Advertisement

އިންޑިއާއިން ޕާކިސްތާނަށް ވަރުގަދަ ހަމަލާތަކެއް ދީފި

7 މޭ 2025 - 06:41 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އިންޑިއާއިން ޕާކިސްތާނަށް ދިން ހަމަލާއެއްގެ މަންޒަރު ފެންނަ ވީޑިއޯއެއްގެ ސްނެޕްޝޮޓެއް --- ފޮޓޯ: އެކްސް


އިންޑިއާއިން ޕާކިސްތާނަށް ވަރުގަދަ ހަމަލާތަކެއް ދީފި

7 މޭ 2025 - 06:41 0

މިދިޔަ މަހު ކަޝްމީރުގެ އިންޑިއާ ފަޅީގައި ދިން ޓެރަރިސްޓު ހަމަލާއަށް ފަހު ޕާކިސްތާނާ އެކު އޮތް ގުޅުން ނުރައްކާ ހާލަތަކަށް ގޮސްފައިވަނިކޮށް އިންޑިއާއިން ޕާކިސްތާނަށް ވަރުގަދަ ހަމަލާތަކެއް ރޭ ދީފި އެވެ.

ކަޝްމީރުގެ ޕަހަލްގަމްގައި ޓޫރިސްޓުން ގޮސް އުޅޭ ހިސާބެއްގައި އާންމުންނަށް އަމާޒުކޮށް އޭޕްރީލް 22، ގައި ދިން ހަމަލާގެ ޒިންމާ އިންޑިއާއިން އަޅުވަނީ ޕާކިސްތާނުގެ ބޮލުގަ އެވެ. ޕާކިސްތާނުން އެ ތުހުމަތުތައް ދޮގުކުރެ އެވެ. އެ ހަމަލާގައި 23 މީހުން މަރުވި އެވެ.

އެ ހަމަލާއަށް ފަހު ދެ ގައުމުގެ ސިފައިން ބޯޑަރު ސަރަހައްދުގައި ކުދިކުދި ހަމަލާތަކަށް ފަހު، ރޭ އިންޑިއާއިން ދިން ވަރުގަދަ ހަމަލާތައް އަމާޒުކޮށްފައިވަނީ ޕާކިސްތާނުގެ ބެލުމުގެ ދަށުގައި އޮންނަ ކަޝްމީރުގެ ސަރަހައްދުތަކަށެވެ.

އިންޑިއާގެ އަސްކަރިއްޔާއިން ބުނާ ގޮތުގައި ހަމަލާތައް ދިނީ ނުވަ ސަރަހައްދަކަށެވެ.

ހަމަލާތައް އަމާޒުކުރީ ޓެރަރިސްޓު ޓާގެޓުތަކަށް ކަމަށް އިންޑިއާއިން ބުނި ނަމަވެސް ޕާކިސްތާނުން ބުނަނީ އިންޑިއާގެ ހަމަލާތައް އަމާޒުވީ އާންމުން ދިރިއުޅޭ ސަރަހައްދު ތަކަށް ކަމަށެވެ. މި ހަމަލާތަކުގައި ޕާކިސްތާނުގެ ބަޔަކު މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. މަރުވި މީހުންގެ އަދަދެއް ސާފެއް ނޫނެވެ.

ޕާކިސްތާނުގެ ސަރުކާރުން އިންޑިއާގެ ހަމަލާތައް ކުށްވެރިކޮށްފައިވާއިރު، އެ ގައުމުގެ އަސްކަރިއްޔާއިން ވަނީ ރައްދު ހަމަލާތަކެއް ދޭނެ ކަމަށް ބުނެފަ އެވެ.

އެއާއެކު ޕާކިސްތާނާއި ހިއްސާކުރާ ބޯޑަރުގައި ހުންނަ އިންޑިއާގެ އެއާ ޑިފެންސް ސިސްޓަމްތައް ތައްޔާރީ ހާލަތަކަށް ގެނެސްފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އިންޑިއާއިން އިސްވެ ބޮމުގެ ހަމަލާތަކެއް ދީފައިވާއިރު ހަނގުރާމައިގެ ހާލަތަކަށް ތައްޔާރުވުމަށް އިންޑިއާގެ ބައެއް ސިޓީތަކުގައި އިއްޔެ ވަނީ ޑްރިލްތަކެއް ކުރިއަށް ގެންގޮސްފަ އެވެ. މި ޑްރިލްތައް އޮފީސްތަކާއި ސްކޫލުތަކުގައި ބޭއްވި ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އިންޑިއާ އަދި ޕާކިސްތާނަކީވެސް ނިއުކްލިއާ ގާބިލުކަން ހުރި ދެ ގައުމެވެ. މިހާރު އުފެދިފައިވާ ނުތަނަވަސްކަމާ ގުޅިގެން ބައިނަލްއަގުވާމީ މުޖުތަމައުން އެންމެ ބޮޑު ކަންބޮޑުވުމެއް ފާޅުކުރަނީ މިކަމާ ގުޅިގެންނެވެ.