Advertisement

ޝިމަންގެ ފޮޓޯ ލީކުކޮށްލި މީހުން ޖަވާބުދާރީ ކުރުވަން ޖެހޭ: ދިޔާނާ

12 އޮކްޓޯބަރު 2025 - 11:58 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ކުރީގެ ބަންޑާރަނައިބު ދިޔާނީ ސައީދު: ދިޔާނާ ވިދާޅުވީ މިއީ ޕްރައިވެސީއަށް އަރައިގަތުން ކަމަށް --- ފޮޓޯ: ރާއްޖެޓީވީ


ޝިމަންގެ ފޮޓޯ ލީކުކޮށްލި މީހުން ޖަވާބުދާރީ ކުރުވަން ޖެހޭ: ދިޔާނާ

12 އޮކްޓޯބަރު 2025 - 11:58 0

ފުލުހުންގެ ބެލުމުގެ ދަށުގައި އޮއްވައި، އެމްޑީޕީގެ މެންބަރު އައިޝަތު ޝިމަންގެ ފޯނުން ފޮޓޯއެއް ލީކު ކޮށްލި މައްސަލައިގައި ޒިންމާވާން ޖެހޭ އެންމެން ޖަވާބުދާރީ ކުރުވަން ޖެހޭ ކަމަށް ކުރީގެ ބަންޑާރަ ނައިބު ފާތިމަތު ދިޔާނާ ސައީދު ވިދާޅުވެއްޖެ އެވެ.

ކޯޓު އަމުރެއް އޮތް ކަމަށް ބުނެ ޝިމަންގެ ފޯނު ފުލުހުން ޖަހައިގަތީ އޭނާ ދިރިއުޅޭ ގެ ކައިރީގައި މަގުމަތީގައި ހުއްޓައި ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު 12 ޖަހާކަން ހާއިރު އެވެ. ކާކުކަން ނޭނގޭ ގޮތަށް އެކްސް އެކައުންޓެއް ހަދައި އެ ފޯނުގައި ހުރި ޝިމަންގެ ފޮޓޯއެއް ލީކު ކޮށްލީ ފޯނު އަތުލިތާ 24 ގަޑިއިރު ނުވަނީހެވެ.

ގިނަ ބައެއްގެ ނުރުހުމާއި ފާޑުކިޔުން ފުލުހުންނަށް މިކަމުގެ ސަބަބުން އަމާޒުވެފައިވާއިރު ގާނޫނު ވަކީލު ދިޔާނާ މިކަން ސިފަކުރެއްވީ ހުތުރު އަމަލެއްގެ ގޮތުގަ އެވެ.

"މިއީ އިތުބާރު ވަރަށް ބޮޑަށް ގެއްލުވާލި ކަމެއް، އަދި އެއީ އޭނާއަށް ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ޕްރައިވެސީއާ ގުޅުން ހުރި ހައްގުތައް ނިގުޅައިގަތުން،" ދިޔާނާ ލިޔުއްވި އެވެ.

ކޮންމެ މީހެއްގެ ޒާތީ އަދި އާއިލީ ދިރިއުޅުމާއި، ގޯތި ގެދޮރާއި، އަނެކުންނާ ކުރާ ޒާތީ މުއާސާލާތުތަކަކީ ހުރުމަތްތެރިވެގެންވާ ކަންކަމާއި ތަންތަން ކަމަށް ގާނޫނުއަސާސީގެ 24 ވަނަ މާއްދާގައި ލިޔެފައިވެ އެވެ.

ޝިމަންގެ ފަރާތުން މި މައްސަލަ މިހާރު ވަނީ ރައްޔިތުންގެ މަޖިލީހާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ހުށަހަޅާފަ އެވެ.

އެންއައިސީއަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ފުލުހުން ޝިމަންގެ ފޮޓޯ ލީކުކޮށްލީ އޭނާގެ އަގުވައްޓާލައި ގާނޫނުއަސާސީން ރައްކާތެރިކޮށްދޭ ޒާތީ ދިރިއުޅުމުގެ ހައްގާއި އަބުރު ރައްކާތެރިކަމުގެ ހައްގަށް އަރައިގަތުމަށްފަހު ކަމަށެވެ. ފުލުހުން ލީކުކޮށްލީ ޝިމަންގެ ބަރަހަނާ ފޮޓޯއެއް ކަމަށް ވެސް މައްސަލަ ހުށަހެޅި ފޯމުގައި ބުނެފައިވެ އެވެ.

ޝިމަންގެ ފޮޓޯ ލީކުކޮށްލީ ފުލުހުން ކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ދޮގެއް ކަމަށް ފުލުހުން ރޭ ވަނީ ބަޔާނެއް ނެރެފަ އެވެ.

ފުލުހުންގެ ބަޔާނުގައި ބުނީ ޑިޖިޓަލް ވަސީލަތްތައް ހިމެނޭހެން ފުލުހުންގެ ހިދުމަތުގެ ބެލުމުގެ ދަށަށް ގެނެވޭ ހެކި ބަލަހައްޓަނީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ އުސޫލެއްގެ ތެރެއިން ކަމަށެވެ.

މި ނޫހާ ވާހަކަ ދައްކަމުން ޝިމަން ބުނީ ލީކު ކޮށްލި ފޮޓޯ އަކީ އެހެން އެއްވެސް ތާކު ހުންނާނެ އެއްޗެއް ނޫން ކަމަށެވެ.