3 އޮކްޓޯބަރު 2025 - 23:40 0
ލީވާން އަލީ ނާސިރު
3 އޮކްޓޯބަރު 2025 - 23:40 0
މިރޭ ކުރިއަށްދާ މުޒާހަރާ ކޮންޓްރޯލް ކުރުމަށް ފުލުހުން ސޮނިކް ވެޕަން ބޭނުންކޮށްފި އެވެ. މިއީ މުޒާހަރާއެއް ރޫޅާލުމަށް ރާއްޖޭގައި ސޮނިކް ވެޕަން ބޭނުންކުރި ފުރަތަމަ ފަހަރެވެ.
ސޮނިކް ވެޕަންއަކީ ލޯންގު ރޭންޖް އެކޮސްޓިކް ޑިވައިޒް ނުވަތަ އެލްއާރުއޭޑީ ބޭނުންކޮށްގެން އެއް ރިދަމަކަށް އުފައްދާ ގަދަ އަޑެކެވެ. މިއީ މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް ފުލުހުންނާއި ސިފައިން ބޭނުންކުރާ ނޮން-ލީތަލް ހަތިޔާރެކެވެ.
މިރޭ މިހާތަނަށް ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ތިން ފަހަރެއްގެ މަތިން ސޮނިކް ވެޕަން ބޭނުންކޮށްފަ އެވެ. މިއިން ކޮންމެ ފަހަރަ ކުވެސް ފަސް މިނެޓެއްހައި އިރު ވަންދެން މި އަޑު ޖެއްސި އެވެ. މިއީ ގެއްލުން ކުޑަ ހަތިޔާރަކަށް ވީ ނަމަވެސް، ގިނައިރުތަކެއް ވަންދެން އިއްވައިފިނަމަ ކަންފަތް ބައްވުމާއި، ދާއިމީ ގެއްލުން ލިބުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ.
ސޮނިކް ވެޕަންގެ އަސަރުތަކުގެ ތެރޭގައި ބޮލަށް އެނބުރުން އެރުމާއި، ކަންފަތް ބައްވުމާއި، ކަންފަތަށް ދާއިމީ ގެއްލުން ވުން ވެސް ހިމެނެ އެވެ. ސޮނިކް ވެޕަންގެ އަޑަކީ ވަކި ސަރަހައްދަކަށް ކޮންޓެއިން ކުރެވޭ ނުވަތަ ހިފެހެއްޓޭ އަޑެއް ނޫނެވެ. އެހެންކަމުން، މުޒާހަރާގެ ސަރަހައްދުގައި ހުރި ގެތަކުގައި ދިރިއުޅޭ މީހުންނަށް ވެސް އެ އަޑުގެ އަސަރު ކުރާނެ އެވެ.
މިރޭގެ މުޒާހަރާގެ މިހާތަނަށް ބަލާއިރު ބާރުގެ ބޭނުންކޮށްގެން މުޒާހަރާ ރޫޅާލަންޖެހޭ ފަދަ ހަމަނުޖެހުމެއް ފެނިފައި ނުވާކަމަށް އެ ސަރަހައްދުގައި ތިބި 'އަދަދު' ގެ ނޫސްވެރިން ރިޕޯޓުކޮށްފައި ވެ އެވެ. މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ފުލުހުން ސޮނިކް ވެޕަން ބޭނުންކުރި ނަމަވެސް މުޒާހަރާގެ ބައިވެރިން އަދިވެސް ތިބީ މަޖީދީ މަގުގަ އެވެ.
Comment