Advertisement

ދުނިޔޭގެ ފުރަތަމަ "އުދުހޭ" އިލެކްޓްރިކް ފެރީ ރާއްޖެ ގެންނަނީ

9 ނޮވެންބަރު 2025 - 11:46 3

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ރާއްޖެއަށް ގެންނަ ކެންޑެލާ P-12 ފެރީ: ފެނުން މަތީގައި އެ ފެރީ ދުއްވުމުން އެނާޖީ ކޮންސަޕްޝަންގެ 80 ޕަސަންޓު ދަށްކޮށްދޭ - ފޮޓޯ: ކެންޑެލާ


ދުނިޔޭގެ ފުރަތަމަ "އުދުހޭ" އިލެކްޓްރިކް ފެރީ ރާއްޖެ ގެންނަނީ

9 ނޮވެންބަރު 2025 - 11:46 3

ސްވިޑެން އިން އުފެއްދި ދުނިޔޭގެ ފުރަތަމަ "އުދުހޭ" އިލެކްޓްރިކް ފެރީ ރާއްޖެ ގެނައުމުގެ މަސައްކަތް އަމިއްލަ ކުންފުންޏެއް ކަމަށްވާ އީގޯ ޝަޓަލްއިން މަސައްކަތް ފަށައިފި އެވެ.

އެހެން އިލެކްޓްރިކް ފެރީތަކާ ހިލާފަށް "ކެންޑެލާ P-12" ފެރީއަކީ ކޮމްޕިއުޓާ ކޮންޓްރޯލްޑް ދެ ހައިޑްރޯފޮއިލްސްގެ އެހީތެރިކަމާއެކު ފެނުގެ 1.5 މީޓަރު މަތިން ބާރު ސްޕީޑުގައި ދުއްވާ އުޅަނދެކެވެ.

ފެނުން މަތީގައި އެ ފެރީ ދުއްވުމުން އެނާޖީ ކޮންސަޕްޝަންގެ 80 ޕަސަންޓު ދަށްކޮށްދެ އެވެ. އޭގެ ސަބަބުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ދުރު އަތޮޅުތަކަށް ފަސޭހަކަމާއެކު ދަތުރުކުރެވޭނެ އެވެ.

އީގޯ ޝަޓަލްގެ ސީއީއޯ، ޝާބިރު ވަލްޖީ ވިދާޅުވީ ރާއްޖެއަށް ގެންނަ އިލެކްޓްރިކް ފެރީއަކީ ތިމާވެއްޓަށް ގެއްލުންވާ ގޮތަށް ތެޔޮ އަޅައިގެން ދުއްވާ ބޯޓުތަކުގެ ބަދަލުގައި ބޭނުން ކުރެވޭނެ ފެރީއެއް ކަމަށެވެ.

"ކަނޑުމަގުން ދަތުރުފަތުރު ކުރުމަށް އިލެކްޓްރިކް ރަނގަޅު ނިޒާމެއް މިހާތަނަށް ހޯދިފައެއް ނުވޭ. ޓްރެޑިޝަނަލް ހަލްތަކަކީ ބެޓަރި ޕަވާ ބޭނުންކޮށްގެން ދެމެހެއްޓިނިވި ގޮތެއްގައި އޮޕަރޭޓު ނުކުރެވޭނެ. ކެންޑެލާ P-12 އަކީ ފޮސިލް ފިއުލް ބޯޓުތަކުގެ ބަދަލުގައި ބޭނުންވާ ދުރުމިނަށް ހަލުއި ސްޕީޑުގައި ދުވާ ތިމާވެއްޓަށް ކުރާ އަސަރު ކުޑަކޮށްދޭ އުޅަނދެއް،" އޭނާ ވިދާޅުވި އެވެ.

ކެންޑެލާ P-12 ގެ ކައުންޓާ ރޮޓޭޓިން ޕްރޮޕެލާއިން މަޑު ރާޅެއް އުފެދޭއިރު، ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް އިންތިހާ މަދުވެ އެވެ. އޭގެއިތުރުން އެ ފެރީގައި ދަތުރުކުރާއިރު ބޯއަނބުރައިގެން އުޅެން ނުޖެހޭނެކަމުގެ ޔަގީންކަން ވަނީ ދީފަ އެވެ.

ކެންޑެލާގެ ސީއީއޯ، ގުސްޓަވް ހަސެލްސްކޮގް ވިދާޅުވީ ހައިޑްރޯފޮއިލް ޓެކްނޮލޮޖީއަކީ ފެރީގައި ދަތުރުކުރާ ފަސިންޖަރުންނާއި ތިމާވެއްޓަށް ވެސް ރަނގަޅު ޓެކްނޮލޮޖީއެއް ކަމަށާއި އެ ޓެކްނޮލޮޖީ ރާއްޖެއަށް ފޯރުކޮށްދެވުމަކީ ލިބޭ އުފަލެއް ކަމަށެވެ.

"އީގޯ ޝަޓަލްއާ ގުޅިގެން ރާއްޖޭގެ ހައިޑްރޯފޮއިލް ޓެކްނޮލޮޖީ ރާއްޖެއަށް ތައާރަފްކުރުމަކީ ލިބޭ ބޮޑު އުފަލެއް. އޭގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

ކެންޑެލާ P-12 ގެ ފެރީތައް އަންނަ އަހަރު ރާއްޖޭގައި ބޭނުންކުރަން ފަށާނެ ކަމަށް ކެންޑެލާއިން ބުނެ އެވެ. އޭގެއިތުރުން އީގޯ ޝަޓަލްއިން ލޯކަލް ލޮޖިސްޓިކް އެންޑް ސާވިސް ސެންޓަރެއް ގާއިމުކޮށް، ދިވެހިން ތަމްރީންކޮށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.