Advertisement

ފުލުހުންގެ ބެލުމުގެ ދަށުގައި އޮތް ޝިމަންގެ ފޯނުން ފޮޓޯ ލީކު ކުރި މައްސަލަ ތަހުގީގުކުރަން ވަކީލުން ގޮވާލައިފި

13 އޮކްޓޯބަރު 2025 - 08:24 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ޝިމަންގެ ގާނޫނީ ވަކީލުންގެ ޓީމުން މީޑިއާއަށް މައުލޫމާތު ދެނީ -- ފޮޓޯ: އަދަދު


ފުލުހުންގެ ބެލުމުގެ ދަށުގައި އޮތް ޝިމަންގެ ފޯނުން ފޮޓޯ ލީކު ކުރި މައްސަލަ ތަހުގީގުކުރަން ވަކީލުން ގޮވާލައިފި

13 އޮކްޓޯބަރު 2025 - 08:24 1

ރައީސް މުހައްމަދު މުއިއްޒަށް އިންޒާރު ދިން ކަމަށް ބުނެ އެމްޑީޕީގެ އެންމެ ނުފޫޒު ގަދަ އެއް ޒުވާން ލީޑަރު އައިޝަތު ޝިމަންގެ ފޯނު ފުލުހުން އަތުލާފައި އޮއްވައި އެ ފޯނުގައި އެކަނި ހުރި ފޮޓޯއެއް ލީކު ކުރި މައްސަލަ ތަހުގީގު ކުރަން ޝިމަންގެ ގާނޫނީ ވަކީލުންގެ ޓީމުން ގޮވާލައިފި އެވެ.

ޝިމަންގެ ގާނޫނީ ވަކީލުން ޓީމުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ މީހެއްގެ ޒާތީ މައުލޫމާތު އާންމުކުރުމުގެ މުޑުދާރު އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. އަދި ލީކު ކޮށްލާފައިވާ ފޮޓޯއަކީ ހަމައެކަނި ފުލުހުންގެ ބެލުމުގެ ދަށުގައި އޮތް ފޯނުގައި އިން ހުރި ފޮޓޯއެއް ކަމަށް ޝިމަންއާ ހަވާލާދީ ވަކީލުން ޓީމުން ބުންޏެވެ.

ވަކީލުންގެ ޓީމުން މައިގަނޑު ގޮތެއްގައި ގޮވާލައިފައި ވަނީ ހަ ކަމެއް ކުރުމަށެވެ. އެއީ:

  • ޝިމަންގެ ފޯނު ހިފެހެއްޓި ގޮތާއި އޭގައި ހުރި ޒާތީ މައުލޫމާތުތައް ލީކުކުވި ގޮތް ދެނެގަތުމަށް ހާމަކަންބޮޑު މިނިވަން ތަހުގީގެއް ހިންގައި ޑިޖިޓަލް ފޮރެންސިކް އެނަލިސިސްގެ އެހީގައި އެކަމުގައި ޝާމިލުވި ފަރާތްތައް ދެނެގަނެ ފިޔަވަޅު އެޅުން
  • ފޯނު ހިފެހެއްޓުމަށް ނެރުނު ކޯޓު އަމުރާއި އޭގައި ހަވާލާދީފައި ހުރި ގާނޫނީ ނުކުތާތަކުގެ އިތުރުން ޗެއިން އޮފް ކަސްޓަޑީގެ ލިޔެކިޔުންތައް އާންމުކުރުން
  • ކުޑަކުދިންގެ ޖިންސީ މަންޒަރުތައް ފެތުރުމުގެ ކުށް ހިންގި ފަރާތްތައް ހިމެނޭ ގޮތަށް، އެކަމުގައި ޝާމިލުވާ ހުރިހާ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އަޅައި، އެފަރާތްތައް ފުރިހަމައަށް ޖަވާބުދާރީކުރުމަށް
  • ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ ތަކެތި ބެލެހެއްޓުމާއި މީހުންގެ ޒާތީ ތަކެތި ގެންގުޅޭ ގޮތާއި އޭގައި ހުންނަ ޒާތީ މައުލޫމާތާއި ހައްސާސީ ހެކި ބެލެހެއްޓުމަށް ކަނޑައަޅާފައިވާ އުސޫލުތައް ރިވިއު ކުރުމަށްފަހު އިސްލާހު ކުރުމަށް
  • މީހުންގެ ޒާތީ މައުލޫމާތު ފުލުހުންގެ ތެރެއިން ލީކު ނުވާނެކަން ކަށަވަރު ކުރުމަށްޓަކައި ދެފުށް ފެންނަ ހަމަތަކެއްގެ މަތިން ފުލުހުން ހިފަހައްޓާ ތަކެއްޗާމެދު އަމަލު ކުރުން
  • އިދިކޮޅު ފަރާތްތަކުގެ އަޑު ކަނޑުވައިލުމަށް ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރުމާއި ސިޔާސީ ނުފޫޒުން އެއްކިބާވެ ތިބެ ފުލުހުން މަސައްކަތް ކުރުމަށް

އެ ބަޔާނުގައި ބުނީ ޝިމަންގެ ފޮޓޯއެއް ލީކު ކޮށްލާފައި ވަނީ އޭނާގެ ފޯނު ފުލުހުން ހިފެހެއްޓިތާ 24 ގަޑިއިރު ވެސް ނުވަނީސް ކަމަަށާއި ފޯނު ހިފެހެއްޓުމުގައި ވެސް އަމަލު ކޮށްފައި ވަނީ ގާނޫނީ ހަމަތަކާއި ހިލާފަށް ކަމަށެވެ.

ޝިމަންގެ ފޯނު ހިފެހެއްޓި ވަގުތުން ފެށިގެން ފޮޓޯ ލީކުވުމާ ހަމައަށް ކަން ހިނގާފައިވާ ގޮތަށް ބެލުމުން އެ ފޮޓޯ ލީކު ކޮށްފައި ވަނީ ފުލުހުންގެ ތެރެއިން، އެ ފޯނަށް އެކްސެސް ލިބުނު މީހެއް ނުވަތަ ބަޔަކު ކަމަށް ގަބޫލު ކުރުމުގެ ފުރުސަތު ބޮޑު ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

އޭގެއިތުރުން ލީކު ކޮށްލާފައިވާ ޝިމަންގެ ޒާތީ ފޮޓޯއަކީ އޭނާގެ އުމުރުން 18 އަހަރު ވެސް ނުވަނީސް ނަގާފައިވާ ފޮޓޯއެއްކަން ޝިމަންއާ ހަވާލާދީ އޭނާގެ ގާނޫނީ ވަކީލުންގެ ޓީމުން ބުންޏެވެ. އެހެންކަމުން ކުޑަކުއްޖެއްގެ ގޮތުގައި ޝިމަން ހުރިއިރުގެ ފޮޓޯއެއް ފުލުހުންގެ އިހުމާލުން ލީކުވުމުގެ ޒިންމާ އެ މުއައްސަސާއިން އުފުލަން ޖެހޭނެ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

ޝިމަންގެ ފޯނު ހިފެހެއްޓުމާއި އޭނާގެ ޒާތީ ފޮޓޯއެއް ލީކު ކުރުމަކީ ސިޔާސީ ނުފޫޒަށް ލެނބިތިބެ ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން ޝިމަންއަށް ފުރައްސާރަ ކުރުމަށް ފުލުހުން ކުރި ކަމެއް ކަމަށް ގާނޫނީ ވަކީލުންގެ ޓީމުން ތުހުމަތުކޮށްފައިވެ އެވެ.

އެ ބަޔާނުގައި ވަނީ މިފަހަކުން ފުލުހުންގެ އިހުމާލުން ވެފައި ހުރި ބައެއް ކަންކަން ވެސް ފާހަގަކޮށްފަ އެވެ. އެގޮތުން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ޑޮލަރުތަކެއް ގެއްލުމާއި ކުޑަކުދިންތަކެއް ހިމެނޭ ކުށުގެ ސީންއެއްގެ ވީޑިއޯއެއް ލީކުވުމާއި އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު، ފާތިމަތު ޒަހިއްޔާ (ޒާޔާ) ގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށުގައި އޮއްވައި އެ ފޯނުގައި ހުރި ވީޑިއޯތަކެއް ލީކުވި މައްސަލަ އެ ބަޔާނުގައި ފާހަގަ ކޮށްފައިވެ އެވެ.