Advertisement

ފުލުހުންނަށް ޔުމްނުގެ ބަޔާނެއް އަދިވެސް ނުނެގޭ

ޔުމްނުގެ ހައްގުގައި އިންސާފަށް އެދި ޒުވާނުން ކުރި މުޒާހަރާއެއްގެ ތެރެއިން -- ފޮޓޯ: އަދަދު


ފުލުހުންނަށް ޔުމްނުގެ ބަޔާނެއް އަދިވެސް ނުނެގޭ

މިދިޔަ އޭޕްރިލް 18، ގައި މާލޭގެ އުސް އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ރަޝީދު، 21، ވެއްޓުނު ހާދިސާއާ ގުޅިގެން އޭނާގެ ބަޔާން ނުނެގޭ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުން ބުނީ ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން އޭނާގެ ބަހެއް ތަހުގީގަށް މުހިންމުވާތީ، އެ ފުރުސަތު ހޯދަން ކުރި މަސައްކަތުން އެކި ސަބަބުތަކާ ހުރެ ބަހެއް ލިބިފައި ނުވާ ކަމަށެވެ.

"އަންހެން މީހާގެ ސިއްހީ ހާލަތު ހުރި ގޮތުންނާއި އިތުރު އެކި ސަބަބުތަކާހުރެ، އަންހެން މީހާއާ ސުވާލުކުރުމުގެ ފުރުސަތު މިހާތަނަށް ވަނީ ނުލިބި،" ފުލުހުން ބުންޏެވެ.

ފުލުހުން އިތުރަށް ބުނީ ތަހުގީގާ ގުޅިގެން ޔުމްނުއާ ވީ އެންމެ އަވަހަށް ސުވާލު ކުރުމަށް ބޭނުންވާ ކަމަށެވެ.

ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގު މިހާރު ވެސް ހިނގަމުންދާތީ، އެކަމާ ގުޅިގެން ސުވާލުކުރަން ޖެހޭ މީހުންނާ ސުވާލުކޮށް ލިބޭ މައުލޫމާތު ކަށަވަރުކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ޔުމްނުގެ ދައްތަ ރޭ ނޫސްވެރިންނަށް މައުލޫމާތު ދެމުން ޔުމްނުއާ ހަވާލާދީ ބުނީ ހ. ފެންޓެނޯއީ ގެއިން އޭނާ ވެއްޓުނީ އަމިއްލައަށް ނޫން ކަމަށާއި ވެއްޓުނު ވަގުތު އޭނާއާއެކު ބަޔަކު ތިބި ކަމަށެވެ.

"އެ ގޭގައި ހިނގި ހާދިސާ، އެ ވީ ކަމަކީ، ޔުމްނުގެ އަނގައިން ބުނެފައި ވަނީ އެފަދަ ކަމެއް އަމިއްލައަކަށް ނުކުރަމޭ. އަޅުގަނޑު އަމިއްލައަކަށް ނުވެއްޓެމޭ އެތަނަކުންނެއް،" އޭނާ ބުންޏެވެ. "އެތާނގައި ރައުދުގެ އިތުރުން ވެސް ހަތަރު މީހަކު ހިމެނޭ."

ހ. ފެންޓެނޯއީއަކީ ޔުމްނު ކުރިން ވެސް ގޮސް އުޅުނު ގެއެއް ކަމަށް އޭނާ ބުނެފައިވާ ކަމަށް އާއިލާއިން ބުންޏެވެ. އަދި ވެއްޓުނު ދުވަހު އެ ގެއަށް ދިޔައީ މައްސަލައިގައި ހިމެނޭ އިތުރު މީހެއް ކަމަށްވާ ޔޫސުފް ޔައްސާރު އަބްދުލްގަފޫރުގެ ދައުވަތަކަށް ކަމަށް ޔުމްނު ބުނި ކަމަށް އާއިލާއިން ބުނެ އެވެ.

ޔުމްނުއަށް ލިބުނު އަނިޔާތަކަށް މެލޭޝިއާގައި ދަނީ އިތުރު ފަރުވާ ހޯދަމުންނެވެ. އެގޮތުން އޭނާގެ ކަރާއި އުނަގަނޑުގެ އޮޕަރޭޝަނެއް ކުރުމަށްފަހު އަންނަނީ ރިކަވާވަމުންނެވެ.

ޔުމްނު ވެއްޓުނު ހާދިސާ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު، އެ މައްސަލައާ ގުޅިގެން ފުލުހުންގެ ތަހުގީގާމެދު އާންމުން ސުވާލު އުފެއްދުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ހާދިސާގެ ތަހުގީގަށް ރިޔާސީ ކޮމިޝަނެއް އުފައްދަވާފަ އެވެ.