Advertisement

ޝިމަންއަށް ކުރާ ތުހުމަތެއް ނެތް ކަމަށް ފުލުހުން ބުނެފައި އޮއްވައި މީޑިއާއާ ވާހަކަ ދެއްކުމުން އަނެއްކާ ވެސް މައްސަލަ ބަލަނީ

12 އޮކްޓޯބަރު 2025 - 11:59 1

ޝިމަން: ފުލުހުން ކުރިން ބުނީ ޝިމަންގެ ބަޔާނެއް ނަގަން ބޭނުން ނުވާ ކަމަށް -- ފޮޓޯ: ސޯޝަލް މީޑިއާ


ޝިމަންއަށް ކުރާ ތުހުމަތެއް ނެތް ކަމަށް ފުލުހުން ބުނެފައި އޮއްވައި މީޑިއާއާ ވާހަކަ ދެއްކުމުން އަނެއްކާ ވެސް މައްސަލަ ބަލަނީ

12 އޮކްޓޯބަރު 2025 - 11:59 1

ރައީސް މުހައްމަދު މުއިއްޒަށް އިންޒާރު ދިން ކަމަށް ބުނެ އެމްޑީޕީގެ އެންމެ ނުފޫޒު ގަދަ އެއް ޒުވާން ލީޑަރު އައިޝަތު ޝިމަންގެ ފޯނު އަތުލި މައްސަލައިގައި އޭނާއަށް ކުރާ ތުހުމަތެއް ނެތް ކަމަށް ފުލުހުން ބުނި ނަމަވެސް އަނެއްކާ ވެސް މައްސަލަ ތަހުގީގު ކުރަން ފަށައިފި އެވެ.

ޝިމަންގެ ފޯނު ފުލުހުން އަތުލީ ބުރާސްފަތި ދުވަހެވެ. އެ މައްސަލައިގައި ބަޔާނެއް ވެސް ނަގަން ބޭނުން ނުވާ ކަމަށް ބުނެ ފުލުހުން ވަނީ ޝިމަންއާ ފޯނު ހަވާލު ކުރަން މަސައްކަތްކޮށްފަ އެވެ. އެކަމަކު ޝިމަންގެ ބަޔާނެއް އަނެއްކާ ވެސް ނަގަން ބޭނުންވާ ކަމަށް ބުނެ ފުލުހުން ވަނީ ރޭގެ ވަގުތެއްގައި ޗިޓެއް ފޮނުވައިފަ އެވެ.

ޝިމަންއަށް ފުލުހުން ޗިޓެއް ފޮނުވީ، ފުލުހުންގެ ބެލުމުގެ ދަށުގައި އޮއްވާ އޭނާގެ ފޯނުން ޒާތީ ފޮޓޯއެއް ލީކުކޮށްލީ ފުލުހުން ކަމަށް ބުނެ މީޑިއާއާ ވާހަކަ ދެއްކި ފަހުންނެވެ. އެކަމަކު އޭގެ ކުރިން، ޝިމަންގެ ބަޔާނެއް ނަގަން ބޭނުންނުވާ ކަމަށް ފުލުހުން ބުނި ކަމަށް އޭނާގެ ގާނޫނީ ވަކީލު އައިކު އަހުމަދު އީސާ ވިދާޅުވި އެވެ.

"[ފޯނު ހަވާލު ކުރަން އުޅުމުން] އަހަރެމެން އެހިން ތުހުމަތާ ގުޅިގެން ބަޔާނާ އެއްޗިއްސަށް ކިހިނަކުންހޭ ތިޔަ ވަނީ. ކޮންމެހެނެއްވިޔަސް އެއީ ސީރިއަށް ތުހުމަތެއް ނޫންހޭ. އެހެންވީމަ ބަޔާން ނުނަގަނީހޭ. އެހެން ބުނީމަ ބުނީ މިހާރު ދެން ބަޔާނެއް ވެސް ބޭނުމެއް ނޫނޭ، މައުލޫމާތު ބަޔާނެކޭ ނަގާނީ. ނަގާފަ ދޫކޮށްލާނީއޭ ފޯނު،" އައިކު ވިދާޅުވި އެވެ.

ޝިމަންގެ ބަޔާނެއް ނަގަން ބޭނުން ނުވާ ކަމަށާއި ފޯނު ދޫކޮށްލަން ބޭނުންވާ ކަމަށް ފުލުހުން ބުނީ "އަހަރެމެން ބޭނުންވާ ކަންތައް ވެއްޖެ" ކަމަށް ބުނުމަށްފަހު ކަމަށް އައިކު ވިދާޅުވި އެވެ.

ޝިމަންގެ ފޮޓޯއެއް ލީކުކޮށްލި މައްސަލައިގައި ފުލުހުންނަށް ވަރަށް ބޮޑަށް ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. ޝިމަންގެ ފޯނު ގެންގުޅުނު ފުލުހުންގެ މައްސަލަ ބަލަން ވެސް ވަރަށް ގިނަ ބަޔަކު ދަނީ ގޮވައިލަމުންނެވެ. އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް އަދި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ޝިމަންގެ ފަރާތުން ވެސް ވަނީ ހުށަހަޅައިފަ އެވެ.

ޝިމަންގެ ފޯނު އަތުލީ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި، "Kirk h*m" އޭ ލިޔެގެންނެވެ. އެ ދެ ބަހުގެ ސީދާ މާނައެއް ނޭނގެ އެވެ. ފުލުހުން ބުނަނީ އެއީ މުއިއްޒަށް ނިސްބަތްކޮށް ޝިމަން ބުނި އެއްޗެއް ކަމަށެވެ. އެއީ ސެޕްޓެމްބަރު 20، 2025، ގައި ޝިމަން ކުރި ޕޯސްޓެކެވެ.