Advertisement

އެމްއައިބީއަށް މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދައްކަން ކިންގްސްޓަންގެ މައްޗަށް ހުކުމް ކޮށްފި

10 އޮގަސްޓު 2025 - 12:54 0

އަރުޝަމް އަބްދުالله

އަރުޝަމް އަބްދުالله


އެމްއައިބީއަށް މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދައްކަން ކިންގްސްޓަންގެ މައްޗަށް ހުކުމް ކޮށްފި

10 އޮގަސްޓު 2025 - 12:54 0

ސައިކަލު ވިއްކަން ކަސްޓަމަރުންގެ އަތުން ފައިސާ ނެގުމަށްފަހު ސައިކަލު ދޫނުކޮށްގެން މައްސަލަ ބޮޑުވި ކިންގްސްޓަން ހޯލްޑިންގްސް މޯލްޑިވްސްއިން, މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަށް 1.5 މިލިއަން ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.

ކިންގްސްޓަންގެ މައްޗަށް މި ފައިސާ ހަ މަސްދުވަސް ތެރޭ ދެެއްކުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހެވެ.

ކިންގްސްޓަންގެ ޣައިރު ހާޒިރުގައި ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނީ އެމްއައިބީގެ އޮތޮރައިޒްޑް ޑީލަރެއްގެ ގޮތުގައި ކިންގްސްޓަން ހަމަޖެއްސުމަށް ދެފަރާތުގެ މެދުގައި ވެފައިވާ ފަހުމުނާމާ އާ ކިންގްސްޓަން އިން ހިލާފުވެފައިވާ ކަމަށެވެ.

ހުކުމުގައިވާ ގޮތުން, ދެފަރާތުގެ ދެމެދުގައި ވެފައި އޮތް ފަހުމުނާމާގެ ދަށުން ކިންގްސްޓަން މެދުވެރިކޮށް މުދާގަތުމަށް އެދި އެމްއައިބީގެ ކަސްޓަމަރުންތަކެއް ހުށަހަޅާފައިވާ ކޯޓޭޝަންތަކަކަށް އެ ބޭންކުން ކިންގްސްޓަން އަށް 1,143,621.19ރ. ދޫކޮށްފައިވެ އެވެ. ނަމަވެސް, އެ ކަސްޓަމަރުންނަށް ކިންގްސްޓަން އިން މުދާ ފޯރުކޮށްދީފައި ނުވާކަމަށް އެ ހުކުމުގައި ވެ އެވެ.

އަދި އެ މުދާތައް ކަސްޓަމަރުންްނަށް ރައްދުނުކުރެވުމުގެ ސަބަބުން އެމްއައިބީ އަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި އ 369,145.87ރ. ހަ މަސްދުވަހުގެ ތެރޭގައި ދެއްކުމަށް ކިންގްސްޓަންގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމުގައި އަންގާފައި ވެ އެވެ.

ކިންގްސްޓަންއިން ސައިކަލު ގަތުމަށް ފައިސާ ދެއްކުމަށް ފަހު, ސައިކަލު ނުލިބުނު އެތައް ބަޔަކު ކިންގްސްޓަންގެ ފިހާރައިގައި ތިބެ އެ ކަމާއި ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ.

އޭރު ކިންގްސްޓަންއިން ބުނެފައި ވަނީ ކަސްޓަމަރުންނަށް ސައިކަލުތައް ރައްދުކޮށް ނުދެވެނީ ޝިޕްމެންޓް ޑިލޭވެގެން ކަމަށެވެ. އަދި ނުދެވި ހުރި ސައިކަލުގެ އަދަދު 60 އަށް އަރާނެ ކަމަށް އޭރު ކިންގްސްޓަން އިން ބުންޏެވެ.

ކިންގްސްޓަންއިން ސައިކަލު ގަތުމަށް ފައިސާ ދެއްކުމަށްފަހު, ސައިކަލު ނުލިބުނު ފަރާތްތައް ދިވެހި ފުލުހުންގެ ހިދުމަތައް އެކަން އެންގުމަށް އޭރު ފުލުހުން އެދިފައި ވެ އެވެ. އޭރު އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.