Advertisement

ރާއްޖެއިން ލިބުން ދަތި ބޭސް ހޯދަން އިންޑިއާ ސަރުކާރުން ހިންގާ ކުންފުންޏަކާއެކު ސޮއިކޮށްފި

ރާއްޖެއަށް ބޭސް ގެނައުމަށް އިންޑިއާގެ ކުންފުންޏަކާ އެކު އެސްޓީއޯއިން ސޮއިކުރުން -- ފޮޓޯ: އެސްޓީއޯ


ރާއްޖެއިން ލިބުން ދަތި ބޭސް ހޯދަން އިންޑިއާ ސަރުކާރުން ހިންގާ ކުންފުންޏަކާއެކު ސޮއިކޮށްފި

ރާއްޖެއިން ލިބުން ދަތި ބޭސް ދެމެހެއްޓެނެވި ގޮތެއްގައި ހޯދުމަށް އިންޑިއާ ސަރުކާރުން ހިންގާ ކުންފުންޏަކާއެކު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެއްބަސްވުން ހެދީ އިންޑިއާގެ މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީ ވެލްފެއާގެ ދަށުން ހިންގާ އެޗްއެލްއެލް ލައިފްކެއާ ލިމިޓެޑާ އެކު އެވެ. އެއްބަސްވުން ހެދީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިންނެވެ.

އެ އެއްބަސްވުމުގެ ދަށުން ބޭސް ފޯރުކޮށްދޭނީ އިންޑިއާގެ ޕްރަދާން މަންތްރީ ބާރަތިޔާ ޖަނައުޝަދި ޕަރިޔޯޖަނާ (ޕީއެމްބީޖޭޕީ) ސްކީމުގެ ދަށުންނެވެ. އެސްޓީއޯއިން ބުނީ ޖަނައުޝަދި ސްކީމްގެ ދަށުން ރާއްޖެއަށް އިންޑިއާއިން މެދުނުކެނޑި އަދި އަތްފޯރާ އަގެއްގައި މުހިންމު ބޭސްތައް ލިބޭނެ ގޮތް މަގުފަހިވާނެ ކަމަށެވެ.

"މި އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ހޯދަން އުނދަގޫ ބޭސްތައް ލިބޭނޭ އިންތިޒާމުތައް ހަޖެހިގެންދާނެ. މިވަގުތު ރާއްޖެއަށް ބޭނުންވާ އަސާސީ ބޭހުގެ ދަތިކަމަށް ވަގުތީ ހައްލެއް ހޯދައިދެވިފައިވާތީ، އެޗްއެލްއެލް އާއެކު މި އައު ޕާޓްނަރޝިޕްގެ މަގުސަދަކީ މިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުން،" އެ ކުންފުނިން ބުންޏެވެ.

ރާއްޖެއިން ބައެއް މުހިންމު ބޭސްތައް ނުލިބުމުގެ ޝަކުވާ އާންމުން ދަނީ ކުރަމުންނެވެ. ސަރުކާރުން ބުނަމުންދަނީ ބޭސް ނުލިބުމުގެ މައްސަލަ ހައްލު ކުރަމުންދާ ކަމަށެވެ.

ވޭތުވެދިޔަ ތަނުގައި ރާއްޖޭގައި މުހިންމު ބޭސްތަކެއް ލިބުން ދަތިވެ، ސިއްހީ ނިޒާމަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައިވާކަން އެސްޓީއޯއިން ވެސް ފާހަގަކުރެ އެވެ. އެގޮތުން އިންޑިއާ ކުންފުންޏާ އެކު ހެދި އެއްބަސްވުމުގެ ދަށުން ހައްލުތަކެއް ގެނެވޭނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.

އެސްޓީއޯއިން ބުނީ އިންޑިއާ ކުންފުނި މެދުވެރިކޮށް ގެންނަ ހުރިހާ ބޭހެއްވެސް ހުންނާނީ ޑަބްލިއުއެޗްއޯގެ މިންގަނޑުތަކާއި ރާއްޖެއަށް ބޭސް އެތެރެކުރުމަށް ހަދާފައިވާ ގަވާއިދުތަކާއި އެއްގޮތަށް ކަމަށެވެ.

ކޮވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި، އެޗްއެލްއެލް ލައިފްކެއާ އިން އެސްޓީއޯ އަށް މުހިންމު ބޭސްތައް ފޯރުކޮށްދީ، ހާލަތު ދަތިވެފައިވާ ވަގުތެއްގައި އިތުބާރުހުރި އަދި ވަގުތަށް ހިދުމަތްދޭ ޕާޓްނަރެއްކަން ސާބިތުކޮށްދީފައިވާ ކަމަށް އެސްޓީއޯއިން ބުންޏެވެ.

އިންޑިއާއިން ބޭސް ގަތުމުގެ އެއްބަސްވުމެއްގައި ސަރުކާރުން ސޮއި ކުރިއިރު، ޔޫރަޕުން ބޭސް ގަތުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ވައުދެކެވެ. އެމަނިކުފާނު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރު ނިންމައިލެއްވުމަށްފަހު ރާއްޖެ ވަޑައިގެން ޖެނުއަރީ، 2024، ގައި ވިދާޅުވީ "އާދައިގެ ބޭސް ގެނައުން" ނިމުމަކަށް ގެންނަވާނެ ކަމަށެވެ.

"އާދައިގެ ބޭސް ގެނައުން ނިމުމަކަށް ގެނެސް ސީދާ އުފައްދާ ތަނުން، ޔޫރަޕާއި އެމެރިކާއިން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ބޭސް އެތެރެ ކުރާ ގޮތަށް އަޅުގަނޑުމެން ބަދަލު ކުރާނަން،" ރައީސް ވިދާޅުވެފައިވެ އެވެ.