އިންތިހާބު ކާމިޔާބުވުމަށްފަހު ފައްޔާޒު ސަޕޯޓަރުންނާ ބައްދަލު ކުރައްވަނީ .-- ފޮޓޯ: އާއިމް ޒަމީރު/އަދަދު
less than a minute 0
އެމްޑީޕީގެ އާ ޗެއާޕާސަން ހޮވުމަށް މިއަދު ކުރިއަށް ގެންދާ އިންތިހާބު ވަނީ ޕާޓީ ތެރޭ ދެ ފެކްޝަނެއް އުފެދި ވަރަށް ބޮޑަށް ފޯރިގަދަވެފަ އެވެ. ފައްޔާޒު އިސްމާއިލާއި އިމްތިޔާޒު ފަހުމީ ވާދަކުރައްވާއިރު, އިންތިހާބު ފާހަގަވަނީ އެމްޑީޕީގެ ކުރިމަގު ކަނޑައަޅާ ވޯޓެއްގެ ގޮތުގަ އެވެ.
0:19 | 15-05-22
އިންތިހާބުން ނާކާމިޔާބުވި އިމްތިޔާހު ފަހުމީ, މިހާތަނަށް ބަލި ގަބޫލު ކުރައްވާފައެއް ނުވޭ. އަދި އިންތިހާބު ކާމިޔާބުކުރި ފައްޔާޒަށް އިމްތިޔާޒު މިހާތަނަށް މަރުހަބާ ކިޔާފައިވެސް ނުވޭ. އިމްތިޔާޒު މި ނޫހުން ގުޅުމުން ވެސް ޖަވާބެއް ދެއްވާފައިނުވޭ. އިމްތިޔާޒުގެ ތަރުޖަމާނު މެންބަރު މުހައްމަދު ވަހީދު ވެސް ފޯނު ނުނަންގަވާ.
23:46 | 14-05-22
23:44 | 14-05-22
އެމްޑީޕީގެ ޗެއާޕަސަން އިންތިހާބުގެ ކާމިޔާބީ ފާހަގަކުރަން ކެމްޕޭނުގެ މައި ޖަގަހައަށް ވަޑައިގެން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވީ މަގާމާ ހަވާލުވުމަށްފަހު އެންމެ އިސްކަމެއް ދެއްވާނީ ޕާޓީގެ ރައީސާއި ޕާޓީގެ އިސް ލީޑަރާ ގުޅިގެން ޕާޓީގެ އިދާރީ ކަންކަން ވަރުގަދަ ކުރުން ކަމަށެވެ.
މި އިންތިހާބަށް ސަރުކާރުން ނުފޫޒު ފޯރުވި ކަމަށް ތުހުމަތު ކުރެވޭއިރު ފައްޔާޒް ވިދާޅުވީ މި ސަރުކާރުގެ ވަޒީރެއްގެ ގޮތުގައި ހުންނެވުމުން އެ އޮންނަ ނުފޫޒެއް އޮންނާނެ ކަމަށެވެ.
"އެކަމަކު އެމްޑީޕީ މެމްބަރުން ސާފުކޮށް ބޭނުންވި ވާހަކަ ނަތީޖާއިން ބުނެދީފި. އެމްޑީޕީ މެމްބަރުން ބޭނުންވަނީ ސަރުކާރާ އެއްކޮށް އޮންނަން 2023 ކާމިޔާބު ކުރަން،" ފައްޔާޒް ވިދާޅުވި އެވެ.
ފައްޔާޒް އިތުރަށް ވިދާޅުވީ މިއީ އޭނާއަށް ދިން ވޯޓެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި، މިއީ ސަރުކާރާއެކު ވަރުގަދަކޮށް ތިބެގެން 2023ގައި އޮންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން މެމްބަރުން ބޭނުންވާކަމަށް ޕާޓީގެ ލީޑަރުންނަށް ދިން މެސެޖެއް ކަމަށެވެ.
"މި ކާމިޔާބީން ދޭހަވަނީ ސަރުކާރާމެދު ހިތްހަމަޖެހޭކަން. މި ނަތީޖާއިން ރައީސް ސޯލިހަށް އޮތް އިތުބާރު ފެނިގެންގޮސްފި،" އޭނާ ވިދާޅުވި އެވެ.
މި އިންތިހާބުގައި ވޯޓު އުޅުވާލުމުގެ ޝަކުވާތަކެއް އިންތިހާބުން ނާކާމިޔާބުވި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީގެ ޓީމުން ފެންމަތިކޮށްފައިވާއިރު، ފައްޔާޒް ވިދާޅުވީ މި ނަތީޖާއާމެދު ސުވާލެއް ނޫނީ ޝައްކެއް އުފައްދާނެ އެއްވެސް ޖާގައެއް ނެތް ކަމަށެވެ.
އެމްޑީޕީގެ ތެރޭގައި ހާއްސަކޮށް މި އިންތިހާބާ ދިމާކޮށް ބައިބައިވުން އުފެދިފައިވީ ނަމަވެސް، ހުރިހާ މެމްބަރުންނާ ގުޅިގެން އެކުގައި މަސައްކަތް ކުރެވޭނެކަމުގެ ޔަގީންކަން ފައްޔާޒް ދެއްވި އެވެ.
23:19 | 14-05-22
އެންމެންގެ ނަޒަރު އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބަށް ހުއްޓިފައިވީ ނަމަވެސް، މިއަދު އެޕާޓީގެ އަންހެނުންގެ ރޫހުގެ ރައީސް ކަމުގެ އިންތިހާބުގެ ވޯޓުލުން ވެސް ވަނީ ކުރިއަށް ގެންގޮސްފައި. މިގޮތުން، އެ އިންތިހާބު، ބޮޑު އަގުލަބިއްޔަތަކުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވަނީ ކާމިޔާބު ކުރައްވާފައި.
23:02 | 14-05-22
22:09 | 14-05-22
ޗެއާޕާސަންގެ އިންތިހާބުގައި ބެހެއްޓި 281 ވޯޓު ފޮށީގެ ތެރެއިން 75 ޕަސެންޓު ވޯޓު ފޮށި ގުނާ ނިމިފައިވާއިރު މޮޅުވާނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް ކަމަށް "އަދަދު" ގެ ހިސާބުތަކުން ބެލެވިއްޖެ އެވެ. ބާކީ 69 ފޮށީގެ ނަތީޖާ މިހާތަނަށް ނުލިބޭއިރު އިމްތިޔާޒް އުޅުއްވަނީ 5917 ވޯޓު ފަހަތުގަ އެވެ.
މިހާތަނަށް އާބާދީ ބޮޑު ގިނަ ސަރަހައްދުތަކުގެ ނަތީޖާ ލިބިއްޖެ އެވެ. މާލޭގައި ވެސް ނަތީޖާ ނުލިބެނީ އެންމެ ފޮއްޓެއްގަ އެވެ. އައްޑޫގައި ނުލިބެނީ ފޭދޫ އަދި މަރަދޫ ފޮށީގެ ނަތީޖާ އެވެ.
21:51 | 14-05-22
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ކާމިޔާބުވެއްޖެ ކަމަށް ފައްޔާޒް އިސްމާއިލްގެ ޓީމުން ބުނެފި. ފައްޔާޒްގެ ކެމްޕޭން މެނޭޖަރު އިބްރާހިމް ވަހީދު (އިބުރޭ) ވަނީ މި އިންތިހާބު 60 ޕަސަންޓަށް ވުރެ މަތިން ވޯޓު ލިބޭނެ ކަމަށް މިހާރު ޔަގީންވެފައިވާ ކަމަށް ވިދާޅުވެފައި.
21:24 | 14-05-22
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި މިހާތަނަށް 190އަށް ވުރެ ގިނަ ވޯޓު ފޮށި ގުނާފައިވާއިރު، ބޮޑު އަގުލަބިއްޔަތުން އަދިވެސް ކުރީގައި އުޅުއްވަނީ ފައްޔާޒް އިސްމާއިލް. އޭނާއަށް 59 ޕަސަންޓާއެކު މިހާތަނަށް ވިހި ހާހަށް ވުރެ ގިނަ ވޯޓު ލިބިފައިވާއިރު، އޭނާއާ ވާދަކުރައްވާ އިމްތިޔާޒް ފަހުމީއަށް ލިބިވަޑައިގެންފައިވަނީ ސާދަ ހާހެއްހާ ވޯޓު.
20:34 | 14-05-22
ގަލޮޅު މަދަރުސާގައި ބަހައްޓާފައިހުރި ގައްދޫ ދާއިރާގެ ވޯޓު ފޮއްޓަށް ގަނޑުކޮށް ވޯޓު ކަރުދާސްތަކެއް އެޅި މައްސަލަ މިހާރު ހައްލުކޮށް އެ ފޮށި މިހާރު ވަނީ އަލުން ގުނަން ފަށާފައި. ވޯޓު ގުނަން ފެށީ ގަނޑުކޮށް އަޅާފައިހުރި ކަރުދާސްތައް ވަކިން ބަހައްޓާފައި.
19:50 | 14-05-22
އިންތިހާބުގައި ބެހެއްޓި ޖުމްލަ 282 ވޯޓު ފޮށީގެ ތެރެއިން 100އަށް ވުރެ ގިނަ ފޮށި މިހާރު ގުނާފައިވާއިރު، ފައްޔާޒް އިސްމާއިލް ވަނީ 64 ޕަސަންޓާއެކު ދިހަ ހާހަށްވުރެ ގިނަ ވޯޓު މިހާތަނަށް ހޯއްދަވާފައި. އިމްތިޔާޒް ފަހުމީއަށް އެ ފޮށިތަކުން ލިބިވަޑައިގެންފައިވަނީ 5،700 ވޯޓު.
19:30 | 14-05-22
ގަލޮޅު މަދަރުސާގައި ބަހައްޓާފައިހުރި ގައްދޫ ދާއިރާގެ ވޯޓު ފޮއްޓަށް ގަނޑުކޮށް ވޯޓު ކަރުދާސްތަކެއް އެޅި މައްސަލަ މިހާރު ވަނީ ވަރަށް ބޮޑަށް ހޫނުވެފައި. މައްސަލަ ބަލަން ޕާޓީގެ އޮފީހަށް އެ ފޮށި ގެންދަން އިންތިހާބާ ކޮމިޓީން ނިންމާފައިވާއިރު، އެ ފޮށި އެތަނުން ނުގެންދެވޭނެ ކަމަށް އެތަނުގައި ތިބި މެމްބަރުން ދަނީ ބުނަމުން. ހަމަނުޖެހުމެއް ހިނގާފާނެތީ އެތަނުގައި ފުލުހުން ވެސް މިހާރު ދަނީ ހަރަކާތްތެރިވަމުން.
19:21 | 14-05-22
ގައްދޫ ދާއިރާގެ ވޯޓު ފޮށި މައްސަލައިގައި އިންތިހާބުތަކާބެހޭ ކޮމިޓީގެ މުގައްރިރު މަނިކު "އަދަދު"އަށް ވިދާޅުވީ އެ ފޮއްޓަށް ގަނޑުކޮށް ވޯޓު ކަރުދާސްތަކެއް އަޅާފައިވާ ކަމަށެވެ. އެއާއެކު އެ ވޯޓު ފޮށި މިހާރު ބަންދުކޮށް، އެކަމާ މެދު އިންތިހާބާ ކޮމިޓީން އެއްވުމަށްފަހު ގޮތެއް ނިންމާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
19:06 | 14-05-22
ގަލޮޅު މަދަރުސާގައި ބަހައްޓާފައިހުރި ގައްދޫ ދާއިރާގެ ވޯޓު ފޮއްޓަށް ގަނޑުކޮށް ވޯޓު ކަރުދާސްތަކެއް އަޅާފައިވާ މައްސަލައެއް ވަނީ ފެންމަތިވެފައި. އެކަމާ ގުޅިގެން އެ ފޮށީގެ ވޯޓު ގުނުން ވަނީ މަޑުޖައްސާލާފައި. ވޯޓު ގުނަން އަލުން ފެށޭނީ އިންތިހާބާ ބެހޭ ކޮމިޓީން ގޮތެއް ނިންމުމުން ކަމަށް މައުލޫމާތު ލިބޭ.
18:39 | 14-05-22
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވޯޓުލުން ބަންދުކޮށް ގިނަ މަރުކަޒުތަކުގައި ވޯޓު މިހާރު ދަނީ ގުނަމުން. މި އިންތިހާބުގައި ޖުމްލަ 282 ފޮށި ބެހެއްޓިފައިވާއިރު، ބައެއް ފޮށިތަކުގެ ވަގުތީ ނަތީޖާ މިހާރު ވަނީ އަންނަން ފަށާފައި.
18:07 | 14-05-22
6:00 ޖެހުމާ އެކު ވޯޓު ފޮށިތައް ވަނީ ބަންދުކޮށްފައި
17:14 | 14-05-22
އިންތިހާބުގެ އެންމެ ފަހު ވަގުތާ ޖެހުނުއިރު, ވޯޓުލާ މަރުކަޒުތަކަށް ގިނަ ބަޔަކު ވަނީ ޖަމާވެފައި
16:04 | 14-05-22
އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމިޓީން ނިންމާފައިވާ ގޮތުގައި ވިއްސާރައާ ގުޅިގެން ބައެއް ވޯޓުލާ މަރުކަޒުތަކުގައި ވޯޓުލުން ފެއްޓުނުލެއް ލަސްވުމުގެ ސަބަބުން މިއަދު ހަވީރު 6:00 އާ ހަމައަށް ވޯޓުލުން ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައި.
13:10 | 14-05-22
ފައްޔާޒަށް ރައީސް ސޯލިހުގެ ތާއިދު އޮތްއިރު, އިމްތިޔާޒު ނުކުމެވަޑައިގެން ހުންނެވީ ޕާޓީގެ ރައީސް, ނަޝީދުގެ ތާއިދާއެކު އެވެ. ޕާޓީގެ އިސް ދެ ލީޑަރުންގެ ކެންޑިޑޭޓުން ވާދަކުރައްވާތީ އިންތިހާބުގެ ފޯރި އޮތީ ވަރަށް ގަދަވެފަ އެވެ.
އެކަމަކު އެމްޑީޕީގެ ސަޕޯޓަރުން ދެކޭ ގޮތުގައި މި އިންތިހާބުގެ ސަބަބުން އެ ޕާޓީ ބައިބައިނުވާނެ އެވެ. އިންތިހާބުން ކޮންމެ ނަތީޖާއެއް ނުކުތަސް ބަލިވާ ކެންޑިޑޭޓް މޮޅުވާ ކެންޑިޑޭޓާ އެކު ޕާޓީ ކުރިއަށް ދާނެ ކަމުގަ އެވެ. ޕާޓީ އޮންނާނީ އެކަތިގަނޑެއްގެ ގޮތުގަ އެވެ.
12:37 | 14-05-22
މިހާރު ކުރިއަށްދާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ހުޅުމާލޭގެ ވޯޓުލާ ފޮށި، ޣާޒީ ސްކޫލްގައި ބެހެއްޓުމަށް ނިންމާފައިވަނިކޮށް އެ ފޮށި ހުރަވީ ސްކޫލަށް ބަދަލުކުރަންޖެހުނީ އިދާރީ އޮޅުމެއްގެ ސަބަބުން ކަމަށް އިންތިހާބާ ކޮމިޓީން ބުނެފި.
އަދި އެ ބަދަލު ގެނައީ އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ މަންދޫބުންގެ އެއްބަސްވުމާއެކު ކަމަށް ވެސް އެ ކޮމިޓީން ބުނި.
Comment