް ހާސްކަމެއް ވެސް ފެންނަން ނެތް ކަމަށް އެ މީހާ ކިޔައި ދިނެވެ.

"އޭނާ އާއެކު ފުލުހުން ވަރަށް ގިނަ ތަކެތި އެ ގެއިން ގެންދިޔަ. ފޮތްތައް ވެސް ގެންދިޔަ،" އޭނާ ބުންޏެވެ.

ފުލުހުން އެ ގެއަށް ވަދެފައިވަނީ ރޭ މެންދަމު ކަމަށްވީ ނަމަވެސް، ގެ ބަލައި ފާސްކޮށް އޮޕަރޭޝަން ނިންމާލުމަށްފަހު އަދުހަމް ފުލުހުންގެ ބެލުމުގެ ދަށުން ގެންގޮސްފައިވަނީ އިރުއެރިފަހުން، މިއަދު ހެނދުނެވެ.

އަދުހަމް ހައްޔަރުކޮށްގެން ގެންދަނީ: އޭނާއަށް ކުރެވޭ ތުހުމަތު ބޮޑި - ފޮޓޯ: އެމްވީކްރައިސިސް


އަދުހަމް އާއިލާއާއެކު ދިރިއުޅެމުންދާ އެޕާޓްމެންޓްގެ އެތެރެ ނުފެންނަ ގޮތަށް ހުރީ ބޭރުން ކަޅުކުލައިގެ ޕްލާސްޓް ޖަހައިފަ އެވެ.

"އެގޮތަށް ބަންދުކޮށްފައި ހުންނަތާ ވަރަށް ގިނަ އަހަރު ވެއްޖެ. ނޭނގެ ކީއްވެގެން ކަމެއް. އެ އާއިލާގެ އެހެން މީހުންނަކީ އެގޮތަށް [ހަރުކަށި ވިސްނުމުގައި] އުޅޭ ބައެއް ނޫން. ވަރަށް ރަނގަޅު. ހިތްހެޔޮ ބައެއް،" އަދުހަމްގެ އާއިލާއާ ގާތް ގުޅުމެއް އޮންނަ އެ ސަރަހައްދުގެ މީހަކު ކިޔައިދިނެވެ.

ރައީސް ނަޝީދަށް ބުރާސްފަތި ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާއާ ގުޅިގެން އަދުހަމްގެ އިތުރުން، މއ. ފޭރުގެ މުޖާޒް އަހްމަދު 21، އާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހްމަދު، 32 އެވެ.