6 އޮކްޓޯބަރު 2025 - 10:33 0
އަހުމަދު އާއިދު
ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދު: އޭނާ ވަނީ ހުކުރު ދުވަހުގެ ރޭ ބޭއްވި މުޒާހަރާއިން ހައްޔަރުކުރި މީހުން ދޫކޮށްލުމަށް މަޖިލީހުގެ ތަޅުމުގައި ގޮވާލާފަ ---- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
6 އޮކްޓޯބަރު 2025 - 10:33 0
މިދިޔަ ހުކުރު ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި މުޒާހަރާއިން ހައްޔަރުކުރި އަށް މީހުންގެ ތެރެއިން މި ވަގުތު ބަންދުގައި ތިބި ހަ މީހުން ދޫކޮށްލަން ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ގޮވާލައިފި އެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގައި އިދިކޮޅު އެމްޑީޕީގެ މެންބަރުން މިކަމަށް ގޮވާލީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ހުށަހެޅި އިސްލާހަށް ބަހުސް ކުރައްވަމުންނެވެ.
އެ ގޮތުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް، ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދު، އަދި ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު އެކަމަށް ގޮވާލެއްވި އެވެ.
"ކުރީރޭ މަގުމަތިން ވަރަށް ރަނގަޅަށް އުޅެނިކޮށް ހައްޔަރުކުރި އަޅުގަނޑުމެންގެ މެންބަރުންތައް. އެމްޑީޕީގެ މެންބަރުންތައް، ޔައުގޫބު، ޔާސިރު، ސޮލާހު، ޖުމާން، އަދި، ޝާކިރު މިހާރުން މިހާރަށް ދޫކޮށްލަން ގޮވާލަން،" ޝަމްހީދު ވިދާޅުވި އެވެ.
އެމްޑީޕީ މެންބަރުން މިފަދައިން ގޮވާލާފައިވާއިރު، އެ ރޭގެ މުޒާހަރާގައި ހުކުރު ދުވަހުގެ ރޭ ބޭއްވި މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ބާރުގަދަ އަޑު އިއްވާ "ސޮނިކް ވެޕަން" އެއް ކަމަށްވާ ލޯންގް ރޭންޖް އެކޯސްޓިކް ޑިވައިސް (އެލްރެޑު) ބޭނުންކުރުމުން މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ވަނީ ބޭރުކޮށްލާފަ އެވެ.
އެމްޑީޕީ މުޒާހަރަގެ ތެރެއިން ހައްޔަރުކުރީ ޖުމްލަ އަށް މީހެކެވެ. އޭގެ ތެރެއިން ބަންދުގެ މުއްދަތު އިތުރުނުކޮށް ދޫކޮށްލީ މުހައްމަދު ޚަލަފު އިބްރާހިމް ކިޔާ މީހެކެވެ. އޭނާ ދޫކޮށްލީ ތަހުގީގަށް އެއްބާރުލުން ދޭން ޝަރުތުކޮށް، އަދި ހުއްދަ ހޯދައިގެން ނޫން ގޮތަކަށް މާލޭން ބޭރަށް ނުދެވޭ ގޮތަށެވެ. އަދި، މުޒާހަރާއިން ހައްޔަރުކުރި އައްޑޫ ސިޓީ ކައުންސިލްގެ މެންބަރު ހަސަން ޒަރީރު މިހާރު ވަނީ ދޫކޮށްލާފަ އެވެ.
މުޒާހަރާގައި އެތައް ހާސް ބަޔަކު ޖަމާވެ، މަޖީދީ މަގުން ހިނގާފައި ދާން ދިމާކުރުމުން، ރަޔަޓު ގިޔަރުގައި ފުލުހުން ނުކުމެ ބާރުގެ ބޭނުންކޮށް، ޕެޕަ ސްޕްރޭ ޖެހި އެވެ. އަދި ފުރަތަމަ ފަހަރަށް ސޮނިކް ވެޕަން ބޭނުންކުރި އެވެ.
އާޓިފިޝަލް ބީޗުގައި ތިބުމަށް ފަހު އެއްވުމުގެ ބައިވެރިން ހިނގަން ރާވާފައި އޮތީ މަޖީދީ މަގުން އިރަށެވެ. އެކަން އެގޮތަށް ކުރާކަން އަންގާފައި ވާނެ ކަމަށް އެމްޑީޕީން ބުނެފައިވެ އެވެ.
ނަމަވެސް އެކަމަށް ފުލުހުން ހުރަސް އެޅި އެވެ. އެއަށް ފަހުން، ފުލުހުންގެ ސަފުތައް ފޫއަޅުވައިލުމަށް މުޒާހަރާގެ ބައިވެރިން މަސައްކަތް ކުރި އެވެ. މުޒާހަރާ ރޫޅާލުމަށް ގާނޫނާއި ހިލާފަށް ބާރުގަދަ އަޑު އިއްވާ "ސޮނިކް ވެޕަން" އެއް ވަނީ ބޭނުންކޮށްފަ އެވެ.
Comment