12 އޮކްޓޯބަރު 2025 - 20:03 0
ލީވާން އަލީ ނާސިރު
ހުސައިން ހަސަން: ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ފޮޓޯއެއް ނެގި މައްސަލައަކާ ގުޅިގެން އޭނާ މާދަމާ ފުލުހަށް ހާޒިރުކުރަން ވަނީ އަންގާފައި
12 އޮކްޓޯބަރު 2025 - 20:03 0
ފުލުހުން މާލޭގާއި ހިންގި އޮޕަރޭޝަނެއްގެ ފޮޓޯއެއް ނެގި މައްސަލައިގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ހުސައިން ހަސަން މާދަމާ ފުލުހަށް ހާޒިރު ކުރަން އަންގައިފި އެވެ.
ހުސައިން ފުލުހަށް ހާޒިރުކުރަން އެންގީ މާދަމާ މެންދުރު 1:00 ޖަހާއިރަށް ގަލޮޅު ޕޮލިސް ސްޓޭޝަނަށެވެ.
ސެޕްޓެމްބަރު 10، ގައި ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަންގައި މީހަކު ހައްޔަރުކުރި ވަގުތު އެތަނުގައި ހުރެފައި ހުސައިން ފޮޓޯއެއް ނަގާފައިވާތީއާއި، އެ ފޮޓޯ ޑިލީޓު ކުރަން ތަކުރާރުކޮށް އެންގުމުން ވެސް ފޮޓޯ ޑިލީޓު ނުކޮށް އިތުރު ފޮޓޯ ނަގަން އުޅުމުން ހުސައިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.
ނަމަވެސް ހުސައިން ބަންދުގައި ބެހެއްޓުމަށް އެދި ހުށަހެޅި ފޯމުގައި ފޮޓޯ ނެގުން ކުށެއްގެ ގޮތުގައި ފާހަގަކޮށް، އޭނާގެ މައްޗަށް ތުހުމަތެއްކޮށްފައެއް ނުވެ އެވެ.
ހުސައިންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ފުލުހުން ވަނީ އޭނާގެ މައްޗަށް ޖިނާއީ 14 ކުށެއްގެ ތުހުމަތުކޮށް އޭނާ 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބަހައްޓައި ދިނުމަށް އެދިފަ އެވެ.
ހުސައިން ދޫކޮށްލީ އޭނާގެ މައްޗަށް ތުހުމަތުކުރާ މައްސަލައިގައި ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދިނުމަށް ޝަރުތުކޮށެވެ. އޭނާގެ މައްޗަށް ޝަރުތުކުރީ 30 ދުވަހުގެ މުއްދަތަށް ކަމަށްވާއިރު، އެ މުއްދަތު އިއްޔެ ވަނީ ހަމަވެފަ އެވެ.
މަންޒަރު ދުށް މީހުން އަދަދު އަށް މައުލޫމާތު ދިން ގޮތުގައި ފުލުހުން އޮޕަރޭޝަން ހިންގަމުން ދިޔައީ ސަރަހައްދު ވަކިކުރަން ޓޭޕު ދަމައިގެންނެއް ނޫނެވެ. ހާމަކޮށް މަގުމަތީގައި ކުރިއަށް ގެންދިޔަ ހަރަކާތެއްގެ ފޮޓޯ ނެގުމަކީ ޖިނާއީ ކުށެއް ކަމަށް ބަލައި މީހަކު ހައްޔަރު ނުކުރެވޭނޭ ކަމަށް ހުސައިންގެ ވަކީލުން ކޯޓުގައި ބުނެފައިވެ އެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ހުސައިން ގެންދިޔައީ ވަރަށް އަނިޔާވެރިކޮށެވެ. އެގޮތުން އޭނާއަށް އެކިވަރުގެ އަނިޔާތައް ލިބުނު ކަމަށް ލޯޔަރު، އިބްރާހިމް ޝިޔާން ވިދާޅުވި އެވެ.
Comment