3 އޮކްޓޯބަރު 2025 - 23:22 0
ލީވާން އަލީ ނާސިރު
3 އޮކްޓޯބަރު 2025 - 23:22 0
މިރޭ ކުރިއަށްދާ މުޒާހަރާގައި ފުލުހުން ސީދާ ނޫސްވެރިންގެ މޫނަށް އަމާޒުކޮށް ޕެޕަ ސްޕްރޭ ޖަހަމުން ގެންދާ ކަމުގެ ރިޕޯޓުތައް ތަކުރާރުކޮށް ލިބެމުންދާކަން ފާހަގަކޮށް އެމްޖޭއިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ނޫސްވެރިންގެ ޖަމިއްޔާއިން ދެންމެ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މިރޭގެ މުޒާހަރާގައި ސީދާ ނޫސްވެރިންނަށް އަމާޒުކޮށްގެން ފުލުހުން ޕެޕަ ސްޕްރޭ ޖަހަމުން ގެންދާ ކަމުގެ ރިޕޯޓުތައް ތަކުރާރުކޮށް ލިބެމުންދާ ކަމަށެވެ. މީގެ އިތުރުން އެހެން މުޒާހަރާތަކާ ހިލާފަށް މި މުޒާހަރާ ކަވަރުކުރުމަށް ވެސް ނޫސްވެރިންނަށް ފުރުސަތު ނުދޭކަމަށް އެމްޖޭއޭ އިން ބުނެ އެވެ.
އެމްޖޭއޭ އިން ބުނީ ފުލުހުންގެ ލައިންތަކުގެ ފަހަތުގައި ތިބެ މުޒާހަރާ ކަވަރު ކުރުމަށް މިރޭ ފުލުހުން ފުރުސަތު ނުދޭ ކަމަށެވެ. އޭގެ ބަދަލުގައި ނޫސްވެރިންގެ މަސައްކަތަށް ސީދާ ހުރަސް އަޅަމުންދާކަމަށް ވެސް އެމްޖޭއޭ އިން ފާހަގަކުރި އެވެ.
އެމްޖޭއޭ އިން ވަނީ ނޫސްވެރިންގެ ޒިންމާ އަދާކުރުމަށް ހުރަސް ނޭޅުމަށް ފުލުހުންނަށް ގޮވާލާފަ އެވެ.
މިރޭގެ މުޒާހަރާ ފެށުމާއެކު ފުލުހުން ވަނީ މުޒާހަރާއަށް ހުރަސް އަޅައި، ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްގެން މުޒާހަރާ ހުއްޓުވައި ރޫޅާލަން މަސައްކަތް ކޮށްފަ އެވެ. މިވަގުތު ވެސް މުޒާހަރާގެ ބައިވެރިން ދަނީ މަޖީދީ މަގުގައި މުއިއްޒުގެ އިސްތިއުފާއަށް ގޮވާލަމުންނެވެ.
Comment