1 އޮކްޓޯބަރު 2025 - 09:46 1
އަހުމަދު އާއިދު
ރަޔަޓު ގިޔަރުގައި ރޭ މާލޭގެ މަގުތަކުގައި ހަރަކާތްތެރިވި ފުލުހުން ރާޅުގަނޑު ސަރަހައްދުގައި މަޑުކޮށްލައިގެން ---- ފޮޓޯ: އަދަދު
1 އޮކްޓޯބަރު 2025 - 09:46 1
ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ގައުމު "ލޫޓުވައިފި" ކަމަށް ބުނެ، އެންމެ ބޮޑު އިދިކޮޅު ޕާޓީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އޮކްޓޯބަރު 3، ގައި ބާއްވާ އެއްވުން ބޯމަތިވެފައި އޮއްވައި ރޭ ދަންވަރު ފުލުހުން ރަޔަޓު ގިޔަރުގައި މާލޭގެ މަގުތަކަށް ނުކުމެއްޖެ އެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯ އަދި ވީޑިއޯތަކުން ފެންނަ ގޮތުގައި ރޭ ދަންވަރު ގިނަ އަދަދެއްގެ ފުލުހުން ވަނީ މާލޭގެ މަގުތައް މަތީ ހަރަކާތްތެރިވެފަ އެވެ. ރަޔަޓު ގިޔަރުގައި ފުލުހުން ހަރަކާތްތެރިވެފައިވަނީ ހުކުރު ދުވަހުގެ ރޭ އެމްޑީޕީގެ މުޒާހަރާ ފަށާ އާޓިފިޝަލް ބީޗު ކައިރީގަ އެވެ.
އެގޮތުން، ސަލްމާން މިސްކިތް ކައިރި އަދި ރާޅުގަނޑު ސަރަހައްދު އަދި މަޖީދީ މަގު ޖެލީ ރެސްޓޯރަންޓު ކައިރި ފުލުހުން ވަނީ ހަރަކާތްތެރިވެފަ އެވެ. އާންމުކޮށް އެއްވުންތަކާއި މުޒާހަރާތައް ހުއްޓުވަން އަދި ރޫޅާލަން ބޭނުންކުރާ ޝީލްޑު ފަދަ އާލާތްތަކާއެކު ސަފުތަކަށް އެތުރި، ތައްޔާރުވަމުން ދިޔަތަން އާންމުވެފައިވާ ވީޑިއޯ އަދި ފޮޓޯތަކުން ފެނެ އެވެ.
ފުލުހުންގެ ހަރަކާތްތައް ފެނުނު މި ނޫހުގެ ނޫސްވެރިން ބުނި ގޮތުގައި ފުލުހުންގެ ހަރަކާތްތައް ހުރީ ހުކުރު ދުވަހުގެ ރޭގެ މުޒާހަރާގެ ބައިވެރިންނަށް އާޓިފިޝަލް ބީޗު ސަރަހައްދުން އެހެން ތަނަކަށް ނުދެވޭނެ ގޮތަށް ތައްޔާރުވާން ކަމަށް ބެލެވޭ ކަމަށެވެ.
ޖެނުއަރީ 31، ގައި އެމްޑީޕީން ބޭއްވި ބޮޑު ހިނގާލުމާއި ދިމާކޮށް ގިނަ އަދަދެއްގެ ސިފައިން ބޮޑެތި ލޮރީތަކުގައި އެމްއެންޑީއެފުގެ ދެ ޓޭންކަރާއެކު މާލޭގައި ދުއްވި އެވެ. ފުލުހުން ވެސް އެ އެއްވުމުގެ ކުރިން ހަރަކާތްތެރިވި އެވެ.
ފުލުހުން ތައްޔާރީ ހާލަތަކަށް އައިސްފައިވާއިރު، ހުކުރު ދުވަހުގެ ރޭގެ އެއްވުމަކީ ވަކި ޕާޓީއެއްގެ ހަރަކާތެއް ކަމަށް ނުބަލައި ހުރިހާ ރައްޔިތުން އެ އެއްވުމުގައި ބައިވެރިވާން ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވަނީ ގޮވާލައްވާފަ އެވެ.
ނަޝީދުގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ އެ އެއްވުމުގައި ރައްޔިތުން ބައިވެރިވުމަށް ގޮވާލާފަ އެވެ. އެ ރޭ މާލޭގެ މަގުތައް ފުރާލާނެ ކަމަށް މިދިޔަ ހަފުތާ ފައްޔާޒު ވިދާޅުވި އެވެ.
މާލޭގައި ބާއްވާ ބޮޑު އެއްވުމަށް އެ ޕާޓީން ތައްޔާރުވަމުން އަންނައިރު ސަރުކާރުން އެ ހަރަކާތަށް ހުރަސް އެޅުމަށް ކަންކަން ކުރަމުންދާ ކަމަށް އެމްޑީޕީން ބުނެ އެވެ.
Comment